Advertisement

1348 ވަނަ އަހަރު ހޫރު ކާފަ މުދާ ބެހި ގޮތުގެ ލިޔުމެއް!

6 ސެޕްޓެންބަރު 2021 - 08:35 2

އާމިނަތު އިބްރާހިމް

އާމިނަތު އިބްރާހިމް

ދ. ކުޑަހުވަދޫ ކުރަހާގެ އިން ނެގި އޮނު ދޯރިއެއްގެ ރައްކާކޮށްފައިވާ ލިޔުން


1348 ވަނަ އަހަރު ހޫރު ކާފަ މުދާ ބެހި ގޮތުގެ ލިޔުމެއް!

6 ސެޕްޓެންބަރު 2021 - 08:35 2

ފޮޓޯ އިން ތި ފެންނަނީ، ހިޖުރައިން 1348 ވަނަ އަހަރުގެ ލިޔުމެކެވެ. 95 އަހަރު ކުރީގެ ލިޔުމެކެވެ. އިހުގެ ތާނަ އަކުރުން ލިޔެފައިވާ މި ލިޔުމަކީ ބެލެވޭ ގޮތުން ވަސިއްޔަތެކެވެ. މިއީ ދ. ކުޑަހުވަދޫ ކުރަހާގެ އިން ނެގި އޮނު ދޯރިއެއްގެ ތެރޭގައި ރައްކާކޮށްފައި ހުރި ލިޔުންތަކަކަށް ވާތީ، ހީވާ ގޮތުން އޭރު އެގޭގެ ވެރިއަކަށް ހުރި މީހާ ލިޔެ ރައްކާކޮށްފައިވާ ލިޔުމެކެވެ. މި ލިޔުންތައް ހުރީ ފޫޓަކަށްވުރެ ކުރު އޮނު ބުރިއެއްއެއްގެ ތެރޭގަ އެވެ. އޮނު ބުރީގެ ކޮޅުގައި ޖަހާފައިވާ މަތިގަނޑު ވެސް ހަދާފައި ވަނީ އޮނުންނެވެ.

"މާމަގެ ގެ، ކުރަހާގެ އަކީ ވަރަށް ކުރީގެ ގެއެއް. ވަރަށް އިހުގެ އެއްޗެހިތަކެއް އެގޭގައި އެބަހުރި. އެއީ އަޅުގަނޑުގެ ބައްޕަމެން އުޅެ ބޮޑުވި ގެ. އެހެންވީމަ، ބައްޕަގެ އަތަށް މި ލިޔުންތައް އަރާފައި ވަނީ އެ ގެއިން ކަމަށް ލަފާވަނީ،" ކުޑަހުވަދޫ ކުރަހާގޭ އިބްރާހިމް އާދަމް ގެ ދަރިފުޅު، ހަޝްމާ އިބްރާހިމް ބުންޏެވެ.

ލިޔުންތައް ފެނިފައިވަނީ ހަޝްމާގެ ބައްޕަ، އިބްރާހިމް އާދަމް އަތުންނެވެ. ކުރަހާ ގެއަކީ އިބްރާހިމް އުޅެ ބޮޑުވި ގެ އެވެ. މިހާރު، އާއިލާ އާ އެކު އޭނާ ދިރިއުޅެނީ އެހެން ގެއެއްގަ އެވެ. ހަޝްމާ އަށް، އޭނާގެ ބައްޕަ މި އޮނު ދޯރި ދެއްކުމުން ހުޅުވާފައި އެތެރެ ބެލިއިރު އޭގައި އޮތީ ޖުމްލަ ތިން ގަނޑެވެ. ކޮފީ ކުލައިގެ އެ ކަރުދާހުގައި އިހުގެ ތާނަ އަކުރުން ލިޔެފައި ވަނީ ލިޔަން ގެންގުޅުނު ގަލަން ނުވަތަ އެއްޗެއްގެ ކޮޅު އަލިފާނުން ހޫނުކޮށްގެން ކަމަށް ބެލެވޭ ކަމަށް ހަޝްމާ ބުންޏެވެ.

ދ. ކުޑަހުވަދޫ ކުރަހާގެ އިން ނެގި އޮނު ދޯރިއެއްގެ ރައްކާކޮށްފައިވާ ލިޔުން


"އަޅުގަނޑަށް ހީވަނީ އެއްޗެއްގެ ކޮޅަށް ހޫނުކޮށްގެންހެން ލިޔެފަ އެވަނީ. ސަބަބަކީ އެ ގަނޑުތައް ދޯރިން ނަގާފައި ހުޅުވާލީމަ އަޅި ކަހަލަ ކުނޑިތަކެއް ފޭބީ. އަކުރުތަކުގެ މަތީގަ އަތް ހިންގާލުމުން ވެސް އެކަހަލަ ކުޑިއެއް އެބަ ހުރި. ބައެއް އަކުރުތަކުގެ އައުޓްލައިން ވެސް ހުރީ ކުނޑިވެގެން ފައިބާފަ،" ހަޝްމާ ބުންޏެވެ.

ހަޝްމާ ބުނީ، ލިޔުމުގައި ލިޔެފައި ހުރީ އަކުރުތަކުގެ ތަނޑިތައް ދިގު ތާނައިން، މިހާރު މި ބޭނުންކުރާ އަކުރުތަކުން ކަމަށް ވިޔަސް، ލިޔުމުގެ ބަސްމަގު ތަފާތުކަމުން އެންމެ ފުރިހަމައަށް ލިޔެފައިވާ އެއްޗެއް ދޭހަކުރަން ނޭނގޭ ކަމަށެވެ. ނަމަވެސް އޭގައި ލިޔެފައި އޮތީ މުދާތަކެއް ބެހި ގޮތުގެ ވާހަކަ ކަމަށެވެ. ދެ ގަނޑުގެ ތެރެއިން ބޮޑަށް ހަލާކުވެފައިވާ ގަނޑުގައި ސާމާނުތަކެއްގެ ލިސްޓެއް ހިމަނާފައިވާ ކަމަށް ބުންޏެވެ.

ދ. ކުޑަހުވަދޫ ކުރަހާގެ އިން ނެގި އޮނު ދޯރިއެއްގެ ރައްކާކޮށްފައިވާ ލިޔުން


އޭނާ ބުނީ، ބައްޕަ އިބްރާހިމް އާދަމްގެ އަތަށް އެ ވަސިއްޔަތް އެރީ ކިހިނެއްކަން ބައްޕަ އަކަށް ވެސް ނޭނގޭ ކަމަށެވެ. އޭތި އޭނާގެ ބައްޕަ އަށް ވެސް ފެނުނީ ގެންގުޅުނު އެއްޗެހިތަކެއް ހާވަނިކޮށް އެ އެއްޗެހިތަކުގެ ތެރެއިން ކަމަށެވެ.

"ފެނިގެން ބައްޕަ އައިސް އެއްޗެއް ދައްކަން ހެއްޔޭ ކިޔާފަ ދެއްކީ. ދެން ހުޅުވައިގެން ބަލާލި އިރު ތާރީހު އެނގޭ ގޮތަށް ކަނުގައި ޖަހާފައި އިން," ހަޝްމާ ބުންޏެވެ.

ހަޝްމާ ބުނީ، ލިޔުމުގެ ތާރީހަށް ބަލާފައި ގަބޫލުކުރެވޭ ގޮތުން، އެ ލިޔުމަކީ އޭނާގެ ހޫރު ކާފަގެ ލިޔުމެއް ކަމަށެވެ. ހަޝްމާ ހުރީ އެހާ ކުރީގެ އާއިލީ ތަރިކައެއް ފެނުމުން ވަރަށް ބޮޑަށް އުފާވެފަ އެވެ.