Advertisement

ބަރުލަމާނީ ޕެޓިޝަނަށް 50،000 ސޮއި ލިބިއްޖެކަމަށް ބުނެފި

2 ސެޕްޓެންބަރު 2021 - 10:50 0

އަހުމަދު ސާއިލް އަލީ

އަހުމަދު ސާއިލް އަލީ

ބަރުލަމާނީ ޕެޓިޝަންގައި ސޮއި ކުރަނީ: 50،000 މީހުންގެ ސޮއި މިހާރު ހަމަ ކޮށްފި-- ފޮޓޯ: އެމްޑީޕީ


ބަރުލަމާނީ ޕެޓިޝަނަށް 50،000 ސޮއި ލިބިއްޖެކަމަށް ބުނެފި

2 ސެޕްޓެންބަރު 2021 - 10:50 0

ވެރިކަން ހިންގުމުގެ ނިޒާމު އިސްލާހު ކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވައުދުފުޅެއްކަމަށް ބުނެ، ވެރިކަން ހިންގުމުގެ ނިޒާމު ބަދަލު ކުރުމަށް ރައްޔިތުންގެ އާންމު ވޯޓަކަށް އަވަހަށް ދިޔުމަށް ގޮވާލާ ޕެޓިޝަންގައި މިހާތަނަށް 50،000 އަށް ވުރެ ގިނަ މީހުން ސޮއި ކޮށްފައިވާ ކަމަށް އެކަމުގައި އިސްކޮށް އުޅޭ މީހުން ބުނެފި އެވެ.

އެމްޑީޕީގެ 65 މަޖިލިސް މެމްބަރުން ތިއްބަވާއިރު އޭގެ ތެރެއިން 13 މެމްބަރުން މިހާރު ވަަނީ އެ ޕެޓިޝަންގައި ސޮއި ކުރައްވައިފަ އެވެ. އަދި ސޮއި ކުރުމުގެ ހަރަކާތް ރާއްޖޭގެ ހުރިހާ ހިސާބެއްގައި ދަނީ ކުރިއަށް ގެންދަމުންނެވެ.

އެކަމުގައި އިސްކޮށް އުޅުއްވާ ގާނޫނީ ވަކީލު މުހައްމަދު ނިޝާން އިބްރާހިމް މިއަދު "އަދަދު" އަށް ވިދާޅުވީ މިހާތަނަށް ގުނާފައިވާ ސޮއި ތަކަށް ބަލާއިރު 50،000 އިން މަތިވެފައިވާ ކަމަށެވެ.

އަދި މިހާރު ލިބިފައިވާ ހުރިހާ ފޯމެއް ގުނުމުން އެ އަދަދު އެއަށްވުރެ އިތުރުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ސީދާ ޖުމުލަ އަދަދެއް އަދި ނޭނގެ. 50،000 އަށް ވުރެން މަތިވެއްޖެ. ވަރަށް ބައިވަރު ފޯމްތައް އެބަހުރި ލިބިފައި މިހާރު ވެސް. އެ ގުނުމުގެ މަސައްކަތް މިދަނީ ކުރަމުން،" ނިޝާން ވިދާޅުވި އެވެ.

އެ ޕެޓިޝަންގައި ސޮއިކުރަން ފެށީ އެއްލައްކަ ސޮއި ހަމަ ކުރުމުގެ އަމާޒުގަ އެވެ.

ނިޝާން ވިދާޅުވީ މިހާރު ލިބެމުން އަންނަ ތަރުހީބަށް ބަލާއިރު އެއްލައްކަ ސޮޔަށް ވުރެން އިތުރުވާނެ ކަމަށް ބެލެވޭ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ސެޕްޓެމްބަރު މަހު އޮންނަ އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި އެމަނިކުފާނު ތާއީދު ކުރައްވާނީ ރާއްޖެއަށް ބަރުލަމާނީ ނިޒާމެއް ގެންނަން އެއްބާރުލުން ދެއްވަން ތިއްބެވި ކެންޑިޑޭޓުންނަށް ކަމަށް ވިދާޅުވެފަ އެވެ.

ނަޝީދު ބޭނުންފުޅު ވަނީ 2023 ގެ އިންތިހާބު ނުބާއްވައި ބަރުލަމާނީ ނިޒާމަކުން ވެރިކަން ހިންގަން ފެށުމަށެވެ. އެ ނިޒާމުގައި އެމަނިކުފާނު ބޮޑުވަޒީރަކަށް ވެވަޑައިގަތުމުގެ ފުރުސަތު ދެއްވަން ރަސްމީކޮށް ރައީސް ސޯލިހްގެ އަރިހުން އޮތީ އެދިވަޑައިގެންފަ އެވެ.

ރައީސަށް ފޮނުއްވި މެސެޖުގައި ނަޝީދު އެދިވަޑައިގެންގައި އޮތީ 2023ގެ ފެބުރުއަރީ މަހުގެ ތެރޭގައި ވެރިކަމުގެ ނިޒާމް ބަދަލުކޮށް މަޖިލީހުން ސަރުކާރު އެކުލަވާލުމަށެވެ. އަދި އާ ސަރުކާރެއް ހޮވުމުގެ ރިޔާސީ އިންތިހާބު އެ އަހަރު ނުބޭއްވުމަށް ވެސް އެދިވަޑައިގަތެވެ.

ޖެހިގެން އަންނަ 2024ގައި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ދާ އިރު ގާނޫނުގައިވާ ގޮތުގެ މަތިން ރައްޔިތުންގެ މަޖިލީހުން ރައީސުލްޖުމްހޫރިއްޔާ ކަނޑައެޅުމަށް ވެސް އެމަނިކުފާނު ހުށަހެޅުއްވި އެވެ.

އެކަމަކު ރައީސް ސޯލިހް މިހާތަނަށް ތަކުރާރުކޮށް ދެއްވި ޖަވާބަކީ ނިޒާމުގެ ވޯޓުގައި ގޮތް ނިންމާނީ ރައްޔިތުން ކަމެވެ. ބަރުލަމާނީ ނިޒާމު ގެންނެވުމަށް ނަޝީދު ދައްކަވާ ވާހަކައިން ރެކިވަޑައިގަންނަވަމުން ރައީސް ސޯލިހް އެންމެ ފަހުން ވެސް ނޫސްވެރިންނަށް ވިދާޅުވެފައި ވަނީ ނިޒާމް ބަދަލު ކުރަން ވިސްނަވާކަށް އެމަނިކުފާނަށް ވަގުތެއް ނެތް ކަމަށެވެ. ހުރިހާ ވަގުތެއް ހުސްކުރައްވަން ބޭނުންފުޅު ވަނީ ފަސް އަހަރުގެ ދައުރަކަށް ރައްޔިތުންނަށް ވެވަޑައިގަތް ވައުދުތައް ފުއްދެވުމަށް ކަމަށެވެ.

ރާއްޖޭގައި ވެރިކަން ކުރާނެ ނިޒާމެއް ކަނޑައަޅަން 2007 ގައި ނެގި އިންތިހާބުގައި ގިނަ ރައްޔިތުން ވޯޓުދިނީ ރިޔާސީ ނިޒާމަށެވެ. އެއީ ސައްހަ 154،123 ވޯޓުގެ 62 ޕަސެންޓެވެ.

ބަރުލަމާނީ ވޯޓެއްގެ ކެމްޕޭން މި ފެށީ، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އަޣުލަބިއްޔަތު އޮތީ އެމަނިކުފާނުގެ އަތްޕުޅުގައި ކަަމަށް ރައީސް ސޯލިހް އިއުލާންކުރައްވާފައި ވަނިކޮށެވެ.