Advertisement

ބާސެލޯނާ ދަނޑުގައި ބަޔާނަށް ފަސޭހަ މޮޅެއް

15 ސެޕްޓެންބަރު 2021 - 02:21 0

ލަނޑު ޖެހުމަށް ފަހު ލެވަންޑޯސްކީ އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ


ބާސެލޯނާ ދަނޑުގައި ބަޔާނަށް ފަސޭހަ މޮޅެއް

15 ސެޕްޓެންބަރު 2021 - 02:21 0

ބާސެލޯނާ (ސެޕްޓެމްބަރު 14) - ޗެމްޕިއަންސް ލީގުގައި މިރޭ ބަޔާން މިއުނިކުން ބާސެލޯނާ ދަނޑުގައި ފަސޭހަކަމާ އެކު 3-0 އިން މޮޅުވެއްޖެ އެވެ.

މިއީ މިދިޔަ އަހަރު ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގައި 8-2 އިން ބަޔާން އަތުން ބަލިވި ފަހުން ބާސެލޯނާ އިން އެ ޓީމާ ދެކޮޅަށް ނުކުތް ފުރަތަމަ ފަހަރެވެ. އެކަމަކު، އެ މެޗާ އަޅާކިޔާއިރު ދެ ޓީމުން ވެސް ގިނަ ބަދަލުތަކެއް މި މެޗުގައި ވަނީ ފެނިފަ އެވެ. ހާއްސަކޮށް ދެ ޓީމަށް އިރުޝާދުދޭން ތިބީ ތަފާތު ދެ ކޯޗުންނެވެ. ބާސެލޯނާގައި ރޮނާލްޑް ކޫމަން ހުރިއިރު، ބަޔާންގެ ކޯޗަކީ ހޫލިއަން ނާގަލްސްމަން އެވެ.

ބާސެލޯނާ ދަނޑުގައި ކުޅުނު މިރޭގެ މެޗުގައި ބަޔާނަށް ލީޑުނަގައިދިނީ ތޯމަސް މުލާ އެވެ. މެޗުގެ 34 ވަނަ މިނިޓްގައި އޭރިއާބޭރުން މުލާ ޖެހި ބޯޅަ ގޯލަށް ވަންއިރު، ބާސެލޯނާގެ ކީޕަރު މާކް އަންދްރޭ ސްޓެގެން އަށް އެ ބޯޅަ ހުއްޓުވަން މާ ބޮޑު ކަމެއް ނުކުރެވުނެވެ. މިއީ މުލާގެ ކެރިއަރުގައި އޭނާ ބާސެލޯނާ ކޮޅަށް ޖެހި ހަތް ވަނަ ގޯލެވެ. ޗެމްޕިއަންސް ލީގުގައި ބާސެލޯނާ ކޮޅަށް އެންމެ ގިނަ ގޯލު ޖެހީ މުލާ އެވެ.

ދެ ވަނަ ހާފްގައި ބަޔާންގެ އަނެއް ދެ ގޯލު ޖެހީ އެ ޓީމުގެ ހުނަރުވެރި ފޯވާޑް ރޮބަޓް ލެވަންޑޯސްކީ އެވެ. ލެވަންޑޯސްކީގެ ފުރަތަމަ ގޯލު ޖެހީ މެޗުގެ 56 ވަަނަ މިނިޓްގައި އޭރިއާތެރެއިން ޖަމާލް މުސިއާލާ ޖެހި ބޯޅައެއް ގޯލުގެ ދަނޑީގައި ޖެހިފައި އައި ވަގުތު އެވެ. މެޗު ނިމެން ކައިިރިވެފައި ހުއްޓައި ލެވަންޑޯސްކީ ބަޔާންގެ ތިން ވަނަ ގޯލު ޖެހީ ސާޖް ގްނަބްރީ އޭރިއާތެރެއިން ޖެހި ބޯޅަ ދަނޑީގައި ޖެހިފައި އައި ވަގުތު ބޯޅަ ހޯދުމަށް ފަހު ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިގެންނެވެ.

ލަނޑު ޖެހުމަށް ފަހު ޗެލްސީގެ ޖޯޖީނިއޯ (ކ) އާއި ލުކާކޫ އުފާފާޅުކުރަނީ.


އެންމެ ފަހުގެ ޗެމްޕިއަން ޗެލްސީން މި ފަަހަރުގެ މުބާރާތް ފެށީ މޮޅަކުންނެވެ. އެ ޓީމު ކުޅުނު މެޗުން ވަނީ އަމިއްލަ ދަނޑުގައި 1-0 އިން ރަޝިއާގެ ޒެނިޓް ޕީޓާސްބާގް ބަލިކޮށްފަ އެވެ. މި މެޗުގައި ޗެލްސީގެ ހަމައެކަނި ގޯލު ޖެހީ މި ވަގުތު ރަނގަޅު ފޯމެއްގައި ހުރި ފޯވާޑް ރޮމެލޫ ލުކާކޫ އެވެ.

މި މެޗު ފެށުމުގެ ކުރިން ޔުއެފާގެ ރައީސް އަލެކްސަންޑަ ޝެފެރިން ވަނީ ދާދި ފަހުން ޔޫރަޕްގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ޗެލްސީ އާއި އިޓަލީގެ މިޑްފީލްޑަރު ޖޯޖީނިއޯއާ ޓްރޮފީ ހަވާލުކޮށްފަ އެވެ.

އެ ގްރޫޕްގެ އަނެއް މެޗުން ޔުވެންޓަސް ވަނީ މަލްމޯގެ މައްޗަށް 3-0 އިން މޮޅުވެ، ސީޒަނުގެ ފުރަތަމަ މޮޅު ހޯދައިފަ އެވެ.

އިޓާލިއަން ލީގުގައި ފުރަތަމަ ކުޅުނު ތިން މެޗުން ވެސް މޮޅެއް ނުލިބި އޮތް ޔުވެންޓަސް އިން މަލްމޯގެ މައްޗަށް ކުރިހޯދި މެޗުގައި ޔުވެންޓަސް އަށް ލީޑުނަގައިދިނީ އަލެކްސް ސަންޑްރޯ އެވެ. އަނެއް ދެ ގޯލު ޖެހީ ޕައޮލޯ ޑިބާލާ އާއި އަލްވާރޯ މޮރާޓާ އެވެ. ތިން ގޯލު ވެސް ޖެހީ ފުރަތަމަ ހާފުގަ އެވެ.

މިއީ ޔުވެންޓަސް އިން ފާއިތުވި 16 ވަރަކަށް އަހަރު ތެރޭ ޗެމްޕިއަންސް ލީގު މެޗެއްގެ ފުރަތަމަ ހާފުގައި ތިން ގޯލު ޖެހި ފުރަތަމަ ފަހަރެވެ. ޗެމްޕިއަންސް ލީގުގެ ތަށި އެންމެ ފަހުން 1996 ވަނަ އަހަރު އުފުލާލި ޔުވެންޓަސް ދެން މި މުބާރާތުގައި ކުޅޭ މެޗުގައި މި މަހު 29 ވަނަ ދުވަހު ބައްދަލުކުރާނީ އެންމެ ފަހުން ޗެމްޕިއަންސް ލީގާއި ޔުއެފާ ސުޕަ ކަޕް ކާމިޔާބުކުރި ޗެލްސީއާ އެެވެ.