Advertisement

ލޯބިވިޔަސް ވަކިވާން ވެސް ދަސްކުރޭ!

8 ސެޕްޓެންބަރު 2021 - 07:09 1

އާއިޝަތު މިހުނާ ނާސިހް

އާއިޝަތު މިހުނާ ނާސިހް

ދެ ލޯބިވެރިންގެ ދިރިއުޅުން ވަކިވެފައިވާކަން ދައްުކުވައިދޭ ކުރެހުން-- އަހުމަދު އިހުސާން (އަރަކަ) / އަރަކަ


ލޯބިވިޔަސް ވަކިވާން ވެސް ދަސްކުރޭ!

8 ސެޕްޓެންބަރު 2021 - 07:09 1

ނިކަން ލޯބިން ބައްދަލުވެ އެތައް މާތަކެއް ފޮޅުވުނެވެ. ފުރިހަމަ ދިރިއުޅުމެއްގެ މަގު ޗާޓު ކުރަހައި ކުލަ ޖެއްސުނެވެ. މާމުއި ހަނދުގެ ފޮނިކަމާއި އަރާމު ލިބުނެވެ. އެހެނަސް، އެ ހުރިހާ ހުވަފެންތަކެއް ހަގީގަތަކަށް ހެދުމުގެ މަގުމަތިން ރަތް ބޮކި ދިއްލި ދެ މީހުންގެ މިސްރާބު ބަދަލުވެގެން ދިޔައީ ކުޑަ ހިނދު ކޮޅެއްގެ ތެރޭގަ އެވެ. އެއާއެކު މުޅި ދިރިއުޅުމުގެ އުދަރެސް ބަނަކޮށް އަނދިރިކޮށްލައިފި އެވެ. ލޯބި ހަމަ ގައިމުވެސް ވެވިއްޖެ އެވެ. އެކަމަކު ވަކިވާކަށް ނޭނގުނެވެ.

މިއީ އަހަރެމެންގެ ތެރޭގައި މިއަދު ވަރަށް އާންމު، އެކަމަކު ގިނަ ފަހަރަށް ނުދައްކާނެ ވާހަކަ އެކެވެ. ހިތް ކުދިކުދި ވެގެން އެ ވާހަކަ ހިއްސާ ކޮށްލުމުން ވެސް ލިބޭނެ އެންމެ އާންމު ޖަވާބަކީ "ތި ދެން ކޮން ކަމެއް ހޭ... ޗެޕްޓާ ކްލޯސް ކޮށްފައި ކުރިއަށް ދާށޭ!،" އެވެ. އެކަމަކު މުޅި ދިރިއުޅުން އެ މީހަކާ އެކީ ބިނާކުރަން ގަސްތުކުރި މީހާ އަދި ކޮންމެ ފަދަ ސަބަބަކާ ހުރެވެސް ވަކިވެ ދިއުމުން އޭނާ މަތިން ހަނދާން ނައްތާލުމަކީ ހަމަ އެހާ ފަސޭހަ ކަމެއް ބާ އެވެ.

ރޯނެ، ރޮވޭނެ، އަދި އެއީ މުހިންމުވެސް ކަމެއް!

ރަށްޓެހިވެގެން އެކުގައި އުޅުނު ލޯބިވެރިޔާ، ނުވަތަ ހަޔާތުގެ ބައިވެރިޔާ އާ ވަކިވުމަކީ ނުވަތަ "ބްރޭކް އަޕް" ވުމަކީ ކުޑަ ކަމެއް ނޫނެވެ. އެއް އިރެއްގައި އެއީ ތިމާގެ ހިތުގެ ވިންދެވެ. ހަށިގަނޑުގެ ރޫހެވެ. ފުރާނަ އެވެ. އެހެން ކަމުން އެވަރުގެ ގުޅުމަކުން އަރައިގަތުމަކީ ވަގުތު ނަގާނެ ކަމެއްކަން ދަނެ އަމިއްލަ ނަފްސަށް އޯގާތެރިވުމަކީ މުހިންމު ކަމެކެވެ.

މާސްޓާސް އޮފް ކައުންސެލިން ހާސިލްކޮށް ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކުރުވުމުގެ މަސައްކަތް ކުރާ ހައްވާ ލީޝާ (ލީޝް) ބުނި ގޮތުގައި ވަކި ވުމުގެ ހިތްދަތިކަމުން އަރައިގަނެ ކުރިއަށް ދިއުމަކީ އެންމެ މުހިންމު އަދި ހައްސާސް އެކަމުން އަރައިގަތުމުގެ ވަގުތުކޮޅެވެ. ބައެއް މީހުންނަށް ފަހަރެއްގައި މިއީ ހަފުތާއެއްހާ ދުވަހެވެ. އަނެއްބައި މީހުންނަށް އަހަރު ދުވަހެވެ.

"މެންޓަލީ މިކަމުގައި އޮތް އެންމެ ރަނގަޅު ގޮތަކީ އަސްލު އެއްވެސް ޕްރެޝަރެއް ނުކުރުން. މާ އަވަހަށް ގެޓް އޯވާ ވާންވެގެން މަސައްކަތް ނުކުރުން. މަޑުމަޑުން އަމިއްލަ ނަފުސަށް އެ ވަގުތު ދިނުން. ފުރަތަމަ މި ކުރަންޖެހޭ ކަމަކީ އަމިއްލަ އަށް ގަބޫލުކުރުން މި ކަމުގެ ސަބަބުން ދިރިއުޅުމަށް ބަދަލުތަކެއް އަންނާނެކަން. އެކަނިވެރިވެ، ދެރަވާނެކަން ގަބޫލުކުރުން އެންމެ މުހިންމީ" ލީޝް ބުންޏެވެ.

ޒުވާން އުމުރުގައި މިފަދަ "ބްރޭކް އަޕް" އަކާއި ދިމާވެއްޖެނަމަ ވީ އެންމެ އަވަހަކަށް ބެލެނީ ދެންވެސް އަވަހަށް ރަށްޓެހިވާނެ އެހެން މީހެއް އަތުޖެހޭތޯ އެވެ. އެ ލިބުނު ހިތާމަ ފަސް އަޅައި ފޮރުވާލައި، ބޭރުތެރެއަށް ނުކުމެ ހިތް އުފާ ކޮށްލެވޭ ތޯ އެވެ. އެހެން ނަމަވެސް މިފަދަ ކަންކަމުން ތިމާގެ ނަފްސު ކޮންޓްރޯލްކޮށް އެ އަންނަ ހިތްދަތި މާޔޫސްވަނިވި ހިޔާލުތަކާއި ކުރިމަތިލައި އެއާއި އެކީގައި ކުރިއަށް ދިއުމަކީ މުހިންމު ކަމެކެވެ.

އެއީވެސް ތަޖުރިބާއެއް، ކުރިއަށް ވިސްނާ

އެކި ގުޅުންތަކުގައި ފުލް ސްޓޮޕް ޖެހެނީ އެކިއެކި ސަބަބުތަކާ ހުރެ އެވެ. ބައެއް ފަހަރު ދެ މީހުންނަށް އެއީ އެންމެ ރަނގަޅު ގޮތް ކަމުގައި ވިސްނި އެއްބަސް ވެވިގެނެވެ. ނޫން ނަމަ ކޮންމެވެސް އެކަކު އެގޮތަކަށް ބޭނުންވުމުން ނޫނީ ކޮންމެވެސް ސަބަބަކާއި ހެދި ދެ މީހުންގެ މެދުގައި ވީ ހާއްސަ ކުލުނު ފަނޑުވުމުންނެވެ. ބައެއް ފަހަރުތަކުގައި އެ ގުޅުން ނިމިދާ ގޮތުން މިއީ ވަކި މީހެއްގެ ކުށެކޭ، ނުވަތަ ވަކި ކަމެއް ކުރުމުން ނުވަތަ ނުކުރުމުން ވީ ކަމެކޭ ހިތާ އަމިއްލަ ނަފުސު ކުށްވެރި ކުރެވޭ ފަހަރުތައް ވެސް އާދެ އެވެ. ހަމައެޔާއެކު، އެ ގުޅުމުގެ ނިމުމަކީ ތިމާގެ ހަޔާތުގެ ވެސް ނިމުމޭ ހިތައި މާ ބޮޑަށް މީހާ އެކަނިވެރިވެ މާޔޫސްވާ ހާލަތްތައް ވެސް އާދެއެވެ.

މިފަދަ ހާލަތްތަކުގައި ލީޝްގެ ނަސޭހަތަކީ ކޮންމެ ގޮތަކަށް އަދި އެކަމެއް ނިމިދިޔަޔަސް އެ ގުޅުމެއްގައި އަދި ވަކިވެގެން ދިޔަ މީހާގެ ކިބައިގައި ހުރި ރަނގަޅު ކަންތައްތަކާއި ދޭތެރޭވެސް ވިސްނުމެވެ. ޕޮޒިޓިވްކޮށް ދެކުމެވެ.

"ގިނަ ފަހަރު އެ ރިލޭޝަންޝިޕް އަކަށް ބަލާފައި އަމިއްލަ ނަފުސް ކުށްވެރި ކުރެވޭ. ކީއްވެގެންހޭ އެ ރިލޭޝަންޝިޕްއަކަށް ދިޔައީ.. ނޫނީ ކީއްވެހޭ އޭނަ ވަކިވީ. މަގޭ ކުށެއްހޭ.. އެހެން ނުވިސްނާ ވިސްނާލަންވީ އެއީވެސް ހަޔާތުގައި އައި ކަމެއް ކަމަށް. އެ ރިލޭޝަންޝިޕުން ވެސް ފިލާވަޅުތަކެއް ލިބިއްޖެއޭ.. ތަޖުރިބާތަކެއް ލިބިގެން ގޮސްފިއޭ.. ރަނގަޅު ކަންކަން ގަބޫލުކުރަންވީ،"

ހަމައެޔާއެކު، ކޮންމެ ގުޅުމެއް ވެސް މިފަދަ ގޮތަކަށް ނިންމާލަން ޖެހެނީ ދެ މީހުންގެ ކިބައިގައިވެސް ކޮންމެވެސް ކަހަލަ ކަންތައްތަކެއް ހުރުމުން ކަމުގައި ދަނެ، އެކަކު ކިތަންމެ ބޭނުންވިޔަސް އަނެކާ ބޭނުން ނުވާނަމަ ކުރިއަށް ނުދެވޭނެކަން ދަނެ އެކަމުން އިތުރަށް ތިމާއަށް ލިބޭނީ ގެއްލުން ކަމުގައި ވިސްނައި ކުރިއަށް ދިއުމަށް އަމިއްލަ ނަފްސަށްވެސް ވިސްނައިދޭން ޖެހެ އެވެ.

ސެލްފް ރިފްލެކްޓް ކުރުން ވަރަށް މުހިންމު

ތިބާ ސައިކޮލޮޖީގެ ކޯ ފައުންޑާ އަދި ސައިކޮލޮޖިސްޓް ނަދާ ޝަރީފް ބުނި ގޮތުގައި، ގުޅުމެއް ނިމުމަށްފަހު "ސެލްފް ރިފްލެކްޓް" ކުރުމަކީ ވަރަށް މުހިންމު ކަމެކެވެ. އެ ވަގުތުގައި މާބޮޑު ފަރުވާލެއް އެކަމަކަށް ނުދެވުނަސް މާ ފަހުންވެސް އެ ކަމުގައި ނުރަނގަޅު އަސަރު ދިރިއުޅުމަށް ކޮށްފައި އެބަ ހުއްޓެވެ.

ކަންވެ ނިމިދިއުމުން ދެން އެކަމާމެދު ވިސްނުމުގެ ބޭނުމެއް ނެތޭ ހިތަށް އެރިޔަސް، އެ ވަގުތު އެކުރެވުނު އިހުސާސްތަކާއި، އެކަން އެހެން ވުމަށް މެދުވެރިވި ގޮތާއި މެދު ވިސްނާލުމަކީ ކުރިއަށް އޮތްތަނުގައި ތިމާގެ ހަޔާތަށް އަންނަ ބައިވެރިއަކާއި އެކީ އެ މައްސަލަތައް ތަކުރާރުވިޔަ ނުދިނުމަށް ކުރެވެން އޮތް އެންމެ މުހިންމު އެއް ކަމެވެ.

"ގިނަ ފަހަރަށް އިމޯޝަންސް އަށް އަސްލު އިންވެސްޓް ނުކުރެވެނީ. ވަރިވުން ނޫނީ ރިލޭޝަންޝިޕެއް ނިމިގެން މިސާލަކަށް އެއްބަޔަކު މަސައްކަތަށް މާ ބޮޑަށް ފޯކަސް ކުރޭ. ދަރިން ތިބޭ މީހުންނަމަ ބައެއް މީހުން މުޅީންވެސް ދަރިންގެ ކަންކަމައިގެން އެބަ ހުސްވޭ. ދެން ވެސް އަނެއްކާ އެކަހަލަ ގުޅުމެއް ފެށިގެން ކަމެއް ދިމާވެ ޓްރިގާ ވީމަ އަސްލު މި ރިއަލައިޒްވަނީ. އެހެންވީމަ މިފަދަ ކަމެއް ދިމާވެއްޖެނަމަ އަމިއްލަ ނަފުސަށް ވަގުތު ހުސްކޮށް ވިސްނާލުން މުހިންމު އަސްލު ކިހިނެއްކަން އެވީ، އެގޮތަށް އެކަން އެވީ ކީއްވެގެންކަން." ނަދާ ބުންޏެވެ.

ހުރިހާ އެއްޗަކުން ބްލޮކް ކޮށްލަންވީތަ؟

ދެމީހަކު ރުޅިވެއްޖެނަމަ ނޫނީ ވަރިވެއްޖެނަމަ އެކަން އިއުލާނު ކުރެވެނީ ފޭސްބުކާއި އިންސްޓަގްރާމަށް ޕޯސްޓްކޮށްފައި ހުންނަ ފޮޓޯތައް ރިމޫވް ކޮށްގެންނެވެ. ދެން އޮންނާނީ އެކަކު އަނެކަކަށް ބްލޮކް ވެސް ކޮށްލާފަ އެވެ. އެކަމަކު ސިއްރު ސިއްރުން އަނެކާ ކުރަނީ ކީއްތޯ އުޅެނީ ކޮންތާކު ތޯވެސް ބެލޭނެ އެވެ.

ތިމާގެ ނަފްސާނީ ދުޅަހެޔޮކަމަށްޓަކައި އެންމެ ރަނގަޅީ ދެ މީހުންވެސް ބޭނުންވެ ރަނގަޅު ގޮތުގައި އެކަކު އަނެކަކާއި ވަކިވުމެވެ. އެހެން ނަމަވެސް، އަބަދު އެ މީހަކާއި ދޭތެރޭ ވިސްނާ އޭނާ ކުރަނީ ކީއްތޯ، ދިމާވަނީ ކާކާތޯ، ޑޭޓް ކުރަނީ ކޮން ކުއްޖަކާތޯ ބަލަބަލާ ތިބޭނަމަ އަމިއްލަ ސިކުނޑީގައި އަބަދުވެސް ހަރުލާފައި ހުންނާނީ ހަނދާނުން ހަމަ ފޮހެލަން ތިއުޅޭ މީހާ އެވެ. ނަތީޖާއަކަށް ވަނީ ދުރުވާން މަސައްކަތްކުރިއަސް އިތުރަށް ހަމަ ގާތްވެވުމެވެ. ހަނދާންތަކާއި އިހުސާސްތަކުން މީހާ ބަލިކޮށްލުމެވެ.

"ކައިރީގައި ނެތަސް، މެންޓަލީ އަބަދުވެސް އެމީހެއް ކައިރީގައި އެބަހުރޭތާ.. އެހެންވީމަ އަސްލު އެކްސެޕްޓް، ކޮމިޓް އެންޑް މޫވް އޮން މިކަމުގައި އެންމެ ރަނގަޅީ. ވާހަކައަކީ ގަބޫލުކުރާށޭ އެ ރިލޭޝަންޝިޕް އެހިސާބުން ނިމުނީކަން، އެހެންވީމަ އެބަޖެހެއޭ އަމިއްލަ ދިރިއުޅުމައިގެން ކުރިއަށްދާން. ކުރީން އެއީ ވަކި ދިރިއުޅުމެކޭ، މިއީ މިހާރު ވަކި ދިރިއުޅުމެކޭ އެބަ ޖެހޭ ތަފާތުވާން " ލީޝް ބުންޏެވެ.

އެހެންނަމަވެސް ދެމީހުންވެސް ގުޑް ޓާމްސްގައި ވަކިވެ، ދެމީހުންގެ ދިރިއުޅުން ވަކިވާނަމަ ރަހުމަތްތެރިކަމުގައި ދެމިތިބުމަކީވެސް މައްސަލަ އެއް ނޫނެވެ.

ސްޓޭޓަސް ޖަހާ އެއްޗެހި ޕޯސްޓްކުރުމަށްވުރެ ޖޯނަލްކުރުން ބުއްދިވެރި

ލޯބިން އެކުގައި އުޅޭއިރު ހުސް ލޯބީގެ ލަވަތައް އަޑުއަހާހެން ބްރޭކް އަޕް ވުމުން އެ ޕްލޭ ލިސްޓް މުޅިން ބަދަލުވެގެން ދަނީ ހިތްދަތި ހިތާމަވެރި ލަވަތަކަށެވެ. އެއާއެކު، ފޭސްބުކްގައި އެކި ސްޓޭޓަސްތައް ޖަހައި، ތިމާގެ އިހުސާސްތައް ބަންޑުން ކޮށްލެވެ އެވެ. ކޮންމެހެން އެއީ މައްސަލައަކަށް ވަނީ އެއް ނޫނެވެ. ގިނަ ފަހަރަށް މިފަދައިން އަމަލުކުރެވެނީ ހިތުގައި ފުނިޖެހިފައި ހުންނަ އުދާސްތަކާއި ޝަކުވާތައް އެކަށީގެންވާ ގޮތަކަށް ބޭރުކުރުމުގެ ފުރުސަތު ނުލިބޭތީ އެވެ. އެހެން ކަމުން ކޮންމެހެން އެހެން މީހުން މުނިފޫހިފިލުވައި ދިނުމުގެ ބަދަލުގައި އަމިއްލަ އުދާސްތައް ޖޯނަލްއެއްގައި ލިޔުމަކީ މާ އެދެވިގެންވާ ގޮތެކެވެ.

"ސޯޝަލް މީޑިއާގައި ސްޓީމް އައުޓް ކޮށްލެވުނީމަ ވަގުތުކޮޅަކަށް އެބަ ހިތްހަމަޖެހޭ. އެހެންވީމަ މާގިނައިން އެކަން ކުރެވޭ ފަރާތްތަކަށް މާ ރަނގަޅު ޖޯނަލް އެއްގައި ލިޔެވިދާނެ. އެއީ ރަނގަޅުގޮތުގައި އެ އިހުސާސްތައް ބޭރުކުރެވޭނެ ގޮތެއް. ބައެއް މީހުން ޅެން ލިޔެ، ފޮތް ލިޔެ ނޫނީ އެހެން މީހަކާ ހިއްސާވެސް އެބަކުރޭ. އެކަމަކު ހިއްސާ ކުރާއިރު ވަރަށް ވިސްނަންޖެހޭނެ އެއީ ތިމާގެ ވާހަކަ އަންޑަސްޓޭންޑް ވާނެ އަދި އަޑުއަހާނެ މީހެއްތޯ. އަދި ތެރަޕީއަކީވެސް އެ އިހުސާސްތައް ހެޔޮ ގޮތުގައި ބޭރުކުރުމަށް ހަމަ ރަނގަޅު ގޮތެއް" ލީޝް ބުންޏެވެ.

ކޮންމެއަކަސް، ލޯބި ވެވުމަކީ ފަސޭހަ ކަމެކެވެ. ނަމަވެސް މީހަކާ ރަށްޓެހިވެ ނުވަތަ ކައިވެނި ކުރުމަކީ ތިމާގެ މުޅި ދިރިއުޅުން އަނެކާގެ މައްޗަށް ބިނާވާންޖެހޭ ކަމެއް ނޫނެވެ. ލޯބިވިޔަސް، ވަކިވާންޖެހޭ އިރަކުން ހެޔޮގޮތުގައި އެކަންވެސް ކުރަން ދަންނާށެވެ.