Advertisement

ލީކުވި އޯޑިއޯ ތަހުގީގުކޮށްދިނުމަށް ޕީޖީގައި އެދިއްޖެ

14 ސެޕްޓެންބަރު 2021 - 23:45 0

އަހުމަދު ސާއިލް އަލީ

އަހުމަދު ސާއިލް އަލީ

ޕްރޮސިކިއުޓާ ޖެނެރަލް ހުސައިން ޝަމީމް: އިދިކޮޅު ކޯލިޝަނުން ވަނީ ޝަމީމާ ބައްދަލު ކުރަން އެދިފައި-- ފޮޓޯ: ހުސައިން ޝަޔާހް/ އަދަދު


ލީކުވި އޯޑިއޯ ތަހުގީގުކޮށްދިނުމަށް ޕީޖީގައި އެދިއްޖެ

14 ސެޕްޓެންބަރު 2021 - 23:45 0

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ހުކުމް ކުރެއްވި ފަނޑިޔާރުންނަށް ސަރުކާރުން ނުފޫޒު ފޯރުވާފައިވާ ކަމަށް ބުނެ ލީކް ވެފައިވާ އޯޑިއޯގެ މައްސަލަ، ސުޕްރީމް ކޯޓުގައި އޮތް ޔާމީންގެ އިސްތިއުނާފުގެ މައްސަލަ ނިމުމުގެ ކުރިން ތަހުގީގު ކޮށް ނިންމައި ދިނުމަށް އިދިކޮޅު ކޯލިޝަނުން ޕްރޮސިކިއުޓާ ޖެނެރަލްގެ ކިބައިން މިއަދު އެދިއްޖެ އެވެ.

އެމްއެމްޕީއާރްސީގެ މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް ކަޅު ފައިސާ ދޮވުމުގެ ކުށް ސާބިތުވެ ޖަލަށްލުމަށް ހުކުމްކޮށްފައި ވަނީ ނޮވެމްބަރު 8، 2019 ގަ އެވެ. ފަސް ފަނޑިޔާރުންގެ ބެންޗަކުން ބެއްލެވި އެ ޝަރީއަތުގެ އިންސާފުވެރިކަމާމެދު ސުވާލު އުފައްދާފައި ވަނީ މައްސަލަ ބެއްލެވި ތިން ފަނޑިޔާރެއްގެ އަޑު ހިމެނޭ ކަމަށް ބުނާ އޯޑިއޯތަކެއް ލީކުވުމާއެކު އެވެ.

އެ މައްސަލަ ޖުޑީޝަލް ސާވިސް ކޮމިޝަނުން އަދި ފުލުހުންގެ އިދާރާއިން ބަލަމުންދާއިރު އެ ސުވާލު އުފެދިގެން އުޅޭ ފަނޑިޔާރުން ކަމަށްވާ އަހުމަދު ސަމީރާއި އަލީ އާދަމާއި ހުސެއިން ފާއިޒު ރަޝާދު ވަނީ އޯޑިއޯތަކަކީ ސައްހަ އެއްޗެހި ނޫން ކަމަށް ވިދާޅުވެފަ އެވެ.

އިދިކޮޅު ކޯލިޝަން ހިންގެވުމާ ހަވާލުވެ ހުންނެވި އަބްދުއްރަހީމް އަބްދުﷲ ސޮއި ކުރައްވައި ޕީޖީ ހުސައިން ޝަމީމަށް ފޮނުއްވި ސިޓީގައި އެދިފައިވަނީ ލީކުވެގެން އުޅޭ އޯޑިއޯތަކުގެ ފޮރެންސިކް ތަހުލީލަކާއި އެކު މިނިވަން އިންސާފުވެރި އަދި ފުރިހަމަ ތަހުގީގެއް ހިންގަވާ ދެއްވާ އެއޯޑިއޯ ތަކުގެ އަސްލު ދެނެގަތުމަށްޓަކައި ކުރަން ޖެހޭ މަސައްކަތްތައް ކުރިއަށް ގެންގޮސް ދިނުމަށެވެ.

"މިކަމަކީ މިހާރު ސުޕްރީމް ކޯޓުގައި ހިނގަމުންދާ އެމަނިކުފާނުގެ އިސްތިއުނާފްގެ މައްސަލަ ނިމުމުގެ ކުރިން ކުރެވެން ޖެހޭ ކަމެއްކަމުގައި މިކޯލިޝަނުން ދެކޭތީ، އެކަން އަވަސް ކޮށްދެއްވުމަށް ވެސް ދެންނެވިން،" ސިޓީގައިވެ އެވެ.

އޭގެ އިތުރުން އެ މައްސަލައާ ގުޅިގެން އިތުރު މައުލޫމާތު ހިއްސާ ކުރުމަށް ބޭނުންވާތީ ޝަމީމާ އެ ކޯލިޝަންގެ އިސްވެރިންނާ ބައްދަލު ކުރުމަށް ފުރުސަތު ދިނުމަށް ވެސް ސިޓީގައި އެދިފައިވެ އެވެ.

ލީކްވި އޯޑިއޯތަކުގައި އެ ބޭފުޅުން ވާހަކަ ދައްކަވާފައިވަނީ ޔާމީނަށް އިއްވި ހުކުމާ ގުޅޭ ގޮތުންނެވެ. އެގޮތުން، ގާޒީ ފާއިޒު ކަމަށް ބެލެވޭ މީހާ ވަނީ އެ ހުކުމާ ގުޅިގެން އެކި ކަހަލަ ނުފޫޒުތައް އޮތް ކަމަށް ދޭހަވާ ފަދައިން ވާހަކަ ދައްކަވާފަ އެވެ.

އެ އޯޑިއޯތައް ލީކުވުމާއެކު އިދިކޮޅުން ދަނީ ކަންބޮޑުވުންފާޅުކޮށް ސަރުކާރަށް ބޮޑެތި ފާޑުކިޔުންތައް އަމާޒުކުރަމުންނެވެ.