Advertisement

އެމްޓީސީސީގެ ބަހާއި ފެރީ ދަތުރުތަކަށް ޑިޖިޓަލް ޕޭމަންޓު ތައާރަފުކުރަނީ

13 ސެޕްޓެންބަރު 2021 - 15:16 0

އަމަން ހަލީމް

އަމަން ހަލީމް

ޑިޖިޓަލް ޕޭމަންޓު ތައާރަފުކުރުމާ ގުޅޭ އެމްއޯޔޫގައި އެމްޓީސީސީގެ އެމްޑީ އާދަމް އާޒިމް އަދި ބީއެމްއެލްގެ ސީއީއޯ ޓިމް ސޯޔާ: މި ހިދުމަތް ފޯރުކޮށްދެނީ މާސްޓާކާޑުގެ ނިޒާމެއް ބޭނުންކޮށްގެން. -- ފޮޓޯ: އެމްޓީސީސީ


އެމްޓީސީސީގެ ބަހާއި ފެރީ ދަތުރުތަކަށް ޑިޖިޓަލް ޕޭމަންޓު ތައާރަފުކުރަނީ

13 ސެޕްޓެންބަރު 2021 - 15:16 0

އެމްޓީސީސީން ފޯރުކޮށްދޭ ޕަބްލިކް ޓްރާންސްޕޯޓު ހިދުމަތަށް ޑިޖިޓަލް ޕޭމަންޓުތައް ތައާރަފުކުރަން ބީއެމްއެލްއާ އެކު މިއަދު އެއްބަސްވެއްޖެ އެވެ.

އެމްޓީސީސީއާ ބީއެމްއެލްއާ ދެމެދު މިއަދު ސޮއިކުރެވުނު އެމްއޯޔޫގެ ދަށުން، އިންޓެގްރޭޓަޑް ޓްރާންސްޕޯޓް މެނޭޖްމަންޓު އަދި އޮޓޮމެޓިކް ފެއާ ކަލެކްޝަން ސިސްޓަމެއް ޕަބްލިކް ޓްރާންސްޕޯޓު ހިދުމަތުގައި ބޭނުންކުރަން ފަށާނެ އެވެ.

މި ހިދުމަތް ބީއެމްއެލްއިން ފޯރުކޮށްދެނީ މާސްޓާކާޑުގެ "ސްމާޓް ސިޓީސް" އިނީޝިއޭޓިވްގެ ދަށުންނެވެ. އަދި މި ހިދުމަތުގެ ބޭނުންކުރަން ފެށުމުން، ފެރީ ނޫނީ ބަހުގެ ހިދުމަތަށް ފައިސާ ދައްކަން ކާޑު ނުވަތަ ޑިޖިޓަލް ޕޭ ވަސީލަތްތައް ބޭނުންކުރެވޭނެ މަގުފަހި ވެގެން ދާނެ އެވެ.

ފެރީ އަދި ބަސް ނެޓްވާކަށް ޑިޖިޓަލް ޕޭމަންޓު ބަލައިގަންނަން ފެށުމާ ގުޅިގެން އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް ވިދާޅުވީ، ބީއެމްއެލްއާ މާސްޓާކާޑާ ގުޅިގެން ފޯރުކޮށްދޭ މި ހިދުމަތުގެ ސަބަބުން ކަސްޓަމަރުންނަށް އިތުރު ލުއިތަކެއް ލިބިގެން ދާނެ ކަމަށެވެ. އަދި މިކަމާ ވިދިގެން އެމްޓީސީސީން ހިދުމަތް ފޯރުކޮށްދޭން ހިނގާ ހަރަދު ކުޑަކުރެވޭނެ ކަން ފާހަގަކުރެއްވި އެވެ.

ބީއެމްއެލްގެ ސީއީއޯ ޓިމް ސޯޔާ ވެސް ވިދާޅުވީ، ބޭންކުން އަބަދުވެސް ވިސްނަނީ ކަސްޓަމަރުން ބޭނުންވާ އަދި އުއްމީދުކުރާ ފެންވަރުގެ ހިދުމަތްތަކަށް އިންވެސްޓް ކުރަން ކަމަށެވެ. އަދި އެމްޓީސީސީއާ މާސްޓާކާޑާ ގުޅިގެން ބީއެމްއެލްގެ ކާޑުތަކާއި ޕޭމަންޓު ހިދުމަތްތައް ބޭނުންކުރެވެން ފެށުމަކީ ލިބޭ އުފަލެއް ކަމަށް ވިދާޅުވި އެވެ.

މި މަޝްރޫއުގައި އެމްޓީސީސީ އަދި ބީއެމްއެލްއާ ގުޅިގެން މަސައްކަތްކުރާ މާސްޓާކާޑަކީ ޕޭމަންޓު ޓެކްނޮލޮޖީގައި ފުންނާބު އުސް ކުންފުންޏެކެވެ. އަދި އެ ކުންފުނިން ބޭނުންކުރާ އޯޕަން-ލޫޕް "މާސްޓާކާޑް ޓްރާންސިޓް ސޮލިއުޝަންސް ސިސްޓަމް"އަކީ ދުނިޔޭގައި ނަން މަޝްހޫރު، އަދި ގިނަ ބަޔަކު ބޭނުންކުރާ ހިދުމަތެކެވެ.

މާސްޓާކާޑުގެ މި ހިދުމަތާ ގުޅިގެން ސްރީލަންކާ އަދި ރާއްޖޭގެ ކަންޓްރީ މެނޭޖަރު، ރާޖޭޝް މާނީ ވިދާޅުވީ މިހާރުވެސް ދުނިޔޭގެ 150 ސިޓީއެއްގައި މި ހިދުމަތް ބޭނުންކުރަމުން އަންނަ ކަމަށެވެ. އަދި މީގެ ސަބަބުން ކަސްޓަމަރުންނަށް ފަސޭހަވެ، ހިދުމަތް ދިނުމުގެ ހަރަދުތައް ކުޑަކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އޭގެ އިތުރުން، އެ ކުންފުނީގެ ތަޖުރިބާގެ އަލީގައި ދިވެހި ސަރުކާރުގެ ޑިޖިޓައިޒޭޝަން ސިޔާސަތުތައް ހާސިލުކުރަން ކުރާ މަސައްކަތުގައި ބައިވެރިވެވޭތީ ފަހުރުވެރިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.