Advertisement

ޝާހިދު އދ. އެސެމްބްލީގެ ރިޔާސަތާ ހަވާލުވެވަޑައިގެންފި، އެންމެ އިސްކަން ދެއްވާނީ ވެކްސިނަށް

15 ސެޕްޓެންބަރު 2021 - 01:36 0

ހަސަން މުހައްމަދު

ހަސަން މުހައްމަދު

އަބްދުﷲ ޝާހިދު މިރޭ ވާހަކަ ދައްކަވަނީ: ވިދާޅުވީ އެންމެ ބޮޑު އިސްކަމެއް ދެއްވާނީ ވެކްސިން ޖެހުމުގެ މަސައްކަތަށް ކަމަށް -- ފޮޓޯ: އަދަދު


ޝާހިދު އދ. އެސެމްބްލީގެ ރިޔާސަތާ ހަވާލުވެވަޑައިގެންފި، އެންމެ އިސްކަން ދެއްވާނީ ވެކްސިނަށް

15 ސެޕްޓެންބަރު 2021 - 01:36 0

އެކުވެރި ދައުލަތްތައް (އދ) ގެ ޖެނެރަލް އެސެމްބްލީގެ ރައީސްކަމުގެ ހުވާ ދިވެހިރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިރޭ ކުރައްވައި، އޭނާގެ އަހަރު ދުވަހުގެ ރިޔާސަތުގެ އެންމެ ބޮޑު އިސްކަމެއް ދެއްވާނީ ކޮވިޑް-19 އާ ދެކޮޅަށް ދުނިޔޭގެ ރައްޔިތުން ވެކްސިން ޖެހުމަށް ކަމަށް ވިދާޅުވެއްޖެ އެވެ.

އދ. ގެ ޖެނެރަލް އެސެމްބްލީގައި އެ ޖަމިއްޔާގެ 193 ގައުމު ހިމެނެ އެވެ. ޝާހިދު ރައީސް ކަމަށް އިންތިހާބުވީ މި ރީޖަނަށް ހުޅުވާލި ފުރުސަތުގައި އަފްގާނިސްތާނުގެ ކުރީގެ ފޮރިން މިނިސްޓަރާ ވާދަ ކުރެއްވުމަށްފަހު އެވެ.

އދ. ގެ 76 ވަނަ ޖެނެރަލް އެސެމްބްލީގެ ރައީސްކަމުގެ ހުވާ ކުރެއްވުމަށްފަހު ދެއްވި ހިތާބެއްގައި ޝާހިދު ވަނީ އޭނާއަށް އެ މަގާމު ލިބުމަކީ ރާއްޖެއަށް ލިބުނު ފަހުރެއް ގޮތުގައި ސިފަ ކުރައްވައިފަ އެވެ. އަދި އެ ކާމިޔާބެ އަސްލަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުހެ ހާރިޖީ ސިޔާސަތު ކަމަށް ޝާހިދު ވިދާޅުވި އެވެ.

"ރާއްޖޭގެ ފެއްސާއި ރަތާއި ހުދުގެ ދިދަ މިއަދު މި އުދުހެމުން މި ދަނީ އެންމެ އުހުގައި،" ޝާހިދު ވިދާޅުވި އެވެ.

ޝާހިދުގެ ރިޔާސަތުގެ ދައުރައް އޭނާ ދެއްވާފައިވާ ނަމަކީ "ޕްރެސިޑެންސީ އޮފް ހޯޕް" ނުވަތަ އުއްމީދީ ރިޔާސަތު އެވެ. މިރޭގެ ހާއްސަ ޖަލްސާގައި ޝާހިދު ވަނީ އެ ނަމުގެ ފަހަތުގައިވާ ސަބަބުތައް ހާމަކޮށްދެއްވައިފަ އެވެ.

"އުއްމީދީ ރިޔާސަތު. މިހެން ބުނަނީ ހަމައެކަނި ރީތި ބަސްތަކެއް ބުނުމުގެ ބޭނުމަކު ނޫން. އަދި އަޅުގަނޑަކީ ތަންދޮރު ނުދަންނަ މީހެއް ވެސް ނޫން. އެކަމަކު މި ދަނޑިވަޅު ދުނިޔެއަށް ބޭނުންވާ އެއްޗަކީ އުއްމީދު،" ޝާހިދު ވިދާޅުވި އެވެ.

ޝާހިދު ވިދާޅުވީ އޭނާގެ އެންމެ މުހިންމު އަމާޒަކަށް ވާނީ މުޅި ދުނިޔޭގެ އާބާދީ ވެކްސިނޭޓް ކުރުން ކަމަށެވެ. އަދި ވީހާ ވެސް އަވަހަކަށް ވެކްސިން ލިބުމުގައި އެކި މީހުންގެ މެދުގައި އޮތް ފަރަގު ނައްތާލަންޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އދ. ރަމްޒުކޮށްދެނީ ވައުދެއް، އުޖާލާ ކުރިމަގެއްގެ ވައުދު. މީގެ 76 އަހަރު ކުރިން ދެ ވަނަ ބޮޑު ހަނގުރާމައިގެ ކާރިސާއަށްފަހު ދުނިޔެއަށް ކުރިމަތިވި މައްސަލަތަކާ ކުރިމަތިލައި ފަދައިން އދ. އަކީ ދުނިޔެއަށް މިއަދު ކުރިމަތިވެފައިވާ ކާރިސާތަކާ ވެސް ރިލަވަންޓް ޖަމިއްޔާއަކަށްވާންޖެހޭ،" ޝާހިދު ވިދާޅުވި އެވެ.

އޭގެ އިތުރުން ހިތާބުގައި ޝާހިދު ވިދާޅުވީ އޭނާގެ ރިޔާސަތުގައި ކުރައްވަން ނިންމަވާފައިވާ ބައެއް ކަންކަމާއި މަސައްކަތް ބައްޓަން ކުރައްވާނެ ގޮތް ކިޔައިދެއްވައިފަ އެވެ. އެގޮތުން އިގްތިސާދުތައް އާރާސްތު ކުރުމަށް މަސައްކަތް ކުރުމާއި ތިމާވެށީގެ މައްސަލަ ހައްލު ކުރުމަށް މަތީ ފަންތީގެ ބައްދަލުވުންތަކެއް އަދި ބަހުސްތަކެއް ބޭއްވުމާއި އދ. ގެ ނިންމުންތަކުގައި ޒުވާނުންގެ ހިއްސާ ބޮޑުކުރުން ހިމެނެ އެވެ.