Advertisement

ބަޔާނާ ދެކޮޅަށް ކުޅެން މިއީ ގޯސް ވަގުތެކޭ ނުބުނާނަން: ކޫމަން

14 ސެޕްޓެންބަރު 2021 - 15:03 0


ބަޔާނާ ދެކޮޅަށް ކުޅެން މިއީ ގޯސް ވަގުތެކޭ ނުބުނާނަން: ކޫމަން

14 ސެޕްޓެންބަރު 2021 - 15:03 0

ބާސެލޯނާ (ސެޕްޓެމްބަރު 14) - ޗެމްޕިއަންސް ލީގުގައި މިރޭ ބަޔާން މިއުނިކާ ދެކޮޅަށް ކުޅެން ނުކުންނައިރު، މިއީ އެ ޓީމާ ދެކޮޅަށް ކުޅެން ބާސެލޯނާ އޮތް ހާލަތަށް ބަލާއިރު ގޯސް ވަގުތެއްގެ ގޮތުގައި ނުދެކޭ ކަމަށް ބާސެލޯނާގެ ކޯޗު ރޮނާލްޑް ކޫމަން ބުނެފި އެވެ.

މިދިޔަ އަހަރު ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގައި ބަޔާނުން ވަނީ ބާސެލޯނާ 8-2 އިން ބަލިކޮށްފަ އެވެ. އެކަމަކު މި ވަގުތަށް ބަލާއިރު އެ މެޗުގައި ބަޔާނާއި ބާސެލޯނާ އަށް އިރުޝާދުދިން ކޯޗުން މި ދެ ޓީމަކު ނެތެވެ. ބަޔާންގައި މި ވަގުތު ހޫލިއަން ނާގަލްސްމަން ހުރިއިރު، ބާސެލޯނާގެ ޒިންމާ އޮތީ ކޫމަން އަތުގަ އެވެ.

އަމިއްލަ ދަނޑުގައި މިރޭ ބާސެލޯނާ އިން ބަޔާނާ ބައްދަލުކުރާއިރު، މިއީ މިދިޔަ 15 ވަރަކަށް އަހަރަށް ބަލާއިރު، ލިއޮނަލް މެސީ ނުލައި ބާސެލޯނާ އިން ޗެމްޕިއަންސް ލީގުގައި ކުޅޭ ފުރަތަމަ ފަހަރެވެ. ބާސެލޯނާ ދޫކޮށް މެސީ ޕީއެސްޖީ އަށް ބަދަލުވިއިރު، އަނެއް ކޮޅުން ބާސެލޯނާގެ މާލީ ހާލަތުގެ ސަބަބުން އެ ކްލަބަށް އެކިއެކި ބަދަލުތަކެއް ވަނީ ގެނެސްފަ އެވެ.

މިއީ ބަޔާނާ ކުޅެން ރަނގަޅު ވަގުތެއްތޯ ނޫސްވެރިއަކު އެހުމުން ކޫމަން ބުނީ ފުޓްބޯޅައިގައި ކުރިއަށްދާން ބޭނުންނަމަ އަބަދުވެސް ތިބެން ޖެހޭނީ ތައްޔާރަށް ކަމަށެވެ.

"އަހަރެމެންނަށް ވަރަށް ރަނގަޅަށް އެނގޭ މި ކްލަބަށް މި އަންނަމުންދާ ބަދަލު. އެ ހުރިހާ ކަމަކަށް ވެސް ވިސްނަން. އެކަމަކު ފުޓްބޯޅައިގައި މިހާރު އެއްވެސް ކަމެއް ކުރަން ބޭނުންވާ ވަރަށް ވަގުތެއް ނުލިބޭނެ. އަބަދުވެސް ތިބެން ޖެހޭނީ އެ ހާލަތަކަށް ތައްޔާރުވެގެން،" ކޫމަން ބުންޏެވެ.

މި ވަގުތަށް ބަލާއިރު ބަޔާން އޮތީ ވަރަށް ވަރުގަދަކޮށް ކަން ގަބޫލުކުރަން ޖެހޭ ކަމަށާއި އެކަަމަކު ބާސެލޯނާ އިން އަމިއްލަ ދަނޑުގައި ކުޅޭ މެޗެއްގައި ނަތީޖާ ނުނެރެވެންވީ ސަބަބެއް ނެތް ކަމަށް ކޫމަން ވަނީ ބުނެފަ އެވެ.

"އަހަރެމެން ބަޔާން އަތުން ތިބުނާ ނަތީޖާ (8-2) އިން ބަލިވީ މީގެ އަހަރެއް ކުރިން. އެއީ އަހަރެމެން ބޭނުންވިޔަސް މިހާރު ބަދަލުވާނެ ކަމެއް ނޫން. އަހަރެން ބޭނުމީ އެކަމަށް ނުވިސްނައި ކުރިއަށް މި އޮތް މެޗުން ރަނގަޅު ނަތީޖާއެއް ނެރެން،" ކުރިން ޔޫރަޕްގެ ގިނަ ކްލަބްތަކެއްގައި މަސައްކަތްކުރި ކޫމަން ބުންޏެވެ.

ދާދި ފަހުން ނެދަލެންޑްސް ނޫހަކަށް ދިން އިންޓަވިިއުއެއްގައި ކޫމަން ވަނީ ބާސެލޯނާގައި މި ވަގުތު މުސްތަގުބަލެއް އޮތީ އޭނާގެ މަސައްކަތުން ކަމަށް ދޭހަވާ ގޮތަށް ވާހަކަ ދައްކައިފަ އެވެ. ކޫމަން އެ ގޮތަށް ވާހަކަ ދެއްކުމުން ބާސެލޯނާގެ ބައެއް ބޯޑް މެމްބަރުންނާއި ސަޕޯޓަރުން ވަރަށް ބޮޑަށް ހިތްހަަމަނުޖެހުނެވެ. ކޫމަން ވަނީ އޭނާ ދެއްކި ވާހަކަ މާނަ އޮޅޭގޮތަށް ގިނަ ބަޔަކު ވާހަކަ ދައްކަމުން އަންނަ ކަމަށް ބުނެ ދެއްކި ވާހަކަ އޮޅުންފިލުވައިދީފަ އެވެ.

"އަހަރެން ބުނިހާ ވެސް ވާހަކަ އަކީ މި ކްލަބްގައި އަލުން ޒުވާން ކުޅުންތެރިންނަށް ގިނައިން ފުރުސަތު ދޭން މި ފަހުން މި ފެށީ އަހަރެން ހަވާލުވި ފަހުންނޭ،" ކޫމަން ބުންޏެވެ.

ބާސެލޯނާ އާއި ބަޔާން މިއުނިކް ކުޅޭ މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން 12 ޖަހާއިރު އެވެ.