Advertisement

އެމެރިކާގައި ފެންބޮޑުވުން ގުޅިފައި ވަނީ މޫސުމީ ބަދަލާ

4 ސެޕްޓެންބަރު 2021 - 11:47 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

އެމެރިކާގެ ފިލަޑެލްފިއާގައި ފެންބޮޑުވެފައި.-- ފޮޓޯ: އޭއެފްޕީ


އެމެރިކާގައި ފެންބޮޑުވުން ގުޅިފައި ވަނީ މޫސުމީ ބަދަލާ

4 ސެޕްޓެންބަރު 2021 - 11:47 0

ނިއު ޔޯކް، އެމެރިކާ (ސެޕްޓެމްބަރު 4) - ތޫފާން އައިޑާގެ އަސަރުކޮށް، ނިއު ޔޯކް ސިޓީ ހިމެނޭހެން އެމެރިކާގެ އިރުއުތުރުގައި ފެންބޮޑުވެ، 47 މީހުން މަރުވާން ދިމާވީ މޫސުމީ ބަދަލުގެ ސަބަބުން ކަމަށް އޮފިޝަލުން ބުނެފި އެވެ.

"އަޅުގަނޑުމެން މި އުޅެނީ ވަރަށް ތަފާތު ކަމެއް ދިމާވެގެން. މިއީ މުޅިން އާ ގޮންޖެހުމެއް،" ނިއު ޔޯކުގައި ފެންބޮޑުވުމާ ގުޅިގެން މޭޔަރު ބިލް ޑެ ބްލާސިއޯ ވިދާޅުވި އެވެ.

ރިކޯޑް މިންވަރަށް ވާރޭ ވެހުމާއެކު މަގުތަކުގައި ކޯރު ހެދި، ރޭލު ޓްރެކްތަކުގައި ފެންބޮޑުވުމުން ސަބްވޭ ހިދުމަތް ވެސް މެދުކަނޑާލަން ޖެހުނެވެ. ބޭސްމަންޓް އެޕާޓްމަންޓުތަކުގައި ދިރިއުޅެމުން ދިޔަ ގިނަ ބަޔަކު ވަނީ ގެނބިގެން މަރުވެފަ އެވެ.

ތޫފާނުގެ އަސަރު ކުރަން ފެށިއިރު، ނިއު ޔޯކް ސިޓީން އެކަމަށް ތައްޔާރުވެފައެއް ނުވެ އެވެ. އެހެންކަމުން އެމެރިކާގެ އެންމެ ބޮޑު ސިޓީއަށް ވަނީ ބޮޑެތި ގެއްލުންތަކެއް ވެފަ އެވެ.

"ބޮޑު ތޫފާނަކާ ކުރިމަތިވާ ކޮންމެ ފަހަރަކު ސިޓީ ހުއްޓުމަކަށް އަންނަން ޖެހުމަކީ ހައިރާންވާންވީ ކަމެއް ނޫން. ސިޓީގެ އާބާދީ ބޮޑުވަމުން ދިޔަ ނަމަވެސް އިންފްރާސްޓްރަކްޗާ ތަރައްގީއެއް ނުވޭ. އެކަން އެހެން އޮތް އިރު މޫސުމީ ބަދަލުގެ ސަބަބުން ތޫފާންތަކުގެ ބާރު ދަނީ ގަދަވަމުން،" ސެންޓާ ފޯ އެން އާބަން ފިއުޗާ ތިންކް ޓޭންކުގެ އެގްޒެކްޓިވް ޑިރެކްޓަރު ޖޮނަތަން ބޮވެލްސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރޭލު ސްޓޭޝަނާއި އެއާޕޯޓާއި ބްރިޖު އެޅުން ފަދަ ބޮޑެތި ޕްރޮޖެކްޓުތައް ހިންގި ނަމަވެސް، ނަރުދަމާ އާއި ފެންހޮޅިތައް ރަނގަޅު ކުރުން ފަދަ ކަންކަމަށް ކުރާ އިންވެސްޓްމަންޓު މަދު ކަމަށެވެ.

މެންހެޓެން އިންސްޓިޓިއުޓުގެ އާބަން އިކޮނޮމިކްސް ތަޖުރިބާކާރު ނިކޯލް ގެލިނާސް ވިދާޅުވީ ނިއު ޔޯކުގެ އިންފްރާސްޓްރަކްޗާ ހަދާފައި ހުރީ މަދު ވަގުތުކޮޅެއްގެ ތެރޭގައި ވެހޭ ވާރޭގެ ސަބަބުން ހަތް އިންޗިއަށް ފެންބޮޑުވާނެ ކަމަށް ބަލައިގެން ނޫން ކަމަށެވެ.

ތޫފާން އައިޑާގެ އަސަރު އެންމެ ބޮޑަށް ކުރީ ނިއު ޔޯކުގެ އިތުރުން ނިއު ޖާޒީ އަދި ޕެންސިލްވޭނިއާ އަށެވެ. އެމެރިކާގެ އިރުއުތުރަށް ދަތުރު ކުރުމުގެ ކުރިން އެ ތޫފާން ވަނީ ދެކުނުގެ ސްޓޭޓްތަކަށް ވެސް އަރާފަ އެވެ.

މޫސުމީ ބަދަލުގެ ސަބަބުން ކުރިމަތިވާ ނުރައްކަލަކީ އިސްކަމެއް ދެއްވާނެ ކަމެއްގެ ގޮތުގައި ރައީސް ޖޯ ބައިޑެން ކަނޑައަޅުއްވާފައި ވާއިރު، އެމަނިކުފާނު ވަނީ ލުއިޒިއާނާ އަށް ލިބުނު ގެއްލުން ބައްލަވާލެއްވުމަށް އެ ތަނަށް ދަތުރު ކުރައްވާފަ އެވެ.

ކެޓެގަރީ ހަތަރެއްގެ ބާރުމިނުގައި ތޫފާނު އައިޑާ އެންމެ ފުރަތަމަ އެރީ ލުއިޒިއާނާ އަށެވެ. އެ ސްޓޭޓުގެ 800،000 މީހުން އަދިވެސް ތިބީ ކަރަންޓުގެ ހިދުމަތް ނުލިބި އެވެ.

ބައިޑެން ވިދާޅުވީ 2005 ވަނަ އަހަރު ނިއު އޯލީންސް އަށް އެރި ތޫފާން ކެޓްރީނާ އަށް ފަހު ފެން ހިންދާ ނިޒާމު ވަރުގަދަ ކުރަން ކުރި އިންވެސްޓްމަންޓުގެ ނަތީޖާ ރަނގަޅު ކަމަށެވެ. އެހެންކަމުން، ކުރިމަގުގައި އިސްކަންދޭން ޖެހޭނީ އެފަދަ މަޝްރޫއުތަކަށް ކަމަށް ވިދާޅުވި އެވެ.

އެމެރިކާގެ އިރުއުތުރަށް މިފަދަ ތޫފާނުތައް އެރުމަކީ ވަރަށް ނުވާ ކަމެކެވެ. މި ތޫފާން އަރާފައި މި ވަނީ މޫސުމީ ބަދަލުގެ ސަބަބުން ދުނިޔޭގެ ކަނޑުގެ ލޮނުގަނޑުގެ ހޫނުވަމުން ދަނިކޮށެވެ.

ސައިންޓިސްޓުން ބުނާ ގޮތުގައި ކަނޑުގެ ލޮނުގަނޑު ހޫނުވުމުން އުފެދޭ ތޫފާންތަކުގެ ބާރުގަދަވެ، ވިލާތަކުގައި ތެތްކަން އިތުރުވެ އެވެ. ތޫފާނުގެ ސަބަބުން އާދަޔާ ހިލާފަށް ބޯކޮށް ވާރޭވެހި، ކުރިން ނުކުރާ ވަރަށް ބޮޑަށް އަސަރު ކުރަމުން ދަނީ އެހެންވެ އެވެ. އެފަދަ ތޫފާންތަކުގެ ނުރައްކާ ބޮޑީ ގައުމުތަކުގެ އައްސޭރި ފަށުގައި ދިރިއުޅޭ މީހުންނަށެވެ.