Advertisement

ރިސޯޓު ރަށްތައް ހަވާލުކުރުން އަނެއްކާވެސް ފަސްވެއްޖެ

6 ސެޕްޓެންބަރު 2021 - 14:36 0

އަމަން ހަލީމް

އަމަން ހަލީމް

ރިސޯޓު ތަރައްގީކުރަން ޓޫރިޒަމުން ދޫކުރާ ބައެއް ރަށްތައް: ހުށައެޅުންތައް ލިބުނީ 16 ރިސޯޓުގެ ތެރެއިން ހަތް ރިސޯޓަކަށް އެކަނި. -- ގްރެފިކްސް: އިހުސާން


ރިސޯޓު ރަށްތައް ހަވާލުކުރުން އަނެއްކާވެސް ފަސްވެއްޖެ

6 ސެޕްޓެންބަރު 2021 - 14:36 0

ރިސޯޓު ތަރައްގީކުރަން ޓޫރިޒަމް މިނިސްޓްރީން ބީލަން ހުޅުވާލި ރަށްތައް ހަވާލުކުރުމުގެ ކުރިން ފުރިހަމަކުރަން ޖެހޭ އިވެލުއޭޝަން މަރުހަލާ ނުނިމޭތީ، ރަށްތައް ހަވާލުކުރުން އަނެއްކާވެސް ފަސްވެއްޖެ އެވެ.

ޓޫރިޒަމް މިނިސްޓްރީން އެންމެ ފަހުން ބުނީ މިދިޔަ މަހުގެ ނިޔަލަށް ރަށްތައް ހަވާލުކުރެވޭނެ ކަމަށެވެ. އެކަމަކު ރަށްތައް ދޫކުރާނެ ތާރީހެއްގެ ޖަވާބުގައި މިނިސްޓްރީން މިއަދު ބުނީ ސީދާ ތާރީހެއް އެނގޭނީ އިވެލުއޭޝަންތައް ނިމުމުން ކަމަށެވެ.

މިކަމާ ގުޅިގެން ޓޫރިޒަމް މިނިސްޓްރީގެ ސީނިއާ ޕޮލިސީ ޑިރެކްޓަރު މުހައްމަދު ހުއްސާން "އަދަދު"އަށް ވިދާޅުވީ، އިވެލުއޭޝަންތައް ނުނިމި އޮތީ ބިޑުތަކާ ގުޅިގެން ބައެއް ކަންކަން އޮޅުންފިލުވުމުގެ މަސައްކަތް ކުރިޔަށް ދާތީ ކަމަށެވެ. އަދި ވިދާޅުވީ، އެކަމަށް ސަރުކާރު ބަންދުނޫން 15 ދުވަސް ދީފައިވާ ކަމަށާއި، ބާކީ ހަތް ދުވަސް އެބައޮތް ކަމަށެވެ.

"ބިޑުތަކާ ގުޅިގެން އޮޅުންފިލުވަންޖެހޭ ބައެއް ކަންކަމާ ގުޅިގެން ތިން ހަފުތާގެ މުއްދަތެއް ދީފައި ވަނީ. އެ މައުލޫމާތު ލިބުމުން ބިޑް އިވެލުއޭޝަން ކޮމިޓީން އެ މަސައްކަތް ފުރިހަމަކުރާނެ" ހުއްސާން ވިދާޅުވި އެވެ.

ރަށްތައް ހަވާލުކުރާނެ ސީދާ ތާރީހެއް ވިދާޅުނުވި ނަމަވެސް، ބޭނުންވާ މައުލޫމާތުތައް ލިބުމާއެކު އިވެލުއޭޝަންގެ ކަންކަން މި މަހުގެ ތެރޭގައި ނިންމާނެ ކަމަށް ހުއްސާން ވިދާޅުވި އެވެ.

މި ރަށްތައް ދޫކުރުމަކީ މި އަހަރު ދައުލަތަށް އާމްދަނީ ލިބޭ ކަންކަމުގެ ތެރޭގައި ހިމަނައިގެން ސަރުކާރުން ކުރާ މަސައްކަތެކެވެ. އެގޮތުން 23 ރަށެއްގައި 16 ރިސޯޓު އަޅަން ޓޫރިޒަމުން ބީލަން ހުޅުވާލި އެވެ. އޭގެ ތެރޭގައި ކްލަސްޓާއެއް ގޮތަށް އެއް ރަށަށް ވުރެ ގިނަ ރަށް ހިމެނޭ ގޮތަށް ދޫކުރަން ނިންމި ރަށްތައް ވެސް ހިމެނެ އެވެ.

މި އަހަރަށް ފާސްކުރި ބަޖެޓުގައި މި ރަށްތައް ދޫކޮށްގެން ސަރުކާރަށް ލީޒް އެކުއިޒިޝަން ފީގެ ގޮތުގައި 17.4 މިލިއަން ޑޮލަރު (263 މިލިއަން ރުފިޔާ) ލިބޭނެ ކަމަށް ލަފާކުރި އެވެ.

ނަމަވެސް ކޮވިޑާ ގުޅިގެން އިންވެސްޓަރުންނަށް ދިމާވެފައިވާ މާލީ ފިއްތުންތަކާ ގުޅިގެން، އަގުން 30 ޕަސެންޓު ކުޑަކުރުމާ ގުޅިގެން މި އަދަދު ވަނީ 12.08 މިލިއަން ޑޮލަރު (186 މިލިއަން ރުފިޔާ)އަށް ތިރިވެފަ އެވެ.

އަގު ކުޑަކުރި ނަމަވެސް، ބީލަން ހުށަހެޅުމުގެ މުއްދަތު ހަމަވިއިރު ލިބުނީ ހަތް ރަށަކަށް 13 ހުށައެޅުމެވެ. އަދި ބައެއް ރަށްތަކަށް ކަނޑައެޅި އަގަށް ވުރެ 140 ޕަސެންޓު އިތުރު ހުށައެޅުންތައް ލިބިފައިވާ ކަމަށް ޓޫރިޒަމުން ވަނީ ބުނެފަ އެވެ. އެހެން ނަމަވެސް، މި އަހަރުގެ ބަޖެޓުގައި ލަފާކުރި އަދަދުގެ ދެބައިކުޅަ އެއްބައި ވެސް ލިބޭނެ ކަމަކަށް ނުބެލެވެ އެވެ.