Advertisement

ގާސިމްގެ ހޫނު ހަމަލާތައް ނާޒިމާއި ރިޔާޒަށް: "10 މިލިއަން ހަރަދު ކުރިން"

13 ސެޕްޓެންބަރު 2021 - 21:51 0

ގާސިމް އިބްރާހިމް: ނާޒިމާއި ރިޔާޒަށް ހޫނު ހަމަލާތަކެއް އަމާޒު ކުރެއްވި - ފޮޓޯ: ހުސެއިން ޝަޔާހު / އަދަދު


ގާސިމްގެ ހޫނު ހަމަލާތައް ނާޒިމާއި ރިޔާޒަށް: "10 މިލިއަން ހަރަދު ކުރިން"

13 ސެޕްޓެންބަރު 2021 - 21:51 0

ޖުމްހޫރީ ޕާޓީގެ ޓިކެޓްގައި ރައްޔިތުންގެ މަޖިލީހަށް މުހައްމަދު ނާޒިމާއި އަބްދުالله ރިޔާޒު އިންތިހާބުކުރުމަށް ކޮންމެ ބޭފުޅެއްގެ ކެމްޕެއިނަށް ފަސް މިލިއަން ރުފިޔާ ހަރަދު ކުރެއްވި ކަމަށް އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިއަދު ހާމަ ކުރައްވައިފި އެވެ.

ދަނގެތީ ދާއިރާގެ މެންބަރު ނާޒިމް އަދި ތިމަރަފުށި ދާއިރާގެ މެންބަރު ރިޔާޒު މިހާރު ވަނީ ޖުމްހޫރީ ޕާޓީން ވަކިވެވަޑައިގެން, އާ ޕާޓީއެއް އުފައްދަވާފަ އެވެ. އެމްއެންޕީގެ ނަމުގައި އެ ޕާޓީގެ މަސައްކަތްތައް ވަރުގަދަ ކުރައްވަން ދެ ބޭފުޅުން މަސައްކަތް ކުރައްވާއިރު, އެއީ ތިންވަނަ ފިކުރަށް ވެގެންދާނެ ކަމަށް ވަނީ ވިދާޅުވެފަ އެވެ.

އަދި, ޖުމްހޫރީ ޕާޓީން ވަކިވެ, އާ ޕާޓީއެއް އުފައްދަން ޖެހުނީ ޖުމްހޫރީ ޕާޓީއަކީ ނިދާފައި އޮތް ޕާޓީއަކަށްވެފައި, އެ ޕާޓީން ކުރިއެރުމެއް ނުލިބޭނެތީ ކަމަށް ނާޒިމް ވަނީ ވިދާޅުވެފަ އެވެ. ނާޒިމް އިސްކޮށް ހުންނަވައި, އެމްއެންޕީގެ މަސައްކަތް ފެށި ފަހުން ޖުމްހޫރީ ޕާޓީގެ ސިޔާސީ ހަރަކާތްތައް ވެސް ވަނީ ފަށާފަ އެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމާއި އެ ޕާޓީގެ އެހެން މެންބަރުންގެ ފާޑުކިޔުންތައް މިހާރު އަމާޒުކޮށްފައިވަނީ ނާޒިމާއި ރިޔާޒަށެވެ.

އެ ދެ ބޭފުޅުންނަށް އަމާޒުކޮށް, ގާސިމް މިއަދު ވަނީ ކުނޫޒުގައި ނޫސްވެރިންގެ ބައްދަލުވުމެއް ވެސް ބާއްވާފަ އެވެ. އެ ބައްދަލުވުމުގައި ގާސިމްގެ ފަރާތުން ފެނިގެން ދިޔައީ, ނާޒިމާއި ރިޔާޒުގެ ފަރާތުން ފެންނަ މަންޒަރުތަކުން އޭނާއަށް ކޮށްފައިވާ އަސަރެވެ. ވަރަށް ޖަޒުބާތުގައި ގާސިމް ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ދިޔަ އެވެ.

ނަމަވެސް, ގާސިމް ވިދާޅުވީ ނާޒިމާއި ރިޔާޒު ޖުމްހޫރީ ޕާޓީން ވަކިވުމަކުން އެކަމާ ނުވިސްނާ ކަމަށެވެ. އެކަމާ "ޗޭނުވާ" ކަމަށް ވިދާޅުވި އެވެ. ނަމަވެސް, ނާޒިމާއި ރިޔާޒަށް ވަރަށް ބޮޑު ހަރަދެއް ކޮށްފައިވާނެ ކަމަށާއި އެހެންކަމުން އެ ދެ ބޭފުޅުން ލަދުގަންނަން ޖެހޭނެ ކަމަށް ގާސިމް ވިދާޅުވި އެވެ.

ގާސިމް ވިދާޅުވި ގޮތުގައި, ނާޒިމާއި ރިޔާޒަށް ވެސް މަޖިލީހުގެ ގޮނޑި ކާމިޔާބު ކުރެވުނީ އޭނާގެ ޖީބުން ހަތަރު, ފަސް މިލިއަން ރުފިޔާ ކޮންމެ މީހަކަށް ހަރަދުކޮށްގެންނެވެ. އަދި, ކެމްޕެއިން ދަތުރުތައް ވެސް ކުރެއްވީ ގާސިމްގެ އަމިއްލަ ލޯންޗުތަކުގައި ކަމަށް ވިދާޅުވި އެވެ.

ގާސިމް ވިދާޅުވި ގޮތުގައި, ކެމްޕެއިނަށް ހަރަދުކުރި ފައިސާ އަނބުރާ ދެއްކުމަށްފަހު, އެހެން ޕާޓީއެއް ހަދަން ވަޑައިގެންނެވިނަމަ, ޖުމްހޫރީ ޕާޓީއަށް ކުރިއަށް ހުރި ކަންކަމަށް ފަސޭހަވީހެވެ.

"މަޖިލީހުގެ ދެ ދާއިރާއަށް އެ ބޭފުޅުން ހޮވުނީ އަމިއްލަ ނަމުގައިތޯ, އެއީ އަމިއްލަ އެދުމުން ފޯވެފައި ތިބި ގޮތެއް ނެތް ބައެއް," ގާސިމް, އޭނާގެ ރުޅި ހާމަ ކުރެއްވި އެވެ.

ގާސިމް ސިފަ ކުރެއްވި ގޮތުގައި, ނާޒިމާއި ރިޔާޒު ކޮނޑަށް ލައިގެން ރަނގަޅަށް ކަންތައްތައް ކޮށްދިނުމުން, އޭގެ ބަދަލުގައި އޭނާގެ ގައިގާ "ލެނޑީ" އެވެ.

ރިޔާޒު, ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގެންނެވީ ކޮމިޝަނާ އޮފް ޕޮލިސް ކަމުން ވަކިވެވަޑައިގަތުމަށްފަހު އެވެ. އޭގެފަހުން މިދިޔަ މަޖިލީހުގައި ޖުމްހޫރީ ޕާޓީގެ ޓިކެޓްގައި ކިނބިދޫ ދާއިރާގެ މެންބަރުކަން ކުރެއްވި އެވެ. ނާޒިމް ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގެންނެވީ ޖަލު ހުކުމުން ސަލާމަތްވުމަށްފަހު އެވެ. އޭނާ އެ ޕާޓީއާ ގުޅިވަޑައިގެންނެވީ ގާސިމްގެ އެޑްވައިޒަރެއްގެ ގޮތުގަ އެވެ.

ގާސިމް ވަނީ ޖުމްހޫރީ ޕާޓީއަކީ ނިދާފައި އޮތް ޕާޓީއެއް ކަމަށް ނާޒިމް ވިދާޅުވެފައިވާތީ, އެކަމަށް ވެސް ރައްދު ދެއްވާފަ އެވެ. އޭނާ ވިދާޅުވި ގޮތުގައި ނިދައި, މަސްތުގައި ގޮސް ޣަރަގުވެ ހުސްވެފައި ތިއްބެވީ އެ ބޭފުޅުންނެވެ. ޖުމްހޫރީ ޕާޓީ ހަރަކާތްތެރި އެވެ.

ޖުމްހޫރީ ޕާޓީން ކޮވިޑްގެ އަހަރު ތެރޭ ވެސް ގިނަ ހަރަކާތްތަކެއް ބޭއްވިކަން ފާހަގަ ކުރައްވަމުން ގާސިމް ވިދާޅުވީ އެ ގިނަ ހަރަކާތްތަކަށް ނާޒިމާއި ރިޔާޒު ވަޑައިނުގަންނަވާ ކަމަށެވެ. އެގޮތުން ކައުންސިލް 12 ބައްދަލުވުމެއް މިދިޔަ ދެ އަހަރު ތެރޭ އޮތްއިރު ވަޑައިގެންނެވީ އެންމެ ބައްދަލުވުމަކަށް ކަމަށް ވިދާޅުވި އެވެ. އަލަށް ޕާޓީއަށް މެންބަރުން ގުޅޭ ޖަލްސާތަކަށް ވެސް ވަޑައިނުގަންނަވާ ކަމަށެވެ.

ޕީޕީއެމްގައި އިސްކޮށް އުޅެ, މަޖިލީހުގެ އިންތިހާބުގައި ނާކާމިޔާބުވީ ބައެއް ކުރީގެ މެންބަރުން ޖުމްހޫރީ ޕާޓީއާ ގުޅުމަށް ބޭއްވި ޖަލްސާތަކަށް ނާޒިމާއި ރިޔާޒު ވަޑައިގެންފައެއް ނުވެ އެވެ. އަދި އެ ބޭފުޅުން ޖުމްހޫރީ ޕާޓީއާ ގުޅުމުން ހިތްހަމަނުޖެހުން ވެސް ފާޅުކުރެއްވި އެވެ.

ގާސިމް މިއަދު ވިދާޅުވި ގޮތުގައި, ޖުމްހޫރީ ޕާޓީއަށް ގިނަ ފަހަރު އޮންނަން ޖެހެނީ ނިދާފަ އެވެ. އެއީ, ސަރުކާރަށް ފާޑުކިޔައިފިނަމަ އޭގެ އަނިޔާ އޭނާއަށް އަމާޒުވާތީ އެވެ. އެެހެންވެ, މުދަލާއި އަނބިދަރިންނަށް ވެސް ބަލަން ޖެހޭ ކަމަށް ގާސިމް ވިދާޅުވި އެވެ.

ގާސިމްގެ ވިލާ ކުންފުނީގެ ރިސޯޓްތަކާއި އެއާޕޯޓްގެ މައްސަލަ ގިނައިން ކޯޓުތަކަށް ހުށަހަޅަ އެވެ. އަދި, މިދިޔަ ސަރުކާރުގައި ގާސިމްގެ އިތުރުން އޭނާގެ ދޮށީ ފިރިހެން ދަރިފުޅު ސިޔާދު ގާސިމް ވެސް ހައްޔަރުކޮށް ޖަލަށްލާފައިވެ އެވެ.