Advertisement

އާ "ސިންދްރެއްލާ" އަކީ ހަމައެކަނި މިއުޒިކަލް އެއް ނޫން!

5 ސެޕްޓެންބަރު 2021 - 07:35 0


އާ "ސިންދްރެއްލާ" އަކީ ހަމައެކަނި މިއުޒިކަލް އެއް ނޫން!

5 ސެޕްޓެންބަރު 2021 - 07:35 0

އެމެޒަން ޕްރައިމްގެ އާ "ސިންދްރެއްލާ" ފިލްމު ހާއްސަ ވަނީ ފިލްމު ކާސްޓުގައި އޭލިސްޓު ތަރިން އުޅޭތީ އެކަންޏެއް ނޫނެވެ. އެތައް ބައިވަރު ލަވައެއް ހިމަނައިގެން ހަދާފައިވާ މި މިއުޒިކަލްގައި ސިންދްރެއްލާގެ ސައުންޑް ޓްރެކަށް ވެސް ޒަމާނީ ބަދަލު ގެނެސްދީފައި ވާއިރު މީގެ ކުރިން ކިޔާފައިވާ ކޮންޓެމްޕޮރަރީ ލަވަތަކެއް ވެސް މި ފިލްމުގައި ހިމަނާފައިވެ އެވެ.

"ސިންދްރެއްލާ" މިއުޒިކަލް ޖުކްބޮކްސް އަކަށް ބަދަލުކުރުމަކީ ޕްރޮޑިއުސަރު ޖޭމްސް ކޯޑަން ގެ ހިޔާލެކެވެ. ފިލްމާ ބެހޭ ގޮތުން ހޮލީވުޑް މެގަޒިން އަކަށް ދިން އިންޓަވިއު އެއްގައި ކޯޑަން ބުނީ، އޭނާ އަކީ އަސްލު ސިންދްރެއްލާ ކާޓުންގެ ފޭނެއް ނޫން ކަމަށެވެ. ފެއަރީޓޭލް ތަކަށް އެހާ ގަޔާވާ މީހެއް ނޫން ކަމަށެވެ. އެކަމަކު ކޮންޓެމްޕޮރަރީ މިއުޒިކް ހިމަނައިގެން ޒަމާނީ ރަހައެއް ގެނައުމުގެ ހިޔާލު އައި ހިސާބުން އޭތި ވަރަށް ސަޅިވާނެ ކަމަށް ގަބޫލުކުރެވުނު ކަމަށް ބުންޏެވެ.

ސިންދްރެއްލާގައި ކަމީލާ ކެބޭލޯގެ އޮރިޖިނަލް ލަވަ، "ވަން މިލިއަން" ވެސް ހިމަނާފައިވަނީ ފިލްމުގެ މައި ސައުންޑް ޓްރެކްގެ ގޮތުގަ އެވެ.

ލަވަ ކިޔުމަށް މަޝްހޫރު ކެބޭލޯ ފިލްމު ކުޅުމުގެ ދާއިރާއަށް ނިކުންނަ މި ފިލްމުގެ ވާހަކައިގެ އަސްލު ބިނާވަނީ އަސްލު ސިންދްރެއްލާ ވާހަކައާ އެވެ. އެހެން ނަމަވެސް ތަފާތު ޓްވިސްޓް އެންޑް ޓާންސްތައް މި ފިލްމުގައި ހިމަނާފައިވެ އެވެ.

މި ފިލްމުގައި ސިންދްރެއްލާ ފެނިގެންދާނީ ހަމައެކަނި އޭނާ ލޯބިވާ "ޕްރިންސް" ނުލިބިގެން އުޅޭ ކެރެކްޓާއެއްގެ ގޮތުގައެއް ނޫނެވެ. އާ ސިންދްރެއްލާ އަކީ، އަމިއްލަ ހެދުން ޑިޒައިންކުރާ ފިހާރައެއް ހުޅުވުމުގެ ހުވަފެން ދެކޭ ވަރަށް އެމްބިޝަސް ކެރެކްޓާއެއްގެ ގޮތުގައި ދައްކަ އެވެ.

ފިލްމުގެ ކާސްޓުންގެ ތެރޭގައި ކެބޭލޯގެ އިތުރުން، މިޅީ އެލިއޮޓް، މިނީ ޑްރައިވާ އަދި ޕިއާސް ބްރޮސްނަން ހިމެނެ އެވެ.