Advertisement

އެނބޫދޫފަޅުގައި ތަރައްގީކުރާ ޕިކްނިކް އައިލެންޑުގެ މަސައްކަތް ހުއްޓައި ނުލާނެ

4 ސެޕްޓެންބަރު 2021 - 14:37 0

އަމަން ހަލީމް

އަމަން ހަލީމް

ކ. އެނބޫދޫފަޅުގައި ތަރައްގީކުރަމުން އަންނަ ޕިކްނިކް އައިލެންޑުގެ ކުރެހުމެއް: މިއީ އެފަޅު ތަރައްގީކުރަމުން އަންނަ ތައިލެންޑު ކުންފުނިން ހިދުމަތްތައް ފޯރުކޮށްދޭ ގޮތަށް ތަރައްގީކުރަމުން ދިޔަ ރަށެއް. -- ފޮޓޯ: ޕްލޭނިން މިނިސްޓްރީ/ސިންހާ އެސްޓޭޓްސް


އެނބޫދޫފަޅުގައި ތަރައްގީކުރާ ޕިކްނިކް އައިލެންޑުގެ މަސައްކަތް ހުއްޓައި ނުލާނެ

4 ސެޕްޓެންބަރު 2021 - 14:37 0

ކ. ކުޑަގިރި ހިއްކައިގެން ޕިކްނިކް އައިލެންޑެއް ހަދަން ފެށި ނަމަވެސް، ކ. އެނބޫދޫފަޅުގައި ތަރައްގީކުރާ ޕިކްނިކް އައިލެންޑުގެ މަޝްރޫއު ހުއްޓާނުލާކަމަށް ޕްލޭނިން މިނިސްޓްރީން ބުނެފި އެވެ.

އެނބޫދޫފަޅުން ހިއްކާފައިވާ ރަށެއްގައި ތަރައްގީކުރާ މި ޕިކްނިކް އައިލެންޑުގެ މަސައްކަތް އިއުލާނުކުރީ 2019 ވަނަ އަހަރު އެވެ. އޭރު ބޭނުންވީ މާލެ ރައްޔިތުން ދަތުރުދާނެ ރަށެއް ނެތުމުގެ ޝަކުވާއާ ގުޅިގެން އެ ރަށުގައި ޕިކްނިކް އައިލެންޑެއް ތަރައްގީކުރާށެވެ. އަދި މި މަޝްރޫއު އިއުލާނުކުރެވިގެން ދިޔައީ މި ސަރުކާރުގެ 100 ދުވަހުގެ ވައުދުގެ ތެރެއިންނެވެ.

އެކަމަކު މި މަޝްރޫއުގެ ދަށުން ތަރައްގީކުރާ ޕިކްނިކް އައިލެންޑަކީ، އެނބޫދޫފަޅު ހިއްކައިގެން ތަރައްގީކުރަމުން އަންނަ ތައިލެންޑުގެ ސިންހާ އެސްޓޭޓުގެ ތަނެކެވެ. އަދި މި މަޝްރޫއަށް ސަރުކާރުގެ އެއްބާރުލުން ލިބުނު ނަމަވެސް، އެ ޕިކްނިކް އައިލެންޑް ހިމެނެނީ ކްރޮސްރޯޑްސް ހިމެނޭގޮތަށް އެތަނުން ހިއްކާފައިވާ އަށް ރަށުގެ ބިޔަ ޕްރޮޖެކްޓުގެ ތެރޭގަ އެވެ. އެހެންކަމުން އެ ޕިކްނިކް އައިލެންޑަށް އާންމުންނަށް ދެވުނު ނަމަވެސް، ހުރިހާ ހިދުމަތެއް ދޭނީ ސިންހާ ކުންފުނިންނެވެ.

އެނބޫދޫފަޅުގައި ޕިކްނިކް އައިލެންޑެއް ތަރައްގީކުރަމުން ދަނިކޮށް، ކުޑަގިރީގައި އިތުރު ޕިކްނިކް އައިލެންޑެއް ތަރައްގީކުރަން ސަރުކާރުން ބޭނުންވީ މި ސަބަބަށްޓަކައި ކަމަށް ޕްލޭނިން މިނިސްޓްރީގެ މީޑިއާ އޮފިޝަލަކު "އަދަދު"އަށް މައުލޫމާތު ދެއްވި އެވެ.

އަދި މިގޮތަށް ސަރުކާރުން ނިންމީ ކުރިން ކުޑަބަނޑޮސް އޮތް ގޮތަށް ދިވެހިންނަށް ދަތުރުދެވޭނެ ރަށެއް އޮތުން މުހިންމުކަމަށް ދެކިގެން ކަމަށް ބުންޏެވެ.

އެނބޫދޫ ޕިކްނިކް އައިލެންޑުގެ މަސައްކަތް ގޮސްފައިވާ ހިސާބާ ގުޅިގެން ޕްލޭނިން މިނިސްޓްރީން ބުނީ، އެ މަސައްކަތް މަޑުޖެހިފައި އޮތީ ކޮވިޑާ ގުޅިގެން ކަމަށެވެ. މި ޕިކްނިކް އައިލެންޑުގެ މަސައްކަތްތައް ކުރަން ހަތް ކުންފުންޏަކާ ހަވާލުކޮށްފައިވާ ކަމަށް ސިންހާއާ ހަވާލާދީ މީޑިއާތަކުގައި ރިޕޯޓުކޮށްފައި ވެ އެވެ.

މިހާރު ކުޑަގިރީގައި ތަރައްގީކުރަން ނިންމާފައިވާ ޕިކްނިކް އައިލެންޑުގެ މަޝްރޫއު ވަނީ އެމްޓީސީސީއާ 41.4 މިލިއަން ރުފިޔާއަށް ހަވާލުކޮށްފަ އެވެ. އެމްޓީސީސީން ލަފާކުރަނީ އަންނަ އަހަރުގެ ތެރޭގައި މި މަސައްކަތް ނިންމާލެވޭނެ ކަމަށެވެ.

ނަމަވެސް، ކުޑަގިރި ހިއްކައިގެން ތަރައްގީކުރާތީ އާންމުންގެ ފަރާތްތަކުންނާއި ޖަމިއްޔާ ޖަމާއަތްތަކުގެ ފާޑުކިޔުންތައް އެބަހުއްޓެވެ. އެގޮތުން ޓްރާންސްޕޭރެންސީ މޯލްޑިވްސް އަދި ތިމާވެށީގެ ރައްކާތެރިކަމަށް ވަކާލާތުކުރާ ޖަމިއްޔާތަކުން ވަނީ މަޝްރޫއުއަށް އާންމުންގެ ހިޔާލު ހޯދަން ހުޅުވާލިތާ 24 ގަޑިއިރު ނުވަނީސް މަސައްކަތް ހަވާލުކުރީ ކޮން މަގުސަދެއްގައިތޯ ސުވާލު އުފައްދާފަ އެވެ.