Advertisement

ކޮވިޑް ވެކްސިންގެ ތިން ވަނަ ޑޯޒެއް ޖެހުމުގެ ބޭނުމެއް ނެތް

14 ސެޕްޓެންބަރު 2021 - 07:21 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ރާއްޖޭގައި މީހެއްގެ ގަޔަށް ކޮވިޑް ވެކްސިން ޖަހަނީ.-- ފޮޓޯ: ހުސެން ޝަޔާހް/ އަދަދު


ކޮވިޑް ވެކްސިންގެ ތިން ވަނަ ޑޯޒެއް ޖެހުމުގެ ބޭނުމެއް ނެތް

14 ސެޕްޓެންބަރު 2021 - 07:21 0

ޕެރިސް، ފްރާންސް (ސެޕްޓެމްބަރު 13) - ކޮވިޑް ވެކްސިން މިހާރު ދެމުންދާ ގޮތުން ބައްޔާ ދެކޮޅަށް ރަނގަޅު ރައްކާތެރިކަމެއް ލިބޭ ކަމަށާއި ބޫސްޓާއެއްގެ ގޮތުގައި ތިން ވަނަ ޑޯޒެއް ޖެހުމުގެ ބޭނުމެއް ނެތް ކަމަށް ދިރާސާއަކުން ދައްކައިފި އެވެ.

ބައެއް ގައުމުތަކުން މިހާރު ވެސް ދަނީ ވެކްސިން ތިން ވަނަ ޑޯޒެއް ދެމުންނެވެ. ވެކްސިން ޕްރޮގްރާމް ހިންގުމުގައި ކުރީގައި އުޅޭ އިޒްރޭލް ފަދަ ގައުމުތަކުން ތިން ވަނަ ޑޯޒް ދޭން ފެށީ ޑެލްޓާ ވޭރިއެންޓާ ހެދި ކޭސްތައް އިތުރުވަމުންދާ ކަމަށް ފާހަގަވުމުންނެވެ.

ނަމަވެސް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) ގެ ސައިންސްވެރިން ބައިވެރިވެގެން ހެދި ދިރާސާއަކުން ދައްކާ ގޮތުގައި ޑެލްޓާ ވޭރިއެންޓު ފެތުރުނު ނަމަވެސް "ބޫސްޓާ ޑޯޒެއް ދޭން ޖެހޭ ފަދަ ހާލަތެއް މެދުވެރިއެއް ނުވެ އެވެ."

ދިރާސާ ބިނާކޮށްފައި ވަނީ ކްލިނިކަލް ޓްރަޔަލްތަކާއި އޮބްޒަވޭޝަނަލް ސްޓަޑީތަކަށެވެ. ހުރިހާ ޓެސްޓަކުން ވެސް ހާމަވި ގޮތުގައި ވެކްސިން ޖެހުމުން ކޮވިޑް ބަލީގެ ސީރިއަސް އަލާމަތްތަކާ ދުރުކޮށްދެ އެވެ.

ޑެލްޓާ ވޭރިއެންޓު ހިމެނޭ ގޮތަށް، މައިގަނޑު ހުރިހާ ވޭރިއެންޓަކުން ބަލި ޖެހުނު ނަމަވެސް ވެކްސިނުން ރައްކާތެރިކަން ލިބެ އެވެ. ނަމަވެސް ވެކްސިން ޖަހާފައިވާ މީހަކަށް ވެސް ޑެލްޓާ ވޭރިއެންޓުން ކޮވިޑް ޖެހިއްޖެ ނަމަ، އަލާމާތްތައް ފެނުން އެކަށީގެންވެ އެވެ.

"ޖުމްލަ ގޮތެއްގައި ބަލާ ނަމަ، މިހާރު ހުރި ދިރާސާތަކުން އެނގޭ ގޮތުގައި ވެކްސިންގެ ދެ ޑޯޒް ޖަހާފައިވާ މީހަކަށް ކޮވިޑް ޖެހި ހާލު ސީރިއަސްވުމުގެ ފުރުސަތު ކުޑަ. އެހެންވީމާ ވެކްސިނުން ލިބޭ ރައްކާތެރިކަން ކުޑަވާ ކަމަށް ބެލެވޭނެ ހެއްކެއް ނެތް،" ދަ ލޭންސެޓް ޖާނަލްގައި ހޯމަ ދުވަހު ޝާއިއު ކުރި ދިރާސާ ރިޕޯޓު ލިޔުމުގައި ބައިވެރިވި ޑަބްލިއުއެޗްއޯގެ އެނާ މާރިއާ ހެނާއޯ ރެސްޓްރެޕޯ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މި ވަގުތު ބަލަންވީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވެކްސިން ނުލިބި ތިބި މީހުންނަށް ޑޯޒްތައް ފޯރުކޮށްދޭން ކަމަށެވެ.

"ވެކްސިނަށް އެންމެ ބޮޑަށް ބޭނުން ޖެހިފައިވާ ތަންތަނަށް ޑޯޒްތައް ލިބޭ ނަމަ، އާ ވޭރިއެންޓުތައް އުފެދުން ހުއްޓުވާ، ބަލިމަޑުކަން ނިމުމަކަށް ގެންނަން ކުރާ މަސައްކަތް ހަލުވި ކުރެވޭނެ،" އޭނާ ވިދާޅުވި އެވެ.

ފްރާންސްގައި މިހާރު ތިން ވަނަ ޑޯޒް ދެމުން ދަނީ އުމުރުން ދުވަސްވީ މީހުންނާއި ހަށިގަނޑުގެ ދިފާއީ ނިޒާމު ބަލިކަށި މީހުންނަށެވެ. އިޒްރޭލުގައި އުމުރުން 12 އަހަރުން މަތީގެ ކުދިންނަށް ވެސް ތިން ވަނަ ޑޯޒް މިހާރު ވަނީ ދޭން ފަށާފަ އެވެ. ތިން ވަނަ ޑޯޒް ދެނީ ވެކްސިން ފުރަތަމަ ދެ ޑޯޒް ހަމަކުރާތާ ފަސް މަސް ފަހުންނެވެ.

ދިރާސާގައި ބުނެފައި ވަނީ މިހާރު ފެތުރެމުންދާ ވޭރިއެންޓުތަކާ ދެކޮޅަށް މި ވަގުތު ލިބެން ހުރި ވެކްސިންތަކުން ރައްކާތެރިކަން ލިބޭ ކަމަށެވެ.

ކުރިމަގުގައި ވައިރަސް އިތުރަށް މިޔުޓޭޓްވެ، ވެކްސިނުން ލިބޭ ރައްކާތެރިކަން ކުޑަވާ ފަދަ ވޭރިއެންޓެއް އުފެދިއްޖެ ނަމަ، ތިން ވަނަ ޑޯޒެއް ޖެހުމުގެ ބަދަލުގައި އެ ވޭރިއެންޓަށް ހާއްސަ ވެކްސިނެއް އުފެއްދުން މާ ބުއްދިވެރި ކަމަށް ދިރާސާގައި ވެ އެވެ.

ޑަބްލިއުއެޗްއޯގެ ވެރިޔާ ޓެޑްރޯސް އަދަނޮމް ގައުމުތަކަށް ގޮވާލައްވާފައި ވަނީ މި އަހަރު ނިމުމުގެ ކުރިން ތިން ވަނަ ޑޯޒް ދޭން ނުފެށުމަށެވެ.

ޑަބްލިއުއެޗްއޯގެ އަމާޒަކީ ސެޕްޓެމްބަރު މަސް ނިމުމުގެ ކުރިން ދުނިޔޭގެ ކޮންމެ ގައުމަކުން ވެސް އާބާދީގެ 10 ޕަސެންޓަށް ވެކްސިން ދެވޭނެ ގޮތް ހެދުމެވެ. އަދި މި އަހަރު ނިމޭއިރު އެ އަދަދު 40 ޕަސެންޓަށް މަތި ކުރުމަށެވެ.

އަންނަ އަހަރުގެ މެދަކާ ހަމައަށް ދާއިރު ދުނިޔޭގެ އާބާދީގެ މަދުވެގެން 70 ޕަސެންޓު ވެކްސިން ފުރިހަމަ ކުރުމަށް ވެސް ޑަބްލިއުއެޗްއޯ އިން ދަނީ ބާރު އަޅަމުންނެވެ.