Advertisement

ފަސްނުލެވުނު ލެޓިން އަކުރުގެ ފަސްލު

10 ސެޕްޓެންބަރު 2021 - 08:11 1

ނަސްމާ އަބްދުލްމުހުސިން

ނަސްމާ އަބްދުލްމުހުސިން


ފަސްނުލެވުނު ލެޓިން އަކުރުގެ ފަސްލު

10 ސެޕްޓެންބަރު 2021 - 08:11 1

ދިވެހި ބަހުން ލިޔަން ކިޔަން ގެންގުޅުނު އަކުރުގެ ނިޒާމުތަކުގެ ތެރެއިން ދިވެހިންގެ ގިނަ ބަޔަކު؛ ޚާއްޞަކޮށް ބަހަށް ލޯބިކުރި ގިނަ ބަޔަކު، އެންމެ ނުރުހުނު ނިޒާމަކަށް ވެގެން ދިޔައީ ދިވެހި ބަސް އިނގިރޭސި އަކުރުން ނުވަތަ ރޯމަން އެލްފަބެޓުން ލިޔަން މަޖުބޫރު ވެގެންދިޔަ ދިއުމާއެކު އުފެއްދި ނިޒާމެވެ. އެއީ "އަޢޫޛު ބިސްމި"ން ފެށިގެން ގޮސް، ދިވެހި ބަހުގެ ޤަވާއިދުވެސް ލެޓިނުން ލިޔަން ޖެހުނު ޒަމާނެކެވެ. "ފަތްތޫރަ" މަޖައްލާގެ 268 ވަނަ ޢަދަދުގައި "ދިވެހި އަދަބުގެ މި ޒަމާން" މި މަޢުޟޫޢަށް، މުޙައްމަދު ވަހީދު (މަޑުލު) ލިޔުއްވާފައިވާ މަޒުމޫނެއްގައި، އެ ޒަމާނުގެ ނިމުން އައުން ސިފަކުރައްވާފައިވަނީ މި ގޮތަށެވެ.

"ދިވެހި އަދަބުގެ މި ޒަމާނުގެ، އަޅުގަނޑުމެން މި ދެކޭ، އައު ފަތިހަކަށް ހޭލެވުނީ، ލެޓިން އަކުރުން ތާނަ ލިޔަން ޖެހިގެން އުޅެނިކޮށެވެ."

މިއަދުގެ ޖީލުތަކަށް، ލަފްޡުއް ޖަލާލަތި (ﷲ) ލިޔުމަށްވެސް ދިވެހިބަހުގައި ލެޓިން އަކުރު ބޭނުންކުރިކަމަށް ބުނުމުން، އެކަން ޤަބޫލުކުރުމަށް ދަތިވެދާނެ އެވެ. އެހެން ނަމަވެސް މިއީ އެއް ޒަމާނެއްގައި ކަން ހިނގި ގޮތެވެ. 23 މޭ 1977 ގައި ރައީސުލްޖުމުހޫރިޔާގެ އޮފީހުން ކުރެއްވި އިޢުލާނަކާއެކު، ދިވެހިންގެ އަކުރުގެ ނިޒާމު އެއްކޮށް ބަދަލުކޮށްލި އެވެ. އޭރު ތަޢާރަފު ކުރެއްވި "ދިވެހިބަސް އިގިރޭސި (ލެޓިން) އަކުރުން ލިޔުމުގެ ޤަވާއިދު"، "ދިވެހިބަހުން ލިޔެކިޔުމުގައި ކޮންމެހެން ދަސްކުރަންޖެހޭ އަކުރުތައް" އަދި "ދިވެހިބަސް އިގިރޭސި (ލެޓިން) އަކުރުން ލިޔުމުގެ ޤަވާއިދާ ބެހޭ އިތުރު ބައެއް ޕޮއިންޓުތައް" ފަދަ ލުއިފޮތްތައް ހިލޭ ބައްސަވައިގެން، އެގޮތަށް ލިޔެކިޔަން ދަސްކުރުން މަޖުބޫރުކުރުވި އެވެ.

ތިކި ޖެހި ތާނަ ހިމެނޭނޭހެން ތާނައިގެ 38 އަކުރަށްވާ ރޯމަން އެލްފަބެޓުގެ އަކުރުތައް އެ ލުއިފޮތްތަކުގައިވެ އެވެ. ހުސް ނޫނާއި، ތިކި ޖެހި ތާނައަށް އަކުރުގެ ފަހަތަށް ޚާއްޞަ ނިޝާންތައް ލައިގެން ނުވަތަ "ކޮންސޮނަންޓް ބްލެންޑް" ތަކެކޭ އެއްފަދައިން ރޯމަން ދެ އަޑެއް ނިކުންނަ އަކުރުތައް އެއްކޮށްލައިގެން، ދިވެހި ލެޓިން ފައްކާކުރި އެވެ. މީގެ އިތުރުން، ލަފުޒު ވަކިކުރާނޭ ގޮތާއި، ލިޔުމުގައި ބޭރުބަސް ބޭނުންކުރާނޭ ގޮތާއި، ހައިފަން ބޭނުންކުރާނޭ ޙާލަތްތަކާއި ލަފުޒު ކުރުކުރާނޭ ނުވަތަ "އެބްރިވިއޭޓު" ކުރާނޭ ގޮތްވެސް މި ޤަވާއިދުގައި ކިޔައިދީފައިވެ އެވެ. ލެޓިނުން ލިޔުމުގައި ފޮތް ޝާއިޢުކުރާ "އޮރިއެންޓޭޝަން" ވެސް ތާނައާ ޚިލާފަށް ވައަތުން ކަނައަތަށް ގަނޑުއުކޭގޮތަށް ބަދަލުކުރި އެވެ. އަދަބީ މަސައްކަތްތައްވެސް ލިޔުމަށް ލެޓިން އަކުރު ބޭނުންކުރުން އާއްމުވެގެންދިޔަ އެވެ.

އޭރުގެ ގިނަ ކަންތައްތަކެކޭ އެއްގޮތަށް، ލެޓިން އަކުރުން ދިވެހި ލިޔުމަށް ދިން އިރުޝާދުގައިވެސް މާލެ އާއި "ރާއްޖެތެރޭ" ގެ ތަފާތުކުރުމާއި ރަށްފުށާމެދު ގެންގުޅެފައިވާ ތަޢައްޞަބުވެސް ފެނިފައިވާކަން ހިތާމައާއެކު ފާހަގަކުރެމެވެ. 23 މޭ 1977ގައި ދިވެހި ބަސް އިގިރޭސި (ލެޓިން) އަކުރުން ލިޔުމާމެދު ރައީސުލްޖުމުހޫރިއްޔާގެ އޮފީހުން ޢާއްމުކުރި ދެންނެވުމުގައި ބޭނުންކުރައްވާފައިވާ ޢިބާރާތް މި ޒަމާނުގައި ބޭނުންކުރިނަމަ، ސޯޝަލް މީޑިއާގައި އެކަނި ނަމަވެސް އެ ލިޔުނު މީހަކު "ކަތިލީހެވެ." އެ ދެންނެވުމުގައި ވެ އެވެ.

"ނަމަވެސް އިގިރޭސިއަކުރު ނުދަންނަ މީހަކަށް ލިޔުމެއް ފޮނުއްވާނަމަ، ވަކިގޮތަކަށް ދަންނަވަންދެން އެލިޔުމެއްގެ ތާނަ ކޮޕީއެއް ފޮނުއްވަންވާނޭ ކަމަށާއި ރާއްޖެތެރެއަށް ސިޓީއެއް ނުވަތަ ލިޔުމެއް ފޮނުއްވާނަމަ ވަކިގޮތަކަށް ދަންނަވަންދެން އެ ފޮނުއްވާ އެއްޗެއްގެ ތާނަކޮޕީއެއް ފޮނުއްވަން ވާނޭކަމުގައި ދެންނެވުމަށް ރައީސް ވިދާޅުވި އެވެ."

ތާނައިން ލިޔަމުންދިޔަ ދިވެހި ބަސް ކުއްލިއަކަށް ލެޓިން އަކުރުން ލިޔަންޖެހުނު ސަބަބަކީ ތޯ އެވެ؟ ތާނަ ޒަމާނީ ވަޞީލަތްތަކަށް ބީރައްޓެހީޔޯލަ އެވެ. ޓައިޕްރައިޓަރުގައި ތާނަ ނުލިޔެވޭތީޔޯލަ އެވެ. ޓެލެގްރާމް ފޮނުވާއިރު ތާނަ ބޭނުންނުކުރެވޭތީޔޯލަ އެވެ. ނަތީޖާއަކަށްވީ، ތާނަ އުވިގެންދިޔުމާ ދެކޮޅު ދިވެހިން ނިކުމެ، ދިވެހި ޓައިޕްރައިޓަރު އުފެއްދުމެވެ. މި ޙައްލުގައި ބަލާފައިވަނީ ތާނައަށް އެކަންޏެއް ނޫނެވެ. ދިވެހިންގެ ދީނީ ޤަބޫލުކުރުންތަކަށްވެސް ބަލާފައިވެ އެވެ. އެގޮތުން، ލަފްޡުއް ޖަލާލަތި (ﷲ) އެ ލަފުޒަށް ޚާއްޞަ ފިތެއްވެސް ދިވެހި ޓައިޕްރައިޓަރުގައި އޮތެވެ.

ކޮންމެއަކަސް ރަސްމީ ކަންކަމުގައި ލެޓިން އަކުރު ބޭނުންކުރުމުގެ ޤަވާއިދުތައް 1979ގައި ރައީސް މައުމޫން އުވާލުމާއެކު ތާނަ އަކުރަށް އާ ދިރުމެއް ލިބިގެންދިޔަ އެވެ. ރަސްމީ ކަންކަމުގައި ލެޓިން އަކުރު ބޭނުންކުރުން މުޅިން ދޫކޮށްލަން ދަތިކަމަކަށްވެސް ވި އެވެ. އެހެން ނަމަވެސް އެކަން ކާމިޔާބުކޮށް، ރަސްމީ ކަންކަމުގައި ތާނަ އަކުރު ބޭނުންކުރުމަށް، އައު ރައީސުލްޖުމުހޫރިއްޔާ ނިންމެވި ނިންމެވުމަށް ބަހަށް ލޯބިކުރާ ގިނަ ބައެއްގެ ސާބަސް ލިބުނެވެ. ތާނަ އަކީ ޙަޤީޤަތުގައިވެސް ދެކުނު އޭޝިޔާގެ އަކުރު ނިޒާމްތަކުގެ ތެރެއިން އެންމެ "ސައިންޓިފިކް" ނިޒާމުކަމަށް ބަލައިގަނެވުނެވެ.

އެހެން ނަމަވެސް ދިވެހިންނަށް ލެޓިން އަކުރު މުޅީން ދުލެއް ނުކުރެވުނެވެ. 1979 އަކަށް ފަހުގައިވެސް ޒާތީ ކަންކަމުގައި ލެޓިން އަކުރު ބޭނުންކުރަމުންދިޔަ އެވެ. ޚާއްޞަކޮށް، އިނގިރޭސި ތަޢުލީމު ފުޅާވެގެންދިއުމާއެކު، ރޯމަން އެލްފަބެޓާއި އޭގެ އަޑުތަކަށް ދިވެހިން ބޮޑަށް ފަރިތަވާން ފެށި އެވެ. ކަން މިހެއް އޮއްވައި، މުވާސަލާތުގެ ރަން ޒަމާނަށް އަލިވިލިއްޖެ އެވެ. އެންމެ ފުރަތަމަ، ލެޓިން އަނެއްކާވެސް ބޭނުންކުރަން ފެށީ، ކޮމްޕިއުޓަރުގައި ތާނައިން ޓައިޕްކުރުމަށް ގެންގުޅުނު ޕްރޮގްރާމް "އެކްސެންޓް" ގައި ލިޔާ ލިޔުންތައް ސޭވްކޮށް ރައްކާކުރުމުގައި އެ ލިޔުންތައް ލޭބަލްކުރުމަށެވެ. ފަހުން ތާނަ ޓައިޕްކުރުން މައިކްރޯސޮފްޓު ވަރޑަށް ހިޖުރަކުރުމަށްފަހުގައިވެސް ލިޔުންތައް ލޭބަލްކުރުމަށް ފަސޭހަ އަކުރަށްވީ ލެޓިން ދިވެއްސެވެ. ކުތުބުޚާނާތަކުގެ ނިޒާމުތަކުގައި ބޭނުންކުރުމާއި، އިންޓަނެޓުގައި ލިޔެކިޔުންތައް ހޯދުމަށްވެސް، ލެޓިން ލޭބަލިން މުހިއްމުވާން ފެށި އެވެ. ވެބްސައިޓްތަކުގައިވެސް ދިވެހި ސުރުޚީއާ އެކުގައި ލެޓިން ސުރުޚީއެއް ނެތިއްޖެނަމަ، ލިބޭ ހިޓްތައް މަދުވެ އެވެ. ކުޑަމިނުން، ސަރުކާރުގެ މުވާސަލާތީ ނިޒާމު "ޖެމްސް" ގައިވެސް ލެޓިން އަކުރުން ފުރިހަމަކުރަން ޖެހޭ ބައިތައް ހުރެއެވެ.

މިއާ އެކުއެކީގައި ސޯޝަލް މީޑިއާގައި ލެޓިން އަކުރު ބޭނުންކުރުން ޢާއްމުވެއްޖެ އެވެ. ބައްތި ފޯނުން އެސް.އެމް.އެސް ކުރުމުން ފެށިގެން ގޮސް، ޓްވިޓަރ، ފޭސްބުކް ފަދަ މަންސަތަކުގައި ޚިޔާލު ފާޅުކުރުމަށް ލެޓިން ބޭނުންކުރުން ޢާއްމުވެއްޖެ އެވެ. ތާނަ ޓައިޕްކުރުމަށްވުރެ އިނގިރޭސި ޓައިޕްކުރުމަށް ފަރިތަ އާބާދީއެއް ސްކޫލްތަކުންނާއި ޔުނިވަރސިޓީތަކުން ދަސްވެނިވެގެން ވަޒީފާގެ މާހައުލަށް ނިކުންނައިރު، މީހުންގެ ޔައުމިއްޔާ ނޯޓުތަކާއި، ބައްދަލުވުންތަކުގެ ނޯޓުތަކުގައިވެސް ސައިކުރާ ނަޢީމުގެ އަވަސް ތާނަ ފޮންޓުން ދިވެހި ލިޔެފައި ހުންނަ މަންޒަރު ފެނުން ތަދުކަމަކަށް ވެ، ރޯމަން އެލްފަބެޓުގެ "ކެލިގްރަފީ ދިވެހި" ފެނުން ގިނަ ވެއްޖެ އެވެ. މި ފަހަރު ރައީސުލްޖުމުހޫރިއްޔާގެ ޚާއްޞަ ދެންނެވުމަކުން މަޖުބޫރުވެގެންނެއް ނޫނެވެ. އަމިއްލަ އިޚުތިޔާރުގަ އެވެ.

އެހެން ނަމަވެސް ޒަމާނީ ދިވެހި ލެޓިންގެ ތަފާތުތަކެއް ވެ އެވެ. 1977ގެ ދިވެހި ލެޓިން ޤަވާއިދަށް އަހުލުވެރި ބައެއް މީހުން، އެ ޤަވާއިދުގައި ހިފަހައްޓަމުން ދެ އެވެ. އެހެން ނަމަވެސް ފަހުގެ ޖީލުތަކުން، މައިގަނޑު އަޑުތަކަށް އެއް އަކުރުތަކެއް ބޭނުންކުރި ނަމަވެސް، ބައެއް "ކޮންސޮނަންޓް ކޮންޕައުންޑް" ތައް ބޭނުންކުރަނީ ވަކި ޤަވާއިދެއްގެ ބަދަލުގައި އަމިއްލަ އިޚުތިޔާރުގެ މައްޗަށެވެ. މި ފަދަ އެއް މިސާލަކީ "ޏ"ގެ ބަދަލުގައި މިއަދު ބޭނުންކުރާ "ކޮންސޮނަންޓް ކޮމްޕައުންޑް" ތަކެވެ. 1977ގެ ޤަވާއިދުގައި "ޏ" އަށް ދީފައިވާ ނިޝާނަކީ “gn”އެވެ. އެހެން ނަމަވެސް މި ޒަމާނުގެ ލެޓިންގައި މަދުން ނަމަވެސް "ny" ބޭނުންކުރާ މަންޒަރު ފެނެ އެވެ. އަނެއް މިސާލަކީ ތިކި ޖެހި ތާނައަށް ވަކި ނިޝާންތަކާއި ކޮންސޮނަންޓް ކޮމްޕައުންޑްތައް ބޭނުންނުކުރުމެވެ. މިސާލަކަށް "ޘ" ގެ އަޑަށް “th” ބޭނުންކުރުމުގެ ބަދަލުގައި އެ އަކުރާ އެންމެ ގާތް "ތިކި ނުޖަހާ"އަޑާ ގުޅޭ ރޯމަން އަކުރު ބޭނުންކުރެ އެވެ.

ދެމޭ ފިލިތަކަށް ކުރިން ބޭނުންކުރި "ޑިފްތޮންގް" ނިޝާންތައްވެސް ގިނަ ބަޔަކު މިހާރު ވަނީ ދޫކޮށްލާފަ އެވެ. އެގޮތުން އޯބޯފިލީގެ އަޑަށް ބޭނުންކުރި “oa”ގެ ބަދަލުގައި އޭރު އޮބޮފިއްޔަށް ބޭނުންކުރި “o” ދެ އަޑަށްވެސް މިހާރު ބޭނުންކުރެ އެވެ. ހެޔޮ ބަދަލުތަކެއްވެސް މިއަދުގެ ލެޓިން ދިވެހީގައި އެބަ ފެނެ އެވެ. 1977 ގެ ލެޓިން އަކުރު ކާޑުގައި ބަހުރުވައިގެ އަޑުތައް ހިމަނާފައި ނުވާއިރު، އޭރު އުވާލާފައިވާ ޱަވިޔަނި (ނަވިޔަނި) އަޑު ތާނައިގައިވެސް ބޭނުންކުރާ ފަދައިން މިއަދު ލެޓިންގައިވެސް ބޭނުންކުރެ އެވެ. އެހެން ނަމަވެސް ރޯމަން އަކުރުން އެއަޑަށް އަކުރެއް ކަނޑައަޅައިގެނެއް ނޫނެވެ. އެވޭލާ އަކުރާއި ދިވެސް އަކުރުގައި އެ އަޑަށް ބޭނުންކުރި ނިޝާން ތާނަ، އަދި ލެޓިންގައިވެސް އެ އޮތްގޮތަށް ހިމަނައިގެންނެވެ.

ހުށަހަޅަން މި އުޅޭ ޚިޔާލަކީ، ދިވެހި ލެޓިން ލިޔުމުންގެ ބާބު އަދި ލައްޕާލެވެން ނެތް ހިނދު، 1977ގެ ޤަވާއިދާއި، އެއާ އެކުގައި ޢާއްމުކުރި އިތުރު ނުކުތާތައް އަދާހަމަކޮށްގެން، ވަކި ޤަވާއިދެއްގެ ދަށުން އެކަން ކުރުމަށެވެ. ސޯޝަލް މީޑިއާގައި މިކަން މަޖުބޫރުކުރާ ވާހަކައެއް ނޫނެވެ. އެހެން ނަމަވެސް ރަސްމީ އީ-މެއިލް އަދި ޖެމްސް ފަދަ ސިސްޓަމްތަކުން ބަދަލުކުރާ ލިޔެކިޔުންތަކުގައި ހިމަނަން ޖެހޭ ލެޓިން ބައި، ވަކި އުޞޫލެއްގެ ދަށުން ލިޔުމަށެވެ. ދިވެހިން ދޭ ރަސްމީ ޢިއްޒަތްކަކާއި ޝަރަފުތައް އިނގިރޭސިބަހަށް ތަރުޖަމާކުރުމުގައި ވަކި ހަމައެއް ގެންގުޅުމަށެވެ. އިންވެންޓަރީ އަދި ކުތުބުޚާނާ ސިސްޓަމްތަކުގައި ތަކެތި ލޭބަލްކޮށް، ހޯދަން ފަސޭހަ ކުރުމަށެވެ.

ބައެއް މިސާލުތަކަށް ބަލާލަމާތޯ އެވެ. 1977ގެ ޤަވާއިދުގައި "އަންނަބީލާ"، އަލްފާޟިލް"، "ޝައިޚް"، "އުސްތާޛު" ފަދަ ލަފުޒުތަކުގައި ބަދަލުގައި ލެޓިން އެބްރިވިއޭޝަންތައް ބޭނުންކޮށްފައިވެ އެވެ. ހަމައެފަދައިން މިއަދު "އަލްއުސްތާޛާ"، "ޝައިޚާ" ފަދަ މަޤާމްތަކައް ރަސްމީ ލެޓިން "ކުރު ނަންތައް" އެބަ ބޭނުންވެ އެވެ. މީގެ އިތުރުން ދަޢުލަތުން ޢިއްޒަތް ދެއްވާފައިވާ ބޭފުޅުންނަށް ދެއްވާފައިވާ ލަޤަބުތައް ކަމަށްވާ "މާފަތް ކިލެގެ"، "ފާށަނާކިލެގެ" ފަދަ ލަފުޒުތަކަށް 1977ގެ ޤަވާއިދުގައި ލެޓިން އަކުރުން ކުރު ނަން ދީފައިވާ ފަދައިން މިއަދު "ނިޝާން ޢިއްޒުއްދީންގެ ޢިއްޒަތުގެ ޝަރަފު"، "ނިޝާން ޣާޒީގެ ޢިއްޒަތުގެ ޝަރަފު" ފަދަ ލަޤަބުތަކަށްވެސް ރަސްމީ ސިފައެއްފައި ލެޓިން ކުރު ނަން ފެންނަން ޖެހޭކަމަށް ދެކެމެވެ.

ކުތުބުޚާނާ ނިޒާމުގެ ވާހަކައަކީ ތޯ އެވެ؟ ދިވެހި އެންމެ ބޮޑު އޮންލައިން ލައިބްރަރީއަކީ ގޫގުލް އޭ ދެންނެވުން މުޅިން ގޯހެއް ނުވާނެ އެވެ. އެހެން ނަމަވެސް ނޫހެއްގައި އޮތް ޚަބަރެއްގެ ލެޓިން ސުރުޚީ ޖަހައިގެން ހޯދިޔަސް، ފެންނާނީ އެކި ގޮތްތޮކަށް ލެޓިން ބޭނުންކޮށްފައިވާ މަންޒަރެވެ. އެންމެ ލަފުޒެއް މިސާލަކަށް ނަގަމާތޯ އެވެ. "އިންތިޚާބު" މި ލަފުޒެވެ. އެއްބަޔަކު ލިޔަނީ 1977ގެ ޤަވާއިދާ އެއްގޮތަށް “inthikhaabu” އެވެ. އަނެއް ބަޔަކު “inthihaabu” އެވެ. އެހެން ބައެއް ލިޔުންތަކުގައި ދެ ގޮތަށެވެ. ލަފުޒުތައް ވަކިކޮށް، އެއްކުރުންވެސް އެފަދައެވެ. "މެންބަރުން" މި ލަފުޒު ބޭނުންކޮށްފައިވާ ގޮތަށް ބަލައިފިނަމަ، އެއްބަޔަކު “membarun” އަނެއް ބަޔަކު “menbarun”، ދެން ތިބި ބަޔަކު “memberun” އަދި މީގެ އިތުރަށް “member-in”މިގޮތަށް ބޭނުންކުރެއެވެ. އެކި ގޮތްގޮތަށް ބޭނުންކޮށްފައި ހުންނަ ހުރުން ދަތިކަމަށް ވަނީ، އެ ފަދަ ލިޔުމެއް ހޯދަން ސަރޗް ބާގައި ޖަހާނީ މިއިން ކޮން ގޮތަކަށް ކަން ނޭނގޭ ހިސާބުންނެވެ.

އޮޅުވާނުލައްވައްޗެވެ! އަޅުގަނޑު މި ދަންނަވަނީ ތާނައިގެ ބަދަލުގައި ލެޓިން އަކުރު އަލުން ތަޢާރަފުކުރާ ވާހަކައެއް ނޫނެވެ. އެހެން ނަމަވެސް އަޅުގަނޑުމެންނަށް އަދި "ލެޓިން" ދޫކޮށްލެވެން ނެތް އިރު، ބައެއް ކަހަލަ އިދާރީ މަސައްކަތުގައި ބޭނުންކުރާނޭ "ސްޓޭންޑަރޑް ލެޓިން" ޤަވާއިދެއް، މި ޒަމާނުގައި ބަހާއި ބަހުރުވައިން ފެންނަ ބަދަލުތައްވެސް ހިމަނައިގެން އެކުލަވާލުން ލުއި ފަސޭހަވާނޭ ވާހަކަ އެވެ. މިއީ ލަދު ގަންނަން ޖެހޭ ކަމެއް ކަމަށް ނުވަތަ ދިވެހި ބަހަށް އިޙުތިރާމު ކުޑަކުރުންކަމަށް ދެކިވަޑައިގަންނަވާ ބޭފުޅުންވެސް ތިއްބެވުން އެކަށީގެންވެ އެވެ. ޢަރަބިބަހުގެ ވެސް އުރުދޫގެ ވެސް "ރޯމަނައިޒޭޝަން" ނިޒާމުތައް އެބަހުއްޓެވެ. އަދި ދިވެއްސާ ޚިލާފަށް، މި ބަސްބަހުގައި އަކުރު ތަމްސީލުކުރުމަށް ރޯމަން އެލްފަބެޓުގެ "ފޮނެޓިކް" ނިޝާންތަކާއި ހިސާބު އަކުރުތައްވެސް ބޭނުންކުރެ އެވެ.

މިސާލަކަށް ޢަރަބި " ح "ގެ ބަދަލުގައި "7" އަދި ޢަރަބި " ص" ގެ ބަދަލުގައި "9" ބޭނުންކުރެއެވެ. ޢަރަބި ބަހުގައިވެސް އަކުރު "ރޯމަނައިޒް"ކުރުމަށް ބޭނުންކުރަނީ އެންމެ ނިޒާމެއް ނޫނެވެ. އެތައް ސްޓޭންޑަރޑްތަކެއް އޮވެ އެވެ. ދިވެހިންވެސް ކޮންމެހެން އެއް ސްޓޭންޑަޑަކަށް ބަރޯސާވުން މަޖުބޫރެއް ނޫނެވެ. އެހެން ނަމަވެސް އޮންލައިން ކުތުބުޚާނާތައް ފަދަ ވަޞީލަތްތަކުގައި، "މީގައި ސަރޗް ކުރެވޭނީ މިވެނި ސްޓޭންޑަޑަކުންނޭ" އޮތުން އެއީ ލުއި ފަސޭހަ ކަމަކަށް ނުވާނޭތޯ އެވެ؟ ލެޓިން އަކުރުން ސަރޗްކޮށްގެންވެސް ހޯދަން މި ހުށަހަޅަނީ ތާނައަކުރުން ހުންނަ ލިޔުންތަކެވެ.

ލެޓިން އަކުރު ބޭނުންކުރުން އިހުނަށްވުރެ ޢާއްމުވެފައިވާ މި ޒަމާނުގައި އެ އަކުރު ބޭނުންކުރާނޭ ނިޒާމެއް ނުވަތަ ނިޒާމުތަކެއް އެކުލަވާލާނޭ ތަރަހަ 1977ގެ ޤަވާއިދު ދޭ ހިނދު، އެ އުޞޫލު ތަރައްޤީކޮށް، އަދާހަމަކޮށްގެން ބޭނުންކުރުމަކީ ދިވެހިބަހުން ބަސްމޮށުމާއި މުވާސަލާތުކުރުމުގައި ލިބޭ އިތުރު ފުރިހަމަކަމެއް ކަމަށް ބެލޭނޭ ޖާގަ ނޯންނާނޭތޯ އެވެ؟