Advertisement

ގިނަ ކުދި ވިޔަފާރިތައް ހިންގަނީ ރަޖިސްޓްރީ ނުކޮށް: ދިރާސާ

5 ސެޕްޓެންބަރު 2021 - 10:08 1

އަމަން ހަލީމް

އަމަން ހަލީމް

ލޯކަލް މާރުކޭޓު ގޮޅިއަކުން މީހަކު ވިޔަފާރި ކުރަނީ: ރާއްޖޭގެ ގިނަ ކުދި ވިޔަފާރިތަކުން ހަރަކާތްތެރިވަނީ ޕްރައިމަރީ ސެކްޓާގެ ވިޔަފާރިތަކުގައި. -- ފޮޓޯ: ހުސެއިން ވަހީދު/އަދަދު


ގިނަ ކުދި ވިޔަފާރިތައް ހިންގަނީ ރަޖިސްޓްރީ ނުކޮށް: ދިރާސާ

5 ސެޕްޓެންބަރު 2021 - 10:08 1

ދިވެހި އިގުތިސޯދުގެ ތެރޭގައި ހަރަކާތްތެރިވާ ކުދި ވިޔަފާރިތަކުގެ ތެރެއިން ހަތަރުބައިކުޅަ ތިންބައި ވިޔަފާރި ހިންގަނީ ރަޖިސްޓްރީ ނުކޮށް ކަމަށް މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (އެމްބީއެސް)ގެ ދިރާސާއަކުން ދައްކައިފި އެވެ.

އެމްއެސްބީއިން މިކަން ފާހަގަކުރީ 2019 ވަނަ އަހަރު ހިންގި ހައުސްހޯލްޑް އިންކަމް އެންޑް އެކްސްޕެންޑިޗާ ސާވޭ (ހަޔެސް)ގެ ކުދި ވިޔަފާރިތަކުގެ ރިޕޯޓުގަ އެވެ.

ހަޔެސް ދިރާސާއިން ދައްކާ ގޮތުގައި ކުދި ވިޔަފާރީގެ މިންގަނޑަށް ފެތޭ 40،232 ވިޔަފާރީގެ ތެރެއިން ރަޖިސްޓްރީކޮށްގެން ހިންގަނީ 9،253 ވިޔަފާރި ނުވަތަ އޭގެ ތެރެއިން 23 ޕަސެންޓު އެކަންޏެވެ. މިގޮތަށް ރަޖިސްޓްރީކޮށްގެން ހިންގާ ވިޔަފާރިތަކުގެ ތެރޭގައި ގިނައީ ގިނަ މުވައްޒަފުންތަކެއް ގެންގުޅޭ ވިޔަފާރިތަކެވެ.

ވިޔަފާރި ރަޖިސްޓްރީ ނުކުރި ނަމަވެސް، 31،360 ވިޔަފާރިވެރިއަކު ބުނީ އެމީހުންނަށް މައިގަނޑު އާމްދަނީ ލިބެނީ ވިޔަފާރިކޮށްގެން ކަމަށެވެ.

ކުދި ފަންތީގެ ވިޔަފާރިތަކުގެ ތެރޭގައި ގިނައީވެސް އަމިއްލަ ފަރުދަކު އެކަނި ހިންގާ (ސެލްފް އެމްޕްލޯއިޑް) ވިޔަފާރިތަކެވެ. ކުދި ވިޔަފާރިތަކުގެ ތެރެއިން 85 ޕަސެންޓު ވިޔަފާރިއަކީ މިގޮތަށް އެކަކު ބައިވެރިވެގެން ހިންގާ ވިޔަފާރިތަކެވެ. އަދި އެކަކަށް ވުރެ ގިނަ މީހުން ބައިވެރިވާ ވިޔަފާރިތަކުގެ ތެރޭގައިވެސް ގިނައީ ދެ މީހަކު ބައިވެރިވެގެން ހިންގާ ވިޔަފާރިތަކެވެ.

ހަޔެސް ރިޕޯޓުގައި ގިނަ ވިޔަފާރިތަކެއް ރަޖިސްޓްރީ ނުކޮށް ހިންގާ ކަމަށް ފާހަގަކޮށްފައިވާއިރު، މީގެ ސަބަބުން ކުދި ވިޔަފާރިތަކަށް ސަރުކާރުން ފޯރުކޮށްދޭ ފުރިހަމަ އިނާޔަތްތަކުގެ ބޭނުން ނުހިފެ އެވެ. އަދިި ގާނޫނު އޮންނަ ގޮތުން އަމިއްލަ ފަރުދުންގެ ވިޔަފާރިތައް، ކުދި އަދި މެދުފަންތީގެ ވިޔަފާރިއަކަށް ލިބޭ ގާނޫނީ ހައިސިއްޔަތު ލިބެނީ ރަޖިސްޓްރީ ކުރީމަ އެވެ.

އާމްދަނީ ބޮޑީ ހޯލްސޭލް އަދި ރީޓެއިލްގެ

ކުދި ވިޔަފާރިތަކަށް ކޮންމެ މަހަކު އާމްދަނީގެ ގޮތުގައި 709 މިލިއަން ރުފިޔާ ލިބެ އެވެ. އެވަރެޖްކޮށް ވިޔަފާރިއަކަށް 22،618ރ. ގެ އާމްދަނީއެއް ލިބޭއިރު، ވިޔަފާރީގެ ބާވަތުން އާމްދަނީގައި ބޮޑެތި ފަރަގުތަކެއް އުޅޭކަމަށް ދިރާސާއިން ފާހަގަކުރެވެ އެވެ.

މިގޮތުން ބަލާއިރު، އެވަރެޖްކޮށް މަހެއްގެ މައްޗަށް ލިބޭ އާމްދަނީ އެންމެ ބޮޑީ ހޯލްސޭލް އަދި ރީޓެއިލްގައި ހަރަކާތްތެރިވާ ކުދި ވިޔަފާރިތަކަށެވެ. ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރިތަކުގެ އެވަރެޖް އާމްދަނީއަކީ 92،501ރ. އެވެ.

ދެން އެންމެ ގިނައިން އާމްދަނީ ލިބެނީ ޓްރެވަލް އެޖެންސީތައް ހިމެނޭ އެޑްމިނިސްޓްރޭޓިވް އެންޑް ސަޕޯޓް ސާވިސަސް ވިޔަފާރިތަކަށެވެ. މި ވިޔަފާރިތަކުގެ އެވަރެޖް އާމްދަނީއަކީ 57،250ރ. އެވެ. އެއާ ވިދިގެން އޮތީ ކޮންސްޓްރަކްޝަން ވިޔަފާރިތަކެވެ. އެ 45،717ރ. އެވެ.

ކުދި ވިޔަފާރިތަކުގެ ތެރެއިން އެންމެ ކުޑަ އާމްދަނީއެއް ލިބެނީ ގޭބިސީތަކުން އާމްދަނީ ހޯދާ ވިޔަފާރިތަކަށެވެ. މި ކެޓެގަރީގައި ކުދިން ބަލާ "ނެނީސް" ނޫނީ "ބޭބީސިޓާސް" އާއި ގޭގެ މަސައްކަތްތަކުގައި ގެންގުޅޭ މީހުން ހިމެނެ އެވެ. މި ވިޔަފާރިތަކުގެ މަހެއްގެ އެވަރެޖް އާމްދަނީއަކީ 2،350ރ. އެވެ.

އެކަމަކު ފައިދާ ބޮޑީ ހިދުމަތްތައް ފޯރުކޮށްދޭ ވިޔަފާރިތަކުގެ

ހަޔެސް ދިރާސާއިން ދައްކާގޮތުގައި 2019 ގައި ކުދި ވިޔަފާރިތަކުން ފައިދާގެ ގޮތުގައި ލިބުނީ 203 މިލިއަން ރުފިޔާ އެވެ. މިއީ މަހެއްގެ މައްޗަށް ކޮންމެ ވިޔަފާރިއަކަށް 6،480ރ. ފައިދާ އެވެ. އެކަމަކު ވިޔަފާރީގެ ބާވާތުން ފައިދާ ލިބޭ މިންގަނޑު އުޅެނީ 1،958ރ. އާއި 17،439ރ. އާ ދޭތެރޭގަ އެވެ.

މިހެން ބަލާއިރު މަހެއްގެ މައްޗަށް އެވަރެޖްކޮށް ލިބޭ ފައިދާ އެންމެ ބޮޑީ އެޑްމިނިސްޓްރޭޓިވް އެންޑް ސަޕޯޓް ސާވިސަސް ދާއިރާގެ ވިޔަފާރިތަކުގެ އެވެ. އެއީ މަހެއްގެ މައްޗަށް 17،439ރ. އެވެ.

ދެން ބޮޑު ފައިދާއެއް ލިބެނީ ވޭސްޓް މެނޭޖްމަންޓް ހިދުމަތްދޭ ވިޔަފާރިތަކަށާއި މައުލޫމާތާއި މުވާސަލާތީ ހިދުމަތްދޭ ވިޔަފާރިތަކެވެ. އެއީ 16،821ރ. އާއި 15،000ރ. އެވެ.

އާމްދަނީ އިތުރަށް ލިބުނު ނަމަވެސް، ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރިތަކުން ލިބޭ ފައިދާ ބޮޑެއް ނޫނެވެ. މީގެ ސަބަބެއްގެ ގޮތުގައި ރިޕޯޓުގައި ފާހަގަކުރީ، އެއް ތަނުން އަނެއް ތަނަށް މުދާ އުފުލުމުގެ (ލޮޖިސްޓިކްސް) އަގު ބޮޑުވުމެވެ.

ކުރިން ފާހަގަކުރި ދާއިރާތަކުގެ ވިޔަފާރިތަކާ ބަލާ ފައިދާ ކުޑަ ނަމަވެސް، މި ވިޔަފާރިތަކުން ވެސް ރަނގަޅު ފައިދާއެއް ލިބެ އެވެ. އަދި އެވަރެޖްކޮށް މަހެއްގެ މައްޗަށް ފައިދާގެ ގޮތުގައި 12،558ރ. ޖެހެ އެވެ.

އެންބީއެސްއިން އާންމުކުރި ހަޔަސް 2019 ސްމޯލް އެންޓަޕްރައިސް ރިޕޯޓުގައި ނުރަސްމީ ވިޔަފާރިތައް ހިމެނޭގޮތަށް 17 އަތޮޅަކާއި ގްރޭޓާ މާލެ ސަރަހައްދުގެ ކުދި ފަންތީގެ ވިޔަފާރިތަކުގެ މައުލޫމާތު ހިމަނާފައިވެ އެވެ.

މިއީ މިހާތަނަށް ކުދި ވިޔަފާރިތަކަށް ހާއްސަކޮށްގެން ތައްޔާރުކުރެވުނު އެންމެ ތަފްސީލީ އަދި އެންމެ ފުރިހަމަ ދިރާސާކަމަށް ރިޕޯޓުގައި ފާހަގަކުރި އެވެ. އެގޮތުން ވިޔަފާރިތަކުގެ އަދަދާއި، މުވައްޒަފުންނާއި، ވިޔަފާރީގެ ދާއިރާގެ އިތުރުން އާމްދަނީ އާއި ފައިދާގެ ތަފާސްހިސާބުތައް އެ ރިޕޯޓުން ފެންނަން އެބަހުއްޓެވެ.