Advertisement

ސްޕޯޓްސް ކޯޕަރޭޝަނާއި އޮލިމްޕިކް ކޮމިޓީގެ ޕްލޭނެއް

15 ސެޕްޓެންބަރު 2021 - 10:09 0

ސްޕޯޓްސް ކޯޕަރޭޝަނާއިި އޮލިމްޕިކް ކޮމިޓީން ބޭއްވި ބައްދަލުވުމުގެ ތެރެއިން.


ސްޕޯޓްސް ކޯޕަރޭޝަނާއި އޮލިމްޕިކް ކޮމިޓީގެ ޕްލޭނެއް

15 ސެޕްޓެންބަރު 2021 - 10:09 0

މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަން އާއި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީން ކުޅިވަރު ކުރިއެރުވޭނެ ގޮތްތަކާ ބެހޭގޮތުން މަޝްވަރާކޮށް ދެ ފަރާތް ގުޅިގެން މަސައްކަތް ކުރަން ނިންމައިފި އެވެ.

އިއްޔެ ސްޕޯޓްސް ކޯޕަރޭޝަންގެ އޮފީހުގައި އޮލިމްޕިކް ކޮމިޓީގެ ލީޑަޝިޕާ އެކު ބޭއްވި ބައްދަލުވުމުގައިވަނީ ކުޅިވަރު އިންޑަސްޓްރީއެއްގެ ގޮތުގައި ކުރިއަށް ގެންދެވޭނެ އެކިއެކި ގޮތްތަކާ ބެހޭގޮތުން ފުޅާދާއިރާއެއްގައި މަޝްވަރާކުރެވިފަ އެވެ.

ސްޕޯޓްސް ކޯޕަރޭޝަނުން ބުނީ ކުޅިވަރު އިންފްރާސްޓްރަކްޗާތަކުގެ ބޭނުން މިހާރާއި ކުރިއަށް އޮތްތަނުގައި ހިފާގޮތް ސްޓްރެޓީޖިކް ޕްލޭނެއްގެ ދަށުން ކުރިއަށް ގެންދިއުމަށް މަސައްކަތް ކުރުމަށެވެ. އަދި ކުޅިވަރުގެ އުމްރާނީ ވަސީލަތްތައް ތަރައްގީ ކުރާއިރު، ކުޅިވަރު ޑިވެލޮޕްކުރެވޭނެ ގޮތްތަކެއް ހޯދައި އެކަންކަމަށް ފޯކަސް ކޮށްގެން ކަންކަން ކުރުމަށް އިސްކަން ދިނުމަށް މަޝްވަރާ ކުރެވުނެވެ.

އޮލިމްޕިކް ކޮމިޓީން ބުނެފައިވަނީ މި ބައްދަލުވުމަކީ ކުރިއަށް އޮތްތަނުގައި ދުރުރާސްތާ ޕްލޭނެއްގެ ދަށުން އެ ކޮމިޓީ އާއި ސްޕޯޓްސް ކޯޕަރޭޝަން ވީހާވެސް ބޮޑަށް ގުޅިގެން ކުޅިވަރުގެ ޑިވެލޮޕްމަންޓަށް ކުރެވޭނެ މަސައްކަތްތައް ކުރުމަށެވެ.

ކުޅިވަރުގެ ގާނޫނުގެ ދަށުން އުފައްދާފައިވާ ސްޕޯޓްސް ކޯޕަރޭޝަނުގެ މަގުސަދުތަކުގެ ތެރޭގައި ހުރި ގިނަ ކަންކަން އަދިވެސް އޮތީ އަމަލީގޮތުން ނުކުރެވި އެވެ. އެއީ އެކި އެކި އިދާރާތަކުން ކުޅިވަރު ގާނޫނުގައި ބުނާ ޒިންމާ ސްޕޯޓްސް ކޯޕަރޭޝަނާ ހަވާލުކުރަން އެއްބަސްނުވާތީ އެވެ. އަނެއްކޮޅުން ޒިންމާ ހަވާލުކުރުމުގައި ފުށުއެރުންތަކެއް ހުރި ކަމަށް ވެސް ކުޅިވަރު ބައެއް ފަރާތްތަކުން މީގެ ކުރިން ފާހަގަކޮށްފައިވެ އެވެ.

ކުޅިވަރު ގާނޫނުގައިވާ ގޮތުން ސްޕޯޓްސް ކޯޕަރޭޝަނުން އަދާކުރަން ޖެހޭ ޒިންމާތަކުގެ ތެރޭގައި ރާއްޖޭގައި ކުޅިވަރުގެ އިންފްރާސްޓްރަކްޗާ ކުރިއެރުވުމާއި ސްޕޯޓްސް ޗެނަލް ތަރައްގީކުރުމާއި ކުޅިވަރު ކުޅޭ ފަރާތްތަކުގެ ގާބިލުކަން ކުރިއެރުވޭނެ ޕްރޮގްރާމްތައް ރާވައި ހިންގުމާއި ކުޅިވަރު ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތައް އިތުރަށް ކުރިއަރާ ތަމްރީން ހޯދާނެ މަގު ފަހިކޮށްދިނުން ހިމެނެ އެވެ.

މިދިޔަ އަހަރުގެ ޖުލައި މަހު ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒަސް (އެސްއޯއީ) ކޮމިޓީގައި ވާހަކަ ދައްކަވަމުން ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް ވަނީ ސަރުކާރުގެ ސްޓްރެޓީޖިކް ޕްލޭނާ އެއްގޮތަށް ކުރިއަށްދާއިރު ސްޕޯޓްސް ކޯޕަރޭޝަނަކީ އުވާލަންޖެހޭ ތަނެއް ކަމަށް ގަބޫލުކުރާ ކަމަށް ވިދާޅުވެފަ އެވެ. އެކަމަކު، ސަރުކާރުގެ ވިސްނުމަކީ ސްޕޯޓްސް ކޯޕަރޭޝަން އުވާނުލައި ކުރިއަށްދިއުންކަން އެނގިފައިވެ އެވެ.