Advertisement

އިންޑޯ ކޯޓް ނުލިބޭ މައްސަލައިގައި ހައްލެއް ހޯދަން އެސޯސިއޭޝަންތައް ރައީސް އަރިހަށް

15 ސެޕްޓެންބަރު 2021 - 09:41 0

ގައުމީ ބާސްކެޓްބޯޅަ މުބާރާތުގެ މެޗެއްގެ ތެރެއިން.-- ފޮޓޯ: އެމްބީއޭ


އިންޑޯ ކޯޓް ނުލިބޭ މައްސަލައިގައި ހައްލެއް ހޯދަން އެސޯސިއޭޝަންތައް ރައީސް އަރިހަށް

15 ސެޕްޓެންބަރު 2021 - 09:41 0

މާފަންނު ސޯޝަލް ސެންޓަރުގައި ކުޅިވަރު އެސޯސިއޭޝަންތަކުގެ ހަރަކާތްތައް ކުރިއަށް ގެންދަން އެސޯސިއޭޝަންތަކާއި ޔޫތު މިނިސްޓްރީން ކުރި މަސައްކަތުގައި ކުރިއެރުމެއް ނުފެނި އެންމެ ފަހުން އެސޯސިއޭޝަންތައް އިސްވެ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ހިއްސާކޮށްފި އެވެ.

ސޯޝަލް ސެންޓަރުގެ އިންޑޯ މި ވަގުތު ބޭނުން ކުރަމުން އަންނަނީ ހެލްތު މިނިސްޓްރީގެ ބެލުމުގެ ދަށުން ކޮވިޑް-19 ގެ ވެކްސިން ސެންޓަރެއްގެ ގޮތުގަ އެވެ. އެތަނަކީ އާންމު ގޮތެއްގައި ތިނެއް ނޫނީ ހަތަރު އެސޯސިއޭޝަނެއްގެ ގައުމީ ލެވަލްގެ މުބާރާތްތައް ކުރިއަށްގެން ދިއުމަށާއި ގައުމީ ޓީމުގެ ޕްރެކްޓިސްތަކަށް އޮތް ހަމައެކަނި އިންޑޯ ކޯޓެވެ.

މިދިޔަ މަހު ވޮލީބޯލް އެސޯސިއޭޝަން (ވީއޭއެމް)، ބާސްކެޓްބޯލް އެސޯސިއޭޝަން (އެމްބީއޭ)، ނެޓްބޯލް އެސޯސިއޭޝަން (އެންބީއޭ) އިން އެ އެސޯސިއޭޝަންގެ ހަރަކާތްތަކާއި ގައުމީ ޓީމުތަކުގެ ފަރިތަކުރުންތައް ކުރިއަށް ގެންދެވޭނެ ގޮތެއް ހޯދަން ޔޫތު މިނިސްޓްރީއާ ބައްދަލުކުރި އެވެ.

އެ ބައްދަލުވުގައި ޔޫތު މިނިސްޓްރީން އެސޯސިއޭޝަންތަކަށް އެންގީ ހެލްތު މިނިސްޓްރީއާ ވާހަކަ ދައްކައިގެން ސޯޝަލް ސެންޓަރުގެ އިންޑޯ ހުސްކުރާނެ ކަމަށެވެ. އެކަމަކު، އިންޑޯ ހުސްކުރުމަށް އެދި ޔޫތު މިނިސްޓްރީން ފޮނުވި ސިޓީތަކަށް ހެލްތުން އެކަށީގެންވާ އެއްބާރުލުމެއް ނުދޭތީ އެސޯސިއޭޝަންތަކަށް އަދިވެސް އޮތީ އިންޑޯ ކޯޓު ނުލިބި އެވެ.

މި މައްސަލަ ދިގުލައިދާތީ ހުރިހާ ގެއްލުމެއް ލިބެމުންދަނީ ކުޅުންތެރިންނަށެވެ. އެސޯސިއޭޝަންތަކުން ނިންމީ މި ކަމަށް ހައްލެއް ހޯދުމަށްޓަކައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަރިހަށް ދިއުމަށެވެ. އެސޯސިއޭޝަންތަކުން ރައީސަށް ސިޓީއެއް ފޮނުވައި މިހާރު ތިބީ މިކަމުގައި އަވަސް ހައްލެއް ލިބޭނެ ކަމުގެ އުއްމީދުގަ އެވެ.

އިންޑޯ ކޯޓު ނުލިބޭތީ މި ވަގުތަށް ބަލާއިރު ބާސްކެޓާއި ވޮލީ ގައުމީ ޓީމަށް ލިބޭ ގެއްލުން ބޮޑެވެ. ބާސްކެޓަށް ބަލާއިރު ސީނިއާ ފިރިހެން ޓީމުން އަންނަނީ ނޮވެމްބަރު މަހު އޮތް ސާބާ މެންސް ޗެމްޕިއަންޝިޕް ބާސްކެޓް ބޯޅަ މުބާރާތުގައި ވާދަކުރަން ތައްޔާރު ވަމުންނެވެ. ކުރިން އިންޑޯ ހޯލްގައި ކުރަމުން އައި ފަރިތަކުރުންތައް އައުޓް ޑޯ އަށް ބަދަލުކުރަން ޖެހުމުން މީގެ ބާސްކެޓްބޯޅަ ގައުމީ ޓީމުގެ ކުޅުންތެރިންނަށް ކުރިމަތިވާ ލޯޑް ވަރަށް ވެސް ބޮޑުވާނެ އެވެ.

މި އަހަރު ޑިސެމްބަރުގައި ރާއްޖޭގައި ބާއްވާ ސެންޓްރަލް ޒޯން އަންހެން ވޮލީ ބޯޅަ މުބާރާތަށް ތައްޔާރުވާން ރާއްޖޭން ގައުމީ އަންހެން ޓީމަށް ވެސް ވަނީ ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފަ އެވެ. ނެޓްބޯޅަ އަށް ބަލާއިރު، އަންނަ އަހަރުގެ ކުރީކޮޅުގައި ތައިލެންޑުގައި ބާއްވާ އޭޝިއާގެ މުބާރާތުގައި ވާދަކުރާ ގައުމީ ނެޓްބޯޅަ ޓީމު އެކުލަވާލުމުގައި ވެސް ވަނީ ބޮޑެތި ގޮންޖެހުންތަކާ ކުރިމަތުލާން ޖެހިފަ އެވެ.

ޒަމާނުއްސުރެ ހަތަރު ވަރަކަށް އެސޯސިއޭޝަނެއްގެ އަހަރީ ކަލަންޑަރު ފައްތަން ޖެހެނީ ސޯޝަލް ސެންޓަރު ލިބޭ މުއްދަތަކަށް ބަލައިފަ އެވެ. ކުޅިވަރު ނޫން އެކި ބޭނުންތަކަށް އިންޑޯ ބޭނުންކުރާއިރު، އެ ތަނުގެ ފްލޯ އަށް ގެއްލުން ލިބިފައި ހުންނާތީ ވެސް އެސޯސިއޭޝަންތަކަށް ފަހުން އޭގެ ބުރަ އުފުލަން ޖެހެ އެވެ.