Advertisement

ހުކުރު ދުވަހުގައި އަންނަ ދުއާ އިޖާބަކުރައްވާ ހާއްސަ ވަގުތުތައް

3 ސެޕްޓެންބަރު 2021 - 11:07 0

އާއިޝަތު މިހުނާ ނާސިހް

އާއިޝަތު މިހުނާ ނާސިހް

މީހަކު މިސްކިތެއްގައި ދުއާ ކުރަނީ: ކޮންމެ ވަގުތެއްގައި ވެސް ދުއާ ކުރެވިދާނެ، އެކަމަކު ހުކުރު ދުވަހު ދުއާ ކުރުމަށް ވަރަށް ހާއްސަ އަދި މާތް ވަގުތުތަކެއްވޭ -- ފޮޓޯ/އަދަދު ފައިލް


ހުކުރު ދުވަހުގައި އަންނަ ދުއާ އިޖާބަކުރައްވާ ހާއްސަ ވަގުތުތައް

3 ސެޕްޓެންބަރު 2021 - 11:07 0

ހުކުރު ދުވަހަކީ މުޅި އިސްލާމީ އުންމަތަށް އަންނަ ހަފްތާގެ އީދު ދުވަހެވެ. މިއީ މުޅި ހަފްތާގެ ވެސް އެންމެ މާތް ދުވަސްކަމުގައިވާއިރު އާދަމްގެފާނު ޚަލްގު ކުރެއްވުމާއި ހަމައިން ފެށިގެންވެސް މި އުންމަތަށް ހުކުރު ދުވަހަކީ ހާއްސަ ދުވަހެކެވެ. އެއާއެކު ސައްހަ ހަދީޘް ތަކުން އެނގި ޔަގީންވާ އެއްކަމަކީ ދުއާ އިޖާބަ ކުރައްވާ ހާޢްސަ ވަގުތުކޮޅެއް ހުކުރު ދުވަހުގައި ވާކަމެވެ.

އަލްބުޚާރީއާއި މުސްލިމުގައި ރިވާވެގެންވާ ހަދީޘެއްގައި ވެއެވެ. "إِنَّ فِي الْجُمُعَةِ لَسَاعَةً، لَا يُوَافِقُهَا مُسْلِمٌ، يَسْأَلُ اللهَ فِيهَا خَيْرًا، إِلَّا أَعْطَاهُ إِيَّاهُ"، قَالَ: وَهِيَ سَاعَةٌ خَفِيفَةٌ. މާނައީ: "ހަމަކަށަވަރުން، ހުކުރު ދުވަހުގައި ވަގުތުކޮޅެއްވެއެވެ. އެވަގުތުކޮޅާ ދިމާވެއްޖެ މުސްލިމަކު، މާތް ﷲ ގެ ޙަޟުރަތުން ހެޔޮ ކަމަކަށް އެދި ދުޢާކޮށްފިނަމަ، އޭނާ އެދޭކަމެއް ފުއްދަވައި ދެއްވާނެތެވެ." (އެބަހީ: އޭނާގެ ދުޢާ އިޖާބަކުރައްވާނެތެވެ.) އަދި އެއީ ވަރަށް ކުޑަ ވަގުތުކޮޅެއް ކަމުގައިވެސް ޙަދީޘްކުރެއްވިއެވެ.

އިލްމުވެރިންގެ މެދުގައި މި ވަގުތުކޮޅަކީ ކޮބައިކަމާއި މެދު އިޚްތިލާފްތަކެއް ހުރިކަމުގައިވިޔަސް، މައިގަނޑު ގޮތެއްގައި ބުރަވެވޭ ދެ ގައުލެއް މިކަމުގައި ވާކަމަށް ޝެއިޚް ނިމާލް މުހައްމަދު ވިދާޅުވި އެވެ.

އިމާމު މީހާ މިންބަރަށް އަރައި އިށީނީއްސުރެ، ހުކުރު ނަމާދު ނިމެންދެން

އަބޫ މޫސަލް އަޝްޢަރީ رضي الله عنه ގެ ދަރިކަލުން، އަބޫ ބުރްދާ رضي الله عنه ގެ އަރިހުން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. "ޢަބްދު ﷲ ބުނު ޢުމަރު ތިމަންކަލޭގެފާނަށް ވިދާޅުވިއެވެ. ހުކުރު ދުވަހުގެ ދުޢާ އިޖާބަކުރެއްވޭ ވަގުތާމެދު ކީރިތި ރަސޫލާ صلى الله عليه وسلم ގެ އެއްވެސް ބަސްފުޅެއް ކަލޭގެފާނުގެ ބައްޕާފުޅު ވިދާޅުވި އަޑު އެއްސެވިން ހެއްޔެވެ؟" ތިމަން ދެންނެވީމެވެ. "އާއެކެވެ. ބައްޕަ ވިދާޅުވިއެވެ. ރަސޫލު ﷲ صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ." "هِيَ مَا بَيْنَ أَنْ يَجْلِسَ الْإِمَامُ إِلَى أَنْ تُقْضَى الصَّلَاةُ " މާނައީ: "އެވަގުތަކީ އިމާމު މީހާ (މިންބަރުގައި) އިށީނީއްސުރެ، ހުކުރު ނަމާދު ނިމުމާ ދެމެދުގައިވާ ވަގުތެވެ."

މިފަދައިން ވީނަމަވެސް ހުކުރު ޚުތުބާ އަޑުއެހުން ދޫކޮށް، އަދި އެ ވަގުތުގައި ވާހަކަ ދައްކައި އެހެނިހެން ކަންކަމުގައި މަޝްއޫލުވެ އުޅުމަކީވެސް ނަހީކުރެވިގެންވާ ކަމެކެވެ. މައުމޫމުންނަށް އޮތީ، އިމާމު މީހާ ޚުޠުބާގައި ކުރާ ދުޢާއަށް އާމީންކިޔައި އެދުޢާގައި ބައިވެރިވުމެވެ. އަދި ހުކުރު ނަމާދުގެ ސަޖިދައިގައި ދުޢާކޮށް، ސަލާމް ދިނުމުގެ ކުރިން އައްތަޙިއްޔާތަށް ފަހުގައި ދުޢާކުރުމެވެ.

ޢަޞްރު ނަމާދަށް ފަހުގައި އޮންނަ ވަގުތު

މިޤައުލަކީ ޢަބްދު ﷲ ބުނު ސަލާމާއި، އަބޫ ހުރައިރާ رضي الله عنه އާއި އަދި އަލްއިމާމު އަޙްމަދުފަދަ އެތައް ބޭކަލެއްގެ ބަސްފުޅެވެ. އެބޭކަލުންގެ ދަލީލަކީ އިމާމު އަޙުމަދު ރިވާކުރައްވާފައިވާ މިޙަދީޘެވެ. އަބޫ ސަޢީދުލް ޚުދްރީ رضي الله عنه އާއި އަބޫ ހުރައިރާ رضي الله عنه ގެ އަރިހުން ރިވާވެގެންވެއެވެ. ކީރިތި ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ. ހުކުރު ދުވަހުގައި ވަގުތުކޮޅެއްވެއެވެ. އެވަގުތުކޮޅާ ބައްދަލުވެއްޖެ މުސްލިމު އަޅަކު، މާތް ﷲ ގެ ޙަޟުރަތުން ހެޔޮ ކަމަކަށް އެދި ދަންނަވައިފިނަމަ، އެކަމެއް ފުދައްވައި ދެއްވާހުއްޓެވެ. އެވަގުތަކީ ޢަޞްރުގެ ފަހުން އޮންނަ ވަގުތެވެ." (މިޙަދީޘްގެ ސަނަދު ބަލިކަށިނަމަވެސް މި މޭރުމުން ހުރި އެހެން ޙަދީޘްތަކާއެކު މިޙަދީޘް ޞައްޙަވެގެންވެއެވެ.)

އެހެންކަމުން، ހުކުރު ދުވަހުގެ ޢަޞްރު ނަމާދަށް ފަހުގައި އޮންނަ ވަގުތު ތަކުގައި ދުޢާކޮށް ޒިކުރުކޮށް ހެދުމަކީ، އެދުވަހުގެ ދުޢާ އިޖާބަކުރެއްވޭ ވަގުތު ހޯދަން އެދޭމީހާއަށް އެންމެ އައުލާވެގެންވާ ގޮތެވެ.