Advertisement

އޮޅުމަކުން ދެއްކި ރަތް ކާޑު އިސްލާހުކޮށްފި

15 ސެޕްޓެންބަރު 2021 - 10:44 0


އޮޅުމަކުން ދެއްކި ރަތް ކާޑު އިސްލާހުކޮށްފި

15 ސެޕްޓެންބަރު 2021 - 10:44 0

ކިއޭވް، ޔޫކްރެއިން (ސެޕްޓެމްބަރު 15) - ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ބެންފީކާއާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން ޑިނަމޯ ކިއޭވްގެ ޑެނީސް ގާމާޝް އަށް އޮޅުމަކުން ރަތް ކާޑެއް ދެއްކުމަށް ފަހު މެޗުގެ ރެފްރީ އެންތަނީ ޓޭލާ އެ ކުށް އިސްލާހުކޮށްފި އެވެ.

ރޭގެ މެޗުގެ ފަހުކޮޅުގައި ޑިނަމޯގެ ގާމާޝް އަށް ރީނދޫ ކާޑެއް ދެއްކުމަށް ފަހު އިނގިރޭސި ރެފްރީ ޓޭލާ ވަނީ ގާމާޝް އަށް ރަތް ކާޑެއް ދައްކައިފަ އެވެ. ގާމާޝް އަށް ދެއްކުނީ އެންމެ ރީނދޫ ކާޑެއް ކަން އެނގުނު ހިސާބުން ޓޭލާ ވަނީ ވަގުތުން އޭނާގެ ކުށް އިސްލާހުކޮށް ދެއްކުނު ރަތް ކާޑު ކެންސަލްކޮށްފަ އެވެ. ގާމާޝް ވަނީ މެޗު ފުރިހަމަކޮށްފަ އެވެ.

ބެންފީކާ އާއި ޑިނަމޯ ކިއޭވް ރޭ ކުޅުނު މެޗު ނިމުނީ 0-0 އިން އެއްވަރުވެގެންނެވެ. މެޗަށް ފަހު ދެ ޓީމުގެ ވާހަަކަ އަށް ވުރެ ބޮޑަށް ދެކެވުނީ ޓޭލާ އަށް ހެދުނު ގޯހުގެ ވާހަކަ އެވެ.

ރޭގެ މެޗުގެ ތެރެއިން ގާމާޝް އަށް ރަތް ކާޑު ދައްކަނީ: ފަހުން ވަނީ އެ ކާޑު ބަދަލުކޮށްފައި.-- ފޮޓޯ: ރޮއިޓާސް


އިނގިރޭސި ޕްރިމިއާ ލިގުގައި މި ފަހަރު ޗެލްސީ އާއި ލިވަޕޫލް ކުޅުނު މެޗުގައި ޓޭލާގެ ބައެއް ނިންމުންތަކުގެ ސަބަބުން ސޯޝަލް މީޑިއާގައި އިނގިރޭސި ފުޓްބޯޅަ ސަޕޯޓަރުން އަންނަނީ އޭނާ އަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.

ޓޭލާގެ ފަރާތުން ރޭ އެ ފެނުނު ގޯހުގެ ސަބަބުން ކުރިއަށް އޮތްތަނުގައި ކޮންމެ ވެސް މުއްދަތަކަށް އޭނާ އަށް ބައެއް މެޗުތަކުގައި ރެފްރީކަން ކުރަން ފުރުސަތު ނުލިބޭނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

މީގެ ކުރިން އިނގިރޭސި ރެފްރީ އަކު ބޮޑު މުބާރާތެއްގައި އެންމެ ބޮޑު ގޯހެއް ހެދީ 2006 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގަ އެވެ. އެ ފަހަރު ކްރޮއޭޝިއާ އާއި އޮސްޓްރޭލިއާ ކުޅުނު މެޗުގައި ރެފްރީކަން ކުރި އިންގްލެންޑްގެ ގްރަހަމް ޕޯލް ވަނީ ތިން ރީނދޫ ކާޑު ދެއްކުމަށް ފަހު ޖޯސިފް ސިމިއުނިޗަށް ރަތް ކާޑު ދައްކައިފަ އެވެ. ސިމިއުނިޗަށް ތިން ފަހަރު ރީނދޫ ކާޑު ދެއްކުނުކަން ޕޯލް އަށް އެނގުނީ މެޗަށް ފަހު އެވެ.