Advertisement

ޔޫރަޕުން ވޯލްޑް ކަޕް ބޮއިކޮޓްކޮށްފާނެ

10 ސެޕްޓެންބަރު 2021 - 12:14 0

ޔުއެފާގެ ރައީސް ޗެފެރިން އިންޓަވިއުއެއް ދެނީ.-- ފޮޓޯ: އޭއެފްޕީ


ޔޫރަޕުން ވޯލްޑް ކަޕް ބޮއިކޮޓްކޮށްފާނެ

10 ސެޕްޓެންބަރު 2021 - 12:14 0

ޒިއުރިކް (ސެޕްޓެމްބަރު 10) - ފީފާ ވޯލްޑް ކަޕް ކޮންމެ ދެ އަހަރަކުން ބާއްވަން ހުށަހަޅާފައިވާ ޕްރޮޕޯސަލާ އެއްގޮތަށް ކުރިއަށްދާން ފާސްކޮށްފިނަމަ ޔޫރަޕްގެ ގައުމުތަކުން މުބާރާތުގައި ނުކުޅެން ނިންމަފާނެ ކަމަށް ޔުއެފާގެ ރައީސް ސްލޮވީނިއާގެ އަލެކްސަންޑަ ޗެފެރިން ވިދާޅުވެއްޖެ އެވެ.

ފީފާ ޗީފް އޮފް ގްލޯބަލް ފުޓްބޯލް ޑިިވެލޮޕްމަންޓް، އާސެން ވެންގާގެ ހާއްސަ ދިރާސާއެއްގެ ދަށުން އެކި ފަރާތްތަކުގެ ހިޔާލު ހޯދައިގެން އެކުލަވާލި ޕްރޮޕޯސަލްގައިވަނީ ވޯލްޑް ކަޕް ކޮންމެ ދެ އަހަރަކުން ބޭއްވުމަށެވެ. އޭގެ އެންމެ ބޮޑު ފައިދާ އަކީ ވާދަވެރި ގިނަ މެޗުތަކެއް ފެނުމާއި ކުޅުންތެރިންނަށް ގިނަ މެޗު ކުޅުމުން އުފުލަން ޖެހޭ ތަކުލީފުތަކަށް ލުޔެއް ހޯދައިދިނުމެވެ. ވެންގާގެ ޕްރޮޕޯސަލްގައިވާ ގޮތުން ވޯލްޑް ކަޕް ނުބާއްވާ އަހަރުތަކުގައި ޔޫރޯ އާއި ކޮޕަ އެމެރިކާ އަދި އޭޝިއަން ކަޕް ފަދަ އެކި ބައްރުތަކުގެ މުބާރާތް ބޭއްވިދާނެ އެވެ.

ފީފާ އިން އަންނަނީ އެ ޕްރޮޕޯސަލް ދިރާސާ ކުރަމުންނެވެ. އެއީ މެއި މަހު ފީފާ ކޮންގްރެސްގައި ސައުދީ އަރަބިއްޔާ އިން ޕްރޮޕޯސަލް ހުށަހެޅުމުންނެވެ. އެ ފަހަރު ފީފާގެ 211 މެމްބަރު ގައުމުތަކުގެ ތެރެއިން 166 ގައުމުން ވަނީ މި ޕްރޮޕޯސަލް ބަލައިގަންނަން ނިންމައިފަ އެވެ. މި ޕްރޮޕޯސަލާ އެންމެ ދެކޮޅީ ޔޫރަޕް އެވެ. ޔުއެފާގެ ރައީސް ޗެފެރިން އަންނަނީ މި ޕްރޮޕޯސަލާ ދެކޮޅަށް ގިނަ އިންޓަވިއުތަކެއް ދެއްވަމުންނެވެ.

ޔުއެފާގެ ފޯރަމެއްގެ ތެރެއިން ވެންގާ (މ) އާއި ޔުއެފާގެ ރައީސް ޗެފެރިން.


އިނގިރޭސި ނޫސް "ދި ޓައިމްސް" އަށް ޗެފެރިން ވިދާޅުވީ ދެ އަހަރުން ވޯލްޑް ކަޕް ބޭއްވުމަކީ ފުޓްބޯޅައިގެ އާންމު އުސޫލާ ވެސް ހިލާފު ކަމެއް ކަމަށާއި އޭގެ ސަބަބުން ޔޫރަޕްގެ ފުޓްބޯޅައިގެ އިތުރުން ދުނިޔޭގެ ފުޓްބޯޅަ އަށް ވެސް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

"އެ ހުށަހެޅުން (ދެ އަހަރުން ވޯލްޑް ކަޕް ބޭއްވުމުގެ ޕްރޮޕޯސަލް) ފާސްވެއްޖެނަމަ ފަހަރުގައި އަހަރަމެން (ޔުއެފާ) އިން ވޯލްޑް ކަޕްގައި ވާދަ ވެސް ނުކުރަން ނިންމަފާނަން،" ޗެފެރިން ވިދާޅުވި އެވެ.

މީގެ ކުރިން 2018 ވަނަ އަހަރު ދެކުނު އެމެރިކާގެ މައި ފުޓްބޯޅަ އިދާރާ ކޮންމެބޯލް އިން ވެސް ވަނީ ދެ އަހަރުން ވޯލްޑް ކަޕް ބާއްވަން ހުށަހަޅައިފަ އެވެ. އެކަމަކު، އެ ފަހަރު އެކަން ފާހެއްނުވި އެވެ. އެ ފަހަރު ވެސް އެންމެ ދެކޮޅު ހެދީ ޔޫރަޕުންނެވެ.

ޗެފެރިން ވިދާޅުވީ ކުރިން ދެކުނު އެމެރިކާ އިން ދެ އަހަރުން ވޯލްޑް ކަޕް ބާއްވަން އެދުނު ނަމަވެސް މިހާރު އެ ބައްރު ވެސް އޮތީ ޔުއެފާއާ އެކުގައި މި ހުށަހެޅުން ފާސްނުކުރަން އަމާޒުހިފައިގެންނެވެ.

މި ޕްރޮޕޯސަލަށް އެންމެ ބޮޑަށް ތާއީދުކުރަނީ އޭއެފްސީގެ ގައުމުތަކުންނެވެ. އެއީ ވޯލްޑް ކަޕްގައި ވާދަކުރަން އޭޝިއާ އަށް ދީފައިވާ ޖާގަތައް މަދުކަމުންނެވެ.

ވެންގާގެ ޕްރޮޮޕޯސަލްގެ ދެން އޮތް ބޭނުމަކީ ކޮބާ؟

ވެންގާ ވެސް އަންނަނީ ހުށަހަޅާފައި މިވާ ޕްރޮޕޯސަލާ ބެހޭގޮތުން އެކި ގައުމުތަކުގައި މައުލޫމާތުގެ ސެޝަންތަކެއް ކުރިއަށް ގެންދަމުންނެވެ.

ކޮންމެ ދެ އަހަރަކުން ވޯލްޑް ކަޕް ބޭއްވުމަށް ވެންގާ ތާއީދުކުރާ ސަބަބުތަކުގެ ތެރެެއިން އެންމެ މުހިއްމުކޮށް އޭނާ ފާހަގަކުރާ ކަމަކީ ހުރިހާ ގައުމަކަށް ހުރިހާ ބައްރަކަށް ވެސް ފުޓްބޯޅައިގައި ހަމަހަމަ ފުރުސަތުތަކެއް ދޭށެެވެ.

"މިހާރު މި އޮތް ފުޓްބޯޅަ ފޯމެޓް އޮތީ ބާވެފައި. އަހަރެމެން (ފީފާ) މި ފޯމެޓް ފައިދާހުރި ގޮތަކަށް ބަދަލުކުރަން ޖެހޭ. ހަތަރު އަހަރުން ވޯލްޑް ކަޕް ބާއްވާ ގޮތަށް މި އޮތް ފޯމެޓް ވުޖޫދުވީ 1930 ގައި. އެ ފޯމެޓާ އެއްގޮތަށް ކުރިއަށް ގޮސްގެން މިހާތަނަށް 133 ގައުމަށް އަދި ވޯލްޑް ކަޕްގައި ކުޅެވިފައިނުވޭ. އެހެންވެ ބަދަލަކަށް މި އެދެނީ،" ދާދި ފަހުން އިނގިރޭސި ދި ގާޑިއަން ނޫހަށް ދިން އިންޓަވިއުއެއްގައި ވެންގާ ބުންޏެވެ.

ބޮޑު ދިރާސާއެއް ކޮށްގެން ވެންގާ ހަދާފައިވާ މި ޕްރޮޕޯސަލްގައި ދެން ހިމެނެނީ ސީޒަނެއްގެ ތެރެއިން ދެ ފަހަރަށް ބަހާލައިގެން މަހެއްހާ މުއްދަތަށް ގައުމީ ޓީމުގެ ކޮލިފައިން މެޗުތައް އެއް ފަހަރާ ކުޅުމަށެވެ.

މިސާލަކަށް އޮކްޓޫބަރާއި މާޗް މަހަކީ ގައުމީ ޓީމަށް ހާއްސަ ދެ މަހެއްގެ ގޮތުގައި ބޭއްވިދާނެ އެވެ. ގައުމުތަކުން އެދޭނަމަ ދެ މަހުގެ ބަދަލުގައި ކޮންމެ ސީޒަނެއްގެ މެދުން އެއް މަހަށް ވެސް ގައުމީ ޓީމުތަކުގެ މެޗުތައް ކުރިއަށް ގެންދެވިދާނެ އެވެ. އޭރުން މިހާރު ކުޅުންތެރިން ކުރު މުއްދަތެއްގެ ތެރޭގައި ގިނަ ދަތުރުކުރަން ޖެހޭތީ ނުކުންނަ މައްސަލަ އަށް ލުޔެއް ލިބޭނެ އެވެ.

މި އަހަރު ނިމުމުގެ ކުރިން މި ޕްރޮޕޯސަލަށް ވޯޓަށް އަހާނެ ކަމަށް ދާދި ފަހުން ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ވެސް ވަނީ ވިދާޅުވެފަ އެވެ. އަދި ވޯޓުން ފާސްވެއްޖެނަމަ ދެ އަހަރުން ވޯލްޑް ކަޕް ބާއްވަން ފަށާނީ 2028 ވަނަ އަހަރުން ފެށިގެންނެވެ.

މި ޕްރޮޕޯސަލާ ދެކޮޅަށް ޔޫރަޕްގެ މަޝްހޫރު ގިނަ ލީގުތަކުގެ ބޯޑުން ވެސް އަންނަނީ ޝުއޫރު ފާޅުކުރަމުންނެވެ. އެކަމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ އެއް ފަރާތަކީ ލަލީގާގެ ރައީސް ހަވިއޭ ޓެބާސް އެވެ.