Advertisement

ސުލްހައިގެ ކޮޅުމަތި ފެންނަން ނެތް ޔަމަނުގެ ހަތް އަހަރުވީ ހަނގުރާމަ!

14 ސެޕްޓެންބަރު 2021 - 10:10 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ޔަމަނު ހަނގުރާމައިގައި ގެދޮރު ގެއްލި ހާލުގައި ޖެހިފައިވާ އާއިލާއެއްގެ ކުއްޖެއް. ހަނގުރާމައާ ހެދި އުފެދިފައިވާ އިންސާނީ ކާރިސާގެ ސަބަބުން ބަނޑަށް ޖެހި އެންމެ ބޮޑު އަސަރެއް ކުރަމުން ދަނީ ކުޑަކުދިންނަށް. -- ފޮޓޯ: އޭއެފްޕީ


ސުލްހައިގެ ކޮޅުމަތި ފެންނަން ނެތް ޔަމަނުގެ ހަތް އަހަރުވީ ހަނގުރާމަ!

14 ސެޕްޓެންބަރު 2021 - 10:10 0

ސެޕްޓެމްބަރު 2014 ގައި ހޫތީ ހަނގުރާމަވެރިން ޔަމަނުގެ ވެރިރަށް ސަނާ ހިފުމާއެކު ފެށި ހަނގުރާމައަށް ހަތް އަހަރު ވެއްޖެ އެވެ. ކުރިން ވެސް ޔަމަނުގެ ރައްޔިތުން އުޅެމުން ދިޔައީ ވަރަށް ހާލުގަ އެވެ. މިހާރު އެ ގައުމުގައި އޮތީ ދުނިޔެއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އިންސާނީ ކާރިސާ އެވެ.

އިރާނުގެ އެހީއާ އެކު ހަނގުރާމަ ކުރާ ހޫތީންނާއި ސައުދީ އަރަބިއްޔާގެ އެހީއާ އެކު ހަރަކާތްތެރިވާ ފައުޖާ ދެމެދު ހަމަލާ ބަދަލުކުރުން ހުއްޓުވުމަށް ކުރި ޑިޕްލޮމެޓިކް މަސައްކަތްތަކުން ނަތީޖާއެއް ނުފެނުނެވެ. އެތައް މިލިއަން ބަޔަކު ބަނޑުހައި ހޫނުކަމުގެ ތެރެއަށް ވައްޓާލި ހަނގުރާމަ ނިމުމުގެ އުއްމީދެއް ނެތެވެ.

ތިރީގައި އެ ވަނީ ޔަމަނު ހަނގުރާމައާ ގުޅޭ ބައެއް މުހިއްމު ސުވާލުތަކާއި އޭގެ ޖަވާބެވެ.

ކުރީގައި އުޅެނީ ކޮން ބަޔެއް؟

ދިރާސާކުރާ މީހުން ބުނާ ގޮތުގައި މި ވަގުތު ކުރީގައި އުޅެނީ ހޫތީ ހަނގުރާމަވެރިންނެވެ.

ޔަމަނު ސަރުކާރުގެ ފަރާތުން އަސްކަރީ ކޯލިޝަން ހިންގުމުގައި 2015 ވަނަ އަހަރުން ފެށިގެން އިސްކޮށް އުޅެނީ ސައުދީ އަރަބިއްޔާ އެވެ. އެ ކޯލިޝަނުން ދިން ވައިގެ ހަމަލާތަކުގެ އެހީގައި ހަނގުރާމަވެރިން އަތް ދަށުގައި ހުރި ދެކުނުގެ ބިންތައް އަލުން ހިފުނެވެ. އެކަމަކު ޔަމަނުގެ ހުޅަނގާއި އުތުރުގެ ބޮޑު ބަޔެއް އަދިވެސް ކޮންޓްރޯލް ކުރަނީ ހޫތީންނެވެ.

ނަމަވެސް ފެންނަ ފެނުމަށް ހޫތީންގެ ބާރު ވަނީ ކުރިއަށް ވުރެ ވެސް ވަރުގަދަވެފަ އެވެ. އެގޮތުން ފައުޖުތަކާ ދެކޮޅަށް ބޮޑެތި ހަމަލާތައް ދެމުން، ބޯޑަރު ހުރަސްކޮށް ސައުދީ އަރަބިއްޔާގެ ޓާގެޓުތަކަށް ޑްރޯން ހަމަލާ ވެސް މިހާރު ދަނީ ފޮނުވަމުންނެވެ. ހޫތީންގެ ބެލިސްޓިކް މިސައިލާއި ޑްރޯންގެ ސްޓޮކް ހުސްނުވާ ކަހަލަ އެވެ.

ސައުދީ ކޯލިޝަނާއެކު ހަނގުރާމަ ކުރާ ސިފައިންތަކެއް. -- ފޮޓޯ: އޭއެފްޕީ


"ހަތް އަހަރަށް ފަހު މި ފެންނަނީ ހަނގުރާމައިގައި ބާރު އޮތް ފަޅި ވަރަށް ބޮޑަށް ބަދަލުވެގެންދާ މަންޒަރު. ހޫތީންނާ ދެކޮޅު ލީޑާޝިޕް މިހާރު އޮތީ ބައިބައިވެފައި،" ސަނާ ތިންކް ޓޭންކުގެ މާޖިދް އަލް މަދާޖީ ވިދާޅުވި އެވެ.

ހޫތީންގެ ބާރުގެ ދަށުގައިވާ ހިސާބުތަކުގައި ވެރިކަން ކުރަނީ ރައްޔިތުންގެ ހައްގުތަކަށް ބެލުމެއް ނެތި ހުދުމުހުތާރު ކަމާއެކު އެވެ. އެއާ ހިލާފަށް ޔަމަނު ސަރުކާރު ފަޅީގައި ހިމެނޭ ލީޑާޝިޕްގެ ތެރޭގައި ކޯޅުން ބޮޑެވެ. ރައްޔިތުންގެ އަސާސީ ބޭނުންތައް ފުއްދައި ނުދެވޭއިރު، ސަރުކާރު ފައުޖުގައި ހިމެނޭ ދެކުނު ސެޕެރޭޓިސްޓުން ދަނީ އެ މީހުންގެ ސިޔާސީ ރޯލު ބޮޑު ކުރުމަށް ޑިމާންޑުތައް ވެސް ކުރަމުންނެވެ.

އެންމެ ވަރުގަދަ ހަމަލާތައް ކުރިއަށް ދަނީ ކޮން ތަނެއްގައި؟

ފާއިތުވި މަސްތަކުގައި ބޮޑެތި ގެއްލުންތަކެއް ވި ނަމަވެސް، ހޫތީން އަނެއްކާވެސް އުޅެނީ މަރިބް ސިޓީ ހިފުމުގެ މަސައްކަތުގަ އެވެ. އެ ސިޓީއަކީ ޔަމަނުގެ އުތުރުގައި މިހާރު ސަރުކާރުގެ އަތް ދަށުގައި އޮތް ހަމައެކަނި ބޮޑު ސަރަހައްދެވެ.

މަރިބް ހިފުމުގެ ކެމްޕެއިން ހޫތީން އެންމެ ފުރަތަމަ ވަރުގަދަ ކުރީ މިދިޔަ ފެބްރުއަރީ މަހު އެވެ. އެ ފަހަރު އެތައް ސަތޭކަ ބަޔަކު މަރުވި އެވެ. ތެލުގެ މުއްސަނދިކަން ލިބިފައިވާ ޕްރޮވިންސެއްގައި ހިމެނޭ އެ ސިޓީގެ ކޮންޓްރޯލް ހޫތީންނަށް ލިބިއްޖެ ނަމަ، އދ. ގެ ސުލްހައިގެ މަޝްވަރާތަކުގައި ބޮޑެތި ޑިމާންޑުތައް ކުރުމުގެ ފުރުސަތު ފަހިވާނެ އެވެ.

އިންޓަނޭޝަނަލް ކްރައިސިސް ގްރޫޕުގެ ޕީޓާ ސޯލްސްބަރީ ވިދާޅުވި ގޮތުގައި ފާއިތުވި ހަތް އަހަރުގެ ތެރޭގައި ވަރަށް ގިނަ ކަންކަން ބަދަލުވެއްޖެ އެވެ.

"ވަރަށް އާދައިގެ އިދިކޮޅު ހަރަކާތަކުން ފެށި ހޫތީން މި ވަނީ ޔަމަނުގެ ވެރިރަށާއި 20 މިލިއަން މީހުން ދިރިއުޅޭ ބޮޑު ސަރަހައްދެއްގެ ވެރިކަން ކުރާ ބަޔަކަށް ވެފައި،" އޭނާ ވިދާޅުވި އެވެ.

މަރިބް ސިޓީއަށް ބޮން އަޅާފައި. -- ފޮޓޯ: އޭއެފްޕީ


ހޫތީންނަކީ ސަރުކާރާ އިދިކޮޅު ބަޔެއްގެ ގޮތުގައި ނިކުމެ، ގިނަ ސަރުކާރާ ދެކޮޅަށް ގިނަ ހަމަލާތަކެއް ހިންގުމުގެ ސަބަބުން ހަނގުރާމައިގެ މައިދާނަށް އާދަވެފައި ތިބި ބަޔެކެވެ. އެ މީހުން ވަނީ 2004 އިން 2010 އާ ހަމައަށް ޔަމަނު ސަރުކާރާ ދެކޮޅަށް ހަ ހަނގުރާމަ ކޮށްފަ އެވެ. އޭގެ އިތުރުން 2009 އާއި 2010 ގައި ޔަމަނާއި ސައުދީ އަރަބިއްޔާ ގުޅޭ ބޯޑަރުގައި ސައުދީ ފައުޖުތަކާ ދެކޮޅަށް ވެސް ހަނގުރާމަ ކުރި އެވެ.

"މަރިބް ހިފުމަށް ހަމަލާދޭހާ ހިނދަކު، ޔަމަނުގެ އެހެން ހިސާބުތަކުގައި ވެސް ހަނގުރާމަ ދާނީ ކުރިއަށް. އެއާއެކު މި ހާލަތު އިތުރަށް ގޯސްވަމުން ދާނެ،" މަދާޖީ ވިދާޅުވި އެވެ.

އދ. އިން ކުރަނީ ކޮން ކަމެއް؟

އދ. އިން ޔަމަނަށް ކަނޑައަޅާފައި ހުންނަ އާ ހާއްސަ މަންދޫބު ސްވިޑަންގެ ޑިޕްލޮމެޓް ހާންސް ގްރުންޑްބާގް މަސައްކަތް ފެށީ މި ހަފްތާގަ އެވެ. ކުރިން އެ މަގާމުގައި ހުރި މާޓިން ގްރިފިތްސް ވިދާޅުވެފައި ވަނީ ފާއިތުވި ތިން އަހަރު އޭނާ ކުރި މަސައްކަތުން ނަތީޖާއެއް ނުފެނުނު ކަމަށެވެ.

އޮކްސްފޯޑް ޔުނިވާސިޓީގެ ޕެމްބްރޯކް ކޮލެޖުގެ ރިސާޗަރު އެލިޒަބަތު ކެންޑަލް ވިދާޅުވީ އެންމެ ބޮޑު ގޮންޖެހުމަކީ ސުލްހައިގެ މަޝްވަރާތައް ފެށުމަށް ހޫތީން އެއްބަސްވާނެ ފޯމިއުލާއެއް ހޯދުން ކަމަށެވެ.

އދ. އާއި އެމެރިކާ އިން ބާރު އަޅަމުން ދަނީ ހަނގުރާމަ ހުއްޓާލުމަށެވެ. ނަމަވެސް ހޫތީން ބުނަމުން ދަނީ ސުލްހައާ ގުޅޭ މަޝްވަރާއަށް އިށީންނާނީ ވެސް ސަނާ އެއާޕޯޓު އަލުން ހުޅުވުމުން ކަމަށެވެ.

ސުލްހަ ގެނައުމަށް އެންމެ ފަހުން މަޝްވަރާ ކުރީ ސްވިޑަންގައި 2018 ވަނަ އަހަރު އެވެ. އެ ފަހަރު ހޫތީންނާއި ޔަމަނު ސަރުކާރުން އެއްބަސްވީ ގައިދީން ބަދަލުކޮށް، ހޮޑެއިޑާ ސިޓީގައި ހަނގުރާމަ ނުކުރުމަށެވެ. އެ ސިޓީގައިވާ ބަނދަރަކީ ޔަމަނުގެ މައި ލޭނާރެވެ.

ހޮޑެއިޑާގައި ހަނގުރާމަ ނުކުރަން އެއްބަސްވި ނަމަވެސް، އޭގެ ފަހުން އެ ސިޓީ ވަށައިގެންވާ ހިސާބުތަކުގައި ބޮޑެތި ލޭއޮހުރުވުންތަކެއް ވަނީ ހިންގާފަ އެވެ.

ސުލްހައިގެ އެއްވެސް އުއްމީދެއް އެބަ އޮތް ތަ؟

އަވަސް މުސްތަގްބަލެއްގައި ޔަމަނަށް ސުލްހަ ލިބޭނެ ކަމަށް ބެލުމުގެ ފުރުސަތު ކުޑަ އެވެ.

އދ. އިން ޔަމަނަށް ކަނޑައަޅާފައި ހުރި ކުރީގެ ހާއްސަ މަންދޫބް ގްރިފިތްސް އާއި އެމެރިކާ އިން ޔަމަނަށް ކަނޑައަޅާފައިވާ މަންދޫބު ވެސް ވަނީ ސުލްހަ ގެނެވޭތޯ ގިނަ ޑިޕްލޮމެޓިކް މަސައްކަތްތަކެއް ކޮށްފަ އެވެ.

"ލޯކަލް ފެންވަރެއްގައި ނުވަތަ ޔަމަނުގެ އެތެރޭގައި ސުލްހަ ގެންނަން މަސައްކަތެއް ނުކުރާ ނަމަ، ބައިނަލްއަގްވާމީ ގޮތުން ކުރާ މަސައްކަތެއްގެ ނަތީޖާއެއް ނުފެންނާނެ،" ކެންޑަލް ވިދާޅުވި އެވެ.

ހޫތީން ހަނގުރާމައިގެ ޖަރީމާ ހިންގާ ކުޑަކުއްޖެއްގެ އަތް ބުރިކޮށްލާފައި.-- ފޮޓޯ: އޭއެފްޕީ


މަދާޖީ ވެސް ވިދާޅުވީ ކައިރި މުސްތަގްބަލުގައި ޕޮޒިޓިވް ނަތީޖާއެއް ފެނިދާނެ ކަމުގެ އުއްމީދެއް ނެތް ކަމަށެވެ.

"ޔަމަނުގެ ހާލަތު މި އަހަރު އިތުރަށް ގޯސްވާނެ. ހަނގުރާމައިގައި އުޅޭ ދެ ފަޅީގެ ތެރެއިން އެއް ފަޅިއަށް ވެސް ކުރި ލިބޭހެން ހީވާނަމަ އަންނަ އަހަރު ވެސް ހާލަތު ދާނީ ގޯސްވަމުން،" އޭނާ ވިދާޅުވި އެވެ.

"ހަނގުރާމައިގައި ކުރީގައި އޮންނަ ފަޅިއަކީ އާއްމު ގޮތެއްގައި ސުލްހައާ ދިމާލަށް ދާން ބޭނުންވާނެއް ބަޔެއް ނޫން."