Advertisement

ވަކީލުންގެ ސުލޫކާއި އަސާސީ ހަމަތައް ބަޔާންކުރާ ގަވާއިދެއް ހަދައިފި

3 ސެޕްޓެންބަރު 2021 - 11:02 0

ހަސަން މުހައްމަދު

ހަސަން މުހައްމަދު

ބާ ކައުންސިލްގެ ރައީސް މައުމޫން ހަމީދު ބައްދަލުވުމެއްގައި ވާހަކަ ދައްކަވަނީ: ގަވާއިދު ގެޒެޓު ކުރީ ސުލޫކީ މައްސަލަތައް ބަލާނެ ކަމުގެ އިންޒާރު ދެއްވުމަށްފަހު -- ފޮޓޯ: އަދަދު ފައިލް


ވަކީލުންގެ ސުލޫކާއި އަސާސީ ހަމަތައް ބަޔާންކުރާ ގަވާއިދެއް ހަދައިފި

3 ސެޕްޓެންބަރު 2021 - 11:02 0

ދިވެހިރާއްޖޭގެ ގާނޫނީ ވަކީލުން ތަބާވާންޖެހޭ ސުލޫކީ މިންގަނޑުތައް ބަޔާންކޮށް ވަކީލުން ރެގިއުލޭޓް ކުރުމުގެ ބޭނުމުގައި ފުރަތަމަ ފަހަރަށް ގަވާއިދެއް ގެޒެޓުކޮށްފި އެވެ.

ދައުލަތާއި ޕްރައިވެޓް ސެކްޓާގައި މަސައްކަތް ކުރާ ވަކީލުން ވެސް ތަބާވާންޖެހޭ "ގާނޫނީ ވަކީލުންގެ ސުލޫކީ ގަވާއިދު" ބުރާސްފަތި ދުވަހު ގެޒެޓު ކުރިއިރު ވަކީލުންގެ އަސާސީ ހަމަތަކާއި ސުލޫކީ ހަމަތަކާއި ފަންނީ ހަމަތައް ނެގެހެއްޓުމާއި މުވައްކިލާއެކު އޮންނަންޖެހޭ ގުޅުމުގެ ހަމަތައް ވަރަށް ތަފްސީލުކޮށް ލިޔެފައިވެ އެވެ.

ގާނޫނީ ވަކީލުން ދޭންޖެހޭ ހިދުމަތުގެ ފެންވަރާއި މުވައްކިލުގެ ހައްގުތައް ވެސް ބަޔާންކޮށް ނެރެފައިވާ އެ ގަވާއިދުގައި ބޭނުމަކީ މިނިވަންކަމާއެކު މަސައްކަތްކޮށް އިންސާފުވެރި ހިދުމަތެއް ދޭ ބަޔަކަށް ވަކީލުން ހެދުމާއި ފަންނުގެ މިނިވަންކަމާއި ނަޒާހާތްތެރިކަން ދެމެހެއްޓުމާއި ވަކީލުންނަށް އާންމުންގެ އިތުބާރު ހޯދުމެވެ.

ގާނޫނީ ވަކީލުންގެ ސުލޫކީ ގަވާއިދު ވުޖޫދަށް އައުމުން ގަވާއިދާ ހިލާފުވާ މީހުންގެ މައްސަލަތައް ބާ ކައުންސިލަށް ބެލޭނެ އެވެ. އަދި ވަކީލުންނާ މެދު ޝަކުވާ ހުށަަހެޅުމަށް ރަސްމީ ދޮރެއް ހުޅުވުނީ އެވެ. ބުރާސްފަތި ދުވަހު ގެޒެޓު ކުރި ނަމަވެސް އެ ގަވާއިދަށް އަމަލު ކުރަން ފަށާނީ ތިން ދުވަހުގެ ތެރޭގަ އެވެ.

ގާނޫނީ ވަކީލުންގެ ސުލޫކީ ގަވާއިދެއް ބާ ކައުންސިލުން ނެރެފައި މި ވަނީ ބައެއް ވަކީލުން ސޯޝަލް މީޑިޔާގައި ފަނޑިޔާރުންނާއި ކޯޓުތަކުގެ ހުރުމަތް ކަނޑަމުންދާ މައްސަލަތަކެއް ކުށްވެރިކޮށް އެފަދަ މައްސަލަތައް ބަލާނެ ކަމަށް ޖުލައި 15، ގައި އިންޒާރު ދިނުމަށްފަހު އެވެ.

"ތިޔައީ ފަނޑިޔާރުންނަށް ނުވަތަ އެބޭފުޅުންގެ އާއިލާއަށް ޒާތީކޮށް ސޯޝަލް މީޑިޔާގައި ފުރައްސާރަކޮށް ބިރުދައްކާ ވަކީލެއް ނަމަ މި މެސެޖް ރައްދުވަނީ ތިބާއަށް. ލިބިފައިވާ ހިޔާލު ފާޅު ކުރުމުގެ މިނިވަންކަމަކީ އެހެން މީހުންގެ އަބުރު ކަތިލުމަށް ލިބޭ ހައްގެއް ނޫން. ތިކަންތައް ހުއްޓާލައްވާ. ނޫނީ އަޅުގަނޑުމެން ހުއްޓުވާނަން،" ބާ ކައުންސިލްގެ ރައީސް މައުމޫން ހަމީދު އެއިރު ވިދާޅުވެފައިވެ އެވެ.

ދިވެހިރާއްޖޭގައި 1487 ވަކީލަކަށް ކޯޓުތަކުގައި ވަކާލާތު ކުރުމުގެ ހުއްދަ ދީފައި އެބަ އޮތެވެ.