Advertisement

އެމެރިކާގެ މިސްކިތެއްގައި ބޮން ގޮއްވި މީހަކު 53 އަހަރަށް ޖަލަށް

15 ސެޕްޓެންބަރު 2021 - 06:18 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

މިސްކިތަށް ދިން ހަމަލާގައި ކުޑަދޮރުތަކުގެ ބިއްލޫރި ތަޅައިގެން ގޮސްފައި.


އެމެރިކާގެ މިސްކިތެއްގައި ބޮން ގޮއްވި މީހަކު 53 އަހަރަށް ޖަލަށް

15 ސެޕްޓެންބަރު 2021 - 06:18 0

ވޮޝިންޓަން، އެމެރިކާ (ސެޕްޓެމްބަރު 14) - "ދަ ވައިޓް ރެބިޓްސް" ގެ ނަމުގައި ޓެރަރިސްޓު ގްރޫޕެއް ހިންގި އެމެރިކާ މީހަކު 2017 ވަނަ އަހަރު މިނެސޯޓާގެ މިސްކިތަކަށް ދިން ހަމަލާއާ ގުޅިގެން 53 އަހަރަށް ޖަލަށް ހުކުމްކޮށްފި އެވެ.

އުމުރުން 50 އަހަރުގެ އެމިލީ ކްލެއާ ހަރީގެ މައްޗަށް ކުށް ސާބިތުވީ މިދިޔަ އަހަރު އެވެ. އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުން ނެރުނު ބަޔާނެއްގައި ބުނީ ބޮން ގޮއްވުމާއި، ދީނީ މުދަލަށް ގެއްލުން ދިނުމާއި، އަޅުކަމަށް ހުރަސް އެޅުމުގެ ކުށް އޭނާގެ މައްޗަށް ސާބިތުވި ކަމަށެވެ.

ހަމަލާ ދިން އިރު ހަރީގެ ނަމަކީ މައިކަލް ހަރީ އެވެ. ނަމަވެސް އޭނާ މިހާރު އުޅެނީ ޖިންސު ބަދަލުކޮށް އަންހެނަކަށް ހެދިގެން އެމިލީ ކްލެއާ ހަރީއަށް ނަން ބަދަލުކޮށްގެންނެވެ. "ދަ ވައިޓް ރެބިޓްސް" ގްރޫޕު އޭނާ ހިންގީ އެމެރިކާގެ އިލިނޮއި ސްޓޭޓުގަ އެވެ.

އެމިލީ ކްލެއާ ހަރީ.


ފުލުހުންގެ ތަހުގީގަށް ސާބިތުވެފައިވާ ގޮތުގައި އެ ގްރޫޕުގެ މެމްބަރުންގެ ގޮތުގައި ހިމެނޭ މައިކަލް މެކްވޯޓާ އަދި ޖޯ މޮރިސް ނަމަކަށް ކިޔާ ދެ މީހުން ވަނީ 2017 ވަނަ އަހަރުގެ އޯގަސްޓު 5 ގައި މިނެސޯޓާގައި ހުންނަ ދާރުލް ފާރޫގް އިސްލާމިކް ސެންޓަރު މިސްކިތަށް ހަމަލާ ދީފަ އެވެ.

ފަތިސް ވަގުތު މީހުން ނަމާދަށް ޖަމާއަތް ހަދަން ފެށުމުން، އެ ދެ ޓެރަރިސްޓުން ވަނީ މިސްކިތުގެ ކުޑަދޮރެއްގެ ބިއްލޫރި ތަޅާލުމަށް ފަހު ބޮމަކާއި ތެޔޮ ކޮންޓެއިނަރުތަކެއް އެތެރެއަށް އެއްލާފަ އެވެ. ބޮން ގޮވުމުން މިސްކިތަށް ބޮޑު ގެއްލުމެއް ލިބުނެވެ.

"އެ މިސްކިތަށް ޓާގެޓު ކުރީ އެމެރިކާގައި މުސްލިމުން ދިރިއުޅެން ޖާގައެއް ނެތް ކަމަށް ވިސްނައި ދިނުމަށާއި އެމެރިކާ ދޫކޮށް މުސްލިމުން ދާން ޖެހޭނެ ކަމަށް އަންގައި ބިރު ދެއްކުމަށް،" ޖަސްޓިސް ޑިޕާޓްމަންޓުގެ ބަޔާނުގައި ބުންޏެވެ.

އެ ހަމަލާ ހިންގުމުގައި އަމަލީ ގޮތުން ބައިވެރިވި މެކްވޯޓާ އާއި މޮރިސް ވަނީ ޖެނުއަރީ 2019 ގައި ކުށަށް އިއުތިރާފުވެފަ އެވެ. ނަމަވެސް އެ ދެ މީހުންނަށް އަދި ހުކުމެއް ނުކުރެ އެވެ.

"ހަރީ މަސައްކަތް ކުރާ ވަކި ދީނެއްގެ ބަޔަކަށް ބިރު ދެއްކުމަށް. ރުޅިވެރިކަމާ އެކު ހިންގާ އެފަދަ ޓެރަރިސްޓު އަމަލުތަކަށް އެމެރިކާގައި ފުރުސަތު ނެތްކަން މިއަދުގެ ހުކުމް ސާބިތުވޭ،" ޑެޕިއުޓީ އެޓާނީ ޖެނެރަލް ލީސާ މޮނާކޯ ވިދާޅުވި އެވެ.