Advertisement

އަލީ ވަހީދަށް ކުރާ ތުހުމަތުތައް ގަބޫލުކުރަން ގާސިމަށް އުނދަގޫ

13 ސެޕްޓެންބަރު 2021 - 22:22 1

އަލީ ވަހީދާއި ގާސިމް: ތުހުމަތުތައް ގަބޫލުކުރަން އުނދަގޫ ކަމަށް ވިދާޅުވި


އަލީ ވަހީދަށް ކުރާ ތުހުމަތުތައް ގަބޫލުކުރަން ގާސިމަށް އުނދަގޫ

13 ސެޕްޓެންބަރު 2021 - 22:22 1

ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު, އެ މިނިސްޓްރީގެ މުވައްޒަފުންތަކަކަށް ޖިންސީ ފުރައްސާރަ ކޮށްފާނެ ކަމަށް ގަބޫލު ކުރަން އުނގަދޫ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

ގާސިމް މިހެން ވިދާޅުވިއިރު, އަލީ ވަހީދުގެ މައްޗަށް ޖިންސީ ފުރައްސަރައާ ގުޅޭ ހަތް ދައުވާއެއް ވަނީ އުފުލާފަ އެވެ. އަދި, އެ ދައުވާތަކުގެ ޝަރީއަތް ކުރިމިނަލް ކޯޓުގައި ކުރިއަށްދާއިރު, އޭނާ މިހާރު އުޅެނީ ކޯޓުތަކަށް ފިލައިގެން އިނގިރޭސިވިލާތުގަ އެވެ.

ސުޕްރީމް ކޯޓުގެ ހުރުމަތް ކެނޑި ކަމުގެ ކުށަށް ދެ މަހުގެ ޖަލު ހުކުމެއް ވެސް އޭނާގެ މައްޗަށް އެބަ އޮތެވެ.

ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި މިނިސްޓަރު ކަމުގައި ހުންނެވި އަލީ ވަހީދުގެ ދިފާއުގައި ވާހަކަ ދައްކަވަމުން މިއަދު ގާސިމް ވިދާޅުވީ, އަލީ ވަހީދު ވަނީ "ފްރޭމް" ކޮށްފައި ނޫން ކަމެއް ވެސް ނޭނގޭ ކަމަށެވެ. އަދި އޭނާ އެފަދަ ކަމެއް ކޮށްފާނެ ކަމަށް ގަބޫލު ކުރަން ދަތި ކަމަށެވެ.

އަލީ ވަހީދު އަދިވެސް ހުންނެވީ ޖުމްހޫރީ ޕާޓީގަ އެވެ. އެހާ ސީރިއަސް ތުހުމަތުތަކެއް އަމާޒުވާއިރު ވެސް ޕާޓީން ވަކިނުކުރާތީ ނޫސްވެރިން ސުވާލުތައް އަމާޒުކުރުމުން ގާސިމް ވިދާޅުވީ މީހުން ވަކި ކުރުމަކީ އޭނާ ކުރަން ޖެހޭ ކަމެއް ނޫން ކަމަށެވެ. އަދި, މިހާތަނަށް އޭނާގެ މައްޗަށް އެ ކުށްތައް ސާބިތުވެފައި ނެތްކަން ވެސް ފާހަގަ ކުރެއްވި އެވެ.

މީގެކުރިން ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސާއަށް ގެވެށި އަނިޔާގެ ތުހުމަތުތައް އަމާޒުވުމާއެކު, އޭނާގެ ވެސް ދިފާއުގައި ގާސިމް ވާހަކަ ދައްކަވާފައިވެ އެވެ. އެގޮތުން އަންހެނަކު ކޮންމެ ފަދަ ދޮގެއް ވެސް ހަދައިފާނެ ކަމަށް ވިދާޅުވެފައިވެ އެވެ.

ހަމައެހެން, އަލީ ވަހީދު ވެސް އެ ހުރީ ޕްރޭމްކޮށްފައި ނޫންބާވައޭ ބައެއް ފަހަރަށް ހިތަށް އަރާ ކަމަށް ގާސިމް މިއަދު ގިނަ ދުވަސްތަކަކަށްފަހު, ނޫސްވެރިންނާ ބައްދަލު ކުރައްވާ ވިދާޅުވި އެވެ.

ގާސިމް ވިދާޅުވި ގޮތުގައި, އަލީ ވަހީދުގެ މައްސަލަ ނިމިގެންދާއިރު އޭނާގެ ބޮލުގައި އެއްވެސް ކަހަލަ ޒިންމާއެއް އެޅުވިގެން ގޮސްދާނެ ކަމަކަށް ގަބޫލެއް ނުކުރެވެ އެވެ.

މުވައްޒަފުންތަކެއްގެ މައްސަލަ ފެންމަތިވުމުގެ ކުރިން ޓްރާސްޕޯޓް މިނިސްޓަރު އަދި ގާސިމްގެ އަނބިކަނބަލުން އައިޝަތު ނަހުލާއަށް ފުރައްސާރަ ކުރާ އަލީ ވަހީދުގެ އޯޑިއޯތަކެއް ވެސް ލީކްވި އެވެ. އެކަމާ ގުޅިގެން ވެސް އަލީ ވަހީދު ޕާޓީން ވަކިކުރަން އެ ޕާޓީގެ ބައެއް މެންބަރުން ގޮވާލިއިރު ވެސް ގާސިމް އެއްޗެއް ވިދާޅުވެފައެއް ނުވެ އެވެ.

އަލީ ވަހީދުގެ ދިފާއުގައި ގާސިމް ވާހަކަ ދައްކަވާފައިވާއިރު, މީގެކުރިން އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ އަލީ ވަހީދަށް ގިނަ ދައުވާތަކެއް ކުރުމުން ކަންބޮޑުވާކަން ހާމަ ކުރައްވާފަ އެވެ.

ވިސާގެ މައްސަލައެއްގައި އިނގިރޭސިވިލާތުގެ ފުލުހުންގެ ބެލުމުގެ ދަށަށް މިފަހުން ގެންދިޔަ އަލީ ވަހީދު ވަނީ ފްރޭމްކޮށްފައި ކަމަށް އޭނާގެ ވަކީލުން ވެސް ވަނީ ވިދާޅުވެފަ އެވެ. އެކަން ބެލުމަށް ވަކީލުން ގޮވާލާފައިވާއިރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ އެފަދަ ކަމެއް އަދި ފާހަގަ ކުރެވިފައިނުވާ ކަމަށް ވިދާޅުވެފަ އެވެ.

އަލީ ވަހީދު, އިއްޔެ ކުރި ޓްވީޓެއްގައި ވަނީ ކުރީގެ ރައީސް އަބްދުالله ޔާމީން ދިފާއު ކުރައްވައި ވާހަކަ ދައްކަވާފަ އެވެ.