Advertisement

ފުރަތަމަ މެޗުން ފަހު ވަގުތު ޔަންގް ބޯއީސް އަތުން ޔުނައިޓެޑް ބަލިވެއްޖެ

15 ސެޕްޓެންބަރު 2021 - 01:39 0

ޔަންގް ބޯއީސްއާ ދެކޮޅަށް ޔުނައިޓެޑް ކުޅުނު މެޗުގެ ތެރެއިން ރޮނާލްޑޯ.-- ފޮޓޯ: އޭއެފްޕީ


ފުރަތަމަ މެޗުން ފަހު ވަގުތު ޔަންގް ބޯއީސް އަތުން ޔުނައިޓެޑް ބަލިވެއްޖެ

15 ސެޕްޓެންބަރު 2021 - 01:39 0

ބާން، ސްވިޒަލެންޑް (ސެޕްޓެމްބަރު 14) - ޔުއެފާ ޗެމްޕިއަންސް ލީގުގެ މި ފަހަރުގެ ސީޒަނުގައި މެންޗެސްޓާ ޔުނައިޓެޑް ކުޅުނު ފުރަތަމަ މެޗުން ސްވިޒަލެންޑްގެ ޔަންގް ބޯއީސް އަތުން 2-1 އިން ބަލިވެއްޖެ އެވެ.

މެޗު ފަށައިގެން މާ ގިނައިރެއް ނުވެ ޔުނައިޓެޑުން ވަނީ ލީޑުނަގައިފަ އެވެ. މެޗުގެ 13 ވަނަ މިނިޓްގައި ބްރޫނޯ ފެނާންޑޭޒް ދިން ބޯޅައަކުން މި ގޯލު ޖެހީ ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ. މިއީ ރޮނާލްޑޯ ޗެމްޕިއަންސް ލީގުގައި ކުޅުނު 177 ވަނަ މެޗެވެ. އަދި މި މެޗާ އެކު ރޮނާލްޑޯ ވަނީ މި މުބާރާތުގައި އެންމެ ގިނަ މެޗު ކުޅެގެން ރެއާލް މެޑްރިޑްގެ ލެޖެންޑަރީ ކީޕަރު އިކާ ކަސިއަސް ހަދާފައިވާ ރެކޯޑާ ހަމަކޮށްފަ އެވެ.

ޗެމްޕިއަންސް ލީގުގައި އެންމެ ގިނަ ގޯލު ޖެހުމުގެ ރެކޯޑް އޮތީ ވެސް ރޮނާލްޑޯ އަތުގަ އެވެ. ރޮނާލްޑޯ ވަނީ ޗެމްޕިއަންސް ލީގުގައި ތިން ކްލަބަށް 135 ގޯލު ޖަހައިފަ އެވެ.

ޔުނައިޓެޑުން މިރޭގެ މެޗުގައި ކުރިއަށްދާން އެޅުނު އެންމެ ބޮޑު ހުރަހަކަށްވީ މެޗުގެ 35 ވަނަ މިނިޓްގައި އެ ޓީމުގެ ކަނާތު ބެކް، އާރޮން ވަން ބިސާކާ އަށް ރަތް ކާޑެއް ދެއްކުމުންނެވެ. އޭނާ އަށް ރަތް ކާޑު ދެއްކީ ޔަންގް ބޯއީސްގެ ކްރިސްޓޮފާ މާޓިންސް އަށް ނުރައްކާތެރި ފައުލެއް ކުރުމުންނެވެ.

ޔުނައިޓެޑްގެ ކުޅުންތެރިއަކު މަދުވުމުގެ ފައިދާނަގައި ޔަންގް ބޯއީސް އިން ނަތީޖާ ހަމަހަމަކުރީ މެޗުގެ 66 ވަނަ މިނިޓްގަ އެވެ. މި ގޯލު ޖެހީ ކެމަރޫން ވިންގް، މުމީ އެންގަމަލޭއު އެވެ. ޔަންގް ބޯއީސް މޮޅުވި ގޯލު ޖެހީ މެޗުގެ އިތުރު ވަގުތުގެ ވެސް ފަހު މިނިޓްގަ އެވެ. ރޮނާލްޑޯގެ ބަދަލުގައި ކުޅެން އެރި ޖެސީ ލިންގާޑް ފަހަތަށް ޖައްސާލި ބޯޅައެއް ހޯދައި ޔަންގް ބޯއީސް މޮޅުކޮށްދިން ގޯލު ޖެހީ ޖޯޑަން ސިއަބަޗޭއު އެވެ.

ޔަންގް ބޯއީސްގެ ކޯޗު ޑޭވިޑް ވަގްނާ ބުނީ ޔުނައިޓެޑް ކަހަލަ މުޅި ދުނިޔޭގެ ފުޓްބޯޅައިގައި ވެސް ހައިބަތު ބޮޑު ޓީމެއް ބަލިކުރުމަކީ ޔަންގް ބޯއީސް ކަހަލަ ޓީމެއްގެ ނަން ޔޫރަޕްގެ މީޑިއާގެ ފަލަ ސުރުހީ އަށް އަރާނެ ކަމެއް ކަމަށެވެ. އަދި އެކަން ހާސިލްކުރަން އެ ވަރަށް އެ ޓީމުން މަސައްކަތް ވެސް ކުރި ކަމަށް ވަގްނާ ބުންޏެވެ.

ޔުނައިޓެޑްގެ ކޯޗުކަމާ އޮލެ ގުނަ ސޯލްޝެއާ ހަވާލުވި ފަހުން އެ ޓީީމުން ޗެމްޕިއަންސް ލީގުގައި ކުޅުނު 11 މެޗުގެ ތެރެއިން ހަތް މެޗުން ވަނީ ބަލިވެފަ އެވެ. އަނެއް ކޮޅުން މިރޭގެ މެޗަކީ 2003 ވަނަ އަހަރުގެ ފަހުން ޔުނައިޓެޑުން ޗެމްޕިއަންސް ލީގުގައި ގޯލާ ސީދާކޮށް އެންމެ މަދުން ޝޮޓް ޖެހި މެޗެވެ.

މިރޭގެ މެޗާ ބެހޭގޮތުން ސޯލްޝެއާ ބުނީ މެޗު ބަދަލުވީ ވަން ބިސާކާގެ ރަތް ކާޑާ ހަމައިން ކަމަށެެވެ. އަދި ބައްޔަކުން މި ފަހަރުގެ މުބާރާތް ފަށަން ޖެހުމަކީ ބޭނުންވި ގޮތް ނޫން ކަމުގައި ވިޔަސް މި ހަގީގަތާ ކުރިމަތިލާން ޖެހޭ ކަމަށް ސޯލްޝެއާ ބުންޏެވެ.