Advertisement

ދުނިޔެއިން ނެތިގޮސްފައިވާ ވޫލީ މެމަތު އަނބުރާ ގެނައުމުގެ މަސައްކަތް ފަށައިފި

14 ސެޕްޓެންބަރު 2021 - 12:26 2

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ވޫލީ މެމަތެއްގެ ކުރެހުމެއް. -- ފޮޓޯ: ގެޓީ އިމޭޖަޒް


ދުނިޔެއިން ނެތިގޮސްފައިވާ ވޫލީ މެމަތު އަނބުރާ ގެނައުމުގެ މަސައްކަތް ފަށައިފި

14 ސެޕްޓެންބަރު 2021 - 12:26 2

ވޮޝިންޓަން، އެމެރިކާ (ސެޕްޓެމްބަރު 14) - އަލަށް އީޖާދުކޮށްފައިވާ ޓެކްނޮލޮޖީއެއް ބޭނުންކޮށްގެން ދުނިޔެއިން ނެތިގޮސްފައިވާ ވޫލީ މެމަތު އަނބުރާ ގެންނަން ބަޔޯސައިންސް ކުންފުންޏަކުން ނިންމައިފި އެވެ.

ބަޔޯސައިންސް ކުންފުނި ކޮލޯސަލް އިން ވަނީ ހާވާޑް ޔުނިވާސިޓީގެ ޖެނެޓިސިސްޓަކާ އެކު މި މަސައްކަތް ކުރުމަށް ޕާޓްނާޝިޕް ހަދާފަ އެވެ. އެ ކުންފުނިން ބުނީ "ޑީ އެކްސްޓިންކްޝަން" މަސައްކަތުގެ ދަށުން ގެއްލުންވެފައިވާ ނުވަތަ އެއްކޮށް ނެތިގޮސްފައިވާ އިކޯސިސްޓަމްތައް އަނބުރާ ގެނެވިދާނެ ކަމަށެވެ. އެއީ މޫސުމީ ބަދަލު އައުން މަޑުޖައްސާލެވިދާނެ މަސައްކަތެއް ކަމަށް ވެސް އެ ކުންފުނިން ބުނެ އެވެ.

"ދުނިޔެއިން ނެތިގޮސްފައިވާ ޖަނަވާރުތައް އަލުން އާބާދުކޮށްގެން އިކޯސިސްޓަމްތައް އަލުން ބިނާކޮށް، ދުނިޔޭގެ މުސްތަގްބަލް ރައްތާކެރި ކުރުމަށް މީގެ ކުރިން ދުވަހަކު ވެސް މި ޓެކްނޮލޮޖީ ބޭނުންކޮށްފައެއް ނުވޭ،" ކޮލޯސަލްގެ ޗީފް އެގްޒެކްޓިވް އަދި ކޯފައުންޑަރު ބެން ލާމް ވިދާޅުވި އެވެ.

"ވޫލީ މެމަތު ފަދަ ނެތިގޮސްފައިވާ ބާވަތްތައް އަނބުރާ ގެނައުމުގެ އިތުރުން، މިހާރު ނެތިދިޔުމާ ގާތްވެފައިވާ ތަކެތި ރައްކާތެރިކޮށް، އިންސާނުންގެ އަމަލުތަކުގެ ސަބަބުން ދުނިޔެއިން ފޮހެވިގެން ގޮސްފައިވާ ދިރުންތައް މި ޓެކްނޮލޮޖީގެ އެހީގައި އަނބުރާ ގެނެވިދާނެ."

ވޫލީ މެމަތަކީ އާކްޓިކް ހިސާބުގައި މީގެ އަހަރުތަކެއް ކުރިން އުޅުނު ޖަނަވާރެކެވެ. އޭރު ދުނިޔޭގައި އުޅުނު އިންސާނުން ވަނީ އެ ތަކެތި ހިފައި އޭގެ މަސް ކައި އައި ދަތްތަކާއި ކަށިތަކުން އެކި އާލާތްތައް އުފައްދާފަ އެވެ.

ވޫލީ މެމަތު ދުނިޔެއިން ނެތިދިޔެއީ 4،000 އަހަރު ކުރިންނެވެ. މެމަތުގެ ހަށިގަނޑުގެ އެކި ބައިތައް ބިމުގެ އަޑިން ފެންނަތާ އަހަރުތަކެއް ވެއްޖެ އެވެ. އެގޮތުން ދަތާއި ކަށި އަދި އިސްތަށި ފަދަ ތަކެތީގެ އެހީގައި އެ ޖަނަވާރުގެ ޑީއެންއޭ ސީކުއެންސް ކުރެވޭތޯ ސައިންސްވެރިން ދަނީ މަސައްކަތް ކުރަމުންނެވެ.

ސައިންސްވެރިން ރައްކާކޮށްފައިވާ ވޫލީ މެމަތެއްގެ ކަށިގަނޑުގެ ބައިތައް.-- ފޮޓޯ: އޭއެފްޕީ


ކޮލޯސަލް އިން ބުނީ ވޫލީ މެމަތު އަނބުރާ ގެންނަނީ މިހާރު ތައްޔާރުކޮށްފައިވާ ޑީއެންއޭ އޭޝިއާގައި ދިރިއުޅޭ އެތްތަކުގެ ހަށިގަނޑަށް ލައިގެން "އެތާއި މެމަތުގެ ހައިބްރިޑް" ޖަނަވާރެއް އުފައްދައިގެން ކަމަށެވެ.

ކޮލޯސަލްގެ ވެބްސައިޓުގައި ބުނެފައިވާ ގޮތުން އޭޝިއާގައި އުޅޭ އެތާއި ވޫލީ މެމަތުގެ ޑީއެންއޭގައި 99.6 ޕަސެންޓު އެއް ގޮތް ސިފަތަކެއް ހުރެ އެވެ.

އެ ކުންފުނީގެ ކޯފައުންޑަރު ޖޯޖް ޗާޗްއަކީ މަޝްހޫރު ޖެނެޓިސްޓެއް އަދި ހާވާޑް މެޑިކަލް ސްކޫލުގެ ޖެނެޓިކްސް ޕްރޮފަސެރެކެވެ. އޭނާ މިހާރު ވެސް ދަނީ "ކްރިސްޕާރް" ފަދަ އާ އީޖާދީ ޓެކްނީކްތައް ބޭނުންކޮށްގެން ދިރުން ނެތިދިޔުން ހުއްޓުވޭނެ ގޮތްތައް ދިރާސާ ކުރަމުންނެވެ.

ވޫލީ މެމަތު ހިޖުރަ ކުރުމުގައި ގެންގުޅުނު އާދަތަކާއި މަގުތަކަކީ އާކްޓިކް ސަރަހައްދުގެ ތިމާވެއްޓަށް މުހިއްމު ކަމެއް ކަމަށް ސައިންސްވެރިން ބުނެފައި ވެ އެވެ.

އެހެންކަމުން ކޮލޯސަލް ކުންފުނިން ދެކޭ ގޮތުގައި ވޫލީ މެމަތު އަނބުރާ ގެނައުމަކީ މޫސުމީ ބަދަލު އައުން މަޑުޖައްސާލުމަށް އާކްޓިކް ސަރަހައްދުގެ އިކޯސިސްޓަމް އަލުން ބިނާކުރެވޭނެ ގޮތެކެވެ.

ކޮލޯސަލްގެ މަސައްކަތްތަކަށް ފަންޑު ކުރަނީ އިންވެސްޓަރުން ފޯރުކޮށްދީފައިވާ 15 މިލިއަން ޑޮލަރުންނާއި އިތުރު ގޮތްގޮތުންނެވެ. އެ ކުންފުނީގެ އެޑްވައިޒަރުންގެ ތެރޭގައި ބަޔޯއެތިކްސް އާއި ޖިނޯމިކްސްގެ އެންމެ ފުންނާބު އުސް ތަޖުރިބާކާރުން ހިމެނެ އެވެ.