Advertisement

ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ ގައުމަކަށް އިންޑިއާ

13 ސެޕްޓެންބަރު 2021 - 18:42 1

އުދުމާ މަހްމޫދް

އުދުމާ މަހްމޫދް

ހުޅުމާލެ އަތިރިމަތީގައި ފަތުރުވެރިންތަކެއް: މި ދުވަސްކޮޅު މާލެ ސަރަހައްދުގެ ގިނަ ގެސްޓްހައުސްތަކަށް އަންނަނީ ދެކުނު އޭޝިއާއިން ކަރަންޓީނު ފުރިހަމަކުރަން އަންނަ ފަތުރުވެރިން. -- ފޮޓޯ: ހުސެއިން ޝަޔާހު/އަދަދު


ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ ގައުމަކަށް އިންޑިއާ

13 ސެޕްޓެންބަރު 2021 - 18:42 1

ރާއްޖެއަށް ފަތުރުވެރިން އަންނަ ގައުމުތަކުގެ ލިސްޓުގެ އެންމެ ކުރިއަށް އަވައްޓެރި އިންޑިއާ ޖެހިލައިފި އެވެ.

އަހަރު ފެށުނުއިރު ރާއްޖެއަށް އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން އަންނަމުން ދިޔަ އިންޑިއާއަށް ލިސްޓުގެ އެއް ވަނަ މަގާމު ގެއްލިގެން ދިޔައީ ދެކުނު އޭޝިއާ ގައުމަތަކަށް ބޯޑަރު ބަންދުކުރި ހިސާބުންނެވެ.

މި ގައުމުތަކުން މީހުން އައުން މަނާކުރީ ކޮވިޑުގެ ހާލަތު ގޯސްވުމާ ގުޅިގެންނެވެ. މި ފިޔަވަޅުތައް އުވާލީ ޖުލައި 15 ގަ އެވެ. އަދި އެއާ ގުޅިގެން އިންޑިއާއިން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވި އެވެ.

އެގޮތުން ޓޫރިޒަމް މިނިސްޓްރީން އެންމެ ފަހުން އާންމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން ސެޕްޓެމްބަރު ނުވަ ވަނަ ދުވަހުގެ ނިޔަލަށް 172,104 އިންޑިއާ ފަތުރުވެރިން ވަނީ ރާއްޖެ އައިސްފަ އެވެ. މިއީ މިއަހަރުގެ މިހާތަނަށް ރާއްޖެ އައިސްފައިވާ ފަތުރުވެރިންގެ 21.8 އިންސައްތަ އެވެ.

މި ލިސްޓުގެ ދެ ވަނައިގައި އޮތީ ރަޝިއާ އެވެ. އެ ގައުމުން 162,801 ފަތުރުވެރިން ރާއްޖެ އައިސްފައިވެ އެވެ. މިއީ ރާއްޖެ އައި ފަތުރުވެރިންގެ 20.6 އިންސައްތަ އެވެ.

ދެން މި ލިސްޓުގައި ހިމެނޭ ގައުމުތަކަކީ ޖަރުމަން، އެމެރިކާ އަދި ޔޫކްރެއިން، މި ތަރުތީބުންނެވެ.

ޓޫރިސްޓުން ރާއްޖެ އައި ގޮތުގެ ތަފާސްހިސާބުތައް - ގްރެފިކްސް: އަހުމަދު އިހްސާން / އަދަދު


ޓޫރިޒަމް ނަމްބަރުތަކުގެ ބޮޑު މަންޒަރު

މިއަހަރު ރާއްޖެއަށް އެއް މިލިއަން ފަތުރުވެރިން ގެނައުމަށް ސަރުކާރުން ވަނީ އަމާޒު ހިފާފައެވެ. މިހާރު ރާއްޖެއަށް ފަތުރުވެރިން އަންނަމުންދާ އަދަދަށް ބަލައި، ޓޫރިޒަމް މިނިސްޓްރީން ވަނީ ނަމްބަރުތައް މުރާޖާ ކޮށްފައެވެ. އަދި އަހަރު ނިމޭއިރު 1.3 މިލިއަން ފަތުރުވެރިން ރާއްޖެ ގެނެވޭނެ ކަމަށް މިނިސްޓްރީން ބުނެ އެވެ.

އަަހަރުގެ ފުރަތަމަ ތިން މަހު ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު މަހުން މަހަށް ދިޔައީ އިތުރުވަމުންނެވެ. ނަމަވެސް ކޮވިޑުގެ ނުރައްކަލާ އެކީގައި އޭޕްރިލް މަހުން ފެށިގެން ފަތުރުވެރިންގެ އަދަދު މަޑުމަޑުން ދަށަށް ދާން ފެށި އެވެ. އަދި ޖޫން މަސް ނިމުނު އިރު މި އަދަދުތައް ވަނީ ވަރަށް ބޮޑުތަނުން ދަށަށް ގޮސްފަ އެވެ.

މި ނަމްބަރުތައް އިތުރުވާން ފަށާފައި ވަނީ ޖުލައި މަހު ދެކުނު އޭޝިއާގެ ފަތުރުވެރިންނަށް ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލުމުންނެވެ. އެގޮތުން އޮގަސްޓު މަހު ރާއްޖެއަށް ލައްކައަކަށް ވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރި އެވެ. ބޯޑަރު އަލުން ހުޅުވާލި ފަހުން އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އައީ އެ މަހު އެވެ.

އަހަރުގެ މިހާތަނަށް 788,846 ފަތުރުވެރިިން ރާއްޖެ އައިސްފައިވާއިރު، މިހާރު ދުވާލެއްގެ މައްޗަށް އެވްރެޖުކޮށް ރާއްޖެ އަންނަނީ 3,143 ފަތުރުވެރިންނެވެ.