Advertisement

"ދަރިފުޅު މަގުމަތިން ހުތުރު އަހުލާގު ދަސްކޮށްފާނެތީ ހާސްވޭ"

14 ސެޕްޓެންބަރު 2021 - 10:40 0

އާމިނަތު އިބްރާހިމް

އާމިނަތު އިބްރާހިމް


"ދަރިފުޅު މަގުމަތިން ހުތުރު އަހުލާގު ދަސްކޮށްފާނެތީ ހާސްވޭ"

14 ސެޕްޓެންބަރު 2021 - 10:40 0

އަހަރެމެންގެ ވެށީގައި ކަންބޮޑުވާ ގިނަ ކަންތައްތަކެއް އެބަ ހުއްޓެވެ. މަގުމަތީގެ އަހުލާގު ގެއްލި، ހިނގަން އޮންނަ މަގުތައް ތުއްތުކުދިންނަށް ނުރައްކާތެރި ތަންތަނަށް ވެއްޖެ އެވެ. ހުތުރު ބަސްމަގާއި ނުރަނގަޅު އަހުލާގުގެ ކުޅިސަމާ ދައްކާ ސިނަމާ ތަކަކަށް އެތަންތަން ބަދަލުވެއްޖެ އެވެ. އަހަރެމެންގެ ދަރިންނަށް ދެން އަލަކުން މި މަގުތައް ރައްކާތެރި ތަންތަނަކަށް ނުހެދޭނެ ހެއްޔެވެ؟ އަމާން ތަނަކަށް ނުހެދޭނެ ހެއްޔެވެ؟

"ގޭތެރޭން ކުދިންނަށް ނުއިއްވާ އަޑުތަކާއި މަންޒަރުތައް، އަހަރެން ބޭނުން ނުވާނެ ދޯ މަގުމަތިން އަހަރެންގެ ދަރިފުޅަށް އިއްވަން,"

އާމިނަތު ރަފްހާ (އަސްލު ނަމެއް ނޫން)، 27 އަށް އޭނާގެ ތިން އަހަރުވީ ތުއްތު ދަރިފުޅުގެ ފަރާތުން މިހާރު ދެތިން ދުވަހެއްގެ މަތިން އެވަރު ކުއްޖަކު ބުނަން ނުޖެހޭ ކަހަލަ ހަޑި ބަސްތަކެއް އިވިއްޖެ އެވެ. ތިން އަހަރާއި ދޮޅު އަހަރުގެ ދެކުދިން، އޭނާ އާއި ފިރިމީހާ ބަލަނީ ދެ މީހުން ގަޑި ބަހާލައިގެން އަމިއްލަ އަށެވެ. ގޭތެރޭގައި ކުދިންނަށް އިވޭ ވަރަށް ދިވެހި ލަވަ އާއި ފިލްމު ވެސް ނާޅުވަނީ އުމުރާއި ނުގުޅޭ މަންޒަރު ނުދެއްކުމަށެވެ. އެވަރުގެ ކުދިންނަށް އެނގެން ނުޖެހޭ ބަސްތައް ނީއްވުމަށެވެ.

"ފުރަތަމަ ދަރިފުޅަށް ބަނޑުބޮޑުވި ތަނާ ފިރިމީހާ ސިނގިރޭޓު ބުއިން ވެސް ހުއްޓާލައިފި. އެވެސް ކުދިންގެ މުސްތަގުބަލާ ދޭތެރޭގަ ވިސްނާފައި. އެކަމަކު ގެއިން ނިކުންނަ އިރު ގޭ ދޮށު ކަންމަތީގައި ސިނގިރޭޓު ރޯކޮށްލައިގެން ހުންނަ މީހާ ބުރުވާ ދުން ދަރިފުޅުގެ ނޭވާ އަށް ދަނީ. ކުރިމަތީ ހޮޓާ ކައިރީ ހުންނަ މީހާ އެތަނުން ދަނީ ބަލަހައްޓައިގެން ހުއްޓާ ދުވާރު މައްޗަށް ހައްޕުޑު ޖަހާފައި. އެހެންވީމަ އަހަރެމެން ދެމީހުން މި ކުރާ ކަމެއްގެ ބޭނުމެއް އަސްލު ނެތެއްނުން،" ރަފްހާ ބުންޏެވެ.

އޭނާގެ އެކްޓިވް އެންޒައިޓީ އާ އެކު، އެކަހަލަ ކަންކަމާ ވިސްނާ ވިސްނާ ގޮތް ހުސްވެ މާޔޫސް ވެއްޖެ އެވެ. ކުދިންނަށް މަގުތައް ރައްކާތެރި ނުވުމަކީ އެކުދިންނަށް ވެވޭ ބޮޑު ބޭ އިންސާފެއް ކަމަށް އޭނާ ދެކެ އެވެ.

މަގުމަތީގެ އަދަބުތަކަށް ބޯލަނބަން އުނދަގޫ ވަނީ ކީއްވެ؟

މަގުމަތިން ހިނގާފައި ދާއިރު އެހެން މީހުންނަށް ތަން ދީގެން ހިނގުމާއި، ފިހާރައިން ގަނެގެންދާ ކުނިކޮޅު މަގުމައްޗަށް ނޭޅުމާއި، ބަލި ފެތުރޭ ގޮތަށް މަގުމައްޗަށް ކުޅު ނުޖެހުމާއި، އާންމުންނަށް އުނދަގޫވާ ގޮތަށް ސިނގިރޭޓު ނުބުއިމާއި، މަގުމަތީގައި ބާރަށް ހުތުރު ބަސްމަގުން މުއާމަލާތު ނުކުރުން ފަދަ ކަންކަމަކީ ރަނގަޅު ކަންތައްތައް ކަން ނޭނގޭ މީހަކު ނުހުންނާނެ އެވެ. މިއީ ހަމައެކަނި ތިމާ ބޭނުންވާ ގޮތާމެދު ވިސްނުމުގެ ބަދަލުގައި އެހެން މީހުންގެ މަސްލަހަތާ މެދު ކުޑަކޮށް ވެސް ވިސްނާ ނަމަ، ކުރަން މާ އުނދަގޫ ކަންތައްތަކެއް ނޫނެވެ.

މަގުމަތީގެ އަދަބުތައް ހިފެހެއްޓޭނީ އެންމެ އެކު އެއަށް މަސައްކަތް ކޮށްގެންނެވެ. މިކަމަށް އިތުރު އެހެން ހައްލެއް ވެސް ވަކި ނޯންނާނެ އެވެ. މިއީ ގާނޫނަކުން، ގަވާއިދަކުން މަނާކޮށްގެން ހުއްޓޭނެ ކަންތައްތަކެއް ނޫނެވެ.

މަގުމަތީގެ އާދަތަކަށް އިހުތިރާމް ކުރަން ކުރެވިދާނެ ކަންތައްތައް

  • - މަގުމަތީގައި ސިނގިރޭޓު ނުބުއިން
  • - މަގުމައްޗަށް ކުޅު ނުޖެހުން
  • - މަގު މަތީގައި ގުރޫޕް ހަދައިގެން ނުތިބުމާއި ބާރަށް ހަޅޭއް ނުލެވުން
  • - މަގުމަތީގައި ހަޑި ބަސްތަކާއި އުމުރުފުރާތަކާ ނުގުޅޭ ބަސްމަގު ނުގެންގުޅުން
  • - މަގުމައްޗަށް ކުނި ނޭޅުން
  • - ހިނގާފައި އަންނަ މީހުންނަށް ތަންދިނުން، ނުވަތަ އަމިއްލަ އަށް މީހުން ބޯ މަގަކުން ހިނގާ އިރު ދަތި ވާނަމަ ރީތި ބަހުން ޖާގަ ދިނުމަށް ބުނުން.

މި ބުނެވުނު ކަންތައްތަކަށް އެކަނި ބޯލަނބައިގެން ވެސް މަގުތައް ކުޑަކުދިންނަށް އަމާން، ރައްކާތެރި ތަންތަނަށް ހަދާލެވޭނެ އެވެ.