Advertisement

ސެޕްޓެމްބަރު 11 ހަމަލާގެ ސިއްރު މެމޯއެއްގައި ސައުދީ އަރަބިއްޔާއާ ގުޅޭ ވާހަކަތަކެއް

13 ސެޕްޓެންބަރު 2021 - 07:59 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

އަލް ގައިދާގެ ހަނގުރާމަވެރިން މީގެ ވިހި އަހަރު ކުރިން ނިއު ޔޯކްގެ ޓްވިން ޓަވަރަށް ހަމަލާދީފައި.-- ފޮޓޯ: އޭއެފްޕީ


ސެޕްޓެމްބަރު 11 ހަމަލާގެ ސިއްރު މެމޯއެއްގައި ސައުދީ އަރަބިއްޔާއާ ގުޅޭ ވާހަކަތަކެއް

13 ސެޕްޓެންބަރު 2021 - 07:59 0

ވޮޝިންޓަން، އެމެރިކާ (ސެޕްޓެމްބަރު 12) - ސެޕްޓެމްބަރު 11 ހަމަލާ ދިން މީހުންނާއި ސައުދީ އަރަބިއްޔާއާ ގުޅުމެއްވާ ކަމަށް ދޭހަވާ އެފްބީއައި ތަހުގީގުގެ ސިއްރު ލިޔުމެއް އެމެރިކާ ސަރުކާރުން އާއްމުކޮށްފި އެވެ.

އަލް ގައިދާގެ 19 މެމްބަރުން ހަތަރު ފްލައިޓެއް ހައިޖެކްކޮށްގެން މީގެ 20 އަހަރު ކުރިން އެމެރިކާގެ ތިން ތަނަކަށް ދިން ހަމަލާގައި މަރުވި މީހުންގެ އާއިލާތަކުން ވަނީ ސައުދީ ސަރުކާރާ ދެކޮޅަށް ކޯޓަށް ވެސް ގޮސްފަ އެވެ.

އެ މީހުން ކުރާ ތުހުމަތަށް ބާރު ލިބޭ ފަދަ ވާހަކަތައް އެފްބީއައިގެ މެމޯގައި ހުރި ނަމަވެސް، އެކަން ސާބިތު ކުރެވޭނެ ސީދާ ހެއްކެއް ނެތެވެ.

ދެހާސް ސޯޅަ ވަނަ އަހަރުގެ އޭޕްރިލް ހަތަރު ވަނަ ދުވަހު ފައިލްކޮށްފައިވާ މެމޯއިން އެނގޭ ގޮތުގައި އުމަރު ބަޔޫމީ އާއި އަލް ގައިދާގެ ދެ މެމްބަރުންނާ ގުޅުން އޮތެވެ. ބަޔޫމީ އަކީ ދަރިވަރެއް ނަމަވެސް އޭނާއަކީ ސައުދީ ޖާސޫސެއް ކަމަށް ތުހުމަތު ކުރެވުނެވެ.

ނަން ހާމަ ނުކުރާ މަސްދަރަކާ 2009 އަދި 2015 ގައި ކުރި އިންޓަވިއުތަކާ ހަވާލަދީ މެމޯގައި ވަނީ ބަޔޫމީ އާއި ސެޕްޓެމްބަރު 11 ހަމަލާގައި ބައިވެރިވި އަލް ގައިދާގެ ދެ މެމްބަރަކާ ދެމެދު ބޭއްވި ބައްދަލުވުންތަކާ ގުޅޭ ތަފްސީލް ހިމަނާފަ އެވެ.

ބަޔޫމީ ބައްދަލުކުރި ދެ މީހުންނަކީ ނަވާފް އަލް ހާޒްމީ އާއި ހާލިދު އަލް މިދަރް އެވެ. އެ ދެ މީހުންނާ ބަޔޫމީ ބައްދަލުކުރީ ހަމަލާތައް ދިނުމުގެ ކުރިން 2000 ވަނަ އަހަރު އެ މީހުން ދެކުނު ކެލިފޯނިއާއަށް ދިޔުމުންނެވެ.

އޭގެ އިތުރުން ލޮސް އެންޖެލިސްގައި ހުންނަ ސައުދީ ކޮންސިއުލޭޓުގެ އޮފިޝަލް އަދި ކިންގް ފާދް މިސްކިތުގެ އިމާމް ފަރްހާދް އަލް ތުމައިރީ އާއި އަލް ގައިދާގެ ދެ މެމްބަރުންނާ އޮތް ގުޅުން ވެސް މެމޯގައި ހިމަނާފައި ވެ އެވެ.

ލިޔުމުގައިވާ ގޮތުން އަލް ގައިދާގެ ދެ މެމްބަރުން ކެލިފޯނިއާގައި ތިބިއިރު އެ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިން މީހުންގެ ފޯނު ނަންބަރުތައް މަސްދަރުގެ ފަރާތުން ލިބިފައިވާ ކަމަށެވެ. އޭގެ ތެރޭގައި ބަޔޫމީ އާޢި ތުމައިރީގެ ނަންބަރު ހިމެނެ އެވެ.

ސިއްރު މަސްދަރުން އެފްބީއައި އަށް ބުނެފައި ވަނީ ބަޔޫމީއަކީ ދަރިވަރެއް ކަމަށް "ރަސްމީކޮށް" ބުނި ނަމަވެސް، ސައުދީ ކޮންސިއުލޭޓުގައި އޭނާއަކީ "ވަރަށް މަތީ އިއްޒަތެއް" ލިބިފައިވާ މީހެއް ކަމަށޭވެ.

"އަލް ގައިދާގެ ހަމްޒީ އާއި މިދާ އަށް ބަޔޫމީ ފޯރުކޮށްދިން އެހީގެ ތެރޭގައި ތަރުޖަމާކޮށްދިނުމާއި، ދަތުރު ރޭވުމާއި، ތިބޭނެ ތަންތަން ހަމަޖެއްސުމާއި، ފައިސާގެ އެހީ ހިމެނޭ،" މެމޯގައި ވެ އެވެ.

އޭގެ އިތުރުން ފޯން ކޯލާއި މުވާސަލާތީ އެހެން ގޮތްގޮތުން ބަޔޫމީ އާއި ތުމައިރީ އަލް ގައިދާގެ އަންވަރް އަލް އަލަކީއާ ބައްދަލުވުންތައް ބޭއްވިކަން ވެސް މެމޯ އިން ހާމަވެ އެވެ.

އެމެރިކާއަށް އުފަން އަންވަރް އަލް އަލަކީ އަކީ ކުރިން އަލް ގައިދާގެ މުހިއްމު ޝަހުސިއްޔަތެކެވެ. އެމެރިކާ އިން 2011 ވަނަ އަހަރު ޔަމަނުގައި ދިން ޑްރޯން ހަމަލާއެއްގައި އޭނާ ވަނީ މަރާލާފަ އެވެ.

ހޮނިހިރު ދުވަހު އާއްމު ކުރި އެފްބީއައި ލިޔުމުގެ ބައެއް ބައިތައް އަދިވެސް ހުރީ ސިއްރުކޮށްފަ އެވެ. ފްލައިޓުތައް ހައިޖެކް ކުރި މީހުންނާއި ސައުދީ ސަރުކާރާ ސީދާ ގުޅުމެއްވާ ކަމުގެ ހެއްކެއް އޭގެން ނުލިބެ އެވެ.

ހަމަލާއާ ގުޅޭ ގޮތުން އެފްބީއައި އިން ކުރި ތަހުގީގުގެ ސިއްރު ބައެއް ލިޔުންތައް އާއްމުކުރަން ރައީސް ޖޯ ބައިޑެން ނިންމެވީ ހަމަލާގައި މަރުވި މީހުންގެ އާއިލާތަކުން ޕްރެޝަރު ކުރަމުން ދާތީ އެވެ.

އެމެރިކާގެ ކުރީގެ ތިން ސަރުކާރުން ވެސް ނިންމީ އެ ލިޔުންތައް އާއްމު ނުކުރުމަށެވެ. އެއީ އޭގައިވާ މައުލޫމާތުގެ ސަބަބުން އެމެރިކާ އާއި ސައުދީގެ ގުޅުމަށް ނޭދެވޭ އަސަރުކޮށްފާނެތީ އެވެ.