Advertisement

އެމެރިކާ އަށް ގައުމުތަކަށް ނޭރޭނެ ކަމަށް ބައިޑެން ވިދާޅުވެއްޖެ

12 ސެޕްޓެންބަރު 2021 - 09:41 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

އެމެރިކާގެ ރައީސް ޖޯ ބައިޑެން.


އެމެރިކާ އަށް ގައުމުތަކަށް ނޭރޭނެ ކަމަށް ބައިޑެން ވިދާޅުވެއްޖެ

12 ސެޕްޓެންބަރު 2021 - 09:41 0

ޝޭންކްސްވިލް، ޕެންސިލްވޭނިއާ (ސެޕްޓެމްބަރު 12) - އަލް ގައިދާ ހަރަކާތްތެރިވާ ހުރިހާ ގައުމަކަށް އެމެރިކާއަށް ނޭރޭނެ ކަމަށް ވިދާޅުވެ، އަފްގާނިސްތާނުން އެމެރިކާ ފައުޖުތައް ގެންދިޔަ ގޮތް ރައީސް ޖޯ ބައިޑެން އަނެއްކާވެސް ދިފާއު ކުރައްވައިފި އެވެ.

ސެޕްޓެމްބަރު 11، 2001 ގައި އަލް ގައިދާގެ ޓެރަރިސްޓުން ހަތަރު ފްލައިޓެއް ހައިޖެކްކޮށްގެން އެމެރިކާގެ ތިން ތަނަކަށް ދިން ހަމަލާއަށް 20 އަހަރު ފުރުން އިއްޔެ ވަނީ ފާހަގަކޮށްފަ އެވެ. ބައިޑެން ވަނީ ކެޕިޓަލް އިމާރާތަށް ދާން މަސައްކަތް ކުރަނިކޮށް ފްލައިޓް 93 ވެއްޓުނު ހިސާބަށް ވަޑައިގެންފަ އެވެ.

"އަލް ގައިދާ އިން އަފްގާނިސްތާނަށް އެނބުރި އަންނާނެތަ؟ އާނ އަންނާނެ. އެކަމަކު މިހާރު ވެސް އަލް ގައިދާ ދަނީ އެހެން ގައުމުތަކުގައި މަސައްކަތް ކުރަމުން،" އެ ތަނުގައި ވާހަކަދައްކަވަމުން ބައިޑެން ވިދާޅުވި އެވެ.

"އެހެންވީމަ ގެންގުޅޭނެ ސްޓްރެޓެޖީއަކީ ކޮބާ؟ އަލް ގައިދާ އުޅޭ ހުރިހާ ތަނަކަށް އަރައި، އެ ތަންތަނުގައި ސިފައިން ބައިތިއްބާނީތަ؟ އެއީ ކުރެވޭނެ ކަމެއް ނޫން."

އެމަނިކުފާނު ވިދާޅުވީ އަފްގާނިސްތާން ދޫކޮށް ދާއިރު އެ ގައުމަކީ ފުރިހަމަ ސުލްހަ އޮތް އެއްބައިވަންތަ ގައުމަކަށް ހެދޭނެ ކަމަށް ވިސްނާފައި އޮތުމަކީ ގޯހެއް ކަމަށެވެ.

ޕާކިސްތާނުގައި ހުރި ކޮމްޕައުންޑެއްގެ ތެރޭގައި އަލް ގައިދާގެ ލީޑަރު އުސާމާ ބިން ލާދިން މަރާލީ އެމެރިކާގެ ހާއްސަ ފައުޖުން ދިން ހަމަލާއެއްގައި މޭ، 2، 2011 ގަ އެވެ. ބައިޑެން ވިދާޅުވީ އުސާމާ މަރާލުމާއެކު އެމެރިކާ ސިފައިންގެ މިޝަން ހާސިލްވި ކަމަށެވެ.

އެމެރިކާއިން އަފްގާނިސްތާނަށް އަރައި، އެމެރިކާ ސިފައިން އެ ގައުމުގައި މަސައްކަތް ކުރަން ފެށީ އަލް ގައިދާ އިން ސެޕްޓެމްބަރު 11 ގެ ދިން ހަމަލާތަކަށް ފަހު އެވެ. އެއީ އެމެރިކާ އިން މިހާތަނަށް ކުރި އެންމެ ދިގު ހަނގުރާމަ އެވެ. އެމެރިކާއާ އެކު ނޭޓޯގެ ފައުޖުތަކުން ވެސް އަފްގާނިސްތާނަށް އެރި އެވެ.

އެ ހަނގުރާމަ އަށް ވިހި އަހަރު ވާން ކައިރިވެފައި ވަނިކޮށް ބޭރުގެ ސިފައިން އަފްގާނިސްތާން ދޫކޮށް ދާން ފެށީ މިދިޔަ މޭ މަހު އެވެ. ނަމަވެސް ސިފައިންނަށް އެއްކޮށް ނުދެވެނީސް، ކުރިން އަލް ގައިދާއަށް ހިމާޔަތް ދިން ތާލިބާނުން މިދިޔަ އޯގަސްޓް މަހު ވަނީ އަލުން ވެރިކަމަށް އައިސްފަ އެވެ.