Advertisement

ޕީސީއޯއެސް އާއި ޕީސީއޯޑީގެ ސައިންސް: ތަފާތަކީ ކޮބާ؟

12 ސެޕްޓެންބަރު 2021 - 09:35 0

އާމިނަތު އިބްރާހިމް

އާމިނަތު އިބްރާހިމް


ޕީސީއޯއެސް އާއި ޕީސީއޯޑީގެ ސައިންސް: ތަފާތަކީ ކޮބާ؟

12 ސެޕްޓެންބަރު 2021 - 09:35 0

ޕޮލިސިސްޓިކް އޯވަރިއަން ސިންޑްރޯމް ނުވަތަ ޕީސީއޯއެސް އާއި ޕޮލިސިސްޓިކް އޯވަރިއަން ޑިސީސް (ޕީސީއޯޑީ) އަކީ ގިނަ ފަހަރަށް އެކައްޗެކޭ ހީވެފައި އޮވެ އެވެ. ނަމަވެސް މިއީ އޯވަރީ އަށް ދިމާވާ ތަފާތު ސިއްހީ ދެ މައްސަލައެކެވެ.

ޕީސީއޯއެސް އަކީ ހަށިގަނޑުގައި ހޯމޯން އުފައްދާ ނިޒާމު ނުވަތަ އެންޑޮކްރައިން ސިސްޓަމްގައި އެކުލެވޭ އުނިކަމެކެވެ. އެއާ ހިލާފަށް ޕީސީއޯޑީ އަކީ ހަށިގަނޑުގައި ހޯމޯން ލެވެލް އުފައްދާ މިންވަރަށް ބަދަލު އައުމުގެ ސަބަބުން ދިމާވާ ސިއްހީ ހާލަތެކެވެ. މި ބަދަލު އަންނަން މެދު ވެރިވާ އަސްލު ސަބަބެއް ނޭނގެ އެވެ. އެކަމަކު، ހޯމޯން އިމްބެލެންސް ވުމަކީ ޖެނެޓިކްސް ނުވަތަ އާއިލީ ވާރުތަ އާއި ވަރަށް ބޮޑަށް ގުޅިފައިވާ ކަމެއް ކަމަށް ސައިންސުން އެނގެން އޮވެ އެވެ.

ޕީސީއޯއެސް ހުންނަ އަންހެނެއްގެ ހަށިގަނޑުގައި، އެނޫން މީހަކާ އަޅާ ބަލާއިރު، އެންޑްރޮޖަން މާ ގިނައިން އުފައްދަ އެވެ. މީގެ ސަބަބުން އަންހެން މީހާގެ ހަށިގަނޑުން އުފައްދާ ބިސް، އޭގެ އުމުރު ފުރިހަމަ ނުކޮށް އޯވަރީ އިން ދޫވެ އެވެ. މިގޮތަށް ދޫވާ ބައެއް ބިސް، އެތެރޭގައި ދިޔާ މާއްދާއެއް ހުންނަ ސިސްޓު ތަކެއް ގޮތަށް ބަދަލުވެ އެވެ. އަދި ޕީރިއަޑް ދުވަސްވަރު ހަށިގަނޑުން ބޭރު ނުވެ، މި ބިސްތައް އޯވަރީގައި އިތުރުވެ، ބައެއް ބިސްތައް އަސްލު ސައިޒަށްވުރެ މާ ބޮޑެތިވުމަށް ވެސް މެދުވެރިވެ އެވެ.

ޕީސޯއޯޑީ ގައި އަންހެނާގެ ހަށިގަނޑުގައި ހޯމޯން އުފައްދާ މިންވަރަށް ބަދަލު އައިސް ހޯމޯން އިމްބެލެންސް ވާން ފެށުމުން އޯވަރީ ތެރޭގައި ފުރާ ފުރިހަމަ ބިސް ނުވަތަ މެޗުއާ ބިސް ޖަމާވެ އެވެ. މި ބިސްތައް ބޭރެއް ނުވެ އެވެ. އަދި ސިސްޓު ތަކަކަށް ބަދަލުވެ އެވެ. އެއްބައި ސިސްޓުތަކުން އިތުރު ސިސްޓުތައް އުފަންވެ އެވެ. މި ބުރު މި އުސޫލުން ތަކުރާރުވެ އެވެ. ޕީސީއޯޑީ މެދުވެރިވެދާނެ ސަބަބުތަކުގެ ތެރޭގައި ސްޓްރެސް، މާގިނައިން ހަކުރު ބޭނުންކުރުން އަދި ހޯމޯނަށް އަންނަ ބަދަލު ހިމެނެ އެވެ.

ޑަބްލިޔުއެޗްއޯ ގެ ތަފާސްހިސާބުތަކަށް ބަލާއިރު ދުނިޔޭގެ އަންހެނުންގެ އާބާދީގެ 16 މިލިއަން މީހުންނަކީ ޕީސީއޯއެސް ތަޖުރިބާކުރާ މީހުންނެވެ. މީގެ ތެރެއިން ގާތްގަނޑަކަށް 10 ޕަސެންޓަކީ ދަރިމައިވާ އުމުރުގެ މީހުންނެވެ.

ޕީސީއޯޑީ އާއި ޕީސީއޯއެސް އަކީ އޯވަރީ އަށް ދިމާވާ މައްސަލަތަކެއް ކަމުން، މި ދެ ބަލީގެ އަލާމާތްތަކުގެ ތެރޭގައި ޕީރިއަޑް ގަވާއިދުން ނުވުން ހިމެނެ އެވެ. އަދި ޕީސީއޯޑީ ގައި ފިރިހެނުންގެ ހަށިގަނޑުގައި އިސްތަށި ހުންނަ ގޮތަށް އިސްތަށި ފެޅުމާއި، ޕީސީއޯއެސް ގައި ހަށިގަނޑުގައި ހުންނަ އިސްތަށި އިތުރަށް ގަދަވުމަށް ވެސް ދިމާވެ އެވެ.

މި ދެ ހާލަތަކީ ވެސް ހޯމޯން އިމްބެލެންސް ވުމުގެ ސަބަބުން މެދުވެރިވާ ދެކަމަށް ވިޔަސް، ޕީސީއޯޑީ އާ އަޅާ ބަލާއިރު ޕީސީއޯއެސް މާ ސީރިއަސް އެވެ.

ގަވާއިދުން ކަސްރަތުކުރުމާ އެކު ސިއްހީގޮތުން ދުޅަހެޔޮ ކެއުންތައް ކެއުމަކީ ޕީސީއޯޑީ އާއި ޕީސީއޯއެސް ގެ އުނދަގޫ ތަހައްމަލުކުރާ މީހުންނަށް ޑޮކްޓަރުން ދޭ ފުރަތަމަ ނަސޭހަތެކެވެ. ދިރިއުޅުމުގެ ވައްޓަފާޅިއަށް މިފަދަ ދުޅަހެޔޮ ބަދަލުތައް ގެނައުމުން، ލޭގެ ގުލްކޯޒް ލެވެލް ދަށްކޮށްދީ، މައްސަރު ކަންތައް ރެގިއުލޭޓް ކުރަން އެހީވެދޭނެ އެވެ. ބަރުދަން ލުއި ވުމަކީ ޕީސީއޯއެސް އާ އެކު ދިރިއުޅެން ވަރަށް ބޮޑަށް ފަސޭހަކޮށްދޭ ކަމެކެވެ.

އެންމެ މުހިއްމު ކަމަކީ، މި ދެ ބަލީގެ އަލާމާތެއް ފެނިއްޖެ ނަމަ ވީހާވެސް އަވަހަށް ޑޮކްޓަރަށް ދައްކައި ބަލި ޑައިގްނޯސްކޮށް ދިރިއުޅުމަށް ސިއްހީ ގޮތުން ދުޅަހެޔޮ ބަދަލުތަކެއް ގެންނަން މަސައްކަތްކުރުމެވެ. މާ ބުރަ ނޫން، މެދުމިނުގެ ކަސްރަތު ވެސް ގަވާއިދުން ކުރާ ނަމަ ޕީރިއަޑްވުން ރެގިއުލާ ކޮށްދީ، ހަށިގަނޑުގައި އިސްތަށި ފެޅުން އިތުރުކޮށްދޭން އެހީތެރިވެދޭ އެންޑްރޮޖަން ހޯމޯން އުފައްދާ މިންވަރު ދަށް ކޮށްދޭނެ އެވެ. ކަސްރަތުގެ ތެރޭގައި ގަވާއިދުން ހިނގުމަށް އާދަކޮށް، ސްޓްރެސް ދަށްވާ ކަންކަން ކުރަން ސަމާލުކަން ދިނުން މުހިއްމެވެ. އަދި ބައި ހަމަ ޑައިޓެއް ކެއުމުގައި ހިމެނުމާއި، ޕެކެޓް ކޮށްފައި ހުންނަ ތައްޔާރީ ކާނާ ފަދަ އެއްޗެހި ނުކެއުން ވެސް ދުޅަހެޔޮކޮށް ކެއުމުގެ ތެރޭގައި ހިމެނެ އެވެ.

މި ހިމަނާ ކަންކަން ފާހަގަވާނަމަ ވީހާ ވެސް އަވަހަށް ޕީސީއޯއެސް އަށް ޓެސްޓުކުރަން ޖެހެ އެވެ.

- ޕީރިއަޑް ގަވާއިދުން ނުވުން ނުވަތަ އާންމުކޮށް 35 ދުވަހަށްވުރެ ދޭތެރެ ދުރުކޮށް ޕީރިއަޑް ވުން.

- މޭމައްޗާއި މޫނާއި ބަނޑާއި ހަށިގަނޑުގެ އެކި ތަންތާނގައި އިސްތަށި ގިނަވުމާއި، ހަންގަނޑު އާދަޔާ ހިލާފަށް ތެޔޮވުމާއި ބިހި ނެގުމާއި، ބޮލުން ހަންފޮޅި، ބަނޑާ ދިމާލުން މާ ބޮޑަށް ފަލަވެ ބަރުދަން އިތުރުވުމާއި، ކަރު ދަށާއި، ބަނޑު ކަޅުވެފައި ހުރުން.

އެޑިޓަރުގެ ނޯޓް


މިއީ އިންޑިއަން ޑީއެންއޭ ގައި އައިވީއެފް އެކްސްޕާޓް އަދި ގައިނޮކޮލޮޖިސްޓް، ޑރ ޝުވެތާ ގޮސްވާމީ ލިޔެ، ޝާއިއުކޮށްފައިވާ ލިޔުމެެއްގެ ތަރުޖަމާ އެވެ. މިއީ ހަމަ އެކަނި ޕީސީއޯއެސް އާއި ޕީސީއޯޑީ އާއި ބެހޭ ގޮތުން އާންމު މައުލޫމާތު ދިނުމުގެ ގޮތުން ހިމަނާ ލިޔުމެކެވެ.