Advertisement

ގެތައް ހުސްކުރަން އެންގުމުން ތާލިބާނާ ދެކޮޅު ބޮޑު ހިނގާލުމެއް ބާއްވައިފި

15 ސެޕްޓެންބަރު 2021 - 05:39 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ބައެއް ރައްޔިތުން ގެތަކުން ނުކުތުމަށް ތާލިބާނުން އެންގުމުން އެތައް ސަތޭކަ ބަޔަކު ވަނީ ކަންދަހާރުގައި ބޭއްވި ހިނގާލުމުގައި ބައިވެރިވެފައި.-- ފޮޓޯ: އޭއެފްޕީ


ގެތައް ހުސްކުރަން އެންގުމުން ތާލިބާނާ ދެކޮޅު ބޮޑު ހިނގާލުމެއް ބާއްވައިފި

15 ސެޕްޓެންބަރު 2021 - 05:39 0

ކަންދަހާރް، އަފްގާނިސްތާން (ސެޕްޓެމްބަރު 14) - އަފްގާނިސްތާނުގެ އަސްކަރިއްޔާގައި ކުރިން ހިދުމަތް ކުރި ގިނަ އަދަދެއްގެ މީހުން ދިރިއުޅޭ ހިސާބުގަނޑެއްގެ ގެތައް ހުސްކުރަން ތާލިބާނުން އެންގުމުން އެތައް ސަތޭކަ ބަޔަކު މަގުތަކަށް ނުކުމެ ހިނގާލުމެއް ބާއްވައިފި އެވެ.

ޒާރާ ފެގްރާ ހިސާބުގަނޑުގެ މީހުން ބުނީ ގެތައް ހުސްކުރަން ތާލިބާނުން އެންގި ނަމަވެސް، އެ ތަނުން ނުކުމެގެން ގޮސް ވަންނާނެ ތަނެއް ނެތް ކަމަށެވެ. އެ ހިސާބުގައި މީހުން ދިރިއުޅެނީ ސަރުކާރުން ފޯރުކޮށްދީފައިވާ ގެތަކާއި ޖިފުޓިތަކުގަ އެވެ.

އެ ހިސާބުގަނޑުގައި 10،000 އަށް ވުރެ ގިނަ މީހުން ދިރިއުޅެ އެވެ. އޭގެ ތެރެއިން ގިނަ މީހުންނަކީ ފާއިތުވި 20 އަހަރުގެ ތެރޭގައި ތާލިބާނާ ދެކޮޅަށް ކުރި ހަނގުރާމައިގައި މަރުވެފައިވާ ސިފައިންގެ މީހުންގެ އަނބި ދަރިންނެވެ.

އެ ގެތަކުން މީހުން ނެރުމަށް ފަހު އެ ތަންތަން ދިނުމަށް ހަމަޖެހިފައި ވަނީ ތާލިބާން ހަނގުރާމަވެރިންނަށް ކަމަށެވެ.

މި ނިންމުމާ ދެކޮޅަށް ކަންދަހާރުގައި ހޯމަ ދުވަހު ބޭއްވި ހިނގާލުމުގައި ފިރިހެނުންނާއި ކުޑަކުދިންގެ އިތުރުން އަންހެނުން ވެސް ބައިވެރިވި އެވެ.

ނަމަވެސް އޯގަސްޓު 15 ވަނަ ދުވަހު ވެރިކަމަށް އައި ތާލިބާނުން ވަނީ މުޒާހަރާ ކުރުން މަނާކޮށްފަ އެވެ.

ހިނގާލުން ރިޕޯޓު ކުރި ބައެއް ނޫސްވެރިން ބުނެފައި ވަނީ ތާލިބާން ހަނގުރާމަވެރިން ހިނގާލުމުގެ ބައިވެރިންނަށް ފުރައްސާރަކޮށް އަނިޔާކުރި ކަމަށެވެ.

ކަންދަހާރަކީ އަފްގާނިސްތާނުގެ ދެ ވަނަ އަށް އެންމެ ބޮޑު ސިޓީ އެވެ. ތާލިބާނުން އުފެދިގެން އައީ ވެސް އެ ސިޓީންނެވެ.

އެ ތަނުގައި ބޭއްވި ހިނގާލުމާ ގުޅިގެން ކަންދަހާރުގެ ގަވަރުނަރު ވަނީ މީހުން ގެތަކުން ނުކުތުމަށް ނެރުނު އަމުރު ވަގުތީ ގޮތުން ސަސްޕެންޑު ކުރުމަށް ފަހު އަވަށުގެ ބޮޑުންނާ މަޝްވަރާ ކުރަން ނިންމާފަ އެވެ.