Advertisement

ވަޒީފާއިން ވަކިކުރި 19 މީހަކަށް 6.8 މިލިއަން ރުފިޔާގެ ބަދަލު ނަގައިދިނިން: ރައީސް އޮފީސް

13 ސެޕްޓެންބަރު 2021 - 13:46 0

އަހުމަދު ސާއިލް އަލީ

އަހުމަދު ސާއިލް އަލީ

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް: ނުހައްގުން ވަޒީފާއިން ވަކިކުރި 19 މީހަކަށް ވަނީ ބަދަލު ނަގައިދީފައި-- ފޮޓޯ: ރައީސް އޮފީސް


ވަޒީފާއިން ވަކިކުރި 19 މީހަކަށް 6.8 މިލިއަން ރުފިޔާގެ ބަދަލު ނަގައިދިނިން: ރައީސް އޮފީސް

13 ސެޕްޓެންބަރު 2021 - 13:46 0

ސަރުކާރުން ބަދަލު ދިނުމަށް އުފެއްދި ސެޓްލްމެންޓް ކޮމިޓީން ނޫމަޑީގެ އިތުރުން ދެން ބަދަލު ނަގައިދީފައި ވަނީ ނުހައްގުން ވަޒީފާ ގެއްލުނު 19 މީހަކަށް ކަމަށާއި އެ މީހުންނަށް ބަދަލުގެ ގޮތުގައި 6.8 މިލިއަން ރުފިޔާ ދީފައިވާ ކަމަށް ރައީސް އޮފީހުން މިއަދު ބުނެފި އެވެ.

ދައުލަތާ ދެކޮޅަށް ކޯޓަށް ނުވަތަ އާބިޓްރޭޝަނަށް ހުށަހެޅިފައިވާ މައްސަލަތަކުގެ ތެރެއިން މާލީ ގޮތުން ދައުލަތުން ބޮޑު ބުރައެއް އުފުލަންޖެހުމުގެ ފުރުސަތު އޮތް މައްސަލަތައް ކޯޓުން ބޭރުގައި ހައްލުކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލަފާ ދިނުމަށް ސެލްޓްމެންޓް ކޮމިޓީ އުފެއްދީ 27 ޖަނަވަރީ 2019 ގަ އެވެ.

މި ކޮމިޓީގައި ހިމެނެނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި، އެޓާނީ ޖެނެރަލްގެ އޮފީހާއި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްއާއި މިނިސްޓްރީ އޮފް ފިނޭންސް އަދި އެ މައްސަލައަކާގުޅޭ މިނިސްޓްރީއެކެވެ. މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 15 ގައި އެ ކޮމެޓީ ވަނީ އުވާލައިފަ އެވެ.

ރައީސް އޮފީހުން ބުނީ ކޮމިޓީން ބަލަމުން ގެންދިޔަ މައްސަލަތަކުގެ ތެރެއިން، ގެއްލުމުގެ ބަދަލުގެ ގޮތުގައި ސަރުކާރުން ފައިސާ ދައްކައިގެން ހައްލުކޮށްފައިވާ ހަމައެކަނި މައްސަލައަކީ، ނޫމަޑި ރިސޯޓްސް އެންޑް ރެސިޑެންސަސް އޭޖީ (ނޫމަޑި) އިން ދިވެހި ސަރުކާރުގެ މައްޗަށް ރައްދުވާ ގޮތަށް ޕާމަނަންޓް ކޯޓް އޮފް އާބިޓްރޭޝަނަށް ހުށަހެޅި ދެ މައްސަލައެއް ކަމަށެވެ.

އެ މީހުން ހުށަހެޅި ބަދަލުގެ ގޮތުގައި 155,000,000 މިލިއަން ރުފިޔާ ނަގައި ދިނުމަށެވެ.

ރައީސް އޮފީހުން ބުނީ ނޫމަޑި މައްސަލައާ ގުޅިގެން ދިވެހި ސަރުކާރަށް ރާއްޖެއިން ބޭރުގެ ގާނޫނީ މާހިރުންގެ ފަރާތުން ލިބުނު ލަފަޔަށް ބަލައި، ކުރީގެ ސަރުކާރުން އަމަލުކޮށްފައިވާ ގޮތުން ސަރުކާރުން އަދާކުރަންޖެހޭ އިލްތިޒާމްތައް އެއްބަސްވުންތަކާ އެއްގޮތަށް ފުރިހަމަކޮށްފައިނުވާތީ އާއި ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ދިވެހި ސަރުކާރާ ދެކޮޅަށް ނޫމަޑީގެ ހެކިވެރިއަކަށްވެ ހެކިބަސްދީފައިވާތީ، މި މައްސަލާގައި އާބިޓްރޭޝަނުން ގޮތެއް ކަނޑައަޅައިފިނަމަ، މާލީ ގޮތުން ދިވެހި ދައުލަތަށް ބޮޑު ބުރައެއް އުފުލަންޖެހުމުގެ ފުރުސަތު އޮތް ކަމަށެވެ.

އެހެންވެ ދިވެހި ސަރުކާރުގެ ފަރާތުން ނޫމަޑިއަށް 'ފުލް އަދި ފައިނަލް ސެޓްލްމަންޓުގެ' ގޮތުގައި 55,000,000 ޑޮލަރު ދިނުމަށް 25 އޮގަސްޓު 2019 ގައި އެއްބަސްވި އެވެ.

އޭގެ އިތުރުން އެ ކޮމެޓީން ދެން ކޯޓުން ބޭރުގައި ހައްލު ކުރީ ކުރީގެ ސަރުކާރުން ވަޒީފާއިން ވަކިކޮށްފައިވާ 19 މައްސަލައެއް ކަމަށް ރައީސް އޮފީހުން ބުނެ އެވެ. އެ މައްސަލަތައް ހައްލު ކުރީ ދައުލަތަށް ރައްދުވާ ގޮތަށް އިތުރު ދައުވާއެއް ނުކުރުމަށް އިގުރާރުވެ އެއްބަސްވުމެއް ހަދައިގެންނެވެ.

މި މައްސަލަތައް ރައްދު ވަނީ ވަޒީފާއާ ބެހޭ ޓްރައިބިއުނަލް އާއި ސިފައިންނާއި ފުލުހުންނާއި ކަރެކްޝަނަލް އާއި ކާޑެއްދޫ އެއާޕޯޓަށެވެ.

މައްސަލަތަކުގައި، ދައުވާކުރާ ފަރާތްތަކުން އެދިފައިވަނީ، ވަޒީފާއިން ވަކިކުރި ދުވަހުން ފެށިގެން ވަޒީފާ ލިބޭ ދުވަހާ ހަމަޔަށް މުސާރައާއި އިނާޔަތްތައް ނަގައި ދިނުމަށެވެ.

ސިވިލް ކޯޓުގެ އަދި ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ޑިސްޕިއުޓް މަރުހަލާގައި މި މައްސަލަތައް ހައްލުކޮށް އެ ފަރާތްތަކަށް ދިނުމަށް ދައުލަތުން ހުށަހަޅައި އެއްބަސްވި އަދަދަކީ ޝަރުއީ މަރުހަލާއިން ގެއްލުމުގެ ބަދަލުގެ ގޮތުގައި ނަގައިދިނުމުގެ ފުރުސަތު އޮތް މިންވަރަށް ވުރެ ވަރަށް ބޮޑުތަނުން ކުޑަ މިންވަރެއް ކަމަށް ރައީސް އޮފީހުން ބުނެ އެވެ.

ކޯޓަކުން ކުރާ ހުކުމެއްގައި ފައިސާ ދެއްކުމަށް އަންގާ މުއްދަތަކީ، ކޯޓުން ކަނޑައަޅާ މުއްދަތެއް ކަމުގައިވާއިރު، މި ފައިސާ ދައްކާ ހަލާސް ކުރުމަށް ދައުލަތުން އެއްބަސްވެފައިވާ މުއްދަތުތަކަކީވެސް ދައުލަތަށް ބުރަ ބޮޑު ނުވާނޭ ގޮތަކަށް އެއްބަސްވެފައިވާ މުއްދަތުތެއް ކަމަށް ރައީސް އޮފީހުން ބުނެ އެވެ.