Advertisement

ކޮވިޑު ހޭދަ 3.8 ބިލިއަން ރުފިޔާއަށް

15 ސެޕްޓެންބަރު 2021 - 15:29 0

އަމަން ހަލީމް

އަމަން ހަލީމް

ރެންޑަމް ސާމްޕަލް ނަގާ ތަނެއްގައި ޕީޕީއީ އެޅި ފުލުހަކު: ކޮވިޑާ ގުޅިގެން ކުރަންޖެހޭ ހޭދައިގެ އެންމެ ބޮޑު ބަޔެއް ހަރަދުވީ ބަލި ދެނެގަތުމަށާއި ބައްޔަށް ފަރުވާދިނުމަށް ބޭނުންވާ ސަޕްލަޔި ހޯދުމަށް. -- ފޮޓޯ: ހުސެއިން ޝަޔާހު/އަދަދު


ކޮވިޑު ހޭދަ 3.8 ބިލިއަން ރުފިޔާއަށް

15 ސެޕްޓެންބަރު 2021 - 15:29 0

ކޮވިޑާ ގުޅޭ ސިއްހީ، އިޖުތިމާއީ އަދި އިގުތިސޯދީ ހޭދަ 3.8 ބިލިއަން ރުފިޔާއަށް އަރައިފި ކަމަށް ފިނޭންސް މިނިސްޓްރީން ހާމަކޮށްފި އެވެ.

ފިނޭންސުން އެންމެ ފަހުން އާންމުކުރި "ވީކްލީ ކޮވިޑް-19 ސްޕެންޑިން ރިޕޯޓު"ގައިވާ އަދަދުތަކަށް ބަލައިއިރު، މީގެ ތެރެއިން 2.1 ބިލިއަން ރުފިޔާ ހޭދަކުރީ ސިއްހީ އަދި އިޖުތިމާއީ ކަންކަމަށެވެ. ބާކީ 1.7 ބިލިއަން ރުފިޔާ ހޭދަކުރީ އިގުތިސޯދާ ގުޅޭ ކަންކަމަށެވެ.

ސިއްހީ ހޭދައިގެ ބޮޑު ބަޔެއް މެޑިކަލް ސަޕްލަޔިއަށް

ކޮވިޑު ބަލިމަޑުކަމުގެ ތެރޭގައި މިހާތަނަށް ސަރުކާރުން އެންމެ ބޮޑު ހޭދައެއް ކުރީ ކޮވިޑު ފަރުވާގެ ކަންކަމަށް ހިދުމަތް ދޭން ބޭނުންވާ މެޑިކަލް ސާމާނު ހޯދުމަށެވެ. މިކަމަށް 1.1 ބިލިއަން ހަރަދުކުރިއިރު، މިއީ ސިއްހީ އަދި އިޖުތިމާއީ ދާއިރާއިން ކުރި ހޭދައިގެ 50 ޕަސެންޓަށް ވުރެ ބޮޑު އަދަދެކެވެ.

ދެން އެންމެ ބޮޑު ހޭދައެއް ކުރީ އޮޕަރޭޝަނަލް ހަރަދުތަކަށާއި، ކެޕިޓަލް އިކުއިޕްމަންޓް އަދި މުވައްޒަފުންނަށް އެލަވަންސްތަކަށެވެ. އަދި ދަތުރުފަތުރުގެ ހަރަދަށާއި އެހެނިހެން ސަޕްލަޔި ހޯދުމަށާއި ބިމާއި އިމާރާތްތަކަށް ވެސް ބޮޑު ހޭދައެއް ވަނީ ކޮށްފަ އެވެ.

މިހާތަނަށް ފިނޭންސުން ވަނީ ސިއްހީ އަދި އިޖުތިމާއީ ދާއިރާއިން ކުރި ހޭދައިގެ ތެރެއިން 1.3 ބިލިއަން ރުފިޔާ އިންވޮއިސްތަކަށް ދައްކާފަ އެވެ. އިތުރު 155 މިލިއަން ރުފިޔާގެ އިންވޮއިސްއަށް އަދި ފައިސާ ނުދެއްކި ހުރި އިރު، 570 މިލިއަން ރުފިޔާގެ ޕާޗޭސް އޯޑަރު ވެސް އެބަހުއްޓެވެ.

ލޯނު ސްކީމްތައް މެދުވެރިކޮށް 2،536 ވިޔަފާރިއަކަށް އެހީ

އިގުތިސޯދީ ދާއިރާގެ ހޭދައަށް ބަލާއިރު، އެންމެ ބޮޑީ ކޮވިޑުން އަރައިގަތުމަށް ވިޔަފާރިތަކަށް ދޫކުރި ރިކަވަރީ ލޯނުތަކަށް ހިނގި ހަރަދެވެ. އެގޮތުން ސަރުކާރުން ވަނީ ބީއެމްއެލް އަދި އެސްޑީއެފްސީ މެދުވެރިކޮށް 1.1 ބިލިއަން ރުފިޔާގެ އެހީ ފޯރުކޮށްދީފަ އެވެ.

މީގެ ތެރޭގައި މިދިޔަ އަހަރު ސަރުކާރުން ދޫކުރި ލޯނުތަކާއި މި އަހަރު ދޫކުރި ލޯނުތައް ހިމެނޭ ގޮތަށް، ޖުމްލަ 2،536 ވިޔަފާރިއަކަށް ވަނީ ލޯނު ދީފަ އެވެ. މީގެ ތެރެއިން ބީއެމްއެލް މެދުވެރިކޮށް 419 ވިޔަފާރިއަކަށް 709 މިލިއަން ރުފިޔާގެ ލޯނު (ޑޮލަރުން ދިން އަށް މިލިއަން ހިމެނޭ ގޮތަށް) ދޫކޮށްފި އެވެ. އަދި އެސްޑީއެފްސީ މެދުވެރިކޮށް 2،117 ވިޔަފާރިއަކަށް 362.3 މިލިއަން ރުފިޔާގެ ލޯނު ދޫކޮށްފި އެވެ.

އިގުތިސޯދީ ދާއިރާއިން ކުރި އެހެނިހެން ހޭދައިގެ ތެރޭގައި ހިމެނެނީ އިންކަމް ސަޕޯޓް އެލަވަންސުގެ ގޮތުގައި ދޫކުރި 420 މިލިއަން ރުފިޔާ އާއި ކަރަންޓު ބިލުން ދިން ޑިސްކައުންޓަށް 172 މިލިއަން ރުފިޔާގެ އިތުރުން ފެން ބިލުން ދިން ޑިސްކައުންޓަށް 26 މިލިއަން ރުފިޔާ އެވެ.

މީގެ ތެރެއިން އިންކަމް ސަޕޯޓް އެލަވަންސް ދިނުން ސަރުކާރުން ހުސްވި އަހަރުގެ ޑިސެމްބަރުގެ ނިޔަލަށް ވަނީ ހުއްޓާލާފަ އެވެ. އަދި މި ކަރަންޓު ބިލާއި ފެން ބިލުން ދިން ޑިސްކައުންޓަކީ މިދިޔަ އަހަރާއި މި އަހަރުގެ ލޮކްޑައުންގެ ތެރޭގައި ސަރުކާރުން އާންމުންނަށް ދިން ލުޔެކެވެ.