Advertisement

އދ. ގައި ތަގުރީރުކުރައްވަން ރައީސް ފުރާވަޑައިގަންނަވާނީ ހޮނިހިރު ދުވަހު

15 ސެޕްޓެންބަރު 2021 - 11:43 0

މުހައްމަދު ވިޝާމް

މުހައްމަދު ވިޝާމް

ރައީސް ސޯލިހު 2019 ވަނަ އަހަރު އދ. އާންމު މަޖިލީހުގައި ތަގުރީރުކުރައްވަނީ. --ފައިލް ފޮޓޯ: ރައީސް އޮފީސް


އދ. ގައި ތަގުރީރުކުރައްވަން ރައީސް ފުރާވަޑައިގަންނަވާނީ ހޮނިހިރު ދުވަހު

15 ސެޕްޓެންބަރު 2021 - 11:43 0

އދ. ގެ 76 ވަނަ އާންމު މަޖިލީހުގައި ތަގުރީރުކުރެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެމެރިކާއަށް ފުރާވަޑައިގަންނަވާނީ އަންނަ ހޮނިހިރު ދުވަހު ކަމަށް ރައީސް އޮފީހުން މިއަދު ބުނެފި އެވެ.

ޖުމްލަ 193 ގައުމުގެ މައްޗަށް އެކުލެވޭ އދ. ގެ މި އަހަރުގެ އާންމު މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވާނީ ރާއްޖޭގެ ފޮރިން އަބްދުﷲ ޝާހިދު އެވެ. މަޖިލިސް ރަސްމީކޮށް ރޭގެ ވަގުތެއްގައި މި ދައުރަށް ހުޅުވައި ޝާހިދު ވަނީ ރިޔާސަތާ ހަވާލުވެވަޑައިގެންފަ އެވެ.

މެމްބަރު ގައުމުތަކުގެ އާންމު ބަހުސް މި މަހުގެ 21 ވަނަ ދުވަހު ފެށިގެން 25 އާ ހަމައަށް ކުރިއަށްދާނެ އެވެ.

އދ. ގެ ސެކްރެޓޭރިއަޓުން އާންމުކޮށްފައިވާ ވަގުތީ އެޖެންޑާގައިވާ ގޮތުން، ރައީސް ސޯލިހު ތަގުރީރުކުރެއްވުމަށް ތާވަލުކުރެވިފައިވަނީ ފުރަތަމަ ދުވަހުގެ ސެޝަންގައި ތިން ވަނަ އަށެވެ. އޭގެ ކުރިއަށް ތިއްބެވީ، ބްރެޒިލް އާއި އެމެރިކާ އެވެ.

އދ. ގައި ތަގުރީރުކުރެއްވުމުގެ އިތުރުން، ޖަލްސާގެ ހަވާސާގައި ގިނަ ގައުމުތަކުގެ އިސް ވެރިންނާ އެކު ރައީސް ބައްދަލުވުންތައް ކުރިއަށްގެންދަވާނެ ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.

މި ދަތުރުފުޅުގައި މި މަހުގެ 28 ވަނަ ދުވަހާ ހަމައަށް ރައީސް އެމެރިކާގައި ހުންނަވާނެ އެވެ.

އެމަނިކުފާނު ތަގުރީރުކުރައްވާއިރު، ރިޔާސަތުގައި ޝާހިދު އިންނަވާނެތީ، އެ ވަގުތު ވެގެންދާނީ ރާއްޖެއަށް ތާރީހީ ވަގުތު ކޮޅަކަށެވެ.

މިއީ 2018 ވަނަ އަހަރު ރައީސް ސޯލިހު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން އދ. ގައި ތަގުރީރުކުރައްވާ ދެވަނަ ފަހަރެވެ. އެމަނިކުފާނު 2019 ވަނަ އަހަރު އދ. ގައި ތަގުރީރުކުރައްވާފައިވަނީ، ރާއްޖޭގެ އެންމެ އިސްވެރިޔާ އދ. ގެ އާންމު މަޖިލީހުގައި ބައިވެރިވަޑައިނުގަންނަވާތާ ހަތް އަހަރު ފަހުންނެވެ.

ކޮވިޑުގެ ބަލިމަޑުކަމާ ގުޅިގެން މިދިޔަ އަހަރު އާންމު މަޖިލީހުގެ ބަހުސް ބާއްވާފައިވަނީ އޮންލައިންކޮށެވެ. ހުރިހާ ގައުމުތަކުން ކުރިން ރެކޯޑްކޮށްފައިވާ މެސެޖުތަކެއް އިއްވާފައިވާއިރު، މިދިޔަ އަހަރު ރާއްޖެ ތަމްސީލު ކުރެއްވީ އަބްދުﷲ ޝާހިދެވެ.