Advertisement

އަޅުގަނޑުގެ ބަޔާން ނަގަން ބަޔަކު އަންނަން ޖެހޭ ސަބަބެއް ނެތް: ނަޝީދު

4 ސެޕްޓެންބަރު 2021 - 16:12 0


އަޅުގަނޑުގެ ބަޔާން ނަގަން ބަޔަކު އަންނަން ޖެހޭ ސަބަބެއް ނެތް: ނަޝީދު

4 ސެޕްޓެންބަރު 2021 - 16:12 0

ބޮމުގެ ހަމަލާއާ ގުޅިގެން އެމަނިކުފާނުގެ ބަޔާނެއް ނަގަން ބަޔަކު އަންނަން ޖެހޭ ސަބަބެއް ނުފެންނަ ކަމަށް، ފަރުވާ އަށް މިވަގުތު އިނގިރޭސި ވިލާތުގައި ހުންނެވި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

މިދިޔަ މޭ 6 ވަނަ ދުވަހުގެރޭ ނަޝީދު އަވަހާރަކޮށްލަން މާލޭގައި ދިން ބޮމުގެ ޓެރަރިސްޓް ހަމަލާއާ ގުޅިގެން އެމަނިކުފާނުގެ ބަޔާނެއް މުހިންމުކަމަށް ފުލުހުންގެ އިތުރުން ޕްރޮސިކިއުޓަ ޖެނެރަލް (ޕީޖީ) އޮފީހުން ވެސް ވަނީ ބުނެފަ އެވެ. ސިޓީއަކުން ނޫނީ އީމެއިލް މެދުވެރިކޮށް ވެސް އެ ބަޔާން ހޯދަން މަސައްކަތް ކުރި ކަމަށް ފުލުހުން ބުނެފައިވެ އެވެ. އެކަމަކު އެކަން އެންމެ ފުރަތަމަ ކާމިޔާބެއް ނުވި އެވެ.

ފުލުހުންގެ އެ ވާހަކަތަކާ ގުޅިގެން ކުރެއްވި ޓުވީޓެއްގައި ނަޝީދު އޭރު ވިދާޅުވީ "ބަހަކަށް ވެސް ބަޔާނަކަށް ވެސް ދައްކަން އޮތީ" އެމަނިކުފާނުގެ ޖާނާއި، ހިތް އަދި މޭ ކަމަށެވެ.

ނަމަވެސް ފަހުން ނަޝީދު ވަނީ އެމަނިކުފާނުގެ ވަކީލަކަށް, ކޮއްކޯފުޅު ނާޒިމް ސައްތާރު ހަމަޖައްސަވައިފި ބަޔާން ދެއްވަން އެއްބަސްވެވަޑައިގެންފަ އެވެ. ނާޒިމް އޭރު ވިދާޅުވެފައިވަނީ ބަޔާން ދެއްވުމާ މެދު ގޮތެއް ނިންމެވޭނީ މައްސަލައިގެ ލިއުންތައް ވެސް ލިބިވަޑައިގަތުމުން ކަމަށެވެ. ނަމަވެސް، ތުހުމަތުކުރެވޭ މީހުންގެ ޝަރީއަތްތަކުގެ އިބްތިދާއީ މަރުހަލާ ނިމުމުގެ ކުރިން ބަޔާން ނެންގެވުމަށް ނަޝީދު އެދިވަޑައިގަންނަވާކަމަށް ވިދާޅުވި އެވެ.

އެއާ އެކު ފުލުހުންނާއި ޕީޖީގެ ޓީމެއް އިނގިރޭސި ވިލާތަށް ގޮސް ބަޔާން ނަގަން ވަނީ މަޝްވަރާކޮށްފަ އެވެ. އެގޮތަށް ނިންމީ އެންމެ ރަނގަޅު ގޮތަކީ ނަޝީދު ހުންނެވި ތަނަށް ގޮސް ބަޔާން ނެގުމަށް އެ ދެ މުއައްސަސާ އަށް ވެސް ލަފާ ލިބުމުންނެވެ.

ނަޝީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވަނީ، ބަޔާން ނަގަން ބަޔަކު އަންނަން ޖެހޭ ސަބަބެއް ނެތް ކަމަށް ވިޔަސް، ފުލުހުން އިނގިރޭސި ވިލާތުގެ އިދާރާތަކާ މަޝްވަރާކުރުމަކީ ބޭނުންތެރިކަމެއް ކަމަށް ދެކޭ ކަމަށް ވިދާޅުވެފަ އެވެ.

އެނގިފައިވާ ގޮތުގައި ކޮވިޑުގެ ސަބަބުން އިނގިރޭސި ވިލާތުގައި އަޅާފައިވާ ފިޔަވަޅުތައް ލުއިކުރުމާ އެކު އެ ގައުމަށް ދާން ފުލުހުންނާއި ޕީޖީ އޮފީހުން އައީ މަޝްވަރާކުރަމުންނެވެ.

ނަޝީދު އަވަހާރަކޮށްލަން ދިން ޓެރަރިސްޓު ހަމަލާއާ ގުޅިގެން ހަތަރު މީހެއްގެ މައްޗަށް ދިގު މުއްދަތުގެ ޖަލު ހުކުމްތަކެއް އަންނަ ޖުމްލަ 12 ދައުވާ ވަނީ އުފުލައިފަ އެވެ.

ހަމަލާއާ ގުޅިގެން ޖަރުމަންގައި ފަރުވާ ހޯއްދެވުމަށް ފަހު އިތުރު ފަރުވާއަށް އިނގިރޭސި ވިލާތުގައި ހުންނެވި ނަޝީދު ކުރިން ވިދާޅުވެފައި ވަނީ މި މަސް ނިމޭހާ ތަނުގައި ރާއްޖެ ވަޑައިގެންނެވޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ. އެކަމަކު މިހާރު ބެލެވޭ ގޮތުގައި އެހާތަނަށް ވަޑައެއްނުގަންނަވާނެ އެވެ. ހަމަލާއަށް ފަންޑުކުރި މީހުން ނުހޯދޭތީ އާއި ސަލާމަތާ މެދު އަދިވެސް ޔަގީންކަމެއް ނެތުމުން ނަޝީދު ރާއްޖެ ވަޑައިގަތުމަށް އެމްޑީޕީގެ ބައެއް އިސް ބޭފުޅުން ވެސް ގަބޫލެއް ނޫނެވެ.

ނަޝީދަށް ދިން ނުރައްކާތެރި ޓެރަރިސްޓު ހަމަލައާ ގުޅޭ ގޮތުން ފުލުހުން ބުނެފައި ވަނީ 2019 ވަނަ އަހަރުން ފެށިގެން ފާރަލުމަށް ފަހު ރާވައި އެކި ފަހަރު މަތިން ބޮން ގޮއްވާލަން އުޅެ ނާކާމިޔާބު ވި ކަމަށެވެ. އެމަނިކުފާނަކީ ލޭ ހުއްދަވެފައިވާ މީހެއް ކަމަށް ކަނޑައަޅައި ހަރުކަށި ފިކުރުގެ ބަޔަކު ވަކި ސެލްއެއް އޮޕަރޭޓްކުރަމުން ދިޔަ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ބޮން ގޮއްވި މީހާ އާއި ބޮން ހަދައި ހަރުކުރި މީހާގެ އިތުރުން ހަމަލާ ރާވައި ހިންގުމުގައި އިސްކޮށް ހިމެނޭ މީހުން ހައްޔަރުކޮށްފައިވާ އިރު އެންމެން ވެސް ނިސްބަތްވަނީ އެ ސެލްއަށް ކަމަށް ފުލުހުން ބުނެފައިވެ އެވެ.