Advertisement

ގުޅީފަޅަށް ޕޯޓު ބަދަލުކުރުމުގެ ވިސްނުން ބަދަލެއް ނުވޭ: މަބްރޫކް

2 ސެޕްޓެންބަރު 2021 - 20:20 0

އަމަން ހަލީމް

އަމަން ހަލީމް

ގުޅީފަޅު ޕޯޓު މަޝްރޫއަށް ބޭނުންވާ ބިމުން ބައެއް ހިއްކާފައި: މި މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ ދަށުން 140 މީޓަރުގެ ބިން ހިއްކާނެ. -- ފޮޓޯ: ފްލިކާ/މާޕު


ގުޅީފަޅަށް ޕޯޓު ބަދަލުކުރުމުގެ ވިސްނުން ބަދަލެއް ނުވޭ: މަބްރޫކް

2 ސެޕްޓެންބަރު 2021 - 20:20 0

މާލޭ ވިޔަފާރި ބަނދަރު ގުޅީފަޅަށް ބަދަލުކުރަން ހިންގާ މަޝްރޫއު ހުއްޓާލުމުގެ ވިސްނުމެއް ސަރުކާރުން ނުގެންގުޅޭ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވެއްޖެ އެވެ.

ގުޅީފަޅު ޕޯޓު މަޝްރޫއަކީ މާލޭ ވިޔަފާރި ބަނދަރަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމުގެ މައްސަލައާ އެކުއެކީ ބޮޑެތި އާގުބޯޓުފަހަރަށް ކައިރި ކުރެވޭ ބަނދަރެއް ތަރައްގީކުރުމަށް ސަރުކާރުން ކުރިޔަށް ގެންދަން ނިންމާފައިވާ އުމްރާނީ ތަރައްގީގެ ބިޔަ މަޝްރޫއެކެވެ.

ގުޅީފަޅުން ބޮޑު ބަޔެއް ހިއްކައިގެން ކުރިޔަށްގެންދާ މި މަޝްރޫއަކީ ގްރޭޓާ މާލެ ސަރަހައްދު އެއްގަމުން ގުޅާލަން ސަރުކާރުން ގެންގުޅޭ ތަސައްވުރުގެ މުހިންމު ބަޔެކެވެ. އަދި ބޮޑު ހޭދައެއްކޮށްގެން މާލެ-ތިލަފުށި ބްރިޖު މަޝްރޫއު ހިންގަނީ ވެސް މާލެއިން ބޭރަށް ޕޯޓޫ ބަދަލުކުރުން އިގުތިސޯދީ ގޮތުންނާއި އިޖުތިމާއީ ގޮތުން ވަށާޖެއްސުމުގެ ގޮތުންނެވެ.

އިއްޔެ ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، މި މަސައްކަތް ނުފެށި ލަސްވާ ސަބަބާ ގުޅިގެން މަބްރޫކް ވިދާޅުވީ ކޮވިޑާ ގުޅިގެން ދިމާވި ކަންކަމުގެ ސަބަބުން އުމްރާނީ ތަރައްގީގެ މަޝްރޫއުތަކަށް އައި ލަސްކަން މި މަޝްރޫއަށް ވެސް ކުރިމަތިވީ ކަމަށެވެ. އެހެން ނަމަވެސް މި ޕްރޮޖެކްޓައިގެން ކުރިޔަށްދާން ސަރުކާރުން ގެންގުޅޭ ވިސްނުމަށް އެއްވެސް ބަދަލެއް ނާންނަ ކަމަށް ވިދާޅުވި އެވެ.

އެގޮތުން ޕޯޓް ޑިވެލޮޕްމަންޓް މަޝްރޫއަށް ބޭނުންވާ ކޮންޓްރެކްޓަރުން ހޯދުމުގެ މަޝްވަރާތައް މިހާރު ވެސް ކުރެވެމުންދާ ކަމަށް މަބްރޫކް ވިދާޅުވި އެވެ. އަދި ބިން ހިއްކުމުގެ މަސައްކަތްތައް ނިމެންވާއިރަށް ކޮންޓްރެކްޓު ކުރެވޭނެ ކަމަށް ވިދާޅުވި އެވެ. އެކަމަކު ސީދާ ތާރީހެއް ދަންނަވަން ދަތި ކަމަށް ހާމަކުރެއްވި އެވެ.

"(ގުޅީފަޅު ޕްރޮޖެކްޓު) ކުރިޔަށް ގެންދާނެ. މުޅި ބްރިޖް ޕްރޮޖެކްޓު ވެސް ޑިޕެންޑުވާ އެންމެ މުހިންމު އެއް ކަމަކީ ގުޅީފަޅު ޕްރޮޖެކްޓު ނިންމުން. އަދި އެއީ އޭތި އިކޮނޮމިކަލީ ޖަސްޓިފައި ވެސް ކުރެވޭ ގޮތަކީ. ޕްރޮޖެކްޓަށް އޮތް ކޮމިޓްމަންޓް ދޫކޮށެއް ނުލަން،" މަބްރޫކް ވިދާޅުވި އެވެ.

މި މަޝްރޫއުގެ މުސްތަގުބަލާ މެދު ސުވާލު އުފެދިފައިވާ އިތުރު ކަންކަމުގެ ތެރޭގައި ގުޅިފަޅަށް ޕޯޓު ބަދަލުކުރަން މާލެ ސިޓީ ކައުންސިލުން ބޭނުން ނުވުން ހިމެނެ އެވެ. ކައުންސިލުން ވަނީ މި މަޝްރޫއު ހުއްޓުވަން ރައީސް އޮފީހަށް ވެސް ހުށައަޅާފަ އެވެ. އަދި ސަރުކާރުން އެއްބާރުލުން ނުލިބިއްޖެ ނަމަ ކޯޓަށް ދާން ތައްޔާރަށް އޮތް ކަމަށް މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފަ އެވެ.

މިކަމާ ކައުންސިލުން ދެކޮޅު ހަދަނީ ގުޅިފަޅަކީ މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދޭން ފެށި މަޝްރޫއެއް ކަމަށް ބުނެ އެވެ. އަދި އެތަން ހިއްކި މަގުސަދު ހާސިލުނުކޮށް ގުޅިފަޅަށް ޕޯޓު ބަދަލުކުރުމަކީ ސަރުކާރުން މާލެ ރައްޔިތުންނަށް ވެވޭ ބޭއިންސާފެއް ކަމަށް ވަނީ ބުނެފަ އެވެ.

މާލެ ސިޓީ ކައުންސިލުން ބޭނުންވަނީ، ރައީސް ޔާމީންގެ ސަރުކާރުން ވިސްނި ގޮތަށް ތިލަފުށީގައި ޕޯޓު ތަރައްގީކުރާށެވެ. އަދި އެކަމަށް ޓެކްނިކަލް ގޮތުން އެއްވެސް ހުރަހެއް ނެތް ކަމަށް އެ ސަރުކާރުގެ އިސްވެރިން ވަނީ ވިދާޅުވެފަ އެވެ. އޭގެ ތެރޭގައި އޭރު ހައުސިން މިނިސްޓަރުގެ ހައިސިއްޔަތުން މި މަސައްކަތުގައި އުޅުއްވި މުއިއްޒު ވެސް ހިމެނިވަޑައިގެންނެވެ.

މިކަމަށް ރައްދުގައި ސަރުކާރުން ބުނީ، ތިމާވެށީގެ ގޮތުން ބަލާއިރު ތިލަފުއްޓަކީ ޕޯޓު އަޅަން އެންމެ ރައްކާތެރިތަނެއް ނޫން ކަމަށެވެ. އަދި ހިއްކައިގެން ވިޔަސް ގުޅިފަޅަށް ޕޯޓު ބަދަލުކުރުމަށް ނިންމީ، ކޮމާޝަލް ހާބަރުގެ އިތުރުން ނޯތް ހާބަރުގެ ހަރަކާތްތައް ވެސް އެތަނަށް ބަދަލުކުރާތީ، ތޮއްޖެހުން ކުޑަކުރަން ވިސްނައިގެން ކަމަށް ބުނެ އެވެ.

ގުޅީފަޅު ޕޯޓު މަސައްކަތަށް ހާއްސަވީ ނަމަވެސް، އެތަނުގައި މީހުން ދިރިއުޅޭނެ ބިންތައް ވެސް ހުންނާނެ އެވެ. އެގޮތުން 1000 އަށް ވުރެ ގިނަ ގޯތި ދޫކުރާނެ ކަމަށް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވަނީ މީގެ ކުރިން ވިދާޅުވެފަ އެވެ.

މިހާރު ގުޅީފަޅުގައި ކުރިޔަށް ދަނީ އެ ރަށުގެ މާސްޓާޕްލޭނާ އެއްގޮތަށް ބިން ހިއްކުމުގެ މަސައްކަތެވެ. ދެ ފިޔަވައްސަކަށް ބަހާލައިގެން ކުރިޔަށް ގެންދާ ބިން ހިއްކުމުގެ މަސައްކަތަށް އެކަނި ވެސް 1.86 ބިލިއަން ރުފިޔާ ހަރަދު ވާނެ އެވެ. އަދި ޕޯޓު ތަރައްގީކުރަން އިތުރު 6.18 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ލަފާކުރެވެ އެވެ.