Advertisement

އަލިފުށީގައި އެއާޕޯޓެއް އެޅުން ސަރުކާރުގެ ސިޔާސަތާ ދިމާވޭތަ؟

5 ސެޕްޓެންބަރު 2021 - 10:06 8

އަހުމަދުﷲ އަބްދުލްހާދީ

އަހުމަދުﷲ އަބްދުލްހާދީ

މަތިންދާބޯޓެއްގެ ކުޑަދޮރުން އަލިފުށި ފެންނަ ގްރެފިކްސްއެއް. --އަދަދު އާޓްވޯކް: އަބްދުﷲ ޝަފީއު (އަބޯ)


އަލިފުށީގައި އެއާޕޯޓެއް އެޅުން ސަރުކާރުގެ ސިޔާސަތާ ދިމާވޭތަ؟

5 ސެޕްޓެންބަރު 2021 - 10:06 8

ކޮންމެ ރަށަކުން ވެސް 20 މިނެޓުގެ ތެރޭގައި އެއާޕޯޓަކަށް ދެވޭނެ ގޮތް ފަހިކުރުމަކީ މި ސަރުކާރުގެ ސިޔާސަތެކެވެ. އަތޮޅެއްގައި ދެ ވަނަ އެއާޕޯޓެއް އަޅާނަމަ ބަލަންޖެހޭ އެންމެ އަސާސީ އެއް ކަމަކީ، މި ސިޔާސަތަށް ފެތޭތޯ އެވެ. އެއާޕޯޓް ތަރައްގީކުރަން ދާދި ފަހުން އިއުލާނުކުރި ފަސް ރަށުގެ ލިސްޓްގައި ނެތް، ރ. އަލިފުށީގެ ފަޅު ހިއްކައިގެން އަގުބޮޑުކޮށް އެއާޕޯޓެއް އެޅުމަށް ކުއްލިއަކަށް ސަރުކާރުން އިއުލާނުކޮށް، އެ މަސައްކަތް ހަވާލު ކުރުމުން، އެ ސިޔާސަތާ މެދު ސުވާލުތަކެއް މިވަނީ އުފެދިފަ އެވެ.

ޑިޒައިން އެންޑް ބިޑްގެ އުސޫލުން މި މަހު 1 ގައި ހަވާލުކޮށްފައިވާ އަލިފުށީ ބިން ހިއްކުމާއި އެއާޕޯޓް އެޅުމުގެ މަޝްރޫއުއަކީ އެމްޓީސީސީން މިހާތަނަށް ހިންގާ އެންމެ ބިޔަ މަޝްރޫއެވެ. މި މަޝްރޫއުގެ ދަށުން އަލިފުށީގެ 50.5 ހެކްޓަރުގެ ބިން ހިއްކާއިރު، އޭގެ ތެރެއިން 10 ހެކްޓަރުގެ ބިމަކީ ރަށުގެ ތަރައްގީ އާއި ގެދޮރުވެރިކަމުގެ ބޭނުމަށް ހާއްސަކުރާ ބިމެކެވެ. ބާކީ އޮތް 40.5 ހެކްޓަރަކީ 1200 މީޓަރުގެ ރަންވޭއެއް އޮންނަ އެއާޕޯޓަށް ހާއްސަ ސަރަހައްދެކެވެ. ހަތަރު ސަތޭކަ ފަންސާސް މިލިއަން ރުފިޔާގެ މި މަޝްރޫއު 750 ދުވަހުގެ ތެރޭގައި ނިންމަންޖެހެ އެވެ.

މަޝްރޫއުގެ ވާހަކަ ކުރިން ނެތް

ރ. އަތޮޅަށް ދެ ވަނަ އެއާޕޯޓެއް ބޭނުންވާ ވާހަކަ ކުރީ ސަރުކާރާއި މި ސަރުކާރުން ވެސް ދައްކާފައިވެ އެވެ. ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ރ. ފައިނުގައި އެއާޕޯޓެއް ތަރައްގީކުރަން ނިންމި އެވެ. ނަމަވެސް، އެއްވެސް ހިސާބެއްގައި އަލިފުށީގެ ނަން އައިސްފައެއް ނެތެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމާ ހަވާލުވެވަޑައިގެންނެވިތާ އަހަރެއް ވެސް ނުވަނީ، ޖުލައި 8، 2019 ވަނަ ދުވަހު، އަލިފުށީގެ ތަރައްގީގެ ތަސައްވަރު ރައީސް އޮފީހުގައި، ރައީސް ސޯލިހާ ހިއްސާކުރެއްވެވި އެވެ. އެ ބައްދަލުވުމުގައި ރައްޔިތުންގެ މަޖިލީހުގެ އަލިފުށީ މެމްބަރު މުހައްމަދު ރަޝީދު އާއި ރަށު ކައުންސިލުގެ އޭރުގެ މެމްބަރުން ބައިވެރިވެވަޑައިގެންނެވި އެވެ.

އެ ބައްދަލުވުމަށް ފަހު ރައީސް އޮފީހުގެ ވެބްސައިޓުގައި ލިޔެފައިވަނީ މިހެންނެވެ؛

"މި ބައްދަލުކުރެއްވުމުގައި، އަލިފުށީ ކައުންސިލުން ހުށަހެޅުއްވި ކަންކަމުގެ ތެރޭގައި ރަށާއި އަތޮޅުގެ ތަރައްގީއަށް ބޭނުންވާ ބައެއް ޕްރޮޖެކްޓްތަކާއި ސީއެމްބިއުލަންސް ފަދަ ހިދުމަތްތައް އަލުން ފެށުމާއި ރަށުގައި ސިނާއީ މަސައްކަތްތައް ކުރުމަށް ދޫކޮށްފައިވާ ބިންތަކާ ގުޅޭ މައްސަލަތައް ހިމެނެ އެވެ،"

އެއާޕޯޓް ފަދަ މުހިންމު މަޝްރޫއެއް ރައްޔިތުންގެ ފަރާތުން ހުށަހަޅާފައި އޮތްކަމެއް ނުވަތަ ނެތް ކަމެއް ވެސް އޭރު ނޭނގެ އެވެ. ނަމަވެސް، އެނގެން އޮތީ، އޭގެ އެއް އަހަރަށް ވުރެ ގިނަ ދުވަސްވީ ފަހުން، މި އަހަރުގެ މާޗު މަހު ބޭއްވި އެމްޑީޕީގެ "ރަށްވެހި ފަތިސް" ކެމްޕެއިން ބައްދަލުވުމެއްގައި ރައީސް ސޯލިހު ދެއްކެވި ވާހަކަ އެވެ. އަލިފުށީގައި އެއާޕޯޓެއް ތަރައްގީކުރުމުގެ ވާހަކައެއް، އެ ވާހަކައިގައި ވެސް ނެތެވެ. ދެއްކެވީ ބިން ބިން ހިއްކުމުގެ ވާހަކަ އެވެ. އަދި މި އަހަރުގެ ޖެނުއަރީ މަހު އިއުލާނުކުރި ފަސް އެއާޕޯޓުގެ ލިސްޓުގައި ވެސް އަލިފުށްޓެއް ނެތެވެ. އެފަހަރު އިއުލާނުކުރީ، ބ. ތުޅާދޫ އާއި ތ. ވިލުފުއްޓާއި ށ. ބިލަތްފަހީގެ އިތުރުން ހދ. މަކުނުދޫގައި އެއާޕޯޓް އަޅަން ޝައުގުވެރިވާ ފަރާތްތަކުން މަޝްރޫއު ހުށަހެޅުމަށެވެ.

ސިޔާސަތުގެ މިންގަނޑަށް އަލިފުށި ފެތޭތަ؟

ކޮންމެ ރަށަކުން ފުރައިގެން 20 މިނެޓުން އެއާޕޯޓަކަށް ދެވޭ ސިޔާސަތުގެ މައްޗަށް ހިސާބު ޖަހާއިރު، އަލިފުށިން ފުރައިގެން، މިހާރު ވެސް އެ އަތޮޅުގައި އޮތް އިފުރު އެއާޕޯޓަށް 20 މިނެޓުގެ ދަތުރަކުން ދެވެ އެވެ. ނަމަވެސް އަތޮޅުގެ ދެކުނު ބިތުގައި ރަށްރަށުން ފުރައިގެން އިފުރަށް 20 މިނެޓުން އެއާޕޯޓަކަށް ނުދެވެ އެވެ. އެހެންވެ، އަތޮޅުގެ އެންމެ އުތުރުގައި، ވަކިން އޮތް އަލިފުށީގައި އެއާޕޯޓެއް ހެދިޔަސް، ސަރުކާރުގެ ސިޔާސަތުގެ މިންގަނޑަށް ނުފެތޭނެ އެވެ.

ދެން އޮތީ އެއާޕޯޓެއް އަޅާއިރު ބަލަންޖެހޭ އެހެން ކަންކަމެވެ. މިހާރު ވެސް ހުރި ބައެއް އެއާޕޯޓުތަކުން ހަރަދު ދެކޮޅު ނުޖެހެ އެވެ. އެހެންވެ، ހަރަދު ދެކޮޅު ޖެއްސޭނެ ގޮތަށް އެއާޕޯޓު އެޅެން އޮތް ގޮތެއް ވެސް ބަލަންޖެހެ އެވެ. އެކަން ބިނާވަނީ ދަތުރުކުރާނެ މީހުން ލިބޭނެ މިންވަރުގެ މައްޗަށެވެ. ބޮޑު އާބާދީއަކާއި އިގުތިސޯދީ ހަރަކާތްތަކާއި، ދިރުން ހުރި ރިސޯޓްތައް ހިނގާ ސަރަހައްދެއްގައި މިކަން ވުން ގާތްވާނެ އެވެ. ހަރަދު ދެކޮޅު ޖެހޭ ގޮތަށް އެއާޕޯޓެއް ހިންގަން މަގުފަހިވާނީ އޭރުންނެވެ.

ރ. އަތޮޅުގެ އާބާދީ އާއި އެއާޕޯޓުގެ މައުލޫމާތު ދައްކުވައިދޭ އިންފޯގްރެފިކްސްއެއް. --އަބްދުﷲ ޝަފީއު (އަބޯ)


މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން 2021 ވަނަ އަހަރަށް އަންދާޒާކޮށް ނެރުނު ޕްރޮޖެކްޝަންސްތަކަށް ބަލާއިރު، ރ. އަތޮޅުގެ ދެކުނު ބިތުގައިވާ ނުވަ ރަށުގެ އާބާދީ ގާތްގަނޑަކަށް 12،000 އެވެ. އުތުރު ބިތުގައި އިފުރު އަދި އަލިފުށި ހިމެނޭ ގޮތަށް މީހުން ދިރިއުޅޭ ރަށްރަށުގެ އާބާދީ އުޅެނީ 7،000 އާ ގާތްކުރާ ވަރުގަ އެވެ. އެ އަތޮޅުގައި ޖުމްލަ 13 ރިސޯޓު އޮތްއިރު، އޭގެ ތެރެއިން ގިނަ ރިސޯޓުތަކެއް އޮތީ ދެކުނު ބިތުގަ އެވެ.

ރައްޔިތުންގެ ކަންބޮޑުވުމާއި ޝުއޫރު

ރ. އިނގުރައިދޫ ކައުންސިލްގެ މެމްބަރު ޒުހައިރު އަބްދުﷲ ވިދާޅުވީ ހުރިހާވެސް މައްސަލައަކީ މަޖިލިސް ކެމްޕޭނުގައި އަތޮޅުގެ ދެކުނުގައި އެއާޕޯޓެއް އަޅަން ވައުދުވެފައި އޮއްވާ ކުއްލިއަކަށް އުތުރުގައި އަޅަން ނިންމުން ކަމަށެވެ.

"ދެކުނުގައި މި އޮންނަނީ ހުރިހާ ރިސޯޓެއްވެސް. އުތުރުގައި މި އޮންނަނީ ފާރުފުށި އެކަނި. ޓޫރިޒަމް ބޮޑަށް އެސްޓެބްލިޝްވެފަ މިއޮތީ ދެކުނުގައި. އަލިފުށީގައި އެއާޕޯޓެއް އަޅައިގެން ހިންގޭނެ ކަމަކަށް ގަބޫލެއް ނުކުރެވޭ އަސްލު ހަގީގަތުގައި. އެވަރަކަށް ޑިމާންޑެއް ނޯންނާނެ،" އޭނާ ވިދާޅުވި އެވެ.

"ދެން އަޅުގަނޑުމެން މިދަނީ މިކަމާ ގުޅިގެން ހުރި ކަންބޮޑުވުންތައް ހިއްސާކުރަމުން ހަމަ، ކުރަން ޖެހުނު ކަމެއް ކުރާނަން. އެއީ އަޅުގަނޑުމެން ވަރަށް ކުރީއްސުރެންވެސް ކުރި އުންމީދެއް ދެކުނުގައި އެއާޕޯޓެއް އެޅުމަކީ، 2016 ވަނަ އަހަރު ފައިނުގައި އަޅަން ނިންމަން އުޅުނު އެއާޕޯޓްވެސް ވީ ހިޔާލީ ކަމަކަށް."

މިއީ ހަމައެކަނި ޒުހައިރުގެ ވިސްނުމެއް ނޫނެވެ. އަތޮޅުގެ ދެކުނު ބިތުގައި ހިމެނޭ ރަށްތަކުގެ ރައްޔިތުންގެ ވިސްނުމަކީ ވެސް މިއެވެ. ރައްޔިތުންގެ ކަންބޮޑުވުމަކީ، އަލިފުށީ ތަރައްގީއަށް ހުރަސް އެޅުމުގެ ނިޔަތެއް ނޫނެވެ. ބޮޑު އިންވެސްޓްމެންޓެއް ކުރަން ޖެހޭނީ ދެކޮޅު ޖެހޭ، އަދި އެންމެ ބޭނުންޖެހިފައިވާ ސަރަހައްދަކަށް ކަމަށް ދެކޭތީ އެވެ.

އަލިފުށި ކައުންސިލްގެ ނައިބު ރައީސް އިބްރާހިމް ޒަހީން ވިދާޅުވީ އަލިފުށީ ރައްޔިތުން ތިބީ، އަތޮޅުގެ ދެކުނު ފަޅީގައި ގިނަ ރިސޯޓްތަކެއް އޮވެ، ތަރައްގީވެފައިވާތީ އުފަލުން ކަމަށެވެ. އެކަމަކު އަލިފުއްޓަކީ އެކަހެރިކޮށް އޮތް، އަތޮޅުން ބޭރަށް އޮންނަ ބާކީވެފައިވާ ރަށެއްކަން ހަނދާން ކުރުމަށް ޒަހީން އެދިވަޑައިގަތެވެ. އެ ރަށާއި އެ ރަށް ހިމެނޭ ދާއިރާގެ ތިން ރަށް ހިމެނޭ ގޮތަށް ތަރައްގީގެ ގޮތުން މާ ބޮޑެތި ކުރިއެރުންތަކެއް މިވީހާ ދުވަހު ލިބިފައި ނެތްކަން ފާހަގަކުރައްވަމުން އޭނާ ވަނީ އަލިފުއްޓަށް ލިބުނު އެއާޕޯޓަށްޓަކައި އުފާކުރުމަށް އަތޮޅުގެ ދެން ހުރި ރަށްތަކަށް ގޮވާލައްވައިފަ އެވެ.

"ވަރަށް ގިނަ ދުވަހުގެ އުއްމީދެއް މިއީ، އަލިފުށީގައި އެއާޕޯޓެއް އެޅުމަކީ. ވަރަށް ޝުކުރުވެރިވަން ސަރުކާރުގެ މި ނިންމުމަށް. އަލިފުށްޓަކީ ވަރަށް އެކަހެރިކޮށް އޮންނަ ރަށެއް، ދަތުރުފަތުރުކުރުމުގައި ބޮޑެތި ދަތިތަކެއް ހުރި ރަށެއް މިއީ. އެހެންވީމަ، އަޅުގަނޑުގެ އެދުމަކީ އަތޮޅުގެ އެންމެހާ ބޭފުޅުންވެސް ޝުކުރުވެރިވުން އަލިފުއްޓަށް މިކަހަލަ ތަރައްގީގެ ބޮޑު ކުރިއެރުމެއް ލިބުމުން،" ޒަހީން ވިދާޅުވިއެވެ.

އެއާޕޯޓު ހިންގޭނެ ކަމާމެދު ޝައްކުތަކެއް ހުރިނަމަވެސް އަލިފުށީގައި އެއާޕޯޓެއް އަޅައިގެން ރަށަށް އަދި ސަރަހައްދަށްވެސް ކުރިއެރުންތަކެއް ލިބޭނެކަމާމެދު ޒަހީންގެ އެއްވެސް ޝައްކެއް ނެތެވެ. އެއާޕޯޓާއެކު ރަށުގެ މިހާރު ހުރި ސިނާއީ މަސައްކަތްތައް އިތުރަށް ވަރުގަދަ ވެގެންދާނެކަމަށް ޒަހީން ގަބޫލުކުރެ އެވެ. އަދި އިތުރު ވިޔަފާރިތައް ފެށިގެންދާނެ ކަމަށްވެސް ޒަހީން ވިދާޅުވި އެވެ.

"އަލިފުއްޓަކީ ވަރަށް ސިނާއީ މަސައްކަތްތައް ވަރުގަދަ ރަށެއް، އެގޮތުން އެ ރަށުގައި ބޯޓު ބިލްޑިން އާއި ކިއްސަރު ވަޑާމުގެ މަސައްކަތް ވަރަށް ވަރުގަދަޔަށް ކުރޭ، އެހެންވީމަ، އެކަހަލަ ކަންކަމަށްވެސް މީހުން ރަށަށް އަންނާނެވަރު އިތުރުވެގެންދާނެ އެއާޕޯޓާއެކު. މިހާރުވެސް ދުވާލަކަށް 10-15 ވަރަކަށް މީހުން ޒިޔާރަތްކުރޭ ރަށަށް އެފަދަ މަސައްކަތްތަކަށް. ދެން އެއާޕޯޓާއެކު، އަލިފުށީގައި ހަމަ ސިިޓީ ހޮޓާ ފަދަ މަޝްރޫއުތައްވެސް ހިންގުމަށް ރޭވޭނެ އޭރުން،" ޒަހީން ވިދާޅުވިއެވެ.

ބަޔާންކުރި ނަންބަރުތަކާއި ސިޔާސަތުތަކާއި، ކަންބޮޑުވުމާއި ޝުއޫތައް މިގޮތަށް ހުރިއިރު ބޮޑު ސުވާލަކީ އަލިފުށީގައި އެއާޕޯޓެއް އަޅަން ނިންމި ނިންމުމުގެ ފަހަތުގައި އޮތީ ކޮން ވިސްނުމެއްތޯ އެވެ؟ ކުއްލިއަކަށް އެއާޕޯޓެއް އަޅަން ނިންމި ސަބަބަކީ ކޮބައިތޯ އެވެ؟ މިކަމަށް ރައީސް އޮފީހުގެ ބަހެއް ހޯދަން ކުރި މަސައްކަތެއް އަދި ކާމިޔާބެއް ނުވެ އެވެ.

ސިޔާސަތެއް އިއުލާނުކުރާއިރު، އެކަމެއް ރޭވިފައިވާ ގޮތާއި، މަގުސަތާއި ފައިދާ ބުނެދޭންޖެހެ އެވެ. ރައްޔިތުންގެ ފައިސާއިން ހަރަދުކުރާއިރު، އެ މަޝްރޫއެއްގެ އެތެރޭގައި ބޭރުފުށް ހާމަކުރަންޖެހެ އެވެ. މިކަންކަން ބުނެ ނުދޭނަމަ، ސިޔާސަތާއި މަޝްރޫއާމެދު ހުރި ހިތްހަމަނުޖެހުމާއި ކަންބޮޑުވުންތައް ބަންޑުންކޮށްލާނެ އެވެ. އެހެން ރަށްރަށުގައި އެއާޕޯޓު އެޅުމަށް ނިންމާފައި އޮއްވާ އަދި އެކަންކަން ނުފެށި އޮއްވާ އަލިފުށީ އެއާޕޯޓް އެމްޓީސީސީއާ ހަވާލުކުރުމުން އެކަމުގެ އުދާސްތައް މިވަނީ ބޮޑުވެފަ އެވެ.