Advertisement

ފިނި ޖަވާބުތަކެއް...ސުލްހައިގެ ކޮޅުމަތިބާ؟

6 ސެޕްޓެންބަރު 2021 - 08:34 2

މުހައްމަދު ވިޝާމް

މުހައްމަދު ވިޝާމް

ރައީސް ނަޝީދާއި ރައީސް ސޯލިހާމެދު އުފެދިފައިވާ ހިޔާލުތަފާތުވުންތައް ބޮޑު. -- އާޓްވާކް: އަބްދުﷲ ޝަފީއު (އަބޯ)/ އަދަދު


ފިނި ޖަވާބުތަކެއް...ސުލްހައިގެ ކޮޅުމަތިބާ؟

6 ސެޕްޓެންބަރު 2021 - 08:34 2

އެމްޑީޕީގެ ތެރޭގައި ހިފަމުންދިޔަ ހުޅުގަނޑު، މިދިޔަ ޖުލައި މަހުގެ ކުރީކޮޅު ފަޅައިގެންދިޔައީ ވަރުގަދަ އިއުތިރާފުތަކަކުންނެވެ.

"އެމްޑީޕީގެ ޕްރައިމަރީގައި އަޅުގަނޑު ބައިވެރިވާނަން، އަޅުގަނޑު މި ހުރީ އެ ޕްރައިމަރީގައި ބައިވެރިވެވޭ ގޮތަށް،"

އެއީ ޕާޓީގެ އިސް ލީޑަރުގެ މަގާމުގައި ހުންނެވި އެންމެ ގާތް އެކުވެރިޔާ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ދެކޮޅަށް ޕާޓީގެ ރައީސް އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ފުރަތަމަ ފަހަރަށް ހަނގުރާމަ އިއުލާނުކުރެއްވުމެވެ.

އެއީ އޭރު ތުންތުންމަތިންނާއި ވައި އަޑުން ދެކެވެމުން އައި ކޯޅުމުގެ ވާހަކައަށް އެއްލި ވަރުގަދަ ދަޅި އެކެވެ.

މޭ 6 ގައި ބޮމެއް ގޮއްވާލައިގެން ނަޝީދު އަވަހާރަކޮށްލަން ދިން ޓެރަރިސްޓް ހަމަލާއަށްފަހު، މިދިޔަ ޖުލައި މަހުގެ ފަސް ވަނަ ދުވަހު "އާސްކް ސްޕީކާ" ޕްރޮގްރާމުގައި އިނގިރޭސި ވިލާތުގައި ހުންނަވައިގެން ވަރުގަދަ ވާހަކަތަކެއް އެމަނިކުފާނު ދެއްކެވި އެވެ.

ރާއްޖޭގެ ވެރިކަމުގެ ނިޒާމު، ބަރުލަމާނީ ނިޒާމަކަށް ބަދަލުކޮށް މަޖިލީހުގެ ތެރެއިން ބޮޑުވަޒީރު ކަމުގެ މަގާމަށް ވަޑައިގެންނެވުމަށް ނަޝީދުގެ ހުވަފެން ހަގީގަތަކަށް ހެދުމަށް އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީންއާ އެކުގައި މަސައްކަތް ކުރައްވަން ވެސް ތައްޔާރަށް ހުންނެވިކަން ނަޝީދު ހާމަކުރެއްވީ ވެސް އެ ޕްރޮގްރާމުގަ އެވެ.

އޭގެ ފަހުން ވެސް ދޫނުދެއްވައި، ނަޝީދު ފުލުފުލުގައި ހަމަލާތައް ދެއްވަމުން ގެންދެވި އެވެ.

އެ ސިލްސިލާގެ ތެރެއިން، އެމްޑީޕީގެ ވަޓްސްއެޕް ގްރޫޕަކަށް ނަޝީދު ފޮނުއްވި މެސެޖެއްގައި ވަނީ ރައީސް ސޯލިހާއި އެމަނިކުފާނާ ދެމެދު ޒާތީ ގޮތުން އެއްވެސް މައްސަލައެއް ނުޖެހޭނެ ކަމަށާއި އެކަމަކު ފިކުރީ ގޮތުން ސޯލިހާ މިހާރު ހިޔާލުތަފާތުވެވަޑައިގެންފައިވާ ކަމުގެ ވަރުގަދަ އިއުތިރާފު ވެސް ހާމަކުރައްވައިފަ އެވެ.

"އަޅުގަނޑުގެ ޒާތީ ކަންކަމުގައި އަބަދުވެސް އުޅޭނީ އެކީގައި. އަޅުގަނޑުގެ ދަރިންގެ އިބޫ ދޮންބެ އެއީ،" ނަޝީދު ވިދާޅުވި އެވެ.

"އެކަމު ދެން ރައީސުލްޖުމްހޫރިއްޔާއާ އެކު ސިޔާސީ ގޮތުން ހުރެވޭކަށް ނެތް."

ދެން ނަޝީދު ވަރަށް ބޭނުންވެގެން ވުޖޫދުކުރަން ބޭނުންވި ދީނާ ގުޅުވައިގެން ނަފްރަތު އުފެއްދުން ޖިނާއީ ކުށަކަށް ހަދާ ބިލު މަޖިލީހުގެ ތެރެއިން ފާސްނުވުމުން، އެމަނިކުފާނުގެ ނުރުހުން އަނބުރާލެއްވީ ކޯލިޝަނުގައި ހިމެނޭ އެހެން ސިޔާސީ ޕާޓީތަކަށެވެ.

އެ ޕާޓީތަކުން ދީނީ ގޮތުން ހައްދުފަހަނައަޅާފައިވާ ފިކުރަށް ތާއީދުކުރާ ކަމުގެ ތުހުމަތު ކުރައްވަމުންނެވެ. ސަރުކާރުގެ ސިޔާސަތުތަކަށް އެ ޕާޓީތަކުން ހުރަސް އަޅަމުންދާ ކަމުގެ ނުރުހުމާ އެކު އެވެ.

އެ ހިތްހަމަނުޖެހުން ނިވާފަތްގަނޑަކަށް ހައްދަވައި، މިހާރު ސަރުކާރަށް ތާއީދު ނުކުރައްވާ ކަމަށް މުޅި ދުނިޔެއަށް އިއުލާނުކުރެއްވުމަށް ފަސްޖެހިވަޑައިނުގެންނެވި އެވެ.

އެވަރުން ވެސް ރައީސް ސޯލިހާމެދު އޮތް ހިތްހަމަނުޖެހުން ރަމަތަވާ ގޮތެއް ނުވި އެވެ. ނަޝީދު ދެން ހަތިޔާރަކަށް ނެންގެވީ މެއި6 ގެ ހަމަލާ އެވެ. ހަމަލާގެ ތަހުގީގު ކުރިއަށްދާ ގޮތާމެދު ހިތްހަމަޖެހިވަޑައިނުގަންނަވާކަމަށް ވިދާޅުވެ އެވެ. ނަޝީދުގެ މައިގަނޑު ނުރުހުމަކަށްވީ، އެ ހަމަލާއަށް ފަންޑު ކުރި ބަޔަކު ހޯދަން ނޫޅުމެވެ. ހަމަލާގެ ފަހަތުގައި ވެސް ތިބީ ދީނީ ހަރުކަށި ފިކުރުގެ ބަޔަކު ކަމަށް ފުލުހުން ބުނާއިރު، އެފަދަ ބަޔަކު ހައްޔަރުނުކުރެވޭތީ އެވެ.

އެކަމަށް މަގުފަހިކުރަން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް ގައުމުގައި ހަރަކާތްތެރިވާ ހުރިހާ ޓެރަރިސްޓުން ހައްޔަރު ކުރުމުގެ ފުރުސަތު ސަލާމަތީ ބާރުތަކަށް ދިނުމަށް ގޮވާލައި، ސީދާ ނަޝީދު އެމްޑީޕީގެ ގައުމީ މަޖިލީހަށް ގަރާރެއް ހުށަހެޅުއްވި އެވެ.

"ކުއްލި ހާލަތު އިއުލާންކޮށް ޓެރަރިސްޓުން ހައްޔަރު ކުރުމުގެ ފުރުސަތު މޯލްޑިވްސް ޕޮލިސް ސާވިސް އަށް ދިނުމަށް އެމްޑީޕީ އިގްރާރުވުމަށް" އެއްބަސްވާ ގަރާރު ފާސްވީ ހަމަ ކިރިޔާ އެވެ.

ރައީސް ސޯލިހު "ހަތިޔާރު" ނެންގެވުން

ނަޝީދުގެ ހަމަލާތަކަށް މީގެ ކުރިން ސަރުކާރުން އެއްވެސް އެއްޗެއް ނުބުނެ އެވެ. އެކަމުގައި ސަޕޯޓަރުންގެ ބަހުރުވައިންނަމަ، ރައީސް ސޯލިހު ދައްކަވަނީ "ހިކުމަތު އަމަލީ" އެވެ. ދޭތެރެއަކުން ބާއްވައި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވެސް ކޯޅުމާ ގުޅޭ ސުވާލުތަކަށް އެމަނިކުފާނު ދެއްވާނީ ޑިޕްލޮމެޓިކް ޖަވާބެކެވެ. މުޅީންވެސް ގެންގުޅުއްވާނީ ހާރިޖީ ބަސްމަގެވެ.

އެކަމަކު މިދިޔަ މަހުގެ 11 ވަނަ ދުވަހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ އަރައިރުމުގެ އޮއިވަރު ބަދަލުވެއްޖެކަމުގެ މަންޒަރު ސިފަވި އެވެ.

ރައީސް ސޯލިހު ވެސް ޑިފެންސަށް ކުޅުއްވުން ދޫކޮށްލައްވައި، އެޓޭކަށް ދަނޑުގެ މެދު ތެރެއަށް މިސްރާބު ޖައްސަވައިފިކަން، އެ ދުވަހު ދެއްވި ޖަވާބުތަކުން ދޭހަވި އެވެ.

މަޖިލީހުގެ މެޖޯރިޓީ އެމަނިކުފާނުގެ އަތްޕުޅުގައި އޮތް ކަމަށް ރައީސް ސޯލިހު ސާފުކޮށް ވިދާޅުވީ އެމްޑީޕީގެ ޕާލަމެންޓްރީ ތެރޭގައި ދެ ފެކްޝަން އޮތް ކަން ފަޅާއަރާފައި ވަނިކޮށެވެ.

"އަޅުގަނޑު މިހުރީ މިވަގުތު އިރާދަކުރެއްވިއްޔާ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީއާ އެކީ،" ރައީސް ވިދާޅުވި އެވެ.

ރައީސް ސޯލިހު ވަނީ ދެވަނަ ދައުރަކަށް ކުރިމަތިލެއްވުމާ ގުޅޭ ގޮތުން ވެސް ވާހަކަ ދައްކަވާފަ އެވެ. އެގޮތުން 2023 ގައި އޮންނަ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނަންތޯ ކުރި ސުވާލަށް ޖަވާބު ދެއްވަމުން ވިދާޅުވީ ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ގޮތަށް ދެވަނަ ދައުރަކަށް ފުރުސަތު އެމަނިކުފާނަށް ވެސް އެބައޮތް ކަމަށެވެ.

"އެ ފުރުސަތު އަޅުގަނޑަށް ވެސް ބަންދުވެފައެއް ނެތް،" އެ ސުވާލަށް ވަރަށް ކުރުކޮށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވި އެވެ.

ދެ ރައީސުން ސުލްހަ ކުރުމަށް އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް އިސްނެންގެވީ ވެސް، ފަހަރުގައި ދެކޮޅުން ވެސް ހަތިޔާރު ނެގުމުން ޕާޓީއަށް ލިބޭނެ އިތުރު ގެއްލުންތައް ތަސައްވުރު ކުރެއްވިގެންނެވެ.

ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމުން "ފިނި" ޖަވާބުތަކެއް

އެހާ ހިސާބަށް ދެ ރައީސުންގެ ގަދަހިފުން ނިއުޅިފައިވަނިކޮށް، ނޫސްވެރިންގެ ބައްދަލުވުމަކަށް ނަޝީދު ގޮވާލެއްވުމުން، އަތުގައި އޮތް ގަލަމުގައި ބާރަށް ހިފައިގެން ތިބެވުނީ އިންތިޒާރެއްގަ އެވެ.

މޭ 6 ގެ ހަމަލާއަށްފަހު، އޮންލައިންކޮށް ނަމަވެސް، ފުރަތަމަ ފަހަރަށް ނަޝީދާ ސުވާލު ކޮށްލަން ލިބޭތީ އެވެ.

އެކަމަކު އިއްޔެގެ ބައްދަލުވުން ދިޔައީ ކުރިއާ ހިލާފަށެވެ. ކުރެވުނު ސުވާލުތަކަށް ވުރެ ނަޝީދު ދެއްވި ޖަވާބުތައް ފިންޏެވެ.

ޖުލައި މަހު ހުންނެވި ޖޯޝެއް ނުފެނުނެވެ.

ސުވާލަށް ހުޅުވާލެއްވުމުގެ ކުރިން، ވާހަކަ ފެއްޓެވީ ވެސް ފަހަތު ފައިމަތީގައި ހުންނަވައިގެންނެވެ.

ހަމަލާގެ ފަހަތުގައި ތިބި މީހުން ނުހޯދެނީސް ރާއްޖެ ވަޑައިނުގަންނަވާނެކަމަށް މަޖިލިސް މެދުވެރިކޮށް އިއުލާނުކުރައްވާފައިވާ ނަޝީދު އިއްޔެ ނެންގެވީ ޑޮކްޓަރުންގެ ލަފާ އެވެ.

މީގެ ކުރިން ތަހުގީގާމެދު ފާޅުގައި ހިތްހަމަނުޖެހުން ފާޅުކުރެއްވި ނަމަވެސް، ރާއްޖެ ވަޑައިގަންނަވާނެ ވަކި ތާރީހެއް ނުދެއްވައި ވާހަކަ ނިންމައިލެއްވީ ފުލުހުންނަށް "އިންތިހާއަށް އޮތް އިތުބާރު" ހާމަކުރައްވަމުންނެވެ.

ދެން އެ ވާހަކަފުޅުގެ ތެރެއިން އެންމެ ބޮޑަށް ފާހަގަވީ، ރައީސް ސޯލިހަށް ހެޔޮ ބަހެއް ވިދާޅުވާން ދެއްވި ހާއްސަ ސަމާލުކަމެވެ.

ކޮވިޑްގެ ހާލަތުގައި ގައުމުގެ ކަންކަން ސަރުކާރުން ކުރިއަށް ގެންދިޔަ ގޮތަށް ތައުރީފް ކުރެއްވި އެވެ.

"ސަރުކާރުން އަމަލުކުރެއްވި ގޮތުގެ ސަބަބުން ރާއްޖެއާއި ދިވެހި ރައްޔިތުންނަށް ގިނަ ފައިދާތަކެއް ކުރި،" އެމަނިކުފާނު ވިދާޅުވި އެވެ.

މިފަހުން ފަނޑިޔާރުތަކެއްގެ އޯޑިއޯ ލީކުވި މައްސަލަ ހޫނުވެގެން އުޅޭއިރު، އެކަމުގައި ރައީސް ސޯލިހު ދިފާއު ކުރެއްވި އެވެ. އެމަނިކުފާނު ފަނޑިޔާރު ގެއަށް ނުފޫޒު ނުފޯރުވާނެކަމުގެ ޔަގީންކަމާއެކު އެވެ.

އެކި ގޮތްގޮތަށް އަނބުރައިގެން ސިޔާސީ ކޯޅުމުގެ ސުވާލުތައް ނޫސްވެރިން އަމާޒުކުރި ނަމަވެސް، ޖަވާބުތަކުގެ ރާގު އޮތީ ދުރާލައި ކަނޑައެޅި ނިމިފަ އެވެ.

ރައީސް ސޯލިހު މިފަހުން ދެއްކެވި ވާހަކަތަކާ ގުޅުވައި ވެސް ނަޝީދު ގުޑުވައިލެވޭ ގޮތެއް ނުވި އެވެ. މަޖިލީހުގެ މެޖޯރިޓީ އެބައޮތް ކަމަށް އެމަނިކުފާނު ވިދާޅުވި ވާހަކައަށް ވެސް ރައްދު ދެއްވުމުގެ ބަދަލުގައި ނަޝީދު ކުރެއްވީ ދިފާއު އެވެ.

ރައީސް ސޯލިހު ވިދާޅުވީ އެމްޑީޕީގެ އަތުގައި މަޖިލީހުގެ މެޖޯރިޓީ އޮތް ވާހަކަ ކަމެވެ. އޮޅުނީ ނޫނީ އޮޅުވައިލީ ނޫސްވެރިންނެވެ.

ނަޝީދުގެ ހިތްޕުޅާ އެންމެ ގާތް ދަރަނީގެ މައްސަލައިގައި ވެސް ދޫދެއްވި މަންޒަރު ފެނުނެވެ. މިހާރު ނަގާފައިހުރި ދަރަނި ރީސްޓްރަކްޗާ ނުކުރެވޭ ސަބަބު ވިސްނިވަޑައިގަންނަވާ ކަމަށް ވިދާޅުވެ އެވެ.

އެހެން ވިދާޅުވީ، މަޖިލިސް މެދުވެރިކޮށް ބޮޑު، ދިރާސާއެއްކޮށް، އެ ދަރަނިތައް ރީސްޓްރަކްޗާ ކުރުން ނޫން ގޮތެއް ރާއްޖެއަށް ނެތް ކަމަށް ތަކުރާރުކޮށް ވިދާޅުވަމުން ގެންދެވި ނަޝީދެވެ.

ނަޝީދުގެ ސްޓޭންޑު ބަދަލެއް ނުވޭ

އެ ނޫސްވެރިންގެ ބައްދަލުވުމަށް މަތިންމަތިން ނަޒަރު ހިންގައިލި މީހަކަށް، ސިޔާސީ މަސްރަހުގައި ނަޝީދުގެ ރާގު ބަދަލުވީ ކަމުގެ ކުށް ހީއެއް ކުރެވިދާނެ އެވެ.

އެކަމަކު ނަޝީދު ދެއްކެވި ވާހަކަތަކަށް ބަލާއިރު، އެންމެ މުހިންމު ކަންކަމުގައި އެމަނިކުފާނުގެ ސްޓޭންޑް ބަދަލުނުވާކަން ސާފުވި އެވެ.

ބަރުލަމާނީ ނިޒާމު ގެންނަން ކުރައްވައި މަސައްކަތުގައި ދެމިހުންނެވި ކަމަށް ސާފުކޮށް ހާމަކުރެއްވި އެވެ.

އަންނަ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރެއްވުމުގެ ނިންމުން ބަދަލުނުކުރައްވައި ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑު ޕްރައިމަރީ އަކުން ބައްޔެއް ނުވާނެ. އަޅުގަނޑަކީ އަބަދުވެސް ގަދަވުމަށް އިންތިހާބުތަކުގައި ވާދަކުރާ މީހެއް،" ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އެމަނިކުފާނު ވިދާޅުވި އެވެ.

ދެ ރައީސުންގެ މެދުގައި ހިޔާލުތަފާތުވުން އެންމެ ބޮޑު މައްސަލަތަކުގައި ދޫނުދެއްވި ނަމަވެސް، ނަޝީދުގެ ބަސްމަގު ބަދަލުވެއްޖެކަން އިއްޔެގެ ބައްދަލުވުމުން ސާފެވެ.

ގަދަ ބަސް ވިދާޅުނުވެ، ނަޝީދު ވެސް "ހިކުމަތު އަމަލީ" ހިޔާރުކުރެއްވުމުގެ ފަހަތުގައި އޮތީ ޗެއާޕާސަންގެ "ޕީސް ޓޯކްސް" ކަމަށް ވެސް ވެދާނެ އެވެ. އެ މަޝްވަރާތައް ދާކަމަށް ހުދު ނަޝީދު ވެސް އިއްޔެ ވިދާޅުވުމުންނާ އެކު އެވެ.

ނޫނީ މިމަހު ފަހުކޮޅު އޮންނަ އެމްޑީޕީގެ ބާރުގަދަ ގައުމީ މަޖިލީހުގެ އިންތިހާބުގެ ކުރިން، ޕާޓީގެ މުހިންމު ގުނަނެއް ކަމަށްވާ އިސްތިއުނާފު ފަނޑިޔާރުންގެ މަޖިލިސް ރައީސް ސޯލިހުގެ ކޮޅަށް ބުރަވެގެން ދިއުމުގެ އަސަރުކަމަށްވުންވެސް ގާތެވެ.

ރިޔާސީ އިންތިހާބަށް ވެސް މަގު ކޮށޭނެ، ގައުމީ މަޖިލީހުގެ ބޮޑު އިމްތިހާނަށް ނަޝީދުގެ ސްޓްރެޓަޖީ ބަދަލުކުރެއްވީ ކަމަށް ވެސް ވެދާނެ އެވެ. އެކަމަކު އެއް ކަމެއް ސާފެވެ. ނަޝީދު ހަތިޔާރު ބެހެއްޓެވީ ކަމަށްވާނަމަ، އެއީ ހަމަ ޔަގީނުންވެސް ވަގުތީ "ސީސްފަޔާ" އެއް ކަމެވެ. ސަބަބަކީ އިސާހިތަކު ދެ ރައީސުންގެ ކުރި މައްޗަށް، ބަރުލަމާނީ ވޯޓު ނޫނީ ރިޔާސީ ޕްރައިމަރީ އަރާ ހަމަވާނެތީ އެވެ.