Advertisement

ޑަބްލިއުއެޗްއޯގެ އެގްޒެކެޓިވް ބޯޑުގައި ދެކުނު އިރުމަތީ އޭޝިއާ ތަމްސީލުކުރަން ރާއްޖެ ހުށަހަޅައިފި

10 ސެޕްޓެންބަރު 2021 - 16:24 0

އަހުމަދުﷲ އަބްދުލްހާދީ

އަހުމަދުﷲ އަބްދުލްހާދީ

ހެލްތު މިނިސްޓްރީގެ ބައެއް އިސް އޮފިޝަލުން ޑަބްލިއުއެޗްއޯގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވަނީ. ފޮޓޯ: ހެލްތު މިނިސްޓްރީ


ޑަބްލިއުއެޗްއޯގެ އެގްޒެކެޓިވް ބޯޑުގައި ދެކުނު އިރުމަތީ އޭޝިއާ ތަމްސީލުކުރަން ރާއްޖެ ހުށަހަޅައިފި

10 ސެޕްޓެންބަރު 2021 - 16:24 0

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) ގެ އެގްޒެކްޓިވް ބޯޑުގައި ދެކުނު އޭޝިއާ ތަމްސީލުކުރަން އަދި އެ ޖަމިއްޔާގެ ޕްރޮގްރާމް ބަޖެޓް އެންޑް އެޑްމިނިސްޓްރޭޝަން ކޮމެޓީގައި ދެކުނު އިރުމަތީ އޭޝިއާ ސަރަހައްދު ތަމްސީލުކުރުމަށް ދިވެހިރާއްޖެ ނޮމިނޭޓް ވެއްޖެ އެވެ.

ދެކުނު އިރުމަތީ އޭޝިއާ ސަރަހައްދު ތަމްސީލުކުރުމަށް ރާއްޖެ ނޮމިނޭޓް ކުރީ މިއަދު ނިމިގެން ދިޔަ ޑަބްލިއުއެޗްއޯގެ އިރުމަތީ އޭޝިއާ ސަރަޙައްދުގެ 74ވަނަ ރީޖަނަލް ކޮމިޓީ ބައްދަލުވުމުގައި މި ސަރަހައްދުގެ މެމްބަރު ގައުމުތަކުގެ ނިންމުމަކުންނެވެ. ބައްދަލުވުމުގައި ރާއްޖޭގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. ޝާހް މާހިރު އެވެ.

މިދިޔަ ހޯމަ ދުވަހުން ފެށިގެން މިއަދުގެ ނިޔަލަށް ވާޗުއަލްކޮށް ކުރިއަށްދިޔަ އެ ބައްދަލުވުމުގައި މި ސަރަހައްދުގެ 11 ގައުމުގެ ސިއްހަތާ ބެހޭ ވަޒީރުންނާއި، ހާއްސަ މަންދޫބުންނާއި، ޑަބްލިއުއެޗްއޯގެ ޑައިރެކްޓާ ޖެނެރަލްގެ އިތުރުން ސަރަހައްދީ ރީޖަނަލް ޑައިރެކްޓަރުވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

އޭގެ އިތުރުން އދ.ގެ ކަމާގުޅޭ ޖަމިއްޔާތަކާއި، ސިއްހީ މާހިރުންނާއި، އެކި ޖަމިއްޔާ ޖަމާއަތްތަކުން ވެސް އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި އެވެ.

ބައްދަލުވުމުގައި ސަރަހައްދީ ގޮތުން ސިއްހަތާ ގުޅުންހުރި މުހިންމު ނިންމުންތަކެއް ނިންމިއިރު، އެ ބައްދަލުވުމުގެ ބައިވެރިން ވަނީ ކޮވިޑް-19ގެ ހާލަތުގައި ސިއްހީ ދާއިރާއިން ދެމުންގެންދާ އަސާސީ ހިދުމަތްތައް ހަރުދަނާކޮށް، ހިދުމަތްތައް މެދުނުކެނޑި ދިނުމަށް ޓަކައި ފުރިހަމަކުރަންޖެހޭ ކަންކަންކުރުމަށް ހާއްސަ ގަރާރެއްގައި ވެސް ސޮއިކޮށްފަ އެވެ.

އޭގެ ސަބަބުން ޑަބްލިއުއެޗްއޯއިން ސަރަހައްދުގެ ގައުމުތަކަށް އާލަމީވަބާގެ ހާލަތުގައި އަސާސީ ހިދުމަތްތައް ފޯރުކޮށްދޭންވާ އެހީތެރިކަން މިހާރަށްވުރެ ފުޅާވެގެންދާނެ އެވެ.

ބައްދަލުވުމުގެ އިތުރު އުސްއަލިތަކަށް ބަލާލާއިރު، ކުރިޔަށް އޮތް 75ވަނަ ވޯލްޑް ހެލްތު އެސެމްބްލީއަށް ދެކުނު އިރުމަތީ އޭޝިއާ ސަރަހައްދުން ހުށަހަޅާނެ ކަންކަން ވެސް ވަނީ ނިންމައިފަ އެވެ.

އޭގެ ތެރޭގައި އެޗްއައިވީ، ވައިރަލް ހެޕަޓައިޓިސް އަދި އެސްޓީއައި ފަދަ ބަލިތައް ފެތުރުން ހުއްޓުވަން އެކްޝަން ޕްލޭންތަކާއި، ގައިންގަޔަށް ނާރާ ބަލިތަކުން ރައްކާތެރިވެ، އެކަން ކޮންޓްރޯލްކުރުމަށްޓަކައި ގައުމުތައް ގުޅިގެން ކުރަމުންގެންދާ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމާއި، ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލުކުރުމަށްޓަކައި ކުރާ މަސައްކަތްތައް އިތުރަށް ފުޅާކުރުން ހިމެނެ އެވެ.