Advertisement

ގުނަވަންތަކަށް ލިބުނު ގެއްލުމުގެ ބަދަލަށް ނަޝީދު ދިޔަ ބޭނުންވޭ

5 ސެޕްޓެންބަރު 2021 - 14:35 2

ނާޒިމް ހަސަން

ނާޒިމް ހަސަން

ބޮމުގެ ހަމަލާއާ ގުޅިގެން ރޭޒާ ފުށްތައް ވަދެ ނަޝީދަށް ފުން ޒަހަމްތަކެއް ލިބުނު.


ގުނަވަންތަކަށް ލިބުނު ގެއްލުމުގެ ބަދަލަށް ނަޝީދު ދިޔަ ބޭނުންވޭ

5 ސެޕްޓެންބަރު 2021 - 14:35 2

އެމަނިކުފާނު އަވަހާރަކޮށްލަން ދިން ބޮމުގެ ހަމަލާގެ ސަބަބުން ގުނަވަންތަކަށް ލިބިވަޑައިގެންނެވި ޒަހަމްތަކުގެ ބަދަލު ނުވަތަ ދިޔަ ޝަރުއީ މިންގަނޑުން ބޭނުންވާކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އިސްލާމީ ޝަރީއަތުގައި މީހުން މަރާލުމުގެ ބަދަލުގައި އާއި ގުނުވަންތަކަށް ދެވޭ އުދުވާންތަކަށް ދިޔަ ކަނޑައުޅުއްވާފައިވެ އެވެ. އިސްލާމީ ޝަރީއަތުގައި މީހެއްގެ މަރުގެ ދިޔައިގެ ގޮތުގައި ކަނޑައަޅާފައިވަނީ ފުރިހަމަ ދިޔަ ކަމުގައިވާ 100 ޖަމަލެވެ.

މަރުގެ ބަދަލުގެ ފުރިހަމަ ދިޔަ ނަގައިދެވޭއިރު, 12 ހާލަތެއްގައި ގުނަވަންތަކަށް ދޭ ޒަހަމްތަކާ ގުޅިގެން ވެސް ފުރިހަމަ ދިޔަ ނަގައިދެވޭނެ އެވެ. ނަމަވެސް, ބައެއް ހާލަތްތަކުގައި ދިޔައިގެ މިންވަރު މަދު ކުރެވެ އެވެ.

މިސާލަކަށް ދެފައި ކަނޑާލައިފިނަމަ, ފުރިހަމަ ދިޔަ ނަގައިދެވޭއިރު, އެއް ފަޔަށް ގެއްލުން ދީފިނަމަ, އެ ދިޔަ ދެބައިކޮށްފަ އެއްބަޔަށް ކުޑަ ކުރެވޭނެ އެވެ.

ގާޒީން ދިޔަ ނަގައިދޭނީ އަނިޔާ ލިބުނު މީހާ, ޒަހަމްތަކަށް ޤިސޯސް ހިފުމުގެ ބަދަލުގައި ދިޔައަށް އެދިއްޖެނަމަ ނުވަތަ ޤިސޯސް ހިފަން އުނދަގޫވެއްޖެނަމަ އެވެ. ދިޔައިގެ މިންވަރު ކަނޑައަޅާނީ ޒަހަމްގެ ކުޑަ ބޮޑުމިނަށާއި އޭގެ ސަބަބުން ލިބިދާނެ ގެއްލުމަށް އަދި ޒަހަމް ކުރި ތަނުގެ ބޭނުންތެރިކަމަށް ބަލައި ބޭސްވެރިންގެ ލަފާގެ މަތިން ކަމަށް އިލްމްވެރިން އެއްބަސްވެ އެވެ.

ފުރިހަމަ ދިޔައިގެ މިންވަރަކީ 100 ޖަމަލު ކަމަށް އިސްލާމީ ޝަރީއަތުގައި އޮތް ނަމަވެސް, އެކި ގައުމުތަކުގައި އެ އަގު ކުރާ މިންވަރު ތަފާތެވެ. އެގޮތުން މިފަހަކާ ޖެހެންދެން ރާއްޖޭގައި ފުރިހަމަ ދިޔައިގެ މިންވަރަކީ އެއް ލައްކަ ރުފިޔާ އެވެ. ނަމަވެސް, ސުޕްރީމް ކޯޓުން މިފަހުން ވަނީ އެ މިންވަރު އެއް މިލިއަން ރުފިޔާއަށް ބޮޑުކޮށްފަ އެވެ.

ކާރުކޮޅަށް އަރާވަޑައިގަންނަވަނިކޮށް ގޮއްވާލި ބޮމާއެކު, އޭގެން ބުރައިގެން ދިޔަ ރޭޒާ ފުށްތައް ހަށިކޮޅުގެ އެތައް މިތަނަށް ވަނުމުގެ ސަބަބުން ނަޝީދަށް ގިނަ ޒަހަމްތަކެއް ލިބިވަޑައިގެންނެވި އެވެ. އެ ޒަހަމްތަކާ ގުޅިގެން އޭޑީކޭ ހޮސްޕިޓަލްގައި ގިނަ އޮޕަރޭޝަންތަކެއް ކުރުމަށްފަހު އިތުރު ފަރުވާއަށް ޖަރުމަނަށް ވަޑައިގެންނެވި އެވެ. އަދި, މިހާރު ހުންނެވީ އިނގިރޭސި ވިލާތުގަ އެވެ.

ނަޝީދު މިއަދު ވިދާޅުވި ގޮތުގައި, މިހާރު ވެސް ކޮންމެ ތިން ހަފުތާއަކުން އެމަނިކުފާނު ގެންދަވަނީ ޑޮކްޓަރުންނަށް ދައްކަވަމުންނެވެ. ބާލި ހާލަތާ ގުޅޭ ގޮތުން ނަޝީދު ވިދާޅުވި ގޮތުގައި އެމަނިކުފާނުގެ ކަނާއަތުގެ ތިން އިނގިލި އަދިވެސް ހުރީ އައްސިވެފަ އެވެ. އެ އިނގިލިތައް ފަސޭހަވާނެ ކަމަށް ޑޮކްޓަރުން ބުނަމުންދާ ކަމަށާއި ނަމަވެސް, އެކަމަށް އެމަނިކުފާނުގެ މާބޮޑު އުއްމީދެއް މިހާރު ނެތް ކަމަށް ނަޝީދު ވިދާޅުވި އެވެ.

އިނގިރޭސިވި ލާތުގައި ހުންނަވާ ނޫސްވެރިންނާ ބައްދަލު ކުރައްވައި, ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވި ގޮތުގައި, "އަޅުގަނޑު ދިޔަ ބޭނުންވޭ," އެވެ. އެކަމުގެ ތަފްސީލު އެނގޭނީ އެމަނިކުފާނުގެ ވަކީލަށް ކަމަށް ވެސް ވިދާޅުވި އެވެ.

ނަމަވެސް، އެކަމާ ގުޅޭ ގޮތުން ނަޝީދުގެ ވަކީލް އަދި އެމަނިކުފާނުގެ ކޮއްކޮ ނާޒިމް އަބްދުއްސައްތާރު ވިދާޅުވި ގޮތުގައި، މިވަގުތު އެކަމާ ގުޅޭ ގޮތުން ތަފްސީލު ދެއްވެން ނެތެވެ.

ގުނަވަންތަކުގެ ދިޔަ ބޭނުންވާ ކަމަށް ނަޝީދު ވިދާޅުވިއިރު, އެ ދިޔައަކީ ރާއްޖޭގައި އާންމުކޮށް ނަގައިދެމުންދާ ބަދަލެއް ނޫނެވެ. ނަމަވެސް, އެ އިހްތިޔާރު ގާޒީންނަށް ލިބިދެ އެވެ. ނަޝީދަށް ދިން ހަމަލާއާ ގުޅިގެން މިހާތަނަށް ދައުވާ އުފުލާފައިވާ ހަތަރު މީހުންގެ މައްޗަށް ޝަރީއަތް ހިންގަން ފަށާފައިވާއިރު, މައްސަލައިގެ ހުކުމާ ހަމައަށްދާއިރު, ދިޔައާ ގުޅޭ ގޮތުން ގޮތެއް ނިމިގެންދާނެ އެވެ.

ނަޝީދަށް ލިބުނު ޒަހަމްތައް އޭޑީކޭގެ ޑޮކްޓަރުން މީޑިއާއަށް ހާމަ ކުރައްވާފައިވާއިރު ފުލުހުންނާއި ޕްރޮސިކިއުޓާ ޖެނަރަލްގެ ފަރާތުން ގެންދަވަނީ ނަޝީދުގެ ބަޔާނެއް ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. އެ ބަޔާނުގައި އެމަނިކުނާފަށް ލިބިވަޑައިގެންނެވި ޒަހަމްތަކާއި ހޯއްދަވަމުން ގެންދަވާ ފަރުވާތަކާ ގުޅޭ ގޮތުން މައުލޫމާތު ސާފު ކުރާނެ ކަމަށް ބެލެވެ އެވެ.