Advertisement

މީކާއިލްގެ ފާޑުކިޔުން: މާލޭގައި މީހުން ކުދިގޮޅިތަކުގައި، އަލިފުށީގައި ބަޖެޓުގައި ނުހިމެނޭ އެއާޕޯޓެއް!

8 ސެޕްޓެންބަރު 2021 - 12:10 2

މުހައްމަދު ވިޝާމް

މުހައްމަދު ވިޝާމް


މީކާއިލްގެ ފާޑުކިޔުން: މާލޭގައި މީހުން ކުދިގޮޅިތަކުގައި، އަލިފުށީގައި ބަޖެޓުގައި ނުހިމެނޭ އެއާޕޯޓެއް!

8 ސެޕްޓެންބަރު 2021 - 12:10 2

މާލޭގެ ރައްޔިތުން ކުދިކުދި ގޮޅިތަކުގައި ދިރިއުޅެމުންދަނިކޮށް، ރ. އަލިފުށީގައި ދައުލަތުގެ ބަޖެޓުގައި ހިމެނިފައި ނުވާ އެއާޕޯޓް ޕްރޮޖެކްޓެއް ހިންގާ މައްސަލައަށް ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެމްބަރު މީކާއީލް އަހުމަދު ނަސީމް މިއަދު ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.

އޭނާގެ ފާޑުކިޔުން ސަރުކާރާށް މި އަމާޒުވީ މާލޭގައި ދިރި ނޫޅެވޭ ވަރުގެ ކުދި ބިންކޮޅުތަކާއި ކުދި ކުދި ފްލެޓްތަކުގައި ދިރި އުޅޭ ފަރާތްތަކަށް ގޯތި ދޭން ބުނި ވައުދު ފުއްދުމަށް ގޮވާލައި މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ހުށަހަޅުއްވާފައިވާ މައްސަލައިގެ ބަހުސްކުރައްވަމުންނެވެ.

މީކާއީލް ވިދާޅުވީ މާލޭގެ ކުދި ގޯތިތައް ދޫކޮށްލާ މީހުންނަށް ހުޅުމާލޭން ގޯތި ދިނުމަށް މީގެ ކުރިން އޮތް އެމްޑީޕީ ސަރުކާރުން ހިންގި ވެށިފަހި މާލެ މަޝްރޫއު އަލުން ކުރިއަށް ގެންދާނެ ކަމަށް މި ސަރުކާރުން ވެސް ވައުދުވި ކަމަށެވެ. ނަމަވެސް، މި ސަރުކާރަށް ތިން އަހަރު ވެގެންދާއިރު އެފަދަ އެއްވެސް މަޝްރޫއުއެއް މާލޭގެ ރައްޔިތުންނަށް ފެށިފައިނުވާކަމީ ހިތާމަކުރައްވާ ކަމެއް ކަމަށް މީކާއީލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ގައުމެއްގެ ހައިސިއްޔަތުން ރާއްޖޭގައި ވެސް މަޝްރޫއުތައް ހިންގަން އިސްކަންދޭ ތަރުތީބެއް އޮންނަންޖެހޭ ކަމަށެވެ.

އެކަމަކު އެހާ ނިކަމެތި ހާލުގައި މާލޭގެ އެތަކެއް ރައްޔިތުންތަކެއް ދިރިއުޅެމުން ދަނިކޮށް، ކުއްލިއަކަށް އަޑުއިވިގެންދިޔައީ 451 މިލިއަން ރުފިޔާއަށް މިހާރު ވެސް އެއާޕޯޓެއް އޮތް ރ. އަތޮޅުގައި އަނެއްކާވެސް އިތުރު އެއާޕޯޓެއް އަޅާ ވާހަކަ ކަމަށް މީކާއީލް ވިދާޅުވި އެވެ.

".ދެން އަޅުގަނޑުމެންގެ ރައްޔިތުންނަށް މޫނު ދައްކާލާނެ ގޮތެއް ވިދާޅުވެދެއްވާ!. ބަޖެޓުގައި ނުވެސް ނެތް ޕްރޮޖެކްޓެއް ނޫސްތަކުގެ ހެޑްލައިނުން އަޅުގަނޑުމެންނަށް މި ފެނިގެންދަނީ އަޅުގަނޑުމެންގެ ދާއިރާގެ ރައްޔިތުން ކުދިކުދި ގޮޅިތަކުގައި ބޯހިޔާވަހިކަމެއް ނެތި ތިއްބާ،" އޭނާ ވިދާޅުވި އެވެ.

މީކާއީލް އިތުރަށް ވިދާޅުވި ގޮތުގައި، ވަކި ބަޔަކު ރުއްސަން ޕްލޭނުގައި ނުހިމެނޭ މަޝްރޫއުތަކަށް ހުރިހާ ރައްޔިތުން ދައްކާ ޓެކްސް ފައިސާ ނަހަމަގޮތުގައި ބޭނުންކޮށްގެން ނުވާނެ ކަމަށެވެ.

މީކާއީލްގެ އިތުރުން އެ މައްސަލައިގައި ވާހަކަ ދެއްކެވި މާލޭގެ ދާއިރާތަކަށް ނިސްބަތްވާ މެމްބަރުން ވެސް ވަނީ މާލޭގެ ރައްޔިތުންނަށް ގޯތި ދޭން ބުނި ވައުދު ނުފުއްދާތީ ކަންބޮޑުވުންފާޅު ކުރައްވައި، އެކަން އަވަސް ކުރުމަށް ސަރުކާރަށް ގޮވާލައްވައިފަ އެވެ.

އަލިފުށީގައި އެއާޕޯޓު އަޅާތީ ހިތްހަމަނުޖެހެނީ ކީއްވެ؟

ރ. އަތޮޅަށް ދެ ވަނަ އެއާޕޯޓެއް ބޭނުންވާ ވާހަކަ ކުރީ ސަރުކާރާއި މި ސަރުކާރުން ވެސް ދައްކާފައިވެ އެވެ. ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ރ. ފައިނުގައި އެއާޕޯޓެއް ތަރައްގީކުރަން ނިންމި އެވެ. ނަމަވެސް، އެއްވެސް ހިސާބެއްގައި އަލިފުށީގެ ނަން އައިސްފައެއް ނެތެވެ.

މިހާރު ވެސް ރ. އިފުރުގައި އެއާޕޯޓެއް އޮތް ނަމަވެސް އެ އަތޮޅުގެ ބައެއް ރަށްރަށާ މި އެއާޕޯޓު މާދުރުކަމަށް އެ ރަށްރަށުގެ ރައްޔިތުން އައީ ބުނަމުންނެވެ. އަދި އިތުރު އެއާޕޯޓެއް އަޅާނެ ކަމަށް ސަރުކާރުން ވައުދުވީ ވެސް ރައްޔިތުންގެ އެ ކަންބޮޑުވުންތަކާ ގުޅިގެންނެވެ.

ކޮންމެ ރަށަކުން ފުރައިގެން 20 މިނެޓުން އެއާޕޯޓަކަށް ދެވޭ ސިޔާސަތުގެ މައްޗަށް ހިސާބު ޖަހާއިރު، އަލިފުށިން ފުރައިގެން، މިހާރު ވެސް އެ އަތޮޅުގައި އޮތް އިފުރު އެއާޕޯޓަށް 20 މިނެޓުގެ ދަތުރަކުން ދެވެ އެވެ. ނަމަވެސް އަތޮޅުގެ ދެކުނު ބިތުގައި ރަށްރަށުން ފުރައިގެން އިފުރަށް 20 މިނެޓުން އެއާޕޯޓަކަށް ނުދެވެ އެވެ. އެހެންވެ، އަތޮޅުގެ އެންމެ އުތުރުގައި، ވަކިން އޮތް އަލިފުށީގައި އެއާޕޯޓެއް ހެދިޔަސް، ސަރުކާރުގެ ސިޔާސަތުގެ މިންގަނޑަށް ނުފެތޭނެ އެވެ.