Advertisement

އެނދި މަރިޔަނބުގެ ސިޔާސީ ނުފޫޒު

3 ސެޕްޓެންބަރު 2021 - 08:36 1

ނަސްމާ އަބްދުލްމުހުސިން

ނަސްމާ އަބްދުލްމުހުސިން

ރާއްޖޭގެ ރަސްކަމުގެ ގަނޑުވަރުގެ ފޮޓޯއެއް. --ކާލް ރޮސެޓް


އެނދި މަރިޔަނބުގެ ސިޔާސީ ނުފޫޒު

3 ސެޕްޓެންބަރު 2021 - 08:36 1

ދިވެހި ރަސްމަތިފުށުގެ އާދަކާދަތަކަށް ރިޢާޔަތްކުރާއިރު "ކަނބާ" މި ނަން ކިޔައި އުޅެނީ ގަނޑުވަރުތެރޭގެ ބޭފުޅުންނަށެވެ. މީހަކަށް ކަނބައިދިކިލެގެކަމަށް ކޮލި ލައިފިނަމަ، ޝާހީ އިޖުރާޢަތްތަކުގެ ތެރޭގައި އޭނާގެ ޤަދަރު އެތައް ދަރަޖައަކަށް އުފުލިގެންދެ އެވެ. އެ ފަދަ މީހުންނަކީ ރައްޔިތުންގެ އިޙުތިރާމް ޙައްޤު މީހުންނެވެ. ދިވެހި ތަޚުތުގެ ކަރާމާތްތެރިކަމުގެ އަމާނާތްތެރިންނެވެ. މިއީ ކަން ހިނގާންޖެހޭ ގޮތެވެ. އެހެންނަމަވެސް، ކަނބާޔަކަސް، ކަނބައިދި ކިލެގެޔަކަސް، އެއީވެސް ހައްތަހާވެސް އިންސާނުންނެވެ. ލާ ކޮއްޔަކުން އޭނާގެ ޢަމަލުތަކުގެ ސީދާކަން ކަށަވަރެއް ނުކުރެވެ އެވެ.

ދިވެހި ތާރީޚު ދިރާސާކުރައްވާ، ނިޝާން ޢިއްޒުއްދީންގެ ޢިއްޒަތުގެ ވެރިޔާ ނަސީމާ މުޙައްމަދު ކަލޭފާނުގެ ސިފަކުރައްވަނީ މަރިޔަމް ކަނބާ ނުވަތަ "އެނދި މަރިޔަނބު" އަކީ "ވިޔާނުދާ ދުވަސްތަކެއް ހޭދަކުރެއްވި" މީހެއްގެ ގޮތުގަ އެވެ. ދިވެހިރާއްޖޭގެ ތާރީޚުގެ ބައްޕަ، އަދި މި ދެންނެވި މަރިޔަމް ކަނބާގެ ކަންކަން އަމިއްލަފުޅަށް ތަޖުރިބާކުރައްވާފައިވާ ޙަސަން ތާޖުއްދީން އެކަމަނާ ސިފަކުރެއްވުމުގައި "ފާސިޤު"، "ނުބައި"، "ނުލަފާ" ފަދަ ލަފުޒުތައް ބޭނުންކުރައްވާފައިވަނީ ދީލަތިކަމާއެކުގަ އެވެ.

މިހާހިސާބުން ބުރެކި ހިފާލާފައި، މި މަރިޔަމް ކަނބާގެ ވަނަވަރު ކުރަހާލަމާތޯ އެވެ. ޙަސަން ތާޖުއްދީން ވިދާޅުވާ ގޮތުން، އިންޑިޔާގެ ޖާރިޔާއެއްގެ ދަރި ޖާރިޔާއެކެވެ. "ދިވެހިރާއްޖޭގެ ރަހުންނާއި ރަނިން" މި ފޮތުގައި ނަސީމާ ލިޔުއްވާފައިވާ ގޮތުންނަމަ، މާލިމީ ޙުސައިންގެ ދަރި މަރިޔަމަކީ އިންޑިޔާގެ ބޭކަނބަލެއްކަމަށްވެސް ތާރީޚުގައި ވެ އެވެ. އަދި މިއީ ހިންދުކަރައިގެ ޖާރިޔާއެއްގެ ދަރިއެއްގެ ދަރިއެއް ކަމަށްވެސް ލިޔެވިފައިވެ އެވެ. އައްސުލްޠާން އިބްރާހިމް އިސްކަންދަރު 1 (ސިރީ ކުލަ ރަން މީބަ އިސްކަންދަރު ކައްތިރި ބުވަނަ މަހާރަދުން) ގެ އަނބިކަނބަލުން ޅައިމަގު ކަނބާ ޢާއިޝަތު އަވަހާރަވުމަށްފަހު އެ ރަދުން ދެން ކައިވެނި ބައްލަވައި ނުގަންނަވާ ކަމަށާއި، އަނބިފިރިކަމުގެ ގުޅުމަށް ގެންގުޅުއްވީ އަށް ޖާރިޔާއިންކަމަށް ތާޖުއްދީން ވިދާޅުވި އެވެ. ތާޖުއްދީންވެސް އަދި ނަސީމާވެސް ސިފަކުރައްވާ ގޮތުގައި މި ދެންނެވި މާލިމީ ޙުސައިންގެ މަރިޔަމަކީ މި ޖާރިޔާއިންގެ ތެރެއިން އެންމެ ރީތި ޖާރިޔާއެވެ. އަދި މިއީ، އިސްކަންދަރު ރަސްގެފާނުގެ ހަމައެކަނި ދިރިހުރި ދަރިކަލުން އައްސުލްޠާން މުޙައްމަދުގެ މަންމާފުޅެވެ. އެ ދަރިކަލުން ލިބިވަޑައިގަތްއިރު އިސްކަންދަރު ރަސްގެފާނުގެ ވެރިކަމަށް 30 އަހަރު ވެއްޖެ އެވެ. އަދި އެ ރަދުންގެ ޢުމުރުފުޅުން 62 އަހަރުވެއްޖެ އެވެ.

ތާރީޚުގެ ދަރިވަރުން ދަންނާނޭ ފަދައިން އިސްކަންދަރު ރަސްގެފާނަށް އޭގެ ކުރިން ލިބިވަޑައިގަތް އަންހެން ބޭފުޅާވެސް ތުއްޕުޅުއިރު ވަނީ އަވަހާރަވެފަ އެވެ. އެހެންކަމުން ޢުމުރުގެ ޚަރީފުގައި ރަދުންނަށް ވާރިސަކު ލިބިވަޑައިގަތުމުން، ވަލީއަހުގެ މަންމަގެ މަޤާމު ގަނޑުވަރުތެރޭ އުފުލިގެންދާނޭ މިންވަރު އަޅުގަނޑުމެންނަށްވެސް އަންދާޒާ ކުރެވެ އެވެ. ކޮންމެއަކަސް، މި ދަރިކަލުން ލިބިވަޑައިގަތްތާ އަހަރާއި ހަ މަސް ދުވަސް ވުމުން، ރަދުން މަދީނާއަށް ވަޑައިގެންފި އެވެ. އެހެންނަމަވެސް އެ ދަތުރަށް ފުރާ ވަޑައިގަތުމުގެ ކުރިން، "ކިރުފޮދު ހިއްޕަވާ ޢުމުރުފުޅުގައި އޮންނެވި ދަރިކަލުންނަށް" ރަސްކަން ވާރުތަ ވާނޭ ގޮތަށް އޮތުމަށް ވަޒީރުންނާއި ލަޝްކަރީންނާ މަޝްވަރާކުރައްވައި އެބައިމީހުން އެކަމަށް ބައިޢަތު ހިފައިފި އެވެ. އަދި ދަރިކަލުންނާއި މައިކަމަނާގެ ކަންތައްތައް އަލްޙާއްޖު ޢަލީ ތުއްކަލާއާ ހަވާލުކުރެއްވުމަށްފަހު، އަދި ވެރިކަމުގެ ކަންކަން ވަޒީރުންނާ ހަވާލުކުރެއްވުމަށްފަހު، ރަދުން މަދީނާއަށް ފުރާވަޑައިގެންފި އެވެ. މުޙައްރަމު މަހު ފުރާވަޑައިގެން މައްކާއަށް ޢުމުރާވެސް ވެވަޑައިގަތުމަށްފަހު ރަދުން އެނބުރި ވަޑައިގަތީ ފިޠުރު ޢީދަށެވެ.

މިހާ ހިސާބުން އަޅުގަނޑުގެ ހިތުގައި އުފެދޭ ސުވާލެއް ހިއްސާކޮށްލާނަމެވެ. ޖާރިޔާ މަރިޔަމް، ވަލީއަޙުދުގެ މަންމަގެ ދަރަޖައަށް "ޕްރޮމޯޓް" ވިތާ މާ ގިނަ ދުވަސްތަކެއް ނުވަނީސް އިސްކަންދަރު ރަސްގެފާނު އެހާ ގިނަދުވަހަށް ޤައުމުގައި ނުހުންނެވުމަކީ، މަރިޔަމް ކަނބާގެ ސިޔާސީ ވަކިތައް ތޫނުކުރަން ލިބިވަޑައިގެންނެވި ފުރުޞަތަކަށް ނުވާނޭތޯ އެވެ؟ އަޅުގަނޑުގެ ހިތުގައި މި ސުވާލު އުފެދެނީ ރަދުން މާލެ ވަޑައިގަތުމަށްފަހު ތަޚުތުގައި ހޭދަކުރެއްވި ހަތަރު އަހަރާއި ފޮއި ދުވަހު ކަންކަން ހިނގި ގޮތަށް ރިޢާޔަތްކޮށެވެ.

އެ ހަތަރު އަހަރަކީ، ދިވެހިން ދުށް ރީތި ހަތަރު އަހަރުކަމަށް ތާރީޚު ސިފަކުރެ އެވެ. ޢިލްމުވެރި ސައްޔިދު ބޭކަލެއް ކަމުގައިވާ މައުލާނާ އައްސައްޔިދު މުޙައްމަދު ޝަމްސުއްދީން މާލެ ވަޑައިގެން، ހަރުކަށި ކަމާއެކު ޢަމުރު މަޢުރޫފު ހިންގަވައި، ބަހާއި ޢަމަލުން "މުންކަރާތްތައް ނަހީނުރައްވައި، ސުންނަތްތައް ދިރުއްވައި، ބިދުޢަ މަރުއްވައި، އިސްލާމް ދީނާ އިދިކޮޅު އާދަކާދަތައް ބާޠިލު" ކުރެއްވިކަމަށް ތާޖުއްދީން ލިޔުއްވާފައިވެ އެވެ. އަދި ދިވެހިން މި ސައްޔިދު ކަލޭފާނުގެ ބަސް ޤަބޫލުކޮށް، އެގޮތަށް ޢަމަލުތައް ބަދަލުކުރަން ފެއްޓިކަން ތާރީޚު ދައްކަ އެވެ. މި ދުވަސްވަރު، އަޅުގަނޑުމެން މި ދައްކާ ވާހަކައާ ގުޅުންހުރި މުހިއްމުކަމެއް ހިނގިކަމަށް ވެ އެވެ. ރަސްގެފާނުގެ އަޚުގެ ދަރިކަލުން މުޙައްމަދަކީ މި ދެންނެވި ސައްޔިދު ކަލޭގެފާނުގެ ދަރިވަރެކެވެ. އެއް ދުވަހަކު އެ މުޙައްމަދު، ސައްޔިދު ކަލޭގެފާނުގެ އަރިހުގައި އިންނަވަނިކޮށް، އިސްތަށިފުޅުގައި އޮތް ފަގުޑިކޮޅު ނަންގަވާފައި މުޙައްމަދުގެ އިސްތަށިފުޅުގައި އެޅުއްވުމަށްފަހު "މަނިއްޕުޅީ އައްސުލްޠާން މުޙައްމަދޭ" ވިދާޅުވި ކަމަށް ވެ އެވެ. ސައްޔިދު ކަލޭގެފާނަކީ ރަސްގެފާނުގެ ބައެއް އާދަކާދަތަކަށްވެސް ފާޅުގައި ފާޑުވިދާޅުވި ބޭފުޅެކެވެ. އެގޮތުން، މީހުންގެ މުދާ ފޭރޭ މީހުން ވަޒީރުންނަށް ހައްދަވާފައިވާކަމަށާއި، މިސްކިތްތަކަށް ވަޤުފުވެފައި ހުރި ރުއްގަހާއި ބިންތައް ޢަޞްބުކުރައްވާކަމަށާއި، މިނިވަން އަންހެނުން މީހުނާ އިނަނުދީ ރަދުންގެ ފާޙިޝް ޢަމަލުތަކަށް ގެންދަވާކަމަށް ތުހުމަތުކުރެއްވި އެވެ.

މި ތުހުމަތު ތަކާހުރެ، ދިވެހިން އެހާ ލޯބިވި ސައްޔިދު ކަލޭގެފާނާ އިސްކަންދަރު ރަދުން އެހާ ހިތްޕުޅާވެވަޑައިގަތް ކަމަކަށް ނުވި އެވެ. "ތާރީޚު އިސްލާމި ދީބާ މަޙަލް"ގައި، ސައްޔިދު ކަލޭގެފާނު ފުރާވަޑައިގަތުމާ ގުޅޭގޮތުން ޙަސަން ތާޖުއްދީން ލިޔުއްވާފައިވެއެވެ.

"ރަސްގެފާނު ހުންނެވީ އުފައުފުޅުންނެވެ. ބޮޑާވެވަޑައިގެން ޣާފިލު ވެވަޑައިގެންނެވެ. އައްސައްޔިދު މުޙައްމަދު ޝަމްސުއްދީން ދެކެ ކޯފާވެވަޑައިގަންނަވާތީ މި ސައްޔިދު ކަލޭގެފާނުގެ ޠަރީޤާއަށް ވަން މީހުންނަށް ރަސްގެފާނު ފުރައްސާރަ ކުރައްވައި ހައްދަވައެވެ. އަދި އެ މީހުންނަށް ޢަދާވާތްތެރިކަމާއި ރުޅިވެރިކަން ފާޅުކުރައްވައެވެ."

ތާޖުއްދީން ވިދާޅުވީ، ސައްޔިދު ކަލޭގެފާނު ފުރާވަޑައިގަތުމުން އެ ކަލޭގެފާނުގެ މުރީދުން ނިކަމެތިކުރެއްވުމަށް ރަސްގެފާނު ޢަޒުމު ކަނޑައެޅުއްވި ކަމަށާއި އެކަމަށް ހުރަސް އެޅީ ރަސްގެފާނުގެ މަރުކަމަށެވެ.

ރަސްގެފާނުގެ މަރާމެދު ތާޖުއްދީން ވިދާޅުވަނީ، ބުނެވޭ ގޮތުގައި މަރިޔަމް ކަނބާ އެ ރަދުންނަށް ވިހަ ބުއިމެއް އެރުވީކަމަށެވެ. ބުއިން އެރުވީ ބުދަ ދުވަހެއްގެ މެންދުރެވެ. އަވަހާރަވީ ހުކުރު ވިލޭރޭގަ އެވެ. ފަސްދާނުލެވުނީ ހުކުރު ދުވަހު އެވެ.

"އުތީމު ދަރިކޮޅުގެ ވެރިކަން" މި ފޮތުގައި މުޙައްމަދު އިބްރާހިމް ލުޠުފީ ވިދާޅުވެފައިވަނީ، ކުޑަ މުޙައްމަދު ރަސްގެފާނު (ސިރީ މަނިރަންނަ ލޯކަ މަހާރަދުން)ނަށް ކޮލިލާފައިނުވާކަމަށެވެ. ލުޠުފީ ވިދާޅުވަނީ އައްސުލްޠާން ކުޑަ މުޙައްމަދު ރަސްކަމަށް އިސްކުރެވުނު ސީދާ ތާރީޚުވެސް ބަޔާންކުރައްވާފައި ނުވާކަމަށެވެ. އެހެންކަމުން ބަލަނީ ބައިޢަތު ހިފެވުނު ތާރީޚަށް ކަމަށެވެ.

2011 ވަނަ އަހަރު ޤައުމީ ޔުނިވަރސިޓީގެ ދަރިވަރު މަރިޔަމް ރިޔާސާ، "ދިވެހި ރަސްކަމަށް އަންހެނުން ނުފޫޒު ފޯރުވާފައި ވޭހެއްޔެވެ؟ ވާނަމަ އެއީ ކޮންކަހަލަ ނުފޫޒުތަކެއް ހެއްޔެވެ؟" މިމަޢުޟޫޢަށް ހައްދަވާފައިވާ ދިރާސާގައި ވަނީ، ކުޑަ މުޙައްމަދު ރަސްގެފާނު ވެރިކަމަށް އިސްކުރެއްވުމުގެ އިޖުރާޢަތުގެ ތެރޭގައިވެސް މަރިޔަމް ކަނބާގެ ނުފޫޒު ފެންނަ ކަމާމެދު ސުވާލު އުފެދޭ ފަދަ ކަންތައްތަކެއް ބަޔާންކުރައްވާފަ އެވެ. ދިވެހިރާއްޖޭގެ ތަޚުތައް އިސްކުރުމުގެ އާދަކާދައާ ޚިލާފަށް، ޢުމުރުން 15 އަހަރު ނުފުރެނީސް ކުޑަ މުޙައްމަދު ރަސްގެފާނަށް ވެރިކަން ލިބުނު ގޮތާމެދު، ރިޔާސާ ލިޔުއްވާފައިވެ އެވެ.

"އިސްކަންދަރު ރަސްގެފާނު އަވަހާރަވުމުން އެރަސްކަލުންގެ ހުރި ހަމައެކަނި ދަރިކަލުން ކުޑަ މުޙައްމަދު ރަސްކަމަށް އިސްކުރެވުނެވެ. އެހެންނަމަވެސް އެއިރު ކުޑަ މުޙައްމަދުގެ އުމުރުފުޅުން އެންމެ ހަ އަހަރުފުޅެވެ. އެހެންކަމުން ރަސްކަމުގެ ޤާނޫނު ގައިވާ ގޮތުންނަމަ ރަސްގެފާނުގެ ދަރިކަލުންނަށް ތަސައްރަފް ފުދެންދެން ރަސްކަމަށް އިސްނުކޮށް ޤާއިމް މަޤާމްގެ ގޮތުގައި ބެހެއްޓޭނެއެވެ. އެހެންނަމަވެސް ކުޑަ މުޙައްމަދު އުމުރުން ހަ އަހަރުފުޅުގައި ރަސްކަމަށް އިސްކޮށްފައިވުމުން ދޭހަވަނީ ކުޑަ މުޙައްމަދު ރަސްކަމަށް އިސްކޮށްފައިވަނީ ރަސްކަން ވާރުތަވަމުން އަންނަ އުސޫލާއި ހިލަފަށް ކަމަށެވެ."

ކޮލި ނުލިއެއްކަމަކު ޢުމުރުން 6 އަހަރާއި 8 މަހުގެ ތުއްޕުޅު ކުޑަ މުޙައްމަދުގެ ވެރިކަން ފެށުނީ މިހާ ހިސާބުންނެވެ. މަރިޔަމް ކަނބާގެ "ރީޖެންސީ" ފެށުނީ މިހިސާބުންނެވެ. ރަސްމީ ސިފައެއްގައި މަރިޔަމް ކަނބާއަށް ޤާއިމު މަޤާމެއް ދެއްވާފައިވާކަމެއް ތާރީޚަކުން ފެންނާކަށް ނެތެވެ. ކުޑަމުޙައްމަދުގެ ތުއްޕުޅު ޢުމުރުފުޅުގެ ސަބަބުން ރަސްކަމުގެ ފުރަތަމަކޮޅު ތުއްޕުޅު ރަދުންގެ ޙާލުކޮޅު ބެލެހެއްޓުވުމަށާއި ރަސްކަމުގެ ކަންކަން ހިންގެވުމަށް ރަސްކަމުގެ ގަނޑުވަރުކޮޅުގައި ވަޒީރުން ގިނަ ވަގުތުތަކެއް ހޭދަކުރެއްވިކަމަށް ލުޠުފީ ލިޔުއްވަ އެވެ. އެހެންނަމަވެސް މަރިޔަމް ކަނބާފާނު ބޭނުންފުޅުވީ ދަރިކަލުންގެ ނަންފުޅުގައި، ރަސްކަމުގެ ބާރުތައް އެކަމަނާގެ އަތްޕުޅުގައި އޮތުމަށް ކަމަށް "ދިވެހިރާއްޖޭގެ ރަހުންނާއި ރަނީން" މިފޮތުގައި ނަސީމާ ވިދާޅުވެ އެވެ. އަދި ދާދި އަވަހަށް، ވެރިކަމުގެ ބާރާއި ނުފޫޒުތައް ހޯއްދެވިކަމަށްވެސް ލިޔުއްވާފައިވެ އެވެ.

މަރިޔަމް ކަނބާގެ އަޚުލާޤާ މެދު ތާރީޚު ފޮތްތަކުގައި ޚިލާފެއް ނެތެވެ. މިއީ ދިވެހިން ތާރީޚީ ކަންކަމުގައި އެންމެ ބޮޑަށް ހަވާލާދޭ މަސްދަރުކަމުގައިވާ ޙަސަން ތާޖުއްދީން ލޯފުޅުން ދެކެވަޑައިގެން އަތްޕުޅުން ހިއްޕަވާފައިވާ ކަންތައްތަކެކެވެ. ދީނީ އާދަތަކާއި ޤަބޫލުކުރުންތައް ކުޑައިމީސް ކުރެއްވި އެވެ. ފާހިޝް ކަންކަން ޢާއްމުކުރައްވައި، ފޭރުމާއި ޒިނޭ ޢާއްމުކުރެއްވި އެވެ. ބެރެކި ރައިވަރު ކިޔުން އެއީ ގަނޑުވަރުތެރޭގެ ޘަޤާފަތަކަށް ހެއްދެވި އެވެ. ޤަދަރު ހުރި ތަޖުރިބާކާރުން މަޤާމުތަކުން ވަކިކުރައްވައި، އެކަމަނާގެ ޢާއިލާގެ މީހުންނާއި އެކުވެރިންނާއި ބައިވެރިން މަޤާމުތަކަށް އިސްކުރެއްވި އެވެ. ނުފޫޒު ގަދަ މީހުންނަށް ރިޝްވަތު ދެއްވައިގެން، އެމީހުން އެކަމަނާގެ "ޕާޓީ" އަށް ވައްދައިފި އެވެ.

ހަވަނަ އިމާދުއްދީން ރަދުންގެ އެންގެވުމަށް ތާރީޚު ކޮމެޓީން ދިވެހި ބަހުން އެކުލަވާލެއްވި "ދިވެހި ތާރީޚު" ފޮތުގައި މަރިޔަމް ކަނބާ ނުފޫޒު ހޯއްދެވި ގޮތް ސިފަކުރައްވާފައި ވަނީ މިހެންނެވެ.

"މި ގޮތް މަތީން ކުޑަ ދުވަސްކޮޅެއް ވީތަނާއި ރަސްގެފާނުންގެ މައިކަމަނާ ވައްތަރުވައްތަރުގެ ހީލަތް ހައްދަވައިގެން ފުޅަދޫ ބޮޑުބަޑޭރިކަލޭގެ އެކަމަނާގެ ބަޔަށް ލައްވައިފޫއެވެ. ދެން އެދެމީހުން ވެގެން ދެއްވަދޫ ފަޑިޔާރު ކަލޭގެފާނުން އެކަމަނާގެ ބަޔަށް ލައްވައިފޫއެވެ. ދެން އެމީހުން ލަސްކަރީންގެ ތެރެއިން ބަސްކިޔާއުޅޭ މީހުނަށް ރުފިޔާޔާއި ލާރި ބައްސަވައިދެއްވޫއެވެ. އެއީ ވަޒީރުންނާއި ބޮޑުން ވަކިކޮށްލައިފައި ރަސްކަން އެކަމަނާގެ މައްޗަށް ޚަލާޞްކުޅައުމަށެވެ."

އެއަށްފަހު ދެން ބޭނުންކުރައްވާފައިވަނީ "އިމޯޝަނަލް ބްލެކްމެއިލް"އޭ ދެންނެވުންވެސް ދޮގަކަށް ނުވާނެ އެވެ. ފެންފުށީ ވެލާނާ ތަކުރުފާނުންނާއި އެމަނިކުފާނަށް ވާގިވެރިވެދޭ މީހުން ރަސްގެފާނަށް ދަތިކުރައްވާކަމަށް ވިދާޅުވި އެވެ. އެމީހުން މަސްދުވަހަށް ދޭ ތަކެތިން ފުދެނީ ވިހި ދުވަހަށްކަމަށް ވިދާޅުވެ، އަސްކަރީންގެ ލޭ ކައްކުވައިލެއްވި އެވެ. ނަތީޖާއަކީ ވެލާނާ ތަކުރުފާނުން ދަމާ ކޫއްތާ ގެންގޮސް ތިނަދޫއަށް އަރުވާލުމެވެ. އަދި އެ ތަކުރުފާނުންގެ މުދާ ފޭރިގަތުމެވެ.

ދެން މަރިޔަމް އުޅުއްވީ އެއްކަލަ އިސްކަންދަރު ރަސްގެފާނަށް ބޮޑުބޭބެ ވިދާޅުވާ، އަދި ކުޑަ މުޙައްމަދު ރަސްގެފާނަށް ފަހު ވެރިކަމަށް އިސްކުރެވުނު މުޙައްމަދު މުޙްޔިއްދީނާ "މޮޔަފުޅުވެގެން" ކަމަށް ތާރީޚުގައިވެ އެވެ. އެންމެ ފަހުން އެކަމަނާ މުޙްޔިއްދީނާ ދެކޮޅުވީ، އެމަނިކުފާނު އެކަމަނާގެ ފާޙިޝް ދަޢުވަތު ޤަބޫލުފުޅު ނުކުރެއްވުމުންކަމަށް ތާރީޚު ބުނެ އެވެ. އަދި ވެރިކަމަށް ފައި ނަންގަވާކަމަށް ތުހުމަތުކުރައްވާ އެ މަނިކުފާނުވެސް އަރުވާލެއްވީ އެވެ.

އަނެއްކާވެސް ސުވާލެކެވެ. ތާރީޚުގެ ޞަފުޙާތަކުން ޖަވާބެއް ލިބޭނެއެކޭ ނުދެންނެވޭނެ އެވެ. އެހެންނަމަވެސް، އިސްކަންދަރު ރަސްގެފާނުގެ ރަސްކަމުގެ ފަހު ދިހަ އަހަރާ ހަމައަށްވެސް އާދައިގެ ޖާރިޔާއަކަށް ހުރި މީހަކު ކަނބާއަކަށް ވީތާ ހައެއްކަ އަހަރުގެ ތެރޭ، ރަސްކަލެއް އަވަހާރަކޮށްލައި، އިހުތިބި ވަޒީރުންގެ ބާރު ކަނޑުވާލައި، ކޮލިނުލައި، ތުއްތު ރަސްކަލެއްގެ ނަންފުޅުގައި ޤައުމުގެ ރައްޔިތުންނަށް އަނިޔާވާނޭ ފުރުޞަތު ލިބުނީ ކިހިނެތް ހެއްޔެވެ؟ ޙަސަން ތާޖުއްދީނާއި، މުޙައްމަދު މުޙްޔިއްދީނާއި ޢުމަރު ދަހަރަދަ ކަލޭގެފާނާއި، ފަސްމަންދޫ ޙަސަން ހަކުރާ ތަކުރުފާނުން ފަދަ ބޭބޭފުޅުންގެ އަތްޕުޅުތައް، މަރިޔަމް ކަނބާގެ ނުފޫޒުގެ ކުރިމަތީ ބަނދެވުނީ ކީއްވެގެންބާވަ އެވެ؟ މަރިޔަމް ކަނބާއަށް ބާރުލިބިވަޑައިގެންނެވީ ހަމަ އެ ތުއްތު ރަދުންނަށް ލިބިވަޑައިގެންފައިވާ މަޤާމުންނާއި ރިޝްވަތުން ގަނެފައިވާ ބޮޑުންގެ ނުފޫޒުން ހެއްޔެވެ؟ މިކަމާ ދެކޮޅަށް ތެދުވާނޭ ބަޔަކުވެސް ނުވީ ހެއްޔެވެ؟ މި ޒަމާނުގައި ވެސް މި ފެންނަ "ފްލޯ ކްރޮސިން" އާއި، އެކަމާ ބަހެއް ބުނާން ނުކެރޭ އެކަމަކު އެކަމާ ނުރުހޭ ރައްޔިތުންނެކޭ ތަފާތެއް ނެތްތާ އެވެ!

ކޮންމެއަކަސް، މަރިޔަމް ކަނބާގެ އުޅުމާއި އެއާ އެކު ވެރިކަމަށް އަންނަމުންދިޔަ ބަދަލުތައް ތަޖުރިބާކުރަން ނުތިބޭންވެގެން ބައެއް ބޮޑުންގެ ދަރިން ޤައުމު ދޫކޮށް ދާން ފަށައިފި އެވެ. ޙަސަން ތާޖުއްދީންވެސް މި ބައިގައި ހިމެނިވަޑައިގެންނެވި އެވެ. މިފަދަ ބޭބޭފުޅުން އެނބުރި މާލެ ވަޑައިގެންފިނަމަ އަރުވާލައްވަ އެވެ.

ކުޑަ މުޙައްމަދު ރަސްގެފާނު ވެގެންދިޔައީ، ޢުމުރުން ހަގަސް ކޮންމެވެސް ވަރެއްގެ ޙިކުމަތްތެރިކަމެއް ހުރި ބޭފުޅަކަށެވެ. މި ކަން ސާބިތުކޮށްދެނީ، އޭނާގެ މަންމާފުޅާ ދެކޮޅަށް ބައެއް ކަންކަން ކުރެއްވީތީ އެވެ. ޚާއްޞަކޮށް، މުޙައްމަދު މުހްޔިއްދީން މާލެ ގެންނަވައި ރަސްމީ ޢިއްޒަތުގައި މާފަންނު އަތިރީ ގަނޑުވަރުގައި ބެހެއްޓެވި ބެހެއްޓެވުމަކީ، ދިގު ޢުމުރެއް ދެއްވި ނަމަ، އަމިއްލަ ފައިންޕުޅު މައްޗަށް ތެދުވެވަޑައިގަތީސްކަމުގެ ހުވަފެން ދައްކުވައިދޭ ޢަމަލެކެވެ.

ދެން އޮތީ ކުޑަ މުޙައްމަދު ރަސްގެފާނާއި މައިކަމަނާގެ މަރު އައި ގޮތުގެ މަޝްހޫރު ވާހަކަ އެވެ. މީލާދީން 1691 ވަނަ އަހަރު މާލެއިން ފުރައިގެން މަލާބާރަށް ދިޔަ ދިވެހިންގެ ބަޔަކާ ގުޅިގެން އައިސް، މަލާބާރީން ތިލަދުންމައްޗަށް އަރައި ރަށްރަށް ލޫޓުވައި ރަށްވެހިންނަށް އަނިޔާކުރާން ފެށި އެވެ. ޚަބަރު ލިބުމާއެކު މާލެއިން ވަރުގަދަ އަސްކަރީ އުޅަނދުތައް ތިލަދުންމައްޗަށް ފޮނުވި އެވެ. ދިވެހިންގެ ހަމަލާތަކަށް ކެތް ނުވެގެން މަލާބާރުން ރާއްޖެ ދޫކޮށް ފުރައިފި އެވެ.

މި ކާމިޔާބީގެ ޚަބަރު މަރިޔަމް ކަނބާއަށް ލިބިވަޑައިގަތުމާއެކު މިކަމާ އުފާފާޅުކުރައްވައި، މިކަން ފާހަގަކުރުމަށް ބޭނުންވާ ސާމާނު ޒީނަތްތެރިކޮށްފައިވާ އޮޑިއަކަށް ބަރާކުރައްވައިގެން ކުޑަ މުޙައްމަދު ރަސްގެފާނާއެކު، ނަޞްރު ހޯދި ލަޝްކަރާ ބައްދަލުކުރެއްވުމަށް ފުރާވަޑައިގެންފި އެވެ. މި އޮޑިތައް ބައްދަލުވީ ބޮޑުބަނޑޮސް ކައިރިންނެވެ. އެރޭ ހޭދަކުރީ ބަނޑޮހުގެ ބަނދަރުގައެވެ. ލަވަކިޔާ މަޖާކުރުމުގަ އެވެ. ދެން ޒީނަތްތެރިކޮށްފައިވާ އޮޑިތަކުގައި ދިޔައީ ދޫނިދޫ ބަނދަރަށެވެ. އެ ބަނދަރުގައި ތިބެ ސަލާމުގެ ބަޑިތައް ޖަހަންފެށި އެވެ. ކަން ދިމާކުރި ގޮތުން އެތަނުން އަލިފާންކަންޏެއް ރަދުންނާއި މައިކަމަނާ ތިއްބެވި އޮޑީގެ ފަލްކާއަށް ވެއްޓި، އެތާހުރި ބަޑިބޭސްތަކުގައި އަލިފާންރޯވެ، ބަޑިބޭސްތައް ގޮވީ އެވެ. ރަދުންނާއި މައިކަމަނާ އާއި އަރިހު ބޭކަލުން ވިއްސައިގެންގޮސް ކަނޑަށް ވެއްޓުނީ އެވެ. ރަދުންނާއި ބައެއް ބޭކަލުން ދިރިތިއްބާ ފެނުނެވެ. މަރިޔަމް ކަނބާ ނުފެނުނެވެ. ޤަބޫލުކުރެވުނީ "އެނދީ"ކަމުގައެވެ. "އެނދި މަރިޔަނބޭ" ކިޔަނީ މި ސަބަބަށްޓަކަ އެވެ. ރަދުންވެސް ލިބިވަޑައިގެތް ޒަޚަމްތަކުގައި އަވަހާރަވީ އެވެ.

ތުންތުން މަތިން މި ހާދިސާގެ ރިވާޔަތްތައް ކިޔައިއިރު ބުނަނީ މިއީ އޭނާގެ ނުބައި ކަމުގެ ސަބަބުން ލެއްވި "ކޯފާ"އެއް ކަމަށެވެ. މި ހާދިސާއަށް އިޝާރާތްކުރައްވަމުން ތާޖުއްދީން ލިޔުއްވާފައިވެ އެވެ.

"ބުނެވޭ ގޮތުގައި (ރަސްގެފާނުންގެ މަންމާފުޅު މަރިޔަމް ކަނބައިދި) ގަސްތުކުރައްވާފައި ވަނީ މާލެ ވަޑައިގެންނެވުމާއެކު އިސްކަންދަރު ރަސްގެފާނުންގެ އަޚުންގެ ބޭފުޅުން މާލެއިން ބޭރުކުރައްވައި އެކި ރަށްރަށަށް ފޮނުވައިލެއްވުމަށެވެ. އުޑުތަކާއި ބިންތައް މިލްކުވެވޮޑިގެންވާ އެކަލާނގެ މިންވަރުފުޅުން މެނުވީ އެއްވެސް މީހަކަށް ޢިއްޒަތާއި ޤަދަރެއް ނުލިބޭނެކަމާ އަދި އެއްވެސް މީހަކު ނިކަމެއްޗެއް ވެސް ނުކުރެވޭނެކަން މި ކަމަނާއަށް އެނގިވަޑައެއް ނުގަތެވެ."

ކޮންމެއަކަސް އެނދި މަރިޔަނބުގެ ޒަމާން ނިމުމަކަށް އައީ އެވެ. މަރިޔަމް ކަނބާގެ ނުފޫޒުން ބޮއްސުންލާފައި ހުރި ދީނީ އަދި އަޚުލާޤީ ކަންކަން އިސްލާޙުކުރެއްވުމަށް މުޙްޔިއްދީން ރަދުންގެ ވެރިކަމުގައި ގިނަ ކަންތައްތަކެއް ކުރައްވަން ޖެހިވަޑައިގަތްކަން ތާރީޚުން ދައްކަ އެވެ.

މަރިޔަމްގެ ސިޔާސީ ނުފޫޒާ މެދު ސުވާލެއްވެސް ނެތެވެ. މަރިޔަމް ކަނބާގެ ރޭވުންތެރިކަމާމެދުވެސް ސިޔާސީ ވިސްނުމަކުން ވިސްނައިފިނަމަ، ސާބަސް ދޭހާވެ އެވެ. ކުޑަ މުޙައްމަދު ރަސްގެފާނުގެ ވެރިކަން އަޅުގަނޑު ސިފަކުރާހިތްވަނީ އެނދި މަރިޔަނބުގެ ވެރިކަމުގެ ގޮތުގަ އެވެ. ތާރީޚު ބުނާ ގޮތުންނަމަ، މީހުންނަށް ހެޔޮ ވެރިކަމަކަށް އެދިވަޑައިގެން ބޭފުޅެއް ނޫނެވެ. ޙައްޤުތައް ހިމާޔަތް ކުރެއްވުމަކީ އަހައްމިއްޔަތުކަން ދެއްވި ކަމެއް ނޫނެވެ. ބޭނުންފުޅުވީ ބާރާއި ނުފޫޒާއި ފައިސާ އެވެ. އެހެންނަމަވެސް، ޤައުމަށް ބޭރުގެ ހަމަލާއެއް ކުރިމަތިވީ ހިނދު ޤައުމު ހިމާޔަތްކުރުމަށް ނިކުތުމަށް ލަޝްކަރީންވެސް ތައްޔާރުވީ އެ އަނިޔާވެރި މަރިޔަމް ކަނބާގެ ވެރިކަންވެސް މަލާބާރީންގެ ވެރިކަމަށް ވުރެ ރަނގަޅުކަމަށް ދެކޭތީތާ އެވެ.

މިހާ ހިސާބުން، މިހާރު ބައެއް މީހުން ހާމަކުރާ ޚިޔާލެއްވެސް ހިއްސާކޮށްލާނަމެވެ. އެއީ މަރިޔަމް ކަނބާގެ ނަންފުޅު މިނިވަންކަމަށް ހަނގުރާމަކުރެއްވި ބަޠަލުންގެ ލިސްޓުގައި އަދި ޝަހީދުންގެ ލިސްޓުގައި ހިމެމޭނޭކަމަށް ބުނާ ބުނުމެވެ. ތެދެއްމެ އެވެ. ތިލަދުންމައްޗަށް ލަޝްކަރު ފޮނުއްވައިގެން މަލާބާރީންނާ ދެކޮޅަށް ހަނގުރާމަކުރުމުގައި އެކަމަނާގެ އަތެއް ވާނޭކަން ކަށަވަރެވެ. އެހެންނަމަވެސް އުފާ ފާޅުކުރުމަށް "ބެރެކި ރައިވަރު ކިޔައި" ނާޗަރަންގީ ކުޅުއްވުމަށް ބޭއްވި ނަޞްރުގެ ރަސްމިއްޔާތުގައި ހިނގި ހާދިސާއެއްގައި މަރުވުމާ، ހަނގުރާމަމަތީ ޝަހީދުވުމާ އެއްފަދަ ކުރަން އަޅުގަނޑުގެ ސިކުނޑިއެއް ތަނެއް ނުދެ އެވެ.

ދެން ދެކެވޭ ވާހަކައަކީ، އިސްކަންދަރު ރަދުންގެ ޢުމުރުފުޅު ތަންކޮޅެއް ދިގުވީ ނަމަވެސް، މަރިޔަމް ކަނބާ އެ ކުރެއްވި ފަދަ ބައެއް ޢަމަލުތަކަށް ބާރުދޭ މާހައުލެއް ރާއްޖޭގައި އޮތީސްކަން، ސައްޔިދު ކަލޭގެފާނަށް ތާއީދުކުރެއްވި ބޭކަލުންނަށް ރަދުން ކުރެއްވި ފުރައްސާރައިން ދޭހަވާކަމަށް ދެކެވޭ ވާހަކަ އެވެ.

މި ކަމަށް އަޅުގަނޑު ދަންނަވާނޭ ވާހަކައަކީ، ނަމަ އަކުން ރިހައެއް ނުކެއްކޭނޭ ކަމެވެ. އަދި ތާރީޚަކީ ނަޞްރު ލިބޭ ފަރާތުގެ ރިވާޔަތުކަމަށް އެ ބުނާ ބުނުމުގައި ޙަޤީޤަތެއް ވާކަމެވެ. ފަހުގެ މުވައްރިޚުން ޙަސަން ތާޖުއްދީންގެ ރިވާޔަތަށް އެހާ ބޮޑު ޔަޤީންކަމެއް ދެއްވަނީ އެއީ އެ ދުވަސްވަރު ތަޖުރިބާކުރެއްވި ބޭފުޅެއްކަމުންނެވެ.

މިހާ ހިސާބުން އަޅުގަނޑު މި ދަޢުވަތު ދެނީ ސިކުނޑި ހުޅުވާލުމަށެވެ. ތާޖުއްދީނަކީ އޭރުގެ ސިޔާސީ މަސްރަޙުގައި މަސްލަޙަތު އޮތް ބޭފުޅެކެވެ. އިސްކަންދަރު ރަދުންނަށް ކަމުނުދިޔަ ސައްޔިދު މަނިކުފާނަށް ތާއީދުކުރެއްވި ބޭފުޅެކެވެ. މުޙްޔިއްދީން ރަދުންގެ މުޝީރުކަން ކުރައްވައި ޢިއްޒަތްދެއްވައި މުސާރަ ދެއްވާފައި ބެހެއްޓެވި ބޭފުޅެކެވެ. ޢިލްމާއި ނަޞަބުގެ ގޮތުން މޮޅު ބޭފުޅެކެވެ. މަރިޔަމް ކަނބާގެ ވެރިކަމުގައި ހައްދުންމަތީ ގަމަށް އަރުވައިލައްވައި، އެރަށުގެ އަހުލުވެރިން ލައްވައި އޭނާއަށް ޤަދަރުކޮށް މާތްކޮށް ނުހިތުމަށް އެންގެވި އެވެ. އަދި އެމަނިކުފާނަށް އިހާނެތިކޮށް ހިތުމަށް އެ ރަށުގެ ރައްޔިތުން އެއްބަސްކުރުވި އެވެ. ވެރިއެއްގެ ނުވަތަ ވެރިކަމެއްގެ ފުށުން މި ފަދަ އަނިޔާ އާއި ނާއިންސާފު ތަޖުރިބާކުރައްވަން ޖެހިވަޑައިގަތް ބޭފުޅަކަށް، ތަޢައްޞަބެއް ނެތި ތާރީޙު ލިޔުއްވޭނީ ޤައުމަށް އިންތިހާއީ ޢިޚުލާސްތެރިކަން އޮވެގެންނެވެ.

ކޮންމެއަކަސް، ތާރީޚީ ހާދިސާތަކެއްގެ މައްޗަށް ބިނާކޮށް އެކި ކޮޅުކޮޅަށް ޚިޔާލު ހިންގާންވެއްޖެނަމަ، ތިމާގެ ޚިޔާލުތަނަވަސްކަން ހުރި މިންވަރަކުން ކޮންމެ ވާހަކައެއްވެސް ދެއްކިދާނެ އެވެ. އެހެންނަމަވެސް ލިބެންހުރި، އިތުބާރުހުރި، މަސްދަރުތަކަށް ބަރޯސާވާނަމަ، މަރިޔަމް ކަނބާއަކީ ދިވެހި ވެރިކަން ދުށް ނުފޫޒުގަދަ އަންހެނުންގެ ތެރެއިން ގުނާލެވޭނޭ މީހެއްކަން ކަށަވަރެވެ. ދިވެހި ސިޔާސީ ލީޑަރުން އެ މީހެއްގެ ކުރިމަތީ ޖަދަލުކުރަން ޖެހިލުންކުރުވި ވަރުގެ ސިޔާސީ ޝަޚުޞިއްޔަތެކެވެ. އުތީމު ވެރިކަމުގެ ސިއްކަ ކަމުގައި ހިމެނުނު ދީނީ ވަހުދަތާއި އަމަން އަމާންކަން ޤާއިމުކުރެއްވުމުގެ ރޫހުގައި ކޮޅުފައިން ޖެއްސެވި އަނިޔާވެރިއެކެވެ. އަމިއްލަ ބާރު ހިމާޔަތްކުރުމުގެ މަސްލަޙަތުގައިކަމުގައިވިޔަސް، ބޭރުގެ ބާރެއްގެ ކިބައިން ޤައުމު ހިމާޔަތްކުރުމަށް ލަޝްކަރެއް ފޮނުއްވާ ނަޞްރު ހޯއްދެވި ވެރިއެކެވެ.

ފުންކޮށް ވިސްނާލައިފިނަމަ، މިއަދުގެ ސިޔާސީ މަސްރަޙުގައިވެސް މި ފަދަ ކިތައްމެ "މަރިޔަމް ކަނބާއެއް" އަންހެން އަދި ފިރިހެން ސިޔާސީ ލީޑަރުންގެ ފަހަތްޕުޅުންވެސް ފެންނަމުންދާނޭކަން ގައިމެވެ.