Advertisement

މޫސުން ވަރަށް ގޯސް! ވިލާގަނޑުގައި 40 މޭލަށް ވައިގަދަވާނެ!

15 ސެޕްޓެންބަރު 2021 - 11:29 0

ފާތިމަތު އަޖްފާން

ފާތިމަތު އަޖްފާން

ވިއްސާރަ ދުވަހެއްގައި ދުއްވާފައިދާ ދޯންޏެއް: މޫސުން ގޯސްވުމުގެ ސަބަބުން މާލެ ސަރަހައްދުގެ ފެރީތަކުގެ ދަތުރުތައް ވެސް މިއަދު ވަނީ މެދުކަނޑާލައިފައި.


މޫސުން ވަރަށް ގޯސް! ވިލާގަނޑުގައި 40 މޭލަށް ވައިގަދަވާނެ!

15 ސެޕްޓެންބަރު 2021 - 11:29 0

މޫސުން ގޯސްވެ، ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ޔެލޯ އެލާޓް ނެރެފި އެވެ.

މޫސުމާބެހޭ ގައުމީ އިދާރާ، މެޓުން ބުނީ އެލާޓު ނެރެފައި ވަނީ ޅ. އަތޮޅުން ގދ. އަތޮޅާ ދެމެދަށް މިއަދު ހެނދުނު 8:30 އިން ފެށިގެން މެންދުރު 12:00 އާ ހަމައަށް ކަމަށެވެ.

އެ އިދާރާއިން ބުނީ ކުރިޔަށް އޮތް ދެ ދުވަހު ވެސް ރައްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަ ކުރާނެ ކަމަށެވެ.

ދެކުނުގެ އަތޮޅުތަކަށް އިރު ދެކުނާއި ދެކުނުން ގަޑިއަކު 7 މޭލާ 15 މޭލަށް ވައިގަދަވާނެ ކަމަށާއި އެހެން ހިސާބުތަކަށް ހުޅަނގާއި ހުޅަނގު އުތުރުން ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށް މެޓުން ބުނެ އެވެ.

އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެކަމަށް ލަފާކުރެވޭކަމަށްވެސް މޫސުމާބެހޭ އިދާރާއިން ބުނެފައިވެ އެވެ. ދެނުކުގެ އަތޮޅުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެފައި އެހެން ހިސާބުތަކަށް ގަދާވާނެ ކަމަށާއި ވިލާގަނޑުގައި ކަނޑުތައް ގަދަ ވާނެ ކަމަށް މެޓުން ބުނެ އެވެ.

ހަމައެއާއެކު ރާޅުގެ އުސްމިން 3 ފޫޓާއި 6 ފޫޓުގެ އުސްމިނަކަށް އުފުލޭނެ ކަމަށް އެ އިދާރާއިން ލަފާ ކޮށްފައިވެ އެވެ.

މޫސުން ގޯސްވުމުގެ ސަބަބުން މާލެ ސަރަހައްދުގެ ދަތުރުފަތުރަށް ވަނީ ހުރަސް އެޅިފަ އެވެ. އެގޮތުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޖައްސަން އައި ބައެއް ބޯޓުތައް ވަނީ ޑައިވާޓްކޮށްފަ އެވެ. މާލެއާ ހުޅުލެ، ހުޅުމާލެ އަދި ވިލިގިއްޔާ ދެމެދުގެ ފެރީތައް ވެސް މެދުކަނޑާލި އެވެ. އަދި ވައިގަދަވުމުގެ ސަބަބުން ސައިކަލްތަކަށް ސިނަމާލެ ބްރިޖުގައި ދަތުރުނުކުރެވި ހުއްޓާލަން ޖެހިފައިވެ އެވެ.