Advertisement

މަހުގެ ޑިޔުޓީ އެޖެންޑާގެ ކުރިއަށްލައިގެން އީޔޫއާއެކު ދެވަނަ ބައްދަލުވުމަށް

7 ސެޕްޓެންބަރު 2021 - 12:10 0

މުހައްމަދު ވިޝާމް

މުހައްމަދު ވިޝާމް

ރާއްޖެ އާއި ޔޫރޮޕިއަން ޔޫނިއަން (އީޔޫ)އާ ދެމެދު ބާއްވާ މަޝްވަރާތަކުގެ ފުރަތަމަ ބައްދަލުވުން. -ފައިލް ފޮޓޯ: ފޮރިން މިނިސްޓްރީ


މަހުގެ ޑިޔުޓީ އެޖެންޑާގެ ކުރިއަށްލައިގެން އީޔޫއާއެކު ދެވަނަ ބައްދަލުވުމަށް

7 ސެޕްޓެންބަރު 2021 - 12:10 0

ޔޫރަޕިއަން ޔޫނިއަން (އީޔޫ)ގެ ގައުމުތަކަށް މަސް އެކްސްޕޯޓު ކުރުމުގައި ބޮޑު ޑިއުޓީއެއް ނަގާ މައްސަލަ އެޖެންޑާގެ ކުރިއަށްލައިގެން އީޔޫއާ ދެމެދު ބާއްވާ މަޝްވަރާތަކުގެ ދެވަނަ ބުރަށް ދިވެހި ވަފުދު މިރޭ ފުރާނެ ކަމަށް ސަރުކާރުން ބުނެފި އެވެ.

ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ އަހަރަކު އެއް ފަހަރު ބާއްވާ އެ ބައްދަލުވުމުގެ ބޭނުމަކީ ރާއްޖެ އާއި އީޔޫއާ ދެމެދު އޮންނަ ގުޅުން ބަދަހިކުރެވޭނެ ގޮތްތައް ހޯދުމުގެ އިތުރުން ހަރުދަނާ ގޮތެއްގައި ދެގައުމު ގުޅިގެން މަސައްކަތް ކުރެވޭނެ މަގު ތަނަވަސްކޮށްދިނުން ކަމަށެވެ.

އެ މަޝްވަރާތަކުގެ ފުރަތަމަ ބުރު މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ބާއްވާފައިވާ އިރު، މި ފަހަރުގެ ބައްދަލުވުން އޮންނާނީ މި މަހުގެ 10ގައި ބެލްޖިއަމްގެ ވެރިރަށް ބްރަސަލްސްގައި ކަމަށް ބުންޏެވެ.

ޑިމޮކްރެސީ އާއި އިންސާނީ ހައްގުތަކާއި ހައްދުފަހަނައަޅައި ދިއުމާއި ޓެރަރިޒަމާ ދެކޮޅަށް ކުރެވޭ މަސައްކަތްތަކުގެ އިތުރުން އިގްތިސާދު އާރާސްތުކުރުން ފަދަ މުހިންމު މައުލޫތަކާ ގުޅޭގޮތުން ދެ ގައުމުގެ މެދުގައި މަޝްވަރާ ކުރެވޭނެ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.

އެ ދަތުރުގައި ދިވެހި ވަފުދުން އެހެން ބައެއް ބައްދަލުވުންތައް ވެސް ބާއްވާން ހަމަޖެހިފައިވާއިރު، އޭގެ ތެރޭގައި އީޔޫގެ ޑިރެކްޓޮރޭޓް ޖެނެރަލް ފޮ މެރިޓައިމް އެފެއާޒް އެންޑް ފިޝަރީޒް އާ ބައްދަލުކުރައްވާނެ ކަމަށް ބުނެފައި ވެ އެވެ.

އެ ބައްދަލުވުންތަކުގައި ރާއްޖޭން އީޔޫއަށް ބޭރުކުރާ މަހުގެ ބާވަތްތަކުން ނަގާ ޑިޔުޓީ ކުޑަކުރުމަށް މަޝްވަރާކުރާނެ ކަމަށް ފޮރިން މިނިސްޓްރީގެ އޮފިޝަލަކު "އަދަދު"އަށް ވިދާޅުވި އެވެ.

އީޔޫން ބޮޑު ޑިޔުޓީއެއް ނަގަނީ ކީއްވެ؟

އެންމެ ކުޑަކޮށް ތަރައްގީވެފައިވާ ގައުމެއްގެ ގޮތުގައި ރާއްޖެ އޮތް އިރު، އީޔޫގެ ޖެނެރެލައިސްޑް ސިސްޓަމް އޮފް ޕްރިފެރެންސް (ޖީއެސްޕީ) ގެ ދަށުން ޔޫރަޕަށް އެތެރެކުރާ ދިވެހި މަހުގެ ބާވަތްތަކުން އެއްވެސް ޑިޔުޓީ އެއް ނުނަގަ އެވެ.

ނަމަވެސް، 2013 ވަނަ އަހަރު މެދު އާމްދަނީގެ ގައުމަކަށް ރާއްޖެ ގްރެޖުއޭޓް ވުމާއެކު އީޔޫން ދެމުންއައި ޖީއެސްޕީގެ އިނާޔަތްތައް ވަނީ ކަނޑާލައިފަ އެވެ. އެއާއެކު ޔޫރަޕަށް ބޭރުކުރާ މަހަށް ރާއްޖޭން މިހާރު 28 ޕަސަންޓް ޑިޔުޓީއެއް ދައްކަން ޖެހެ އެވެ.

އޭގެ ފަހުން، 2015 ވަނަ އަހަރު ރާއްޖެފަދަ ތަރައްގީވަމުން އަންނަ ގައުމުތަކަށް އަމާޒުކޮށް އީޔޫން ތައާރަފްކުރި ޖީއެސްޕީ ޕްލަސް ގައި ވެސް އަސާސީ ހައްގުތަކާބެހޭ ބައިނަލްއަގުވާމީ 27 މުއާހަދާއެއްގައި ބައިވެރިނުވާތީ ރާއްޖެ އެ އިނާޔަތްތަކަށް ބޭނުންވާ ޝަރުތު ފުރިހަމަނުވެ އެވެ.

އެއީ، އެ މުއާހަދާތަކުގެ ތެރޭގައި ހިމެނޭ އިންޓަނޭޝަނަލް ކޮވެނަންޓް އޮން ސިވިލް އެންޑް ޕޮލިޓިކަލް ރައިޓްސް (އައިސީސީޕީއާރު) ގައި ދީނީ މިނިވަންކަން ދިނުމުގެ ބައި އޮންނާތީ އެވެ. އެކަމުގައި އިސްތިސްނާއެއް ހޯދުމަށް ވެސް ދިވެހި ސަރުކާރުން އަންނަނީ ކެނޑެނޭޅި މަސައްކަތް ކުރަމުންނެވެ.