Advertisement

ހިޔާ ފްލެޓް، ޑްރީމް ފްލެޓަށް ހަދަން މާޔާގެ އެހީއެއް!

15 ސެޕްޓެންބަރު 2021 - 09:46 0

އާއިޝަތު މިހުނާ ނާސިހް

އާއިޝަތު މިހުނާ ނާސިހް

ހިޔާ ފްލެޓް ބިލްޑިން. --ފޮޓޯ: ހުސެއިން ޝަޔާހު/ އަދަދު


ހިޔާ ފްލެޓް، ޑްރީމް ފްލެޓަށް ހަދަން މާޔާގެ އެހީއެއް!

15 ސެޕްޓެންބަރު 2021 - 09:46 0

ފްލެޓް ހާދަ ކުޑަ އެވެ. އެހެރަ ސިޓިން ރޫމަކަށް ހެދޭނީ ވަކި ކޮން ގޮތެއް ހެއްޔެވެ؟ ފާހާނާގައި ހަރުކުރާނީ ކޮން ކަހަލަ ދޮރެއް ބާވަ އެވެ؟ މިއީ ހިޔާ ފްލެޓް ލިބުނު ބައެއް މީހުންގެ ހިތުގައި އުފެދިފައިވާ ސުވާލުތަކެވެ. އެއްބަޔަކު ވީ އެންމެ އަވަހަށް ދިރިއުޅުން ފްލެޓަށް ބަދަލުކުރި އިރު އަނެއްބަޔަކު ކެތް މަދުވެފައި ތިބީ ދިރިއުޅެވޭނެ ފަދަ ގޮތަކަށް ތަނުގެ މަސައްކަތްތައް ނިންމާލެވޭތޯ އެވެ.

ހުސް ހަތަރު ފާރުގެ ތެރެއަށް ދިރުން ގެނެސްދީ ކުލަ ޖެއްސުމަށްޓަކައި ދުރު ވިސްނުމާއި، ހިކުމަތާއި އަދި ކުޑަ ކެތްތެރިކަމެއް ވެސް ބޭނުންވެ އެވެ. ތޭރަ އަހަރުގެ ތަޖުރިބާ އާއި އެކު އެންމެންގެވެސް ޑްރީމް ހޯމް ހަދައިދިނުމުގައި އިތުބާރާއި މަގުބޫލުކަން ހޯދާފައިވާ މާޔާ ނާސިހު މިވަނީ ހިޔާ ފްލެޓް ވެސް ޑްރީމް ފްލެޓަކަށް ހަދާނޭ ގޮތުގެ ދެތިން ހިޔާލެއް ހިއްސާ ކޮށްފަ އެވެ.

ވޯލް ޕޭޕާ

ކުޑަ ވަގުތުކޮޅެއްތެރޭ ރީތި ފުރިހަމަ ގެއަކަށް ފްލެޓް ބަދަކުރުމަށްޓަކައި ކުދިކުދި ޑީޓެއިލްސްއަށް ވެސް ސަމާލުކަންދޭން ޖެހެ އެވެ. މުޅި ގޭގެ ރީތިކަން އޭގެ މައްޗަށް ބިނާވާ އެއްކަމަކީ ފާރުތަކުގައި ހުންނަ ކުލައާއި ޑިޒައިން ކަމުގައިވާއިރު މާޔާ ބުނާގޮތުގައި އެ ރީތިކަން އެންމެ ފަސޭހައިން އަދި ފުރިހަމައަށް ގެނެސްދޭވޭނޭ ގޮތަކީ ވޯލްޕޭޕާ ހަރުކުރުމެވެ.

"ވީހާވެސް ކޯސްޓް އެފެކްޓިވްކޮށް ކުއިކް ފިކްސަސް އިން ރީތި ލުކް އެއް ބޭނުންވަންޏާމު އެއްކަމަކީ ހަމަ ވޯލްޕޭޕާސް. ވޯލްޕޭޕާސްވެސް ހަމަ ފުދޭވަރަކަށް ރީޒަނަބަލް އަގުތަކެއްގައި އަސްލު މިހާރު މާލެއިންވެސް ލިބެން ހުރޭ. މިސާލަކަށް ގްރޯހޭ އާއި އެސެންޝިއާ ކަހަލަ ތަންތަނުގައިވެސް ރަނގަޅު ކޮލިޓީގެ ވޯލްޕޭޕާ ހެޔޮ އަގުގައި އެބަހުރި ލިބެން" މާޔާ ބުންޏެވެ.

ވޯލްޕޭޕާގެ އެކި ފަރުމާތައް މާލެއިން ލިބެން ހުރިކަން މާޔާ ފާހަގަކުރި އިރު، އެންމެ ބޮޑު އެއް ލުޔަކީ ބައެއް ފިހާރަތަކުން އަތްފޯރާ ފަށުގައި ވޯލްޕޭޕާ ހަރުކޮށްދިނުމުގެ ހިދުމަތްވެސް ދޭ ކަމެވެ. ގާތްގަނޑަކަށް 3000-4000 ރުފިޔާ އާ ދެމެދުގެ އަގެއްގައި ވޯލްޕޭޕާއި ހަރުކޮށްގެން މުޅި ކޮޓަރީގެ މޫޑާއި ވައިބް ބަދަލުކޮށްލެވިދާނެ އެވެ.

ފްލޯރިން

ދާއިމީ ހިޔާވައްސެއްގައި ދިރިއުޅުން އާރާސްތުކުރަން އެތައް ބަޔަކު ފޫގަޅާފައި ތިބިއިރު އެންމެ ބޮޑަށް ސިކުނޑީގައި ބަހައްޓަންޖެހޭ އެއްކަމަކީ ކުރާ ހޭދައާއި، މަސައްކަތާއި، ދޭ ވަގުތަށް އެތަނަކީ އެކަށީގެންވާ ތަނެއްގެ ގޮތުގައި ހެދުމެވެ. އެމީހެއްގެ ބަޖެޓު ތަންދޭ ވަރަކުން އެކަމެއް ކުރެވެހެން ހުރި އެންމެ ރަނގަޅަކަށް ކުރުމަށް ސަމާލުކަން ދިނުން ވެގެންދާނީ އިރުއިރުކޮޅުން މަރާމާތަށް ކުރަންޖެހޭ ހަރަދުތައް ސަލާމަތްވާނެ ކަމަކަށެވެ.

މިގޮތުން ބަލާއިރު އެންމެ ފޯރީގައި އެންމެންވެސް ކުރަމުންދާ އެއްކަމަކީ ޓައިލްސް ޖެހުމުގެ މަސައްކަތެވެ. މާޔާ ބުނާގޮތުން މިކަމަށް އެންމެ ރަނގަޅީ "ވުޑް ލުކް" އަކަށް ދިއުމެވެ. މިގޮތުން ލެމިނޭޑް ނުވަތަ ޕާކޭ ފްލޯސް އަކީ ރަނގަޅު ހިޔާލެއްކަމުގައި އޭނާ ދެކެ އެވެ. އަދި މިފަދަ ގޮތަކަށް ފަރުމާ ކުރުމުން "ކޯޒީ" އަދި "ވޯމް" ފީލް އެއް ގެއަށް ލިބޭނޭކަމަށް މާޔާ ބުންޏެވެ.

"އެއީ ހަމަ ޕާސަނަލް ޕްރެފަރެންސް އެއް. މިކަހަލަ މޯޑަކަށް ދަންޏާ މިސާލަކަށް ފްލޯރިން އިންސްޓޯލް ކޮށްލަދޭނެ މީހުން ދެތިން ދުވަސްތެރޭގައި އެންމެ ގިނަވެގެން ވެސް. ދެން މުޅި އެޕާޓްމަންޓްގެ ފްލޯރިން މިކަހަލަ ގޮތަކަށް ހަދާނަމަ ގާތްގަނޑަކަށް ވިހިހާހާއި ފަންސަވީސް ހާހުގެ ބަޖެޓެއްގެ ތެރޭގައި ކުރެވިދާނެ. ގިނަ ފިހާރަަތަކުގަ މިދުވަސްކޮޅު ހިޔާއަށް ހާއްސަކޮށް ޕެކޭޖުތަކެއްވެސް އެބަހުރި ތައްޔާރުކުރެވިފައި،" މާޔާ ބުންޏެވެ.

ލައިޓިން

ފްރީލާންސްކޮށް ގެތަށް ފަރުމާކޮށްދިނުމުގެ މަސައްކަތް މާޔާ ކުރަމުންދާއިރު، ގިނަ އަދަދެއްގެ ހިޔާ ފްލެޓް ކްލައިންޓުންވެސް މާޔާގެ އެބަތިއްބެވެ. އެހެންކަމުން ފްލެޓްގެ އެކި ޓަވަރުތަކާއި ފަންގި ފިލާތަށް ވަރަށް ގާތުން ބެލުމުގެ ފުރުސަތު އޭނާ އަށް ވަނީ ލިބިފަ އެވެ.

ވީހާވެސް ހިތްއެދޭފަދަ ހިތްގައިމު ތަނަކަށް ފްލެޓް އެޕާޓްމަންޓް ހެދުމަށްޓަކައި ދެން އެންމެ މުހިންމު ސަމާލުކަމެއް ދޭންޖެހޭ އެއްކަމެއްގެ ގޮތުގައި މާޔާ ފާހަގަކުރީ ލައިޓިން އެވެ. އެހެންނަމަވެސް ފްލެޓް އިމާރާތް ކުރެވިފައިވާ ގޮތަށް ބަލާއިރު، ލައިޓް ހަރުކުރެވެން ހުރި ތަންތަނުގެ އަދަދު މާ ގިނައެއް ނޫނެވެ. އެހެންކަމުން މާޔާގެ ހިޔާލަކީ ޓްރެކް ލައިޓް ބޭނުން ކުރުމެވެ.

"އޭގެ މާނައަކީ ޓްރެކެއްގެ ތެރެއަށް ލެވޭނެ ތިން ހަތަރު ލައިޓްސް. ދެން އޭރުން ކަރަންޓު ނަރާއި އެއްޗެހި ދޫވެފައި ހުންނަ ތަނެއް ނުފެންނާނެ. އެ ޓްރެކް ތެރޭގައި ހުރިހާ އެއެއްޗެއްވެސް ހުުންނާނީ. ދެން ކޭސިން ކަހަލަ އެއްޗެއްވެސް އަޅަން ނުޖެހި ވަރަށް ކްލީން ލުކް އެއް އޭރަށް ލިބޭނެ،" މާޔާ ބުންޏެވެ.

ލައިޓިންއަކީ މުޅި ގޭގެ އެތެރޭގެ ރީތިކަން އިތުރަށް ފުރިހަމަކޮށްދީ ގޭތެރެ ބޮޑުކަމަށް ދެއްކުމުގައި އިތުރު އެހީއަކަށްވާއިރު މާޔާ ބުނާގޮތުން ހިޔާ ފްލެޓުތަކުގައި ހަރުކޮށްލަން އޭނާއަށް އެންމެ ކަމުދަނީ 3500 ކެލްވިން ރޭންޖުގައި ހުންނަ ބޮތްކެކެވެ.

"އަބަދުވެސް މިހާރުދަނީ ވޯމް އާއި ލައިޓް އާއި ދޭތެރޭ މެދަށް ހުންނަ ރޭންޖަކަށް. ދެން އެކި ބްރޭންޑްސްތަކުގައި އެކި ނަންތައް މި ކިޔަނީ. އެއްބައި މީހުން ކިޔާ ކޫލް ވޯމް، އަނެއްބައި މީހުން ވޯމް ވައިޓް. އެ އެއްޗެހި ބޭނުންކުރީމަ ކުޑަ ވޯމް ކުލައަކާއި އެކު އަނެއްކާވެސް ކޯޒީ ގޮތްގަނޑު ލިބޭނެ،"

އެހެންނަމަވެސް ހުދު ލައިޓް ބޭނުންވާ ހާއްސަ ދިމާތައް ކަމުގައިވާ ބަދިގެއާއި ފާހާނާ އަށް އަލިގަދަ ހުދު ކުލަ އަކީ ހަމަ އެންމެ ރަނގަޅު އައްޔެވެ.

މާޔާ ނާސިހު. --ފޮޓޯ: ހުސެއިން ޝަޔާހު/ އަދަދު


ކުޑަ އެޕާޓްމަންޓެއް ވެސް ޑިޒައިން އިން ބޮޑު ކުރެވިދާނެ

ހިޔާ ފްލެޓާ ބެހޭގޮތުން ގައިމުވެސް ގިނަ ބައެއްގެ ފުރަތަމަ ޝަކުވާ އަކީ ތަނުގެ ޖާގައިގެ ދަތިކަމެވެ. ނަމަވެސް އިންޓީރިއާ ޑިޒައިނާއެއްގެ ލޮލުންނަމަ އެ ޖާގައަކީ ހަމަ ކުޑަ އާއިލާއަކަށް އެކުގައި އުޅުމަށް ތަނަވަސް ހިތް ފަސޭހަ ތަނަކަށް ހެދިދާނެ އެވެ. މިގޮތުން ބަލާއިރު ބޮޑު ޑައިނިން ޓޭބަލް އެއް ބެހެއްޓުމުގެ ބަދަލުގައި ޕެރެލަލް ކޮށް ހުންނަ ފާރު ބޭނުންކޮށްގެން ޑައިނިން ޓޭބަލް އެއްހެންވެސް ބޭނުންކުރެވޭހެން އެކްސްޓެންޑް ކޮށްލެވޭ ގޮތަށް ހަދާލުމަށް މާޔާ އޭނާގެ ކްލައިންޓުންނަށް އިރުޝާދު ދެ އެވެ.

"ވާގޮތަކީ ގިނަ މީހުން ބޭނުމެއް ނުވޭ ސިޓިންރޫމް ހުރަސްކޮށްފައި ކާމޭޒަށް ދާކަށެއް. އެހެންވީމަ ބައެއް އެޕާޓްމަންޓްތައް މި ހުންނަގޮތުން ކާމޭޒު މި ލާންޖެހެނީ ދޮރުން ވަންނަ ތަން ކައިރިއަށް ދެން ސިޓިންރޫމް މެދަށް ހުރެފައި ދެން ބަދިގެ މިހުންނަނީ. އެހެންވީމަ އަޅުގަނޑުމެން ދިން ހިޔާލެއް ބަދިގޭގެ ކައުންޓާ ޓޮޕް ކާމޭޒެއް ގޮތަށް އެކްސްޓެންޑް ކުރެވޭގޮތަށް ހެދުމަކީ. އޭރަށް ކައްކާއިރު އެއްޗެހި ކޮށާ ކަންތައް ކުރަންވެސް ބެނުންކުރެވިފައި ކާން ބޭނުންކުރެވިފައި ޖާގަ ސަލާމަތްވާނެ،" މާޔާ ބުންޏެވެ.

އެއާއެކު ދޮރުން ވަންނަ ދިމާލުން ޖާގަ ސަލާމަތްވެ ބުކް ޝެލްފެއް ނުވަތަ ސްޓަޑީ ޓޭބަލްއެއް ފަދަ އެއްޗެއްވެސް ބެހެއްޓިދާނެ ކަމަށް މާޔާ ބުންޏެވެ.

ހަމައެޔާއެކު ގެއެއްގެ ހިތަކީ ބަދިގެ ކަމަށް ގިނަ ބަޔަކު ބުނާއިރު، ބަދިގެ ތައްޔާރުކުރުމުގައި ވަރަށް ބޮޑު ސަމާލުކަމެއް "ކޮލިޓީ" ދޭން ޖެހޭނެކަަމަށް މާޔާ ބުންޏެވެ. މިގޮތުން އެއީ ފެންވެސް ބޭނުންކުރެވޭ ސަރަހައްދަކަށްވެސް ވުމުން ދޭތެރެދޭތެރެއިން ފެން ޖެހި، ފީވެ، ކުރަފިފަަދަ ސޫފިތަކަށްވެސް އެސޮރުމެންގެ ގެދޮރު ބިނާކުރާނޭ ހިޔާވައްސެއްވެސް ލިބިގެން ހިނގައިދާނެ އެވެ.

ބެލްކަނި

ބެލްކަންޏަކީ އެއްޗެހި ދޮވުމަށް ބޭނުންކުރެވޭނެ ދިމާލެއްކަން ފާހަގަކޮށް މާޔާގެ ވިސްނުމުގައި ހުރީވެސް އެގޮތަށް އެތަން ބޭނުންކުރުމެވެ. ގަސް ގެންގުޅެން ލޯބިކުރާ ނަމަ ގޭގެ އެތެރެއަށްވާގޮތަށް ޕޮޓްތައް އެލުވަން އޭނާ ލަފާ ދިނެވެ.

އެއާއެކު ދެވަނަ ހިޔާލަކީ ގޭގެ އޭސީތަކުގެ އައުޓްޑޯ ޔުނިޓާއި ދޮންނަމެޝިނާއި ދެމެދަށް ވާގޮތަށް ދެ ޝެލްފް ހަދައި ގަސް ބެހެއްޓުމެވެ.