Advertisement

ހޮޅުދޫ ޓީމުން ޒުވާން ގައުމީ ޓީމާ އެއްވަރުކޮށްފި

7 ސެޕްޓެންބަރު 2021 - 09:00 0

ހޮޅުދޫ އާއި ޒުވާން ގައުމީ ޓީމު ކުޅުނު މެޗުގެ ތެރެއިން.-- ފޮޓޯ: އެފްއޭއެމް


ހޮޅުދޫ ޓީމުން ޒުވާން ގައުމީ ޓީމާ އެއްވަރުކޮށްފި

7 ސެޕްޓެންބަރު 2021 - 09:00 0

ޒުވާން ގައުމީ ޓީމުން މިހާރު ޅ އަތޮޅުގައި ކުރިއަށްގެންދާ ޓްރެއިނިން ކޭމްޕްގެ ތެރެއިން އިއްޔެ ނ. ހޮޅުދޫއާ ދެކޮޅަށް ކުޅުނު މެޗުން 1-1 އިން އެއްވަރުވެއްޖެ އެވެ.

މި މަހު 12 ވަނަ ދުވަހުގެ ނިޔަލަށް ޅ އަތޮޅުގައި ކުރިއަށްގެންދާ ޓްރެއިނިން ކޭމްޕްގައި ޒުވާން ގައުމީ ޓީމު އެންމެ ފުރަތަމަ ކުޅުނު މެޗުން ޅ. ނައިފަރާ ވެސް ވަނީ 1-1 އިން އެއްވަރުވެފަ އެވެ.

ނައިފަރު ސްޓޭޑިއަމްގައި ކުޅުނު މެޗުގައި އިއްޔެ ގައުމީ ޓީމުގެ ގޯލު ޖެހީ ސީނިއާ ގައުމީ ޓީމަށް ވެސް ކުޅެފައިވާ އަބްދުﷲ ޔާމީން (ޔާން) އެވެ. ހޮޅުދޫ ޓީމުގެ ގޯލު ޖެހީ އުމުރުން 15 އަހަރުގެ ޒައިން އެވެ.

ހޮޅުދޫގައި ފުޅާދާއިރާއެއްގައި ކުޅުންތެރިން ޑިވެލޮޕްކުރަން ހިންގާ މުސާ އެކެޑަމީ އަށް ނިސްބަތްވާ ގިނަ ޒުވާން ކުޅުންތެރިންތަކެއް ލައިގެން އިއްޔެގެ މެޗުގައި އެ ރަށު ޓީމުން ކުޅުނުއިރު، ޒުވާން ގައުމީ ޓީމުން ވެސް ވަނީ ވީހާވެސް ގިނަ ކުޅުންތެރިންނަށް ފުރުސަތު ދީފަ އެވެ.

އިއްޔެގެ މެޗަށް ނެރުނު ޒުވާން ގައުމީ ޓީމުގެ ފުރަތަމަ އެގާރަ ކުޅުންތެރިން.


ޅ ޓްރެއިނިން ކޭމްޕްގައި ފާހަގަކޮށްލެވޭ ޒުވާން ކުޅުންތެރިންނަށް ގައުމީ ޓީމުން ފުރުސަތު ދޭނެ ކަމަށް ޒުވާން ޓީމު ލީޑުކުރުމާ ހަވާލުވެހުރި ޓީމުގެ އެސިސްޓަންޓް ކޯޗު ސޮބާހު މުހައްމަދު (ސޮބާ) ވަނީ މީގެ ކުރިން "އަދަދު" އަށް ބުނެފަ އެވެ. އަދި އެފްއޭއެމްގެ ޓެކްނިކަލް ޑިރެކްޓަރު އަހުމަދު ޝަރީފް (ޑުންގާ) ވެސް ވަނީ މި ފަަދަ ޓްރެއިނިން ކޭމްޕްގެ އެންމެ ބޮޑު އެއް ބޭނުމަކީ ރަނގަޅު ކުޅުންތެރިން ސްކައުޓް ކުރުން ކަމަށް ވިދާޅުވެފަ އެވެ.

ޒުވާން ގައުމީ ޓީމުން މިއަދު ކުޅޭ މެޗުގައި ބައްދަލުކުރާނީ ނ. ކުޑަފަރިއާ އެވެ. އެ އަށް ފަހު ޅ. ހިންނަވަރަށް ދާނެ އެވެ.

ހިންނަވަރުގައި މިހާރު އޮތްގޮތުން ތިން މެޗެއް ކުޅޭނެ އެވެ. ފުރަތަމަ މެޗުގައި ބުރާސްފަތި ދުވަހު ބައްދަލުކުރާނީ ރ. މީދޫއާ އެވެ. ހުކުރު ދުވަހު ހިންނަވަރާ ކުޅޭއިރު، ރާއްޖޭގެ މަޝްހޫރު ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ހުރީ އެ ރަށުގައި ޓްރެއިނިން ކޭމްޕެއް ފަށައިގެންނެވެ. އަންނަ ހޮނިހިރު ދުވަހު ޓްރެއިނިން ކޭމްޕްގެ ފަހު މެޗުގައި ޒުވާން ޓީމު ބައްދަލުކުރާނީ ޅ. ކުރެންދޫއާ އެވެ.

ގައުމީ ޓީމު އެނބުރި މާލެ އަންނާނީ އަންނަ އާދިއްތަ ދުވަހު އެވެ.

ޒުވާން ގައުމީ ޓީމުން ތައްޔާރުވަމުން އަންނަނީ އަންނަ އަހަރު އުޒްބެކިސްތާނުގައި އޮންނަ 23 އަހަރުން ދަށުގެ އޭޝިއަން ކަޕް ކޮލިފައިންގައި ވާދަކުރާށެވެ. އަންނަ އޮކްޓޫބަރު މަހު 23 އިން 31 އަށް އޮންނަ ކޮލިފައިންގައި ރާއްޖެ ހިމެނެނީ އިރާގް، ބަހުރޭން އަދި އަފްގާނިސްތާނާ އެއް ގްރޫޕެއްގަ އެވެ.