Advertisement

ދިހަ އަހަރަށް ފަހު އިޒްރޭލުގެ ބޮޑު ވަޒީރަކު މިސްރަށް ވަޑައިގެންފި

14 ސެޕްޓެންބަރު 2021 - 10:01 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

އިޒްރޭލުގެ ބޮޑު ވަޒީރު ނަފްތާލީ ބެނެޓް (ވ) މިސްރުގެ ރައީސް އަބްދުލް ފައްތާހް އަލް ސިސީއާ އެކު. -- ފޮޓޯ: އޭއެފްޕީ


ދިހަ އަހަރަށް ފަހު އިޒްރޭލުގެ ބޮޑު ވަޒީރަކު މިސްރަށް ވަޑައިގެންފި

14 ސެޕްޓެންބަރު 2021 - 10:01 0

ގާހިރާ، މިސްރު (ސެޕްޓެމްބަރު 13) - ދިހަ އަހަރަށް ފަހު އިޒްރޭލުގެ ބޮޑު ވަޒީރަކު މިސްރަށް ވަޑައިގެން އެ ގައުމުގެ ރައީސްއާ ބައްދަލުކުރައްވައިފި އެވެ.

އިޒްރޭލުގެ ނަފްތާލީ ބެނެޓް އާއި މިސްރގެ އަބްދުލް ފައްތާހް އަލް ސިސީ ބައްދަލުކުރެއްވީ ރަތް ކަނޑުގެ ރިސޯޓު ޝަރަމުއްޝޭހުގައި ހޯމަ ދުވަހު އެވެ.

މިސްރު ސަރުކާރުގެ ތަރުޖަމާނު ބައްސާމް ރަދީ ވިދާޅުވީ ދެ ބޭފުޅުން މަޝްވަރާ ކުރެއްވީ މިސްރާއި އިޒްރޭލުގެ "ސުލްހައިގެ ޕްރޮސެސް" އަލުން ފެށުމަށް ކަމަށެވެ.

މިސްރަކީ އިޒްރޭލާއެކު ސުލްހައިގެ އެއްބަސްވުމެއްގައި ސޮއިކުރި ފުރަތަމަ އަރަބި ގައުމެވެ. އަހަރުތަކަކަށް ދެމިގެންދިޔަ ކޯޅުމަށް ފަހު އެ އެއްބަސްވުމުގައި ސޮއިކުރީ 1979 ގަ އެވެ.

މިދިޔަ މޭ މަހު އިޒްރޭލާއި ގާޒާގައި ވެރިކަން ކުރާ ހަމާސްއާ ދެމެދު ހަމަލާ ބަދަލުކުރުން ހުއްޓާލުމަށް ބާރު އެޅުމުގެ ގޮތުން މިސްރުން ބޮޑު ދައުރެއް އަދާކުރި އެވެ.

މިސްރަކީ ހަމާސްގެ ލީޑަރުންނާއި ހަމާސްއާ ވާދަވެރި، ހުޅަނގު އައްސޭރީގައި ވެރިކަން ކުރާ ފަލަސްތީން އޮތޯރިޓީ ސަރުކާރުގެ ވެރިންނާ ވެސް ގުޅުން ބާއްވާ ގައުމެކެވެ. އޭގެ އިތުރުން އިޒްރޭލާއެކު ވަރުގަދަ ޑިޕްލޮމެޓިކް، ސެކިއުރިޓީ އަދި އިގްތިސާދީ ގުޅުމެއް ވެސް މިސްރުން ގެންގުޅެ އެވެ.

އިޒްރޭލުގެ ފޮރިން މިނިސްޓަރު ޔެއާ ލެޕިދް މިދިޔަ އާދީއްތަ ދުވަހު ހުށަހެޅުއްވީ ހަމާސް އިން ގާޒާގައި ހަމަޖެހުން ގާއިމްކުރާ ނަމަ، އެ ތަނަށް ބޭނުންވާ އާ އިންފްރާސްޓަކްޗާ ބިނާކުރުމަށެވެ.

ނަމަވެސް އެކަން ހާސިލްކުރެވޭނީ މިސްރުގެ ބައިވެރިވުމާއި އެއްބާރުލުމާ އެކުގައި ކަމަށް އޭނާ ވިދާޅުވި އެވެ.

ބެނެޓް މިސްރަށް ވަޑައިގެންފައި ވާއިރު، މީގެ 10 ދުވަސް ކުރިން ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް ވެސް ވަނީ މިސްރަށް ވަޑައިގެން ސިސީއާ ބައްދަލުކުރައްވާފަ އެވެ.