Advertisement

ދުނިޔޭގެ ޓޫރިޒަމް ޖަމިއްޔާގެ އެގްޒެކެޓިވް ޓްރެއިނިން ޕްރޮގްރާމް މިފަހަރު ރާއްޖޭގައި

15 ސެޕްޓެންބަރު 2021 - 15:08 0

އުދުމާ މަހްމޫދް

އުދުމާ މަހްމޫދް

މީގެ ކުރިން ބޭއްވުނު އޭޝިއާ/ޕެސިފިކް ޔޫއެންޑަބްލިއުޓީއޯ އެގްޒެކެޓިވް ޓްރެއިނިން ޕްރޮގްރާމެއްގެ ތެރެއިން. ފޮޓޯ:ޔޫއެންޑަބްލިއުޓީއޯ


ދުނިޔޭގެ ޓޫރިޒަމް ޖަމިއްޔާގެ އެގްޒެކެޓިވް ޓްރެއިނިން ޕްރޮގްރާމް މިފަހަރު ރާއްޖޭގައި

15 ސެޕްޓެންބަރު 2021 - 15:08 0

ދުނިޔޭގެ ޓޫރިޒަމް ޖަމިއްޔާ، ޔުނައިޓެޑް ނޭޝަންސް ވޯލްޑް ޓޫރިޒަމް އޯގަނައިޒޭޝަން (ޔޫއެންޑަބްލިއުޓީއޯ)ގެ މިއަހަރުގެ އެގްޒެކެޓިވް ޓްރެއިނިން ޕްރޮގްރާމް މިއަހަރު ރާއްޖޭގައި ބާއްވަން ނިންމައިފި އެވެ.

މިއަހަރު ބޭއްވޭ އެގްޒެކެޓިވް ޓްރެއިނިން ޕްރޮގްރާމަކީ މީގެ 15 ވަނަ ޕްރޮގްރާމެވެ. މިއީ ކޮންމެ އަހަރަކުވެސް ކޮންމެވެސް އެއް މެމްބަރު ގައުމެއްގައި ބާއްވާ މިޕްރޮގްރާމް ރާއްޖޭގައި ބާއްވާ ދެ ވަނަ ފަހަރެވެ.

އޮކްޓޫބަރު މަހުގެ 5އިން 8އަށް ކުރިއަށް ގެންދާ މި ޕްރޮގްރާމްގައި ބައިވެރިވާނީ ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ އެގްޒެކެޓިވް ލެވެލްގެ މީހުންނެވެ. މި ޓްރެއިނިން ޕްރޮގްރާމް ހުޅުވުމުގެ ރަސްމިއްޔާތުގައި ޔޫއެންޑަބްލިއުޓީއޯގެ ސެކްރެޓަރީ ޖެނެރަލް ޒޫރަބް ޕޮލޮލިކަޝްވީލި ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން މައުލޫމާތު ދެ އެވެ.

މިނިސްޓްރީން ބުނި ގޮތުގައި މިއަހަރުގެ އެގްޒެކެޓިވް ޕްރޮގްރާމްގެ ފުރަތަމަ ދުވަހު ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމްގެ ހާއްސަ ސެޝަނެއް އޮންނާނެ އެވެ.

މި އަހަރުގެ ޕްރޮގްރާމްގެ ތީމަކީ ޑޮމެސްޓިކް ޓޫރިޒަމް ކަމަށްވާ އިރު، ޓްރެއިނިން ކުރިއަށްދާ ހަތަރު ދުވަހު މިކަމާ ގުޅޭ ތަފާތު އެކި ސެޝަންތަކާއި ޕެނަލް ޑިސްކަޝަންތައް ކުރިއަށްދާނެ އެވެ. އަދި ނެޓްވާކިންގެ މަސައްކަތާއި ޓެކްނިކަލް ޓުއާއެއްވެސް މިފަހަރުގެ ޕްރޮގްރާމުގައި ހިމެނޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

ޔޫއެންޑަބްލިއުޓީއޯގެ އެސްޖީ ރާއްޖޭގެ ޓޫރިޒަމް ޑޭ ފާހަގަކުރުމުގައި ބައިވެރިވެވަޑައިންގަންނަވާނެ

ޔޫއެންޑަބްލިއުޓީއޯގެ ސެކެޓްރީ ޖެނެރަލް އަންނަ މަހު ރާއްޖެއަށް ވަޑައިގަންނަވަން ހަމަޖެހިފައިވާއިރު، މިއަހަރު ރާއްޖޭގެ ފަތުރުވެރިކަމުގެ ދުވަސް ފާހާގަކުރުމަށް ބާއްވާ ހާއްސަ ރަސްމިއްޔާތުގައި އޭނާ ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެ އެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ އޮކްޓޫބަރު މަހުގެ 3ވަނަ ދުވަހެވެ. މިއަހަރުގެ ފަތުރުވެރިކަމުގެ ދުވަސް އައްޑޫ ސިޓީގައި ބާއްވަން ހަމަޖެހުނު ނަމަވެސް އެސިޓީގެ ކޮވިޑް-19ގެ ހާލަތު ގޯސްވުމުން އެދުވަސް އައްޑޫގައި ފާހަގަ ނުކުރުމަށް މިނިސްޓްރީން ވަނީ މިހާރު ނިންމާފަ އެވެ.

އެހެން ކަމުން ފަތުުރުވެރިކަމުގެ ދުވަސް ފާހަގަކުރާނެ ތަނެއް ކަނޑައެޅުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށާއި ބޮޑަށް ލަފާކުރެވޭ ގޮތުގައި އެ ދުވަސް ފާހަގަކުރާނީ މާލެ ނުވަތަ މާލެ ކައިރި ރިސޯޓެއްގައި ކަމަށް މިނިސްޓްރީން ބުނެ އެވެ.